Advertisement

ފަރަށް އެރި ބާޖުގެ ޖޫރިމަނާ ފައިސާއިން ބައެއް ހޯދުމަށް ނޫމަރާ ކައުންސިލުން އެދެފި

2 ޖަނަވަރީ 2022 - 10:03 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ނޫމަރާ ފަރަށް ބާޖު އުރިފަ: ސަރުކާރުން ބާޖުގެ ވެރި ފަރާތް ޖޫރިމަނާ ކުރީ 61 މިލިއަން ރުފިޔާއިން -- ފޮޓޯ: އަދަދު ފައިލް


ފަރަށް އެރި ބާޖުގެ ޖޫރިމަނާ ފައިސާއިން ބައެއް ހޯދުމަށް ނޫމަރާ ކައުންސިލުން އެދެފި

2 ޖަނަވަރީ 2022 - 10:03 0

ށ. ނޫމަރާ ފަރަށް 2019 ވަނަ އަހަރު އުރުނު ބާޖުން އެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތަށް ނަގާ 61 މިލިއަން ރުފިޔާއިން ބައެއް ދިނުމަށް އެެރަށު ކައުންސިލުން އެދެފި އެވެ.

ނޫމަރާ ކައުންސިލްގެ ރައީސް އަލީ ރަބީއު "އަދަދު" އަށް މިއަދު ވިދާޅުވީ އެ ފައިސާއިން ކޮންމެވެސް ވަރެއް ރަށު ކައުންސިލަށް ހޯދަން އެދުނީ ބާޖު ފަރަށް އެރުމުގެ ގެއްލުން ސީދާ ގޮތުންނާއި ނުސީދާ ގޮތެއްގައި ތަހައްމަލުކުރީ ނޫމަރާ ރައްޔިތުން ކަމަށް ވާތީ ކަމަށެވެ.

"ބާޖު އެރީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައިވާ ފަރަކަށް. އޭގެ ގެއްލުން ސީދާގޮތުންނާއި ނުސީދާ ގޮތުން އުފުލީ އަޅުގަނޑުމެން. އެކަމާ ގުޅިގެން ރަށުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތަކުން [ކުރިން އޮތް ހާލަތަށް] އިއާދަވުމަށް، ޖޫރިމަނާ 61.6 މިލިޔަން ރުފިޔާ އިން ކޮންމެވެސް ވަރެއް ދެއްވުން އެދި ސިޓީ ފޮނުވިން،" އޭނާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 115،00 ލީޓަރުގެ ޑީސަލާއި ޕެޓްރޯލް ހިފައިގެން ދަތުރުކުރަނިކޮށް ނޫމަރާ ފަރަށް އެފްއެސްއެމްގެ ބާޖެއް އުރުނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެއީ އެ ރަށު ބަނދަރު ހެދުމުގެ މަސައްކަތަށް ގެނައި ބާޖެކެވެ. އީޕީއޭއިން އެ ބާޖުގެ ވެރި ފަރާތް ޖޫރިމަނާ ކުރީ 61.8 މިލިއަން ރުފިޔާއިންނެވެ.

ރަބީއު ވިދާޅުވީ އެފައިސާއިން ބައެއް ދިނުމަށް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި އީޕީއޭއަަށް ވެސް ނޫމަރާ ކައުންސިލުން ވަނީ ސިޓީ ފޮނުވައިފަ އެވެ. އޭނާ ވިދާޅުވީ ކަމާ ގުޅުން ހުރި ވުޒާރާތަކާ ވާހަކަދައްކައިގެން، އެ ފައިސާ ހޯދުމުގެ ކަންތައް ކުރިއަށް ގެންދަން، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް، ރައީސް އޮފީހުން، ކައުންސިލަށް އަންގާފައިވާ ކަަމަށެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ ފައިސާ ދޫކުރުމަކީ އީޕީއޭއަށް އޮންނަ އިހްތިޔާރެއް ނޫން ކަމަށެވެ.

ބާޖު އުރުމުގެ ސަބަބުން ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ވަޒަންކޮށް، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން ބާޖުގެ ވެރިފަރާތް 61,681,316.00 ރުފިޔާއިން ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެފައިސާ ދައްކަން އީޕީއޭއިން އެންގީ މިދިޔަ ޑިސެމްބަރުމަހުގެ ދެވަނަ ދުވަހު އެވެ. އެފައިސާ ދައްކަން އީޕީއޭއިން އެންގީ ބާޖުގެ ރާއްޖޭގެ އެޖެންޓް، ރޮހޮޕް ޕްރައިވެޓް ލިމިޓެޑަށެވެ.

ނައީމް މިއަދު ވިދާޅުވީ ފައިސާ ދައްކަން އެންގިި މުއްދަތު ހަމަވުމުގެ ކުރިން ބާޖުގެ ވެރިފަރާތުން އެ ނިންމުން އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

ނޫމަރާ ބަނދަރު ހަދަން ގެނައި ބާޖް ފަރު އުރިފައި އޮންނަތާ ދެ އަހަރު ދުވަސްވި ފަހުން ފުންކޮށް، އަދި އަޑިއަށް ގޮސްފައިވާ ބައިތައް ނަގައި ސަރަހައްދު ސާފުކޮށް ނިންމީ މިދިޔަ ނޮވެންބަރު މަހެވެ. އެރަށަކީ ގާމަތި ރަށަކަށް ވުމާއެކު، ބާޖު އުރުނު ސަރަހައްދަކީ އާންމު ގޮތެއްގައި ވެސް އާދަޔާ ހިލާފަށް އޮއެ ގަދަ ސަރަހައްދެކެވެ. ބާޖު އުރުމުގެ ސަބަބުން ނޫމަރާގެ ފަރުގެ 1،632 އަކަމީޓަރުގެ ސަރަހައްދެއް ހަލާކުވެފައިވާ ކަމަށް އީޕީއޭއިން ކުރިން ބުނެފައިވެ އެވެ.