Advertisement

އެމްޓީޑީން ކޮމަންޑޫ ދާއިރާއަށް ވާދަ ނުކުރަން ނިންމައިފި

27 ޑިސެންބަރު 2021 - 14:00 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ބައްދަލުވުމެއްގެ ތެރެއިން: ކުރިން އެ ޕާޓީން ވެސް ވާދަ ކުރުމަށް ހުޅުވާލި ނަމަވެސް މިހާރު ވަނީ ވާދަ ނުކުރާ ގޮތަށް ނިންމާފައި-- ފޮޓޯ: އެމްޓީޑީ


އެމްޓީޑީން ކޮމަންޑޫ ދާއިރާއަށް ވާދަ ނުކުރަން ނިންމައިފި

27 ޑިސެންބަރު 2021 - 14:00 1

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ނުކުރަން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ)އިން ނިންމައިފި އެވެ.

އެންމެ ފުރަތަމަ އެ ޕާޓީން ހަމަޖައްސީ އެ ދާއިރާއަށް މީހަކު ނުނެރުމަށެވެ. ނަމަވެސް ފަހުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެއް ބާއްވާ ކެންޑިޑޭޓަކު ނެރުމަށް ނިންމި އެވެ. އަދި އެކަމަށް އެދޭ ޕާޓީގެ މެމްބަރުން ފޯމަކުން ކުރިމަތިލުމަށް ވެސް އެ ޕާޓީން ހުޅުވާލި އެވެ.

އެ ޕާޓީން މިއަދު ބުނީ މިއަދު ބޭއްވި އެމްޓީޑީގެ ކައުންސިލު ބައްދަލުވުމުގައި މިވަގުތު އިންތިހާބެއްގައި ބައިވެރިވުމަށް ނުފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަ ކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅޭގޮތުން ޕާޓީގެ އިސް މެމްބަރެއްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

"ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް މިޕާޓީ އިން ހުޅުވާލުމުން ކުރިމަތިލެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އެ ޕާޓީން ބުންޏެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ، މަޖިލީހުގައި އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް ހުސެއިން އަވަހާރަވީ އުމުރުން 53 އަހަރުގެ މާލޭ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމް އާއި އެމްޑީޕީން އަދި އެމްއެންޕީން ކެންޑިޑޭޓުން ނެރެން ނިންމާ ކެންޑިޑޭޓުން ވެސް ވަނީ ފައިނަލް ކޮށްފަ އެވެ.

އެގޮތުން ޕީޕީއެމްގެ ޓިކެޓް، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީއަށް ދީފައިވާއިރު އެމްޑީޕީގެ ޓިކެޓް ދީފައިވަނީ މުހައްމަދު ރާޝިދަށެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޓިކެޓް ދީފައިވަނީ އަބްދުލް ހަންނާން އިދުރީސްއަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު މި މަހުގެ 30 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.