Advertisement

ފާއިޒްގެ އޯޑިއޯ ސައްހައެއް ނޫން، ސަސްޕެންޝަން އުވާލައިފިން: ޖޭއެސްސީ

26 ޑިސެންބަރު 2021 - 22:35 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ގާޒީ ފާއިޒް: ލީކްކޮށްލި އޯޑިއޯތަކަކީ ފޭކު ކަމަށް މެލޭޝިޔާއިން ތައްޔާރު ކުރި ފޮރިންސިކް ރިޕޯޓުން ހާމަވެއްޖެ -- ފޮޓޯ: އަދަދު ފައިލް


ފާއިޒްގެ އޯޑިއޯ ސައްހައެއް ނޫން، ސަސްޕެންޝަން އުވާލައިފިން: ޖޭއެސްސީ

26 ޑިސެންބަރު 2021 - 22:35 0

ލީކުވި އޯޑިއޯތަކެއްގެ މައްސަލައިގައި ސަސްޕެންޑްކޮށްފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒު ރަޝާދުގެ ސަސްޕެންޝަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ އުވާލައިފި އެވެ.

ސަސްޕެންޝަން އުވާލީ މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަނުން ތައްޔާރު ކުރި ޑިޖިޓަލް ފޮރެންސިކް ރިޕޯޓަކަށް ރިޔާއަތްކޮށް، އޯޑިއޯ ސައްހަ ނޫން ކަމަށް ބުނެ އެވެ.

އެ ރިޕޯޓާ ހަވާލާދީ ޖޭއެސްސީ އިން ބުނީ ލީކްވި އޯޑިއޯގައިވާ އަޑާއި، ގާޒީ ފާއިޒްގެ އަޑާއި އެއްވެސް ވަރަކަށް ގުޅުމެއް ނުވާ ކަމަށެވެ. ނަމަވެސް، ދިވެހި ފުލުހުން ތައްޔާރު ކުރި ފޮރިންސިކް ރިޕޯޓުގައި ވަނީ ވަނީ އެ އޯޑިއޯއާ ގާޒީ ފާއިޒްގެ އަޑާއި ދިމާވާ ކަމަށެވެ.

އެހެންވެ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އޭނާ 60 ދުވަހަށް ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރި އެވެ. އެއީ އެ މައްސަލައިގެ ބާވަތަށާއި ތަހުގީގުގެ ހޯދުންތަކަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށް ބުނެފައިވެ އެވެ.

ގާޒީ ފާއިޒްގެ ސަސްޕެންޝަން މިރޭ އުވާލީ ފުލުހުންގެ އޯޑިއޯ ތަހުލީލު އިތުރަށް ކަށަވަރު ކުރުމަށްޓަކައި މެލޭޝިޔާއަށް ފޮނުވައިގެން ކުރި ތަހުލީލުން ލިބުނު ނަތީޖާއަށް ބިނާކޮށެވެ.

ގާޒީންތަކެއްގެ އޯޑިއޯތަކެއް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ލީކްވި ކަމަށް ބުނެ، ސޯޝަލް މީޑިޔާގައި ދައުރުކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އާއި ގާޒީ ފާއިޒްގެ އިތުރުން ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑު ކަމަށް ތުހުމަތު ކޮށެވެ.

އެހެން ނަމަވެސް ފުލުހުން އެ ތިން ފަނޑިޔާރުންގެ އޯޑިއޯ ސާމްޕަލް ނަނގައިގެން ތަހުލީލު ކުރި އިރު، އެއީ "ޓެމްޕަކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން" ފޮރެންސިކް އެނާލިސިސްއިން ހާމަވެގެން ދިޔަ ކަމަށް ޖޭއެސްސީ އިން ބުނެފައިވެ އެވެ.

މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ތިން ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކޮށް ސުވާލުކުރުމުން، ލީކްކޮށްލާފައި ވަނީ ފޭކު އޯޑިއޯތަކެއް ކަމަށް ވިދާޅުވި ކަމަށްވެސް އޯގަސްޓް މަހު ކޮމިޝަނުން ބުނެފައިވެ އެވެ.

"ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނެ، ބަޔަކު ހަދައިގެން ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށް ދައުރުކުރި ސައްހަ ނޫން އޯޑިއޯތަކާއި، އެމައްޗަށް ބިނާކޮށް ފަނޑިޔާރުންގެ މައްޗަށް މަތިކުރި ދޮގު ތުހުމަތުތައް މިކޮމިޝަނުން ކުށްވެރި ކުރަމެވެ" ފުލުހުންގެ ފޮރިންސިކް ރިޕޯޓް ހާމަކުރުމުން ޖޭއެސްސީ އިން މީގެ ކުރިން ނެރުނު ބަޔާނެއްގައިވެ އެވެ.

އަދި ކޯޓުތަކާއި ފަނޑިޔާރުންނާ ގުޅޭ ގޮތުން މީޑިއާތަކުން ހަބަރު ލިޔާއިރު މީޑިއާއަށް ލިބޭ މައުލޫމާތު އާއްމުކުރުމުގެ ކުރިން އެ މަޢުލޫމާތަކީ އިތުބާރު ކުރެވޭ މަސްދަރުން ލިބޭ މައުލޫމާތުކަން ޒިންމާދާރުކަމާއެކު ކަށަވަރުކުރުމަށްވެސް ޖޭއެސްސީން ބުނެފައިވެ އެވެ.