Advertisement

ހޯމްސްޓޭ އާއެކު ކޮންމެ މީހަކަށް ވެސް ޓޫރިޒަމްގެ ފުރުސަތު

30 ޑިސެންބަރު 2021 - 19:10 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ކ،ތުލުސްދޫގެ މަގަކުން ދެ ޓުރިސްޓުން ހިނގާފައި އަންނަނީ: ހޯމްސްޓޭ އާއެކު ރަށްރަށް ގިނަ ފައިދާތަކެއް ކުރާނެ-- އަދަދު ފައިލް ފޮޓޯ


ހޯމްސްޓޭ އާއެކު ކޮންމެ މީހަކަށް ވެސް ޓޫރިޒަމްގެ ފުރުސަތު

30 ޑިސެންބަރު 2021 - 19:10 0

ތަފާތު ގޮތްގޮތަށް ހޯމްސްޓޭ މާނަ ކުރެ އެވެ. ރާއްޖޭގައި ބަލާ ގޮތުން، ހޯމްސްޓޭ އަކީ މީހުން ދިރިއުޅޭ ގެއެއްގައި ހުންނަ ހުސް ކޮޓަރި އެއްގައި ޗުއްޓީ ހޭދަކޮށްލުމަށް ޓޫރިސްޓަކަށް ފުރުސަތު ދިނުމެވެ. ރާއްޖޭގެ ޓޫރިޒަމް 50 އަހަރު ފުރޭ އަހަރާ ދިމާކޮށް، ޖެނުއަރީ އެއް ވަނަ ދުވަހު މ. ދިއްގަރުގައި ހޯމްސްޓޭ ތައާރަފު ކުރާނެ އެވެ.

އާ ކަމެއް ފަށާއިރު ކަންބޮޑުވުންތަކެއް ހުރެދާނެ އެވެ. ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓުގެ ނަމުގައި ޕްރޮޖެކްޓެއް އެކުލަވާލައި ފަންނީ މީހުންގެ ޓީމަކުން ވަނީ ކަމާބެހޭ މައުލޫމާތު އެއްކޮށް ދިރާސާތަކެއް ހަދައިފަ އެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ މީހުން ދިރިއުޅޭ 60 އަހަރަށްވުރެ ގިނަ ރަށަކަށް ދަތުރުކޮށް މައުލޫމާތު ހޯދައިފަ އެވެ.

"އެސެސްމަންޓެއް ހަދާލާއިރު އެބަ ފެނޭ، ޓޫރިޒަމަށް ވަންނަން ބޭނުންވާ ވަރަށް ގިނަ ރަށްރަށުގެ ބޭފުޅުންނަށް، އަދިވެސް ނުވަދެވި އެބަހުރި، ނުވަދެވި މިހުންނަނީ ގެސްޓު ހައުސް ގަވާއިދުގަ ހުރި ބައެއް ކަހަލަ ދަތިތަކަކާ ހުރެ އާއި ގެސްޓު ހައުސް އިންވެސްޓުމަންޓަކީ ބޮޑު އިންވެސްޓުމަންޓަކަށް ވާތީ، މިކަން ފަސޭހަ ކުރުމުގެ ގޮތުން ހޯމްސްޓޭ ޓޫރިޒަމް މި ތައާރަފު ކުރަނީ،" ހޯމްސްޓޭ ތައާރަފު ކުރުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިޔުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ހޯމްސްޓޭ ތައާރަފު ކުރުމަކީ ރާއްޖެ އާ މާކެޓްތަކަށް ހުޅުވި، ހެޔޮ އަގެއްގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ގިނަ ބަޔަކަށް ހުޅުވިގެން ދާނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދުނިޔޭގެ ޓޫރިޒަމްގައި ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވެގެން ނުދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ 80 ޕަސެންޓް ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ.

"މިކަން ކުރާއިރު މިނިސްޓްރީން ޔަގީންކަން ދޭން ބޭނުން، އާ ޕްރޮޑަންޓު ތަކެއް ތައާރަފު ކުރިއަސް އަޅުގަނޑުމެން ހިފަހައްޓާނެ އެއް ކަމެއް އެބަ އޮތޭ، އެއީ ރާއްޖޭގެ މި 50 އަހަރުވީރު ކާމިޔާބެއް ގޮތަށް އޮތް، ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓް،" އައްސަދު ވިދާޅުވި އެވެ. "ގެސްޓް ހައުސް ޓޫރިޒަމާ އެއްކޮށް ރާއްޖެ އެފޯޑުކުރެވޭ މީހުން ގިނަ ވެއްޖެ. ހޯމް ސްޓޭ އައުމާއެކު އަޅުގަނޑުމެން ގަބޫލު ކުރަނީ އެއަށްވުރެ ވެސް ގިނަ މީހުންނަށް އެ ފުރުސަތު ލިބިގެން ދާނެ ކަމަށް."

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މީހުން ދިރިއުޅޭ ގެއެއްގެ ކޮޓަރި އެއްގައި ޓޫރިސްޓުން ބައިތިއްބުމުގެ ހުއްދަ ދޭއިރު، އެންމެ ބޮޑަށް ސަމާލުކަން ދީފައި ވާނެ ކަމަކީ އެ މީހުންގެ ރައްކާތެރި ކަމެވެ. ހޯމްސްޓޭގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެނީ ރަޖިސްޓްރީ ކުރަން ހުށަހަޅާ ފަރާތުގެ ޕޮލިސްރި ޕޯޓަށް ބެލުމަށް ފަހު އެވެ. ޓޫރިސްޓު މީހާ ހުންނަ ކޮޓަރި އިންޝުއަ ކޮށްފައި ހުންނަން ޖެހޭއިރު، އަގު ބޮޑެތި ތަކެތި ރައްކާތެރި ކުރެވޭނެ ތިޖޫރި އަކާއި އެނޫން ގިނަ ކަންތައް ތަކެއް ފުރިހަމަ ކޮށްފައި ހުންނަން ޖެހެ އެވެ.

"އެއް ކޮޓަރިން ފެށިގެން މައްޗަށް މީހުން ދިރިއުޅޭ ގޭގެ ވެސް ހިމެނޭ ގޮތަށް ފަތުރުވެރިން ބޭތިއްބުމުގެ ހުއްދަ މި ދެނީ، އެންމެ މުހިންކު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ބެލީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން،" މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓާ އަލީ ރަޒްއާން ވިދާޅުވި އެވެ. "ރަށްރަށުގެ އިގްތިސާދަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު އިންގިލާބެއް އަންނާނެ، މިއާ ގުޅިގެން ރަށު ތެރޭގައި އިރުތު ކުދިކުދި ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެން އަންނާނެ. ގަބޫލުކުރާ ގޮތުގައި ރިސޯޓު ތަކުގައި މިހާރު ވަޒީފާ އަދާކުރާ ކުދިން، އެ މީހުންގެ ރަށް ރަށަށް މި މަސައްކަތަށް ބަދަލުވާނެ."

ޓޫރިޒަމް މިނިސްޓްރީ ބުނީ ރަށްރަށުގައި ހޯމްސްޓޭ ތައާރަފު ކުރަނީ ކައުންސިލު ތަކާއި ވަރަށް ބޮޑަށް ގުޅިގެން ކަމަށެވެ. ހޯމްސްޓޭ ތައާރަފުކުރާ ކޮންމެ ރަށެއްގައި ޓޫރިސްޓު ޑެސްކަކާއި ޒިންމާވާނެ ފަރާތެއް، ކައުންސިލުގެ ފަރާތުން ޖެނެރަލް މެނޭޖަރެއްގެ ގޮތުގައި، ހުންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންނެވެ. ހޯމްސްޓޭއާ ގުޅޭ ގަވާއިދު މިއަދު ވަނީ ގެޒެޓުގައި ޝާއިރު ކޮށްފަ އެވެ.

ހޯމްސްޓޭ އާއެކު، ގެސްޓު ހައުސް ހިންގާ ފަރާތްތަކަށް ޓޫރިޒަމް ސީޒަނާ ދިމާކޮށް އެނދު އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި އަމިއްލަ ގެސްޓު ހައުސްއެއް ނެތް މީހަކަށް ވެސް، ކޮޓަރި ތަކެއް ނަގައިގެން ޓޫރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ދޮރު ހޯމްސްޓޭ އާއެކު ހުޅުވޭނެ އެވެ.

ގޭގަ އިންނަ ދައްތަ އަށް ނޫނީ ބޭބެ އަށް މި ވިޔަފާރި ކުރަން ނޭނގި ދާނެ، އެކަން ކުރާނީ މި ކަމުގެ ތަޖުރިބާ ހުރި ޒުވާން ކުދިން، އެ ކުދިންނަށް މި ލިބެނީ އެކި ގޭގެ އިން ކޮޓަރި ނަގައިގެން ހޮޓާ މި އުފެދެނީ، ބޮޑު އިމާރާތެއް ނާޅަ،" އައްސަދު ވިދާޅުވި އެވެ. "އުތުރާ ދެކުނުގައި ހުރި އެއާޕޯޓުތައް ސަސްޓެއިން ކުރަން ބޭނުންވާ އެނދުތައް އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ތައްޔާރު ކުރުމަށް ބާރު އެޅިގެންދާނެ އެއް ކަމެއް ހޯމްސްޓޭ އަކީ."

ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ 2022 ގެ އަމާޒެވެ. އެކަން ހާސިލް ކުރުމުގެ މަގު ހޯމްސްޓޭ އާއެކު އިތުރަށް ފަހިވެގެން ދާނެ އެވެ. ޖެނުއަރީ އެއް ވަނަ ދުވަހު ހޯމްސްޓޭ ތައާރަފުކުރާއިރު، އެއް ރަަށަށް ވުރެ ގިނަ ކޮޓަރި އަނެއް ރަށުން ހޯމްސްޓޭ އަށް ނެރުމުގެ ވާދަވެެރިކަން މިހާރު ވެސް ވަނީ އުފެދިފަ އެވެ.