Advertisement

އިންޑޮނީޝިއާއަށް ޕްރެޝަރު ބޮޑުވެ ފޮނުވާލި ރެފިއުޖީ ބޯޓު އަނބުރާ ގެނެސްފި

30 ޑިސެންބަރު 2021 - 10:20 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑޮނީޝިއާ ކައިރިން ހާލުގައި ޖެހުނު ރެފިއުޖީ ބޯޓު. -- ފޮޓޯ: އޭއެފްޕީ


އިންޑޮނީޝިއާއަށް ޕްރެޝަރު ބޮޑުވެ ފޮނުވާލި ރެފިއުޖީ ބޯޓު އަނބުރާ ގެނެސްފި

30 ޑިސެންބަރު 2021 - 10:20 0

ޖަކާޓާ، އިންޑޮނީޝިއާ (ޑިސެމްބަރު 30) - ހާލުގައި ޖެހުނު ރޮހިންޔާ ރެފިއުޖީންގެ ބޯޓެއް އިންޑޮނީޝިއާއަށް އެތެރެވިޔަ ނުދީ މެލޭޝިއާއަށް ފޮނުވާލުމުން އެކި ފަރާތްތަކުގެ ޕްރެޝަރާ ކުރިމަތިވި، އަލުން އަނބުރާ އެ ބޯޓު އިންޑޮނީޝިއާއަށް ގެނެސްފި އެވެ.

ފިތި ބާރުވެފައިވާ ކުޑަ ލަކުޑި ބޯޓެއްގައި 100 އަށް ވުރެ ގިނަ މީހުން ތިބި އިރު، އޭގެ ތެރޭގައި ގިނަ އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ. އެ ބޯޓު ހާލުގައި ޖެހުނީ އިންޑޮނީޝިއާގެ އާޗޭ ޕްރޮވިންސާ ދިމާލުންނެވެ.

ބޯޓުގައި ތިބި ރެފިއުޖީންނަށް އިންޑޮނީޝިއާ އިން ރައްކާތެރިކަން ފޯރުކޮށްދޭން އދ. އާއި އެހެން ޖަމިއްޔާތަކުން ގޮވާލި ނަމަވެސް ނިންމާފައި ވަނީ އަނބުރާ ފޮނުވާލުމަށެވެ.

އިންޑޮނީޝިއާ އިން ބުނީ ބޯޓު އަނބުރާ ފޮނުވާލީ އަންނައުނާއި، ތެޔޮ، ކާބޯތަކެތި ދިނުމަށް ފަހު ޓެކްނިކަލް އެހީތެރިއަކާ އެކު ބޯޓު މަރާމާތު ކުރުމަށް ފަހު ކަމަށެވެ.

ނަމަވެސް ގިނަ މަޝްވަރާތަކަށް ފަހު މިހާރު ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފަ އެވެ. އިންޑޮނީޝިއާ އިން ބުނީ ބޯޓު އަނބުރާ ގެނެސް، ރެފިއުޖީންނަށް ރައްކާތެރިކަން ދޭނެ ކަމަށެވެ.

"ނިންމުން ބަދަލު ކުރީ ބޯޓުގައި ރިބި ރެފިއުޖީންގެ އެމެޖެންސީ ހާލަތަށް ބެލުމަށް ފަހު،" އިންޑޮނީޝިއާ އިން ރެފިއުޖީންނާ ބެހޭ ގައުމީ ޓާސްކް ފޯސް އަށް ކަނޑައަޅާފައި ހުންނަ އަރްމެދް ވިޖަޔަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ރެފިއުޖީންގެ ހެލްތު ސްކްރީނިން ހެދުމަށް ފަހު ބޯހިޔާވަހިކަމާއި އެހެނިހެން އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

އެ ބޯޓު އެންމެ ފުރަތަމަ ފެނުނީ މީގެ ދެ ދުވަސް ކުރިން އިންޑޮނީޝިއާގެ އައްސޭރިފަށާ 70 ނޯޓިކަލް މޭލު ދުރުން ހާލުގައި ޖެހިފައި އޮއްވަ އެވެ.

އަވައްޓެރި މެލޭޝިއާ އާއި ތައިލޭންޑާ ހިލާފަށް، އިންޑޮނީޝިއާ އިން އާޢްމު ގޮތެއްގައި ހާލުގައި ޖެހިގެން އަންނަ ރެފިއުޖީންނަށް ރައްކާތެރިކަން ފޯރުކޮށްދެ އެވެ.

ބުދިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާގައި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގި ގާތުލުއާއްމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އެ ގައުމު ދޫކޮށް، ރެފިއުޖީންގެ ގޮތުގައި ކައިރި ގައުމުތަކަށް އެތެރެވެފަ އެވެ.

އެގޮތުން މިދިޔަ އަހަރު އެތައް ސަތޭކަ ރޮހިންޔާ ބަޔަކު އިންޑޮނީޝިއާ އަށް އެތެރެވި އެވެ. ނަމަވެސް އަވައްޓެރި މެލޭޝިއާގައި 100،000 އަށް ވުރެ ގިނަ ރޮހިންޔާ މީހުން ދިރިއުޅޭތީ، އިންޑޮނީޝިއާގައި ތިބި ގިނަ ރެފިއުޖީން ވެސް ވަނީ މެލޭޝިއާ އަށް ހިޖުރަކޮށްފަ އެވެ.