Advertisement

ކޮފީގެ ބަދަލުގައި ހެނދުނު ލުނބޯ ހުތުގެ ހޫނު ފެންތަށްޓެއް

4 ޖަނަވަރީ 2022 - 10:25 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ


ކޮފީގެ ބަދަލުގައި ހެނދުނު ލުނބޯ ހުތުގެ ހޫނު ފެންތަށްޓެއް

4 ޖަނަވަރީ 2022 - 10:25 0

ހެނދުނު ހޭލާގޮތަށް ހޫނު ފެންތަށްޓެއް ބުއިމަކީ އިހު ޒަމާނުއްސުރެ ޗައިނާ އާއި އިންޑިއާގެ ބައެއް ހިސާބުތަކުގައި ކެއިން ބުއިމުގެ ސަގާފަތުގެ ތެރޭގައި ގެންގުޅޭ އާދަ އެކެވެ. މިއީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ހިމެނޭ ކަމެއްކަން ސައިންސުން ވެސް ވަނީ ހާމަވެފަ އެވެ.

ހޫނުފެން ބުއިމުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ވަރުގަދަވެ ނާރުތަކާއި ހިތުގެ މަސައްކަތް ރަނގަޅުކޮށްދެ އެވެ. އެކަމަކު މިއަށްވުރެ ވެސް ފައިދާ ބޮޑު ގޮތަކީ، ހޫނު ފެންތަށްޓެއްގެ ތެރެއަށް ތާޒާ ލުނބޯ އެއް ފިތާލައިގެން ބުއިމެވެ.

ލުނބޯހުތަކީ ވިޓަމިން ސީ، ފޮލޭޓް، ޕޮޓޭސިއަމް، އަދި ފްލޭވަނޮއިޑްސް ފަދަ މާއްދާތައް ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ. ތަށްޓެއްގެ ހަތަރު ބައިކުޅަ އެއްބަޔަށް ލުނބޯހުތް ފިތާފައި ހުންނައިރު އޭގައި 31 ޕަސެންޓު ވިޓަމިން ސީއާއި ފޮލޭޓް ގެ ތިން ޕަސެންޓު އަދި ޕޮޓޭސިއަމްގެ ދެ ޕަސެންޓު ހުންނާނެ އެވެ. މިއީ އިންސާނާގެ ހަށިގަނޑަށް މި މާއްދާތައް ދުވާލެއްގެ މައްޗަށް ބޭނުންވާ މިންވަރެވެ.

މި ހިމަނާލަނީ ހެނދުނު ހުސް ގޮހޮރާ ހުރެ ލުބޯހުތުގެ ހޫނުފެން ތައްޓެއް ބޯލުމުން ލިބޭ ބައެއް ސިއްހީ ފައިދާތަކެވެ.

ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ

ހެނދުނު ހޭލާ ގޮތަށް ހޫނު ފެން ތައްޓަކަށް ލުނބޯ ހުތް ފިތައި އެ ބޯލުމުން ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަވެ، ރޯގާ ފަދަ ބަލިތަކުން މީހާ ދުރުކޮށްދޭނެ އެވެ. ސަބަބަކީ، ލުނބޯ ހުތުގައި ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ އެތައް ސަތޭކަ އެންޓި އޮކްސިޑެންޓްސް ހިމެނިފައި ވުމެވެ.

ކާތަކެތި ރަނގަޅަށް ހަޖަމްކުރުމަށް އެހީވެދޭ

ހޫނު ފެން ބުއިމުގެ ސަބަބުން ލޭ ނާރުތަކުން ގޮހޮރަށް ލޭ ފޮނުވައިދޭ މިންވަރު އިތުރުކޮށްދެ އެވެ. މިކަމުގެ ސަބަބުން ހަޖަމްކުރުމުގެ ނިޒާމުގެ މަސައްކަތް ފަސޭހަކަމާ އެކު ކުރިއަށް ގެންދިއުމަށް މަގުފަހިވެ އެވެ.

ހޫނުފެން ބުއިމުން އަވަސް އަވަހަށް ކަރުހިއްކާ ގޮތް ކުޑަ ކޮށްދޭނެ އެވެ. އަދި ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުވާ މިންވަރު އިތުރުކޮށްދެ އެވެ. ލުނބޯ އަކީ ވެސް މިކަމަށް އެހީވެދޭ އެއްޗެކެވެ. އަދި ހިކެން މަސައްކަތް ކުރާ މީހުން ހެނދުނާ ރޭނގަޑު މިގޮތަށް ފެންތައްޓެއް ބޯލުމުން ހިކޭލެއް ވެސް އަވަސް ވާނެ އެވެ.

ހިކެން މަސައްކަތްކުރާ ބައެއް މީހުން، މިއަށް ކުޑަ ކޮފީ ކޮޅެއް އެއްކޮށްގެން ވެސް ބޮއެވެ.

ސިކުނޑީގެ މަސައްކަތްތައް އަވަސްކޮށްދޭ

ހަށިގަނޑުގެ ތެރޭގައި އެކި ކަންކަމަށް ފެން ބޭނުންކުރުމުގެ ކުރިން އެތެރެހަށީގައި އެ ފެން 98.6 ޑިގްރީއަށް ހޫނުކޮށްލައެވެ. މިކަން ކުރުމަށް ހަށިގަނޑުން ހަކަތަ ބޭނުންކުރަން ޖެހެ އެވެ. ނަމަވެސް ހޫނުފެން ބުއިމުން ހަށިގަނޑުން މިކަމަށް ބޭނުންކުރަންޖެހޭ ހަކަތަ މަދުވާނެ އެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑިއަށް ބާރުބޮޑުވެ ސްޓްރެސްވުމުން ސަލާމަތް ކޮށްދެ އެވެ.

މޫޑު ރަނގަޅުވޭ

އާންމުކޮށް ކޮފީ ބޯމީހުން ހެނދުނު އޮފީހަށް އައުމުގެ ކުރީން ކޮފީ ތަށްޓެއް ބޯލަނީ ނިދި ފިލުވާލައި މޫޑު ރަނގަޅުކޮށްލުމުގެ ގޮތުންނެވެ. ލުނބޯހުތުގެ ހޫނު ފެންތަށްޓަކުން މި މަގުސަދު މާ ފުރިހަމައަށް ހާސިލު ކޮށްލެވިދާނެ އެވެ.

ލުބޯ އަކީ މޫޑް ރަނގަޅުކޮށްދޭ އެއްޗެކެވެ. އަދި ލުނބޯހުތުގައި ހުންނަ "ނިއުރާޕެރަފަރިން" ނިއުރޯޓްރާންސްމިޓާއެއްގެ ސަބަބުން ހަނދާން ބަލިވުމުން ސަލާމަތްކޮށްދެ އެވެ. މިކަމުން ދުވަހުގެ މަސައްކަތަށް ހަލުވިކަން ގެނެސްދެ އެވެ.

މިފަދަ ގިނަ ފައިދާތަކެއް ހޫނު ލުނބޯ ހުތްފެން ތަށްޓަކުން ލިބޭކަން ޔަގީންވާ އިރު ހެނދުނު ހުސްގޮހޮރާ ހުރެ މިފަދަ ފެންތަށްޓެއް ބޮއިލުން އާދައަކަށް ހެދުމަކީ މިއަހަރު އާދަކުރަން އެންމެ ފަސޭހަ އެއް ދުޅަހެޔޮ އާދައަށް ހަދާލެވިދާނެ އެވެ. މި ގޮތް، ހުސް ގޮހޮރާ ހުރެ ބޯ ކޮފީ އަކުން ލިބޭ ފައިދާއަށް ވުރެ ސިއްހަތަށް މާ ފައިދާ ބޮޑުވާނެ އެވެ.