27 ޑިސެންބަރު 2021 - 09:54 0
އަމަން ހަލީމް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް: މި އެއާޕޯޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތަކީ މިހާތަނަށް އުތުރުގައި ހިންގޭ އެންމެ އަގުބޮޑު މަޝްރޫއު. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
27 ޑިސެންބަރު 2021 - 09:54 0
އުތުރުގައި އިގުތިސޯދީ ހަބެއް ގާއިމުކުރުމުގެ ބޭނުމުގައި ހިންގާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަށް ބީލަން ހުށަހަޅަން އިއްޔެ ހުޅުވާލައިފި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ހަނިމާދޫ އެއާޕޯޓު އަޕްގްރޭޑްކުރަން ފަންޑުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީންނެވެ. މި މަޝްރޫއަށް 85 މިލިއަން ޑޮލަރު ނުވަތަ 1.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި މަޝްރޫއަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބެނީ ޕްރީކޮލިފިކޭޝަން މަރުހަލާއިން ޝޯޓްލިސްޓު ކުރެވުނު ކުންފުނިތަކަށް އެކަންޏެވެ. އެކަމަކު އެއީ ކޮން ކުންފުނިތަކެއް ކަމެއް ނުބުނެ އެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖެނުއަރީ 25، 2022 އެވެ.
ކުރިން ސަރުކާރުން ބުނީ މި އަހަރުގެ މެދުތެރޭގައި މި މަޝްރޫއުގެ ކޮންޓްރެކްޓް ބަޔަކާ ހަވާލުކުރެވި، ހަމަ މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އެކަމަކު އިންޑިއާގެ ކޮވިޑުގެ ހާލަތު ގޯސްވެ ބީލަން މަރުހަލާ ދިގުލައިގެން ދިޔުމާ ގުޅިގެން އެ ތާރީހުތަކަށް މަސައްކަތްތައް ނުނިމެ އެވެ.
މިހާރު ލަފާކުރަނީ އަންނަ އަހަރުގެ މެދު ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. މި ތާރީހަށް މަސައްކަތް ފެށިއްޖެ ނަމަ، އެންމެ އަވަހަށް ވެސް އެއާޕޯޓުގެ މަސައްކަތް ނިމޭނީ 2024 ގަ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް: މި ޓާމިނަލް ފަރުމާކުރީ ދިވެހި ކަނޑުތަކުގައި އުޅޭ މަޑި އަސްލަކަށް ބަލައިގެން. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި އިގުތިސޯދީ ހަބުތަކެއް ގާއިމްކުރަން ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގައި 2.46 ކިލޯމީޓަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރުގެ ޓާމިނަލަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރެވިގެން ދާނެ އެވެ. އަދި، މި މަޝްރޫއު ނިމުމުން އެއާބަސް A320 އަދި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެ އެވެ.
ސަރުކާރުގެ އުއްމީދަކީ ހަނީމާދޫ އެއާޕޯޓުގެ މަސައްކަތް ނިމުމުން މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާގެ އިތުރުން އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރަން ފެށުމެވެ.
މި މަޝްރޫއަކީ މިހާތަނަށް އުތުރުގެ އަތޮޅެއްގައި އެންމެ ބޮޑު ހޭދައެއް ކޮށްގެން ހިންގާ މަޝްރޫއެވެ. އަދި މި އެއާޕޯޓް ތަރައްގީ ކުރެވުމުން ދިވެހިރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ކުރިމަގު އާރާސްތުކޮށް، ފަތުރުވެރިކަމާއި މަސްވެރިކަމާއީ އެހެނިހެން ސިނާއަތްތައް ހިމެނޭގޮތަށް އިގުތިސޯދުގެ މައިދޮރަށް ހަނިމާދު ވެެގެން ދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment