Advertisement

ވައިފެން ރަނގަޅު ހޮޅުމީދޫ، އުޅެއުޅެ ވެސް އާބާދުނުކުރެވުނު ރަށެއް!

7 ޖަނަވަރީ 2022 - 14:52 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ނ. ހޮޅުދޫ މީހުންނަށް ގޯތިދޭން، އެރަށުގެ އިހުތިސާސްގެ ތެރޭގައި ހިމަނާފައިވާ ހޮޅުމީދޫ. ފޮޓޯ: އަހުމަދު ޝަރީފު (ގޫގުލް މެޕް)


ވައިފެން ރަނގަޅު ހޮޅުމީދޫ، އުޅެއުޅެ ވެސް އާބާދުނުކުރެވުނު ރަށެއް!

7 ޖަނަވަރީ 2022 - 14:52 2

މަޑުނުލުން ފެށިގެން ފެއްސަށް ބަދަލުވާ ސާފު ބިއްލޫރިގަނޑެއް ފަދަ ފަޅެކެވެ. ހުދު ފަށުވީގެ ސާލެއް ފަދަ ގޮނޑުދޮށެކެވެ. ފެހިކަން ގަދަ، ރުއްގަސް ގިނަ, މިރަށުގެ ފެން ވެސް އެހާ މީރެވެ. ގެސްޓްހައުސް ވިޔަފާރި ހިންގާ ނަމަ މިއީ އަތޮޅުގައި އެންމެ މަގުބޫލު ރަށަށް ވީހެވެ. ނ. އަތޮޅުގައި މީހުން އުޅޭ ރަށްތަކުގެ ތެރެއިން ދެވަނައަށް އެންމެ ކުޑަރަށްކަމަށްވާ ހޮޅުދުއާ ގާތްގަނޑަކަށް ކިލޯމީޓަރެއްގެ ދުރުގައި އޮތް ހޮޅުމީދޫ ކުރުކޮށް ސިފަކުރާ ނަމަ ބުނެވޭނީ މިހެންނެވެ.

މީގެ އެތައް އަހަރެއް ކުރިން ބިން ފުރި، އިތުރަށް ގޯތި ދޭނެ ޖާގައެއް ނެތިފައިވާ ހޮޅުދޫ މީހުން، އެރަށުގައި އާބާދުކުރަން ކުރީގެ ސަރުކާރުތަކުން ވެސް މަސައްކަތް ކުރި އެވެ. އެކަމަކު، ސަރުކާރުތަކުގައި ނުފޫޒު ގަދަ، ތައުލީމުޔާފުތާއިން ގިނަ ހޮޅުދޫގެ ރައްޔިތުން ދުލެއް ނުދިނީމާ އެކަން ނުވެ އޮތީ އެވެ.

އެކަމަކު ހޮޅުދޫ މީހުންގެ މުސްތަގުބަލަށްޓަކައި، އެ އުނދަގޫ ނިންމުން ނިންމައި އެކަން ތަންފީޒުކުރެއްވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުންނެވީ ދޫ ދެއްވާ ގޮތަކަށް ނޫނެވެ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ އެރަށު މީހުންގެ މުސްތަގުބަލަކީ ހަމަ ހޮޅުމީދޫ ކަމަށެވެ. އެހެން ވިދާޅުވީ ހޮޅުދޫގެ ބިން ހިއްކައިގެން އަދި 200 ވަރަކަށް ގޯތި ނެގޭނެ ކަމަށް ބުނެ، އެ ބައްދަލުވުމުގައި މީހަކު ހިޔާލުފާޅުކުރުމުންނެވެ.

"ރަށުގެ ބިން އޮތީ ފުރިފައި. ގޯތި ބޭނުންވާ، އަޅުގަނޑަށް އެނގިފައިވާ ގޮތުން ވެއްޖެއްޔާ 400 އަށް ވުރެ ގިނަ މީހުން މިހާރު ވެސް އެބަތިބި. ވިއްސަކަށް އަހަރުވެގެން ދިޔައީ އެއްވެސް މީހަކަށް އެއްވެސް ގޯއްޗެއް ނުދެވޭތާ. މިކަމަށްޓަކައި އަޅުގަނޑުމެން، މިރަށު ކައިރީގައި އޮތް ހޮޅުމީދޫ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހޮޅުދޫ ރައްޔިތުންނާ އިއްޔެ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ހޮޅުދޫގެ މުސްތަގުބަލަކީ ހޮޅުމީދޫ ކަމަށް. ފޮޓޯ: ރައީަސް އޮފީސް


ކުރިން އެއް ފަހަރު ޕްލޭން ވެސް ކުރި

ހޮޅުދޫގައި އެންމެ ފަހުން ގޯތި ދިން ސަރަހައްދުން ގޯތިތައް ދިނުމުގެ ކުރިން 1990 އަހަރުތަކުގައި، ހޮޅުމީދޫން ގޯތިދޭން، އޭރުގެ ސަރުކާރުން ވެސް މަސައްކަތް ކުރި އެވެ. ނ. އަތޮޅުގެ އަތޮޅު ކޮމިޓީގެ މެމްބަރަކަށް އޭރު ހުންނެވި ކުރީގެ ކަތީބަކު ވިދާޅުވި ގޮތުގައި ރައީސް މައުމޫނުގެ ސަރުކާރުން އެ ނިންމުން ނިންމީ އަތޮޅުވެރިޔަކަށް އޭރު ހުންނެވި ހޮޅުދޫ ހަސަން ކަލޭފާނު ވަރަށް ބޮޑަށް އެކަމަށް އެދިވަޑައިގެންނެވުމުންނެވެ. ހޮޅުދޫ މީހުންނަށް އެއީ ވަރަށް "ސެންސިޓިވް ޓޮޕިކް" އެކެވެ. ނަން ނުޖަހަން ކަތީބު އެދިވަޑައިގެންނެވީ އެހެންވެ އެވެ.

"ހޮޅުދޫގައި އޭރު އެންމެ ރީތިކޮށް އޮތް ސަރަހައްދުން ގޯތި ހޯދަން އެރަށު މީހުން އެދުނީމާ ހަސަން ކަލޭފާނު ވިދާޅުވީ އެތަން ހަލާކުނުކޮށް ބާއްވާށޭ. އެހެން ވިދާޅުވެފައި ސަރުކާރުގައި އެދިވަޑައިގެންނެވީ ހޮޅުދޫ މީހުންނަށް ހޮޅުދޫން ގޯތިދޭން. ގޯތި ދޭނެ ތަންތަނާއި މަގުތަކާއި ގޯޅިތައް ކަނޑައަޅަން އަޅުގަނޑު ވެސް އަތޮޅު ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ދިޔައިން،" އޭނާ ވިދާޅުވި އެވެ.

އެ ބުރުގައި ހޮޅުމީދޫ އާބާދު ކުރެވޭނެ ކަމަށް ލަފާ ކުރެވުނު ކަމަށް ކުރީގެ ކަތީބު ވިދާޅުވި އެވެ. އެހާ ވަރަށް ކަންތައްތައް "ފައިނަލް" ކުރީމަ އެވެ. އެކަމަކު ހޮޅުދޫ މީހުން ގޮތް ދޫނުކޮށް އެދުނީ ރަށުގައި އޮތް ތަންކޮޅުން ގޯތި ދޭށެވެ.

އޭގެ މާ ފަހުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ވެސް ހޮޅުމީދޫން ގޯތި ދޭން ހޮޅުދޫ މީހުންނަށް ހުށަހެޅި އެވެ. އެފަހަރު ވެސް އެކަން ކާމިޔާބު ނުވެ އެ ވާހަަކަ އޮބިގެން ދިޔައީ އެވެ.

މިހާރު 2000 ވުރެ ގިނަމީހުން އުޅޭ ހޮޅުދުއަކީ އަތޮޅާއި ސަރަހައްދުގައި ވެސް މަގުބޫލު، ތަހުޒީބާއި ތަމައްދުންގެ މަރުކަޒެއް ފަދަ ރަށެކެވެ. އެރަށު މޭނާ ސްކޫލަކީ އުތުރުގައި އެންމެ ދުވަސްވީ އެއް ސްކޫލެވެ. ތައުލީމީ އެތައް ޖީލެއް ބިނާކުރި މަރުކަޒެކެވެ. ވަތަނީ ރޫހު އެހާ ގަދައީ އެހެންވެ ކަމަށް ވެދާނެ އެވެ.

އެކަމަކު އެއީ އަތޮޅުގައި މީހުން އުޅޭ ރަށްތަކުގެ ތެރެއިން ދެވަނައަށް އެންމެ ކުޑަ ރަށެވެ. އެންމެ ކުޑައީ ހެނބަދު އެވެ. ގާމަތީ ރަށަކަށް ވާތީ ހޮޅުދޫގައި އިތުރަށް ބިން ހިއްކޭކަށް ވެސް ނެތެވެ.

އެއާ ހިލާފަށް ހޮޅުމީދޫއަކީ ހޮޅުދުއަށް ވުރެ އެތައް ތަނަކުން ބޮޑު، ހިއްކަން ޖެހިއްޖެ ހާލަތެއްގައި ހިއްކަން ފަޅުގައި ވެސް ޖާގަ އޮތް ރަށެކެވެ. ތާރީހީ ގޮތުން ބަލާއިރު އެރަށަކީ ދަނޑުގޮވާން ކުރަން ބޭނުންކުރި ރަށެކެވެ. ބުނެވޭ ގޮތުގައި އެކަން ހަމަޖައްސައި، ކޮންމެވެސް ރަށެއްގެ ބަޔަކަށް އެރަށް ދެއްވައި، އައްސުލްތާނުލް ޣާޒީ ހަސަން އިއްޒައްދީން (ދޮން ބަންޑާރައިން) ދެއްވި ފަތްކޮޅެއް ވެސް އޮވެ އެވެ.

"އެއީ ވަރަށް ފެން ވެސް މީރު، ހިތްގައިމު ރަށެއް. ހޮޅުދޫ މީހުން އެތަނަށް ނުދާން އުޅެނީ ސީދާ ކީއްވެ ކަމެއް ނޭނގޭ،" ކަތީބު ވިދާޅުވި އެވެ.

ހޮޅުދޫ މީހުން އަދިވެސް ފަސް ޖެހޭ

ހޮޅުދޫ ރައްޔިތުންގެ ތެރެއިން ގޯތި ބޭނުންވާ މީހުންނަށް ހޮޅުމީދޫން ގޯތިދޭން ނިންމައި، މިހާރުގެ ސަރުކާރުން ހޮޅުދޫގެ އިހުތިސާސްގެ ތެރޭގައި އެރަށް ހިމެނި ނަމަވެސް ރަށު މީހުންގެ ފަސްޖެހުން އަދިވެސް އެބަ އޮތެވެ. އެރަށު ރައްޔިތުންނާ ރައީސް އިއްޔެ ބައްދަލުކުރެއްވި އިރު، ރައްޔިތުންގެ ތެރެއިން ހިޔާލު ފާޅުކުރި މީހަކު އެހެން ހައްލެއްގެ ވާހަކަ ދެއްކީ އެހެންވެ ކަމަށް ގަބޫލުކުރެވެ އެވެ.

އިއްޔެގެ ބައްދަލުވުމުގައި ހިޔާލު ފާޅުކުރި ޒުވާނަކު ބުނީ ރަށެއްގައި އަލުން މީހުން އާބާދުކުރުމަކީ ސަރުކާރަކަށް ވަރަށް ބޮޑު ބުރައެއް ކަމަށެވެ. އެގޮތަށް އެކަން ވެފައި އޮތީ މަދު ފަހަރެއްގައި ކަމަށް ވެސް އޭނާ ބުންޏެވެ. ހޮޅުމީދޫން ގޯތި ދިން ނަމަވެސް، އެރަށުގައި އަމިއްލައަށް ގެ އެޅުން އެހާ ފަސޭހަ ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހޮޅުދޫ ރައްޔިތުންނާ އިއްޔެ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް


"ހޮޅުދުއަށް ބަލައިލި ނަމަވެސް ފެންނަނީ ޒަމާނުއްސުރެ ގިނަ ގޯތިތަކެއް ދެވި، ރައްޔިތުންގެ ފުދުންތެރިކަން އިތުރު ނުކުރެވި ވަރަށް ގިނަ ގޯތި ނުހެދި ހުރިތަން. އެހެންވީމާ އަޅުގަނޑަކަށް ނުވިސްނޭ އެއްވެސް ހާލެއްގައި ހޮޅުމީދޫން ބިމެއް ދިނަކަސް އެތަން ތަރައްގީކޮށްގެން ރައްޔިތަކަށް ގޮސް އުޅެވޭ ވަރު [ވާނެ ކަމަކަށް]،" އޭނާ ބުންޏެވެ.

އާއްމުކޮށް އެވަރުގެ އާމްދަނީ އެއް މީހުންނަށް ނުލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންވެ، އޭނާގެ ހިޔާލަކީ ހޮޅުމީދޫން ބޭރުގެ އިންވެސްޓަރަކަށް ބޮޑު ބިމެއް ދީ، ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމާއެކު އެ އިންވެސްޓަރު މެދުވެރިކޮށް ގެ އެޅުމެވެ.

ހޮޅުދޫގެ ހުޅަނގު ފަޅި ހިއްކައިގެން 200 ވަރަކަށް ގޯތި ނެގޭނެ ކަމަށް ދެކޭ ކަމަށާއި އެތަން ހިއްކައިގެން ގޯތި ދިނީމާ ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. އޭރުން މުސްކުޅި ގޯތީގައި މިހާރު ތިބި މީހުންގެ ތެރެއިން ކޮންމެ ގެއަކުން ދެމީހަކަށް ހިއްކި ބިމުން ގޯތި ދީފައި ދެން ތިބި މީހުންނަށް މުސްކުޅި ގޯތި ބެހިދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އޭރުން މުޅި އާބާދީއަށް އެބަ ލުއި ލިބޭ ގޯތި ގެދޮރުގެ މައްސަލައަށް،" އޭނާ ބުންޏެވެ.

ހޮޅުދޫ ކައުންސިލުން ވެސް ރައީސަށް އެކަން ހުށަހެޅިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަށް ޖަވާބު ދެއްވަން ރައީސް ހަވާލުކުރެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ އެވެ. އަސްލަމް ވިދާޅުވި ގޮތުގައި ހޮޅުދޫން ތަންކޮޅެއް ހިއްކެން އޮތް ނަމަވެސް އެތަނުން 200 ވަރަކަށް ގޯތި ވެސް ނެގޭނެކަން އަދި ނޭނގެ އެވެ. އެކަން ޖެހޭނީ ސާވޭއެއް ކޮށްގެން ބަލައިލާށެވެ.

"އަޅުގަނޑަކަށް ހަމަ ޔަގީން ހޮޅުދޫގެ މުސްތަގުބަލު އޮތީ ހޮޅުމީދުއާ ގުޅިގެންކަން. އަޅުގަނޑުމެން ދުނިޔެ ދޫކޮށްފައި ދާފަހުން، އަޅުގަނޑަށް ހަމަ ޔަގީން ކޮންމެވެސް އިރެއްގައި މިދޭތެރެ ގުޅުވާނެ ވެސް މެ ބަޔަކު،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހޮޅުމީދޫ އާބާދުކޮށް، ޒަމާނީ ފެރީ ނިޒާމަކުން ދެރަށް ގުޅުވައިލުމުން އެރަށުގައި މީހުން އުޅެން ދައްޗެއް ނުވާނެ އެވެ. އެކަމަކު ކޮންމެ ދުވަހެއްގެ ބޭނުންތަކަށް ހޮޅުދުއަށް އަންނަން ނުޖެހޭ ވަރަށް ހޮޅުމީދޫގައި ވަސީލަތްތައް ގާއިމްކުރަން ޖެހޭނެ ކަމަށާއި ސަރުކާރުން އެކަން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެއީ އެ ދެ ރަށް ގުޅައިލުމަކީ ކައިރި މުސްތަގުބަލެއްގައި ކުރެވޭނެ ކަމަށް ނުވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ވަރަށް ކައިރި، 1.2 ކިލޯ މީޓަރު މިދޭތެރޭގައި މިހުންނަނީ. މިޒަމާނުގައި އަޅުގަނޑުމެންނަށް ޝަޓުލް ކުރެވޭނެ ގޮތް ހެދޭނެ. ރަނގަޅު ފެރީ ނިޒާމެއްގެ ތެރެއިން،" އަސްލަމް ވިދާޅުވި އެވެ.

ހޮޅުދޫ ރައްޔިތުންގެ ގިނަ ބަޔަކާ އެކު ބޭއްވެވި ބައްދަލުވުން ނިންމަވައިލައްވަމުން ރައީސް ވިދާޅުވީ ހޮޅުދޫން ހިއްކެން އޮތް ސަރަހައްދެއް ހިއްކި ނަމަވެސް، ގޯތި ނުދީ އިޖުތިމާއީ ކަންކަމަށް ބޭއްވުން މާރަނގަޅު ކަމަށެވެ. އެކަމާ އެމްޓީސީސީއާ ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަމަކު ހޮޅުދޫ މީހުން ވިސްނުން ގެންގުޅެންވީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަމަ ހޮޅުމީދޫ އާބާދުކުރުމަށެވެ.