Advertisement

ހުޅުމާލޭން ބިން ވިއްކުން ގާނޫނާ ހިލާފު ކަމަށް ކައުންސިލުން ބުނުން ކޯޓު އަމުރާ ހިލާފު: އެޗްޑީސީ

28 ޑިސެންބަރު 2021 - 20:56 0

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލެ ދެވަނަ ފިޔަވަހި: އެޗްޑީސީން ބިން ވިއްކަނީ ބީޗް ފްރަންޓާއި ބީޗް ކައިރިން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ހުޅުމާލޭން ބިން ވިއްކުން ގާނޫނާ ހިލާފު ކަމަށް ކައުންސިލުން ބުނުން ކޯޓު އަމުރާ ހިލާފު: އެޗްޑީސީ

28 ޑިސެންބަރު 2021 - 20:56 0

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީން) ބީލަން ހުޅުވާލުން ލާމަރުކަޒީ ގާނޫނާ ހިލާފު ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެ ބަޔާން ނެރުން ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީގެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު އަމުރާ ހިލާފު ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކަން ބީލަމަށްލީ މައްސަލައިގައި ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ މާލެ ސިޓީ ކައުންސިލާ މަޝްވަރާނުކޮށް އެޗްޑީސީއަކަށް ބިމެއް ނުވިއްކޭނެ ކަމަށެވެ.

އެޗްޑީސީގެ ނިންމުމަށް އިތުރަށް ފާޑުކިޔަމުން ކައުންސިލުން ވަނީ މާލޭ ރައްޔިތުން އިންތިހާއަށް ބިމަށް ޖެހިފައިވާ ދަނޑިވަޅެއްގައި ބިން ވިއްކުން ކުށްވެރިކޮށްފަ އެވެ. އަދި، ބިމުގެ މިލްކުވެރިކަމުގެ މައްސަލަ ކޯޓުގައި ކުރިޔަށް ދަނިކޮށް، އެޗްޑީސީއަށް ހުޅުމާލެއިން ބިން ނުވިއްކޭނެ ކަމަށް ބުންޏެވެ.

ސިޓީ ކައުންސިލަށް ރައްދުދީ އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ވިއްކާލަން ބީލަން ހުޅުވާލި ބިންތަކުގެ ގާނޫނީ މިލްކުވެރިފަރާތުގެ ހައިސިއްޔަތުން ދެވަނަ ފިޔަވަހިން ބިން ވިއްކުމުގެ އިހުތިޔާރު އެ ކޯޕަރޭޝަނަށް ލިބޭ ކަމަށެވެ. އަދި އެ ބިން މާލެ ސިޓީ ކައުންސިލުގެ އިހުތިސޯސުގެ ތެރޭގައި އޮތެއް ކަމަކު، މިލްކުވެރިކަން ނުހިނގާނެކަން ލާމަޒުކަޒީ ގާނޫނުން ސާފުކަމަށް ބުންޏެވެ.

"ހުޅުމާލޭގެ ބިމަކީ ކައުންސިލުގެ އިދާރީ އިހުތިސޯސް ހިނގާ ސަރަހައްދުގައި ވާ ބިމެއްކަމަކު، ހުޅުމާލެ ބިމަކީ މާލެ ސިޓީ ކައުންސިލުގެ މިލްކުވެރިކަން އެބިމުގެ މައްޗަށް ހިނގާނެ ބިމެއް ނޫންކަން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 (ށ) އަށް ބެލުމުން އެނގެ އެވެ." އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.

އެޗްޑީސީން ވަނީ، ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމަނައިގެން އިންވެސްޓަރުންނާއި އާންމުންގެ މެދުގައި އެ ކޯޕަރޭޝަނުގެ އިތުބާރުގެއްލޭ ގޮތަށް ސިޓީ ކައުންސިލުން ބަޔާން ނެރުން ކުށްވެރިކޮށްފަ އެވެ. އަދި، މިގޮތަށް އެ ކޯޕަރޭޝަނުގެ އިތުބާރުގެއްލޭ ގޮތަށް ބަޔާން ނެރުމުގެ ސަބަބުން ގެއްލުން ލިބެމުން ދާތީ އެގޮތަށް އެކަން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

"މާލޭ ސިޓީ ކައުންސިލުން މިފަހަކަށް އައިސް، މި ކޯޕަރޭޝަންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ގޮތަކަށް މިފަދަ ބަޔާންތައް ނެރެމުންދިއުމުގެ ސަބަބުން، މި ކޯޕަރޭޝަނަށް ނުހަނު ގެއްލުން ލިބެމުންދާތީވެ، މިފަދަ ކަންކަން ތަކުރާރު ނުކުރެއްވުމަށް މާލޭ ސިޓީ ކައުންސިލަށް އިލްތިމާސްކުރަމެވެ." އެޗްޑީސީގެ ބަޔާނުގައި ވެ އެވެ.

އެޗްޑީސީން އިތުރަށް ބުނި ގޮތުގައި ސިޓީ ކައުންސިލުގެ ބަޔާން ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލުކުރި މައްސަލައިގައި ސިވިލް ކޯޓުން ނެރިފައިވާ ވަގުތީ އަމުރާ ވެސް ހިލާފެވެ. އަދި ކައުންސިލަށް ގޮންޖަހަމުން އެޗްޑީސީން ވަނީ ޝަރީއަތުން އެހެން ގޮތަކަށް ނިންމަންދެން ހުޅުމާލޭގެ ބިމުގެ މައްޗަށް އެ ކޯޕަރޭޝަނަށް ގާނޫނީ ހައްގުތައް ލިބިދޭ ކަމަށް ބުންޏެވެ.

ރަޖިސްޓްރީ ބާތިލުކުރުމާ ގުޅިގެން އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ކޯޓުން ނެރުނު ވަގުތީ އަމުރުގައި، ސިޓީ ކައުންސިލުގެ ނިންމުން ތަންފީޒުކުރަން އެއްވެސް އިދާރާއަކުން ކަމެއް ނުކުރުމަށާއި، ހުޅުމާލޭގައި އެޗްޑީސީން ކުރަމުންދާ އެއްވެސް މަސައްކަތަކަށް ހުރަސްއެޅޭނެ ކަމެއް ނުކުރުމަށް އެންގި އެވެ.

އެކަމަކު ސިވިލް ކޯޓުގެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. އެކަމާ ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ސިޓީ ކައުންސިލުގެ މީޑިއާ އެގްޒެކެޓިވް މަރިމަޔް ޝިއުނާ ވިދާޅުވީ ހުޅުމާލޭ ބިމުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފް ކުރަން މި ހަފްތާ ތެރޭގައި ހައި ކޯޓަށް ފޮނުވާނެ ކަމަށެވެ.

"ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ހައުކޯޓުގައި އިސްތިއުނާފް ކުރުމަށް ސިޓީ ކައުންސިލްގެ ލީގަލް ޓީމުން މިހާރު ދަނީ ތައްޔާރުވަމުން،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކާ މައްސަލައިގައި މާލެ ސިޓީ ކައުންސިލުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެޗްޑީސީގެ ނިންމުން ބަދަލުކުރަން ސަރުކާރަށް ގޮވާލައްވާފަ އެވެ. އަދި، އާންމުންގެ ގިނަ ބަޔަކު ވެސް ވަނީ މިކަމާ ދެކޮޅަށް ޝޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށް، އެ ނިންމުން ބަދަލުކުރަން ސަރުކާރަށް ގޮވާލާފަ އެވެ.

މި ބިންތައް ވިއްކައިގެން އެޗްޑީސީއަށް މަދުވެގެން 480 މިލިއަން ރުފިޔާ ލިބޭނެ އެވެ.

މީގެ ކުރިން "އަދަދު"ގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި އެޗްޑީސީޑީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ހުޅުމާލެ ޑިޒައިންކުރީ އެކި ފަންތީގެ ރައްޔިތުން ގެދޮރުވެރިކުރުމަށް ވިސްނައިގެން ކަމަށެވެ. އަދި ބިން ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރަނީ، އިޖުތިމާއި ކަންކަމަށް ހަރަދުކުރުމަށް ކަަމަށް އާތިފް ވިދާޅުވި އެވެ.