Advertisement

ވެލާނާ އެއާޕޯޓުގެ އާ ވީއައިޕީ ޓާމިނަލް އަންނަ މަހު ހުޅުވަނީ

30 ޑިސެންބަރު 2021 - 11:49 0

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ވީއައިޕީ/ސީއައިޕީ ޓާމިނަލް އިމާރާތްކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ: މިތަނުގެ އިމާރާތް ނިމިފައި ހުންނަތާ ގިނަ ދުވަސްތަކެއްވީ ނަމަވެސް، ބައެއް މަސައްކަތްތައް ނުނިމޭތީ ބޭނުން ކުރަން ނުފަށާ. -- ފޮޓޯ: ޕީއެސްއެމް ނިއުސް


ވެލާނާ އެއާޕޯޓުގެ އާ ވީއައިޕީ ޓާމިނަލް އަންނަ މަހު ހުޅުވަނީ

30 ޑިސެންބަރު 2021 - 11:49 0

ވެލާނާ އެއާޕޯޓު (ވީއައިއޭ)ގައި އިމާރާތްކޮށް ނިމިފައިވާ އާ ވީއައިޕީ/ސީއައިޕީ ޓާމިނަލް އަންނަ މަހު ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ން ބުނެފި އެވެ.

އެ ކުންފުނީގެ ކޯޕަރޭޓް ކަސްޓަމަރުންނަށް ފޮނުވި ސާކިއުލާއެއްގައި އެމްއޭސީއެލުން ބުނީ ޖެނުއަރީ 12 ވަނަ ދުވަހުން މިހާރު ބޭނުންކުރާ ވީއައިޕީ ޓާމިނަލުން ދޭ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރާނެ ކަމަށެވެ.

މި ޓާމިނަލް އިމާރާތުގެ މަސައްކަތް ނިމުނުތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް ފިނިޝިން އަދި ފާނިޝިންގެ މަސައްކަތް ނުނިމިގެން ކަމަށް ބުނެ އެމްއޭސީއެލުން މި ޓާމިނަލް ބޭނުންކުރަން ނުފަށަ އެވެ.

އާ ވީއައިޕީ ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ވީއައިއޭ ތަރައްގީކުރުމުގެ ޕްރޮޖެކްޓުގެ ދަށުން މިހާރުގެ ޓާމިނަލާ އިންވެގެން ކަހަލަ ގޮތަކަށް އަޅާފައި ހުރި ހަތަރު ފަންގިފިލާގެ އިމާރާތެކެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މި ޓާމިނަލުގައި ސީއައިޕީ ކަސްޓަމަރުންނަށް ހާއްސަ ސަރަހައްދަކާއި ވީއައިޕީ އަދި ވީވީއައިޕީ ކަސްޓަމަރުންނަށް ހާއްސަ ލޯންޖުތައް ހުންނާނެ އެވެ. އަދި ކުރިން ނުލިބޭ ގިނަ ހިދުމަތްތަކެއް ޓާމިނަލް ބޭނުންކުރާ މީހުންނަށް ލިބިގެންދާނެ އެވެ.

ވީއައިއޭގެ އާ ވީއައިޕީ/ސީއައިޕީ ޓާމިނަލްގެ ދެ ފިޔަވަހީގެ މަސައްކަތް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް: މި ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށޭނީ މިހާރު ބޭނުންކުރާ ވީއައިޕީ ހުސްކުރެވުމުން. -- ފޮޓޯ: އެމްއޭސީއެލް


އާ ޓާމިނަލަށް ހިދުމަތްތައް ބަދަލުކުރި ނަމަވެސް، އެއްވެސް އަގަކަށް ބަދަލެއް ނާންނާނެ ކަމަށް އެމްއޭސީއެލްގެ ސާކިއުލާގައި ވެ އެވެ. އަދި ބުނީ، އަގަށް ބަދަލު ގެންނަން ވިސްނަނީ ޓާމިނަލުގެ ހުރިހާ މަސައްކަތްތަކެއް ނިމި ފުރިހަމައަށް ހިދުމަތްތައް ގާއިމުކުރެވުމުން ކަމަށެވެ.

އެމްއޭސީއެލުން ކުރިން ބުނި ގޮތުގައި މި ޓާމިނަލް ބޭނުންކުރަން ފެށުމުން މިހާރު ވީއައިޕީގައި ދޭ ހިދުމަތުގެ ފެންވަރު އެތަށް ގުނައަކުން އިތުރުވެގެން ދާނެ އެވެ.

މިހާރުގެ ވީއައިޕީ ހުސްކުރުމަށްފަހު، މި ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހި ފެށިގެންދާނެ އެވެ. އަދި، މުޅި ޕްރޮޖެކްޓުގެ މަސައްކަތް ނިމޭއިރު ޖުމްލަ މި ޓާމިނަލްގެ ބޮޑުމިން 6،800 އަކަމީޓަރަށް ބޮޑުކުރެވޭނެ އެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން އެޅި އިމާރާތުގެ ބޮޑުމިނަކީ 2،200 އަކަމީޓަރެވެ.

މި މަސައްކަތް ކުރަނީ، ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.