Advertisement

އޮމިކްރޯން ވޭރިއެންޓް: ނިއު ޔޯކްގައި ކުޑަކުދިން އެޑްމިޓްކުރުން އިތުރުވެއްޖެ

27 ޑިސެންބަރު 2021 - 13:14 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ނިއު ޔޯކްގައި ސްކޫލް ދަރިވަރުންތަކެއް ސަފު ހަދައިގެން. -- ފޮޓޯ: އޭއެފްޕީ


އޮމިކްރޯން ވޭރިއެންޓް: ނިއު ޔޯކްގައި ކުޑަކުދިން އެޑްމިޓްކުރުން އިތުރުވެއްޖެ

27 ޑިސެންބަރު 2021 - 13:14 0

ވޮޝިންޓަން، އެމެރިކާ (ޑިސެމްބަރު 27) - އޮމިކްރޯން ވޭރިއެންޓާ ހެދި އެމެރިކާގައި ކޮވިޑް ކޭސްތައް އިތުރުވާން ފަށާފައި ވަނިކޮށް ނިއު ޔޯކްގައި ކުޑަކުދިން ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރުން އިތުރުވެއްޖެ އެވެ.

ނިއު ޔޯކް ސްޓޭޓްގެ ޑިޕާޓްމަންޓް އޮފް ހެލްތުން އިންޒާރު ދިން ގޮތުގައި "ކޮވިޑް ބަލީގައި ކުޑަކުދިން ހޮސްޕިޓަލުގައި އެޑްމިޓް ކުރުން އިތުރުވުމުގެ ޓްރެންޑެއް" ދަނީ ފެންނަމުންނެވެ.

"ޑިސެމްބަރު ފަސް ވަނަ ދުވަހުން ފެށިގެން ނިއު ޔޯކްގައި ކޮވިޑް ޖެހިގެން އެޑްމިޓް ކުރާ އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ އަދަދު ހަތަރު ގުނަ އިތުރުވެފައިވާ" ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

ހެލްތު ޑިޕާޓްމަންޓުން އިތުރަށް ބުނީ އެޑްމިޓް ކުރާ ކުދިންގެ 50 ޕަސެންޓަކީ އުމުރުން ފަސް އަހަރަށް ވުރެ ދަށުގެ ކުދިން ކަމަށެވެ. އެއީ ކޮވިޑް ވެކްސިން އަށް ޝަރުތު ހަމަނުވާ އުމުރުފުރާ އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބްތައް ދައްކާ ގޮތުން އެމެރިކާގައި ކޮވިޑް ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި ހަތް ދުވަހު ވެސް ދުވާލަކު 190،000 އެއްހާ ކޭސް ފެނެ އެވެ.

ކޭސްތައް އިތުރުވީ އޮމިކްރޯން ވޭރިއެންޓް ފެތުރެން ފަށާފައި ވަނިކޮށް، ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ގިނަ ބަޔަކު ދަތުރު ކުރުމާއި، އާއިލާތަކުގެ އެއްވުންތައް އިތުރުވުން ފަދަ ކަންކަމާ ހެދި އެވެ.

އޭގެ ސަބަބުން ކޮވިޑް ޓެސްޓު ކުރަން ގިނަ ބަޔަކު މަސައްކަތް ކުރަމުން ދާއިރު، އެމެރިކާގެ ބައެއް ހިސާބުތަކަށް ވަނީ ޓެސްޓު ކިޓުގެ ދަތިކަމާ ކުރިމަތިވެފަ އެވެ.

ކޮވިޑާ ގުޅޭ އެޑްވައިޒަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވީ ޓެސްޓު ކުރުމުގެ މައްސަލަ އެބަ އޮތް ކަމަށާއި ޖެނުއަރީ މަހުން ފެށިގެން ދަތިނުވެ ޓެސްޓު ކުރެވޭނެ ކަމަށެވެ.

ހޮސްޕިޓަލްތަކަށް ބާރު ބޮޑުވުމުގެ އިތުރުން، އޮމިކްރޯން ވޭރިއެންޓާ ހެދި އެތައް ސަތޭކަ ފްލައިޓެއް އެމެރިކާގައި ވަނީ ކެންސަލްކޮށްފަ އެވެ. އެއީ ގިނަ އަދަދެއްގެ ކްރޫ މެމްބަރުން ޕޮޒިޓިވްވުމާއި، ކޮންޓެކްޓްވުން ފަދަ ކަންކަން ދިމާވުމުންނެވެ.

އިނގިރޭސިވިލާތާއި ދެކުނު އެފްރިކާ އިން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި އޮމިކްރޯން ވޭރިއެންޓުން ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް، ބަލީގައި ސީރިއަސްވުން ކުޑަ އެވެ. ނަމަވެސް މިއީ ވަރަށް ހަލުވިކަމާ އެކު ފެތުރޭ ވޭރިއެންޓަކަށް ވާތީ އެއް ފަހަރާ މާ ގިނަ ބަޔަކު ޕޮޒިޓިވްވެ ހޮސްޕިޓަލްތަކަށް ބާރު ބޮޑުވުމުގެ ބިރު އެބަ އޮތެވެ.