Advertisement

މަގުމަތީ ބާޒާރު ހުއްޓާލުމަށް އެޗްޕީއޭއިން އެންމެފަހުން އަންގައިފި

6 ޖަނަވަރީ 2022 - 09:21 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

މާލޭގައި ކުރިއަށްގެންދިޔަ މަގުމަތީ ބާޒާރެއް: ބާޒާރުތައް ކުރިއަށްގެންދިޔައީ ކޮވިޑްގެ އުސޫލުތަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މަގުމަތީ ބާޒާރު ހުއްޓާލުމަށް އެޗްޕީއޭއިން އެންމެފަހުން އަންގައިފި

6 ޖަނަވަރީ 2022 - 09:21 0

ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ދުވަސްވަރެއްގައި، ބަލި ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ގައިޑްލައިނުތަކަށް އެއްވެސް މިންވަރަކަށް ނުބަލާ މާލޭގައި ޖެހިޖެހިގެން 12 ދުވަހު ކުރިއަށް ގެންދިޔަ މަގުމަތީ ބާޒާރު ހުއްޓާލުމަށް އެޗްޕީއޭއިން އަންގައިފި އެވެ.

ރަސްފަންނު ސަރަހައްދުގައި މިދިޔަ ޑިސެމްބަރު 26، އިން ފެށިގެން ކުރިއަށްގެންދިޔަ މަގުމަތީ ބާޒާރު "ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން" މިއަދުން ފެށިގެން ނޯންނާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ރޭ 11:37 ގައި ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.

"ބަލިޖެހޭ އަދަދު މާލޭގައި މިހާރު ގިނަވަމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސިޓީގައި ކުރިޔަށްދާ ނައިޓް މާކެޓް ފަދަ އިވެންޓްތަކަށް ހުއްދަދިނުން ވަގުތީ ގޮތުން ހުއްޓާލެވިފައިވާ ވާހަކަ ދަންނަވައި އާންމުކޮށް އަންގާ އިއުލާންކުރީމެވެ،" ކައުންސިލުގެ އިއުލާނުގައި ބުނެފައިވެ އެވެ.

މަގުމަތީ ބާޒާރު ހުއްޓާލީ އެޗްޕީއޭއިން އަންގައިގެން ކަމަށް މާލޭ ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް މަގުމަތީ ބާޒާރު ހުއްޓާލުމަށް އަންގާފައިވާނެ ކަމަށް އެޗްޕީއޭގެ މީޑިއާ އޮފިޝަލަކު މި ނޫހަށް ޔަގީންކޮށްދިނެވެ.

އެންމެ ފުރަތަމަ ސިޓީ ކައުންސިލުން ބުނެފައި ވަނީ މަގުމަތީ ބާޒާރު ކުރިއަށްގެންދާނީ ޖުމްލަ 10 ދުވަހަށް ކަމަށެވެ. ނަމަވެސް އޭގެ އިތުރުން ވެސް ދެ ދުވަހު އެ ބާޒާރު ކުރިއަށްގެންދިޔަ އެވެ. މަގުމަތީ ބާޒާރުގައި ކުރިއަށް ގެންގޮސްފައި ވަނީ މާސްކު އެޅުމާއި ގައި ދުރުކުރުން ފަދަ އުސޫލުތަކަށް ބެލުމެއްނެތި އެވެ.

މަގުމަތީ ބާޒާރުތައް ކުރިއަށްގެންދިޔައީ އެފަދަ ހަރަކާތްތައް ނުބޭއްވުމަށް ލަފާ ދީފައި އޮއްވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ނަމަވެސް، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ އުސޫލުތަކަށް ބެލުމެއް ނެތި އެހާ ގިނަ ދުވަހު ކުރިއަށް ގެންދިޔަ އެ ބާޒާރު މިއަދުގެ ކުރިން އެޗްޕީއޭއިން ނުހުއްޓުވީ ކީއްވެކަމެއް ނޭނގެ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

"ސިއްހީ މާހިރުން ލަފާ ދެއްވީ ކުރިއަށް މި އޮތް ތިން ހަފުތާއަކީ އަނެއްކާ ވެސް ވަރަށް ބޮޑަށް ރާއްޖޭގައި ކޮވިޑް ފެތުރިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް, މާހިރުން އެދިވަޑައިގަތީ ކުރިއެކޭ ވެސް އެއްގޮތަށް މި ބަލިމަޑުކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް،" ހޯމަ ދުވަހު ރައީސް ވިދާޅުވެފައިވެ އެވެ.

އިއްޔެ އެކަނި ވެސް ރާއްޖެއިން 224 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ މާލެ ސަރަހައްދުން 104 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން 48 މީހުންނާއި ރިސޯޓުތަކުން 74 މީހުންނެވެ.