Advertisement

ކޮލަމް: ކުއްލިއަކަށް ކުޅިވަރު ނޫސްވެރިންގެ ދިފާއުގައި! ކިހިނެއްވީބާ؟

25 ޑިސެންބަރު 2021 - 17:50 2

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

ސާފް ޗެމްޕިއަންޝިޕުގެ ޕްރެސް ކޮންފަރެންސުގެ ތެރެއިން.


ކޮލަމް: ކުއްލިއަކަށް ކުޅިވަރު ނޫސްވެރިންގެ ދިފާއުގައި! ކިހިނެއްވީބާ؟

25 ޑިސެންބަރު 2021 - 17:50 2

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ފުޓްބޯޅަ ޓީމު މެލޭޝިއާ އަށް ފުރަން އެއާޕޯޓުގައި ތިއްބާ އޮފިޝަލެއްގެ ޕާސްޕޯޓް ކުޅުންތެރިއަކު ފޮރުވި އެވެ. ހަގީގަތުގައި ކުޅުންތެރިންތަކެއް ވެގެން އެ ކުޅުންތެރިޔާ ލައްވާ ޕާސްޕޯޓް ފޮރުވީ އެވެ. އެކަން ހިނގައިދިޔަ ގޮތް އެފްއޭއެމުން ބަލަމުން ދިޔައިރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން ވެސް ގެންދިޔައީ އެކަމާ ގުޅޭ ވާހަކަތައް ލިޔަމުންނެވެ. އެހިސާބުން ކުޅުންތެރިންގެ ރުޅި އަމާޒުވީ އަޒްމީނަށެވެ. އޭނާ އަށް ބަހުގެ ހަމަލާ ދިނެވެ. ފެން ޖެހި އެވެ. ޖެއްސުން ކުރި އެވެ. ބާކީކުރި އެވެ. އިންޓަވިއު ދޭން ދެކޮޅު ހެދި އެވެ.

"އެ ދުވަހު އަޅުގަނޑުގެ ދިފާއުގައި ބަހެއް ބުނެލާނެ ނޫހެއް، ނޫސްވެރިއަކު ނެތް. ހަމަ އެކަކު ވެސް އެކައްޗެކޭ ވެސް ނުބުނޭ،" އަޒްމީން ކިޔައިދިނެވެ.

އަޒްމީން ބުނި ގޮތުގައި އޭނާ މަސައްކަތްކުރި ނޫސް ވެސް އެ ދުވަހު އޮތީ ހައްޕު ކިޔައިގެންނެވެ. ފަހަރުގައި އެ ނޫހުން ދެމުން ދިޔަ އެވޯޑްސްގެ އަގު އަޒްމީނަށް ވުރެ ބޮޑުވީ ކަމަށް ވެދާނެ އެވެ.

ދުވަހު މަސައްކަތެއްގެ ގޮތުން ކުޅިވަރު ކަވަރުކުރުން އަޒްމީން ހުއްޓާލި އެއް ސަބަބަކީ ވެސް އޭނާ ބުނި ގޮތުގައި ފުޓްބޯޅައިގެ ކަންކަން ރަނގަޅުކުރަން އޭނާ ފާޑުކިޔުމުގެ ނަޒަރުން ލިޔުނު ލިޔުންތަކާ ގުޅިގެން ކުރިމަތިވި ފުރައްސާރަތަކުން ލިބުނު މާޔޫސްކަމެވެ.

"އަޅުގަނޑު އެކަނިވެ ބާކީވީ،" އަޒްމީން އަސަރާ އެކު ބުންޏެވެ.

އެހެންވިޔަސް އޭނާ ފުޓްބޯޅައާ ދުރެއް ނުވެ އެވެ. ކޮމެންޓްރީ ދެ އެވެ. އެކަމަކު އެކަމުން ވެސް ކުރިމަތިވީ ފުރައްސާރަ އެވެ. އަޒްމީން ކޮމެންޓްރީ ދީފިއްޔާ އޮންނާނީ އޭނާ އަށް ހަޖޫ ޖެހުމެވެ. ގައުމީ ޓީމު ބަލިވަނީ އޭނާއާ ހެދި ޔޯލަ އެވެ. އޭގެން ދުވަހެއްގައި ވެސް އަޒްމީނަށް ހިތްވަރެއް ދޭން މީޑިއާ އާއިލާއަކުން ނުނުކުމެ އެވެ. ނުވިތާކަށް އޭނާ އަށް ސޯޝަލް މީޑިއާގައި މަލާމާތްކުރުމުގައި ބައެއް ނޫސްވެރިން ވެސް ބައިވެރިވެ އެވެ.

އަޒްމީނަށް އެކަންޏެއް ނޫނެވެ. ފާއިތުވި އަހަރުތަކުގައި އެފްއޭއެމުގައި ކޮންމެ މީހަކު ހުއްޓަސް ނޫސްވެރިޔަ ފާޑުކިޔައިފި ނަމަ އެ ނޫސްވެރިޔާ އަށް އުނދަގޫތައް ކުރިމަތިވެ އެވެ. ކްލަބްތަކުގެ ފަރާތުން ވެސް މެ އެވެ.

"ކަލޭ ތީ ނިއު ރޭޑިއަންޓުގެ ސަޕޯޓަރެއް!،"

"ކަލޭ ހުންނަނީ އަހަރެމެންނާ ޖައްސާލާފައި،"

މި ޒާތުގެ ބަހުގެ ހަމަލާތައް އެކަންޏެއް ނޫނެވެ. ނޫސްވެރިންނާ ދިމާލަށް ފައިވާން ވެސް އުކާފައި އެބަހުއްޓެވެ.

އެއް ދުވަހެކެވެ. އެފްއޭއެމުން ސިފައިންނާއި ފުލުހުންނަށް ފުޓްބޯޅައިން ފުރުސަތު ނުދީގެން ނޫސްވެރިޔަކު ލިޔުނެވެ.

"ކަލެއަށް ކިހާ ވަރެއް އެ މީހުން ދީގެން އުޅެނީ؟" ސުވާލު ކުރަން އެފްއޭއެމްގެ ވެރިޔަކަށް ގުޅުމުން ދިނީ މި ޖަވާބެވެ.

ޖަވާބު ބުދީ އޭނާ އެ ނޫސްވެރިޔާ "ބޮއިކޮޓް" ކުރީ އެވެ.

އަނެއް ދުވަހު އެ ނޫސްވެރިޔާ ޕްރެސް ކޮންފަރެންސަށް ދިއުމުން އެއްކަލަ ވެރިޔާ އާއި އޭނާގެ އެކުވެރި ނޫސްވެރިންތައް ވެގެން އެ ނޫސްވެރިޔާ ބާކީކޮށްލި އެވެ.

އެހެން ދުވަހެކެވެ. ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗެއް ހަމަނުޖައްސައިގެން ނޫސްވެރިޔަކު ލިޔުނެވެ.

"ކަލޭމެން ތި ދޭ އެވޯޑުގެ އޮފު ކަނޑުވާލާނަން އަހަރެމެންނާ ޖައްސާލައިގެން އުޅެންޏާ،" އެފްއޭއެމްގެ އޮފިޝަލަކު ބުންޏެވެ.

އެ އޮފިޝަލް އެހެން ބުނިއިރު ބައެއް އެހެން ނޫސްވެރިން ވެސް އޭނާއާ ބައިވެރިވާ ކަހަލަ ގޮތަކަށް ހިނި އައިސްފައި ތިއްބެވެ.

އެ ނޫސްވެރިޔާ އެކަން އޭނާ މަސައްކަތްކުރި ނޫހުގެ ވެރިންނާ ހަމަޔަށް ގެންދިޔަ އެވެ.

"ހެހެ...އަޅާނުލާ،" ވެރިޔާ ވިދާޅުވި އެވެ.

އެހެން ދުވަހެކެވެ. ކުޅުންތެރިޔަކު ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއް ކުރުމުން ނޫސްވެރިޔަކު އެ ވާހަކަ ރިޕޯޓްކުރި އެވެ. ނަތީޖާއަކަށްވީ އެ ކުޅުންތެރިޔާ އާއި އޭނާގެ އެކުވެރި އެހެން ނޫސްވެރިން ވެގެން، އެ ނޫސްވެރިޔާ ބުލީ ކުރުމެވެ. އެކަން ނޫހުގެ ވެރިންނަށް މާބޮޑު ކަމަކަށް ނުވި އެވެ.

އޭގެ ފަހުން ދުވަހެކެވެ. އެފްއޭއެމަށް ފާޑުކިޔައިގެން ނޫސްވެރިޔާ އަށް "އަދަބު" ލިބިއްޖެ އެވެ. އޭނާ މަސައްކަތްކުރި ނޫހުން ދޭ އެވޯޑަށް ބޭނުންވާ ތަފާސްހިސާބު އެފްއޭއެމުން ރަސްމީ އުސޫލުން ނުދިނީ އެވެ. އެ އެއްޗިސް އޭނާ ހޯދަން ޖެހުނީ އެފްއޭއެމްގައި މަސައްކަތްކުރާ ރައްޓެއްސެއްގެ ފަރާތުންނެވެ.

ފަހުގެ ދުވަސްތަކުން ދުވަހެކެވެ. އެފްއޭއެމްއާ ދެކޮޅަށް ފާޑުކިޔުމުގެ ވަރުގަދަ އޮއިވަރެއް ދެމުނު ދުވަސްވަރެކެވެ. ސްޕޯޓްސް މިނިސްޓްރީ ވެސް އޮތީ އެފްއޭއެމަށް ތާއީދުކޮށްގެންނެވެ. އެހެންވެ ނޫސްވެރިޔަކު ލިޔުނު ހަބަރަކާ ގުޅިގެން ސީދާ މިނިސްޓަރު އެ ނޫސްވެރިޔާ ދޮގު ހަދަނީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާގެ "އަގު ވައްޓާލި" އެވެ.

އެ ދުވަހު އެ ނޫސްވެރިޔާގެ ދިފާއުގައި ބަހެއް ބުނާނެ މީހަކު ނުވި އެވެ.

އެ ދުވަސްވަރު އެތަނާ ހަވާލުވި އެހެން މިނިސްޓަރު ކައިރި ރިޒޯޓެއްގައި އިވެންޓެއް ބާއްވައި ނޫސްވެރިން ވެސް ގެންދަން އުޅުނެވެ. ނޫސްވެރިންގެ ރުހުން އެފްއޭއެމަށް ހޯދައިދެވޭތޯ އެވެ. ބައެއް ނޫސްވެރިން އެތަނަށް ނުދާން އުޅުނެވެ. މަގުސަދު ސާފުވާތީވެ އެވެ.

އެކަމަކު އެ ދުވަހު ނޫހުގެ ވެރިއެއްގެ ފަރާތުން އޭނާ އައީ އިންޒާރެކެވެ.

"ދާން ޖެހޭނެ!،"

މީގެން އެއްވެސް ކަމެއް ހިނގިއިރު ނޫސްތަކުގެ ވެރިންނާއި ނޫސްވެރިންނާއި ނޫސްވެރިންގެ އެސޯސިއޭޝަންތަކުން ބަހެއް ނުބުނެ އެވެ. އެވެރިންގެ އެކުވެރިން އެފްއޭއެމުގައި ތިބީމަ ކަމަށް ވެދާނެ އެވެ. ނޫނީ އެވެރިންގެ އެކުވެރިން ކޯޗުންނަށް ތިބީމާ ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ އެވެރިންގެ އެވޯޑު އެވެރިންނަށް މާ މުހިއްމު ވީމަ ކަމަށް ވެސް ވެދާނެ އެވެ. ނޫނީ ފަހަރުގައި ސިޔާސީ ކަމެއް ނޫން ވީމާ ސަމާލުކަމެއް ނުދިނީ ބާވަ އެވެ؟

އެހެންވެ އިހަށް ދުވަހުގެ އެޕިސޯޑާ އެކު ހުރިހާ އެންމެން ކުޅިވަރު ނޫސްވެރިންގެ ދިފާއުގައި ނުކުތުމުން އަޖާއިބުވި އެވެ. ހިތަށް އެރި އެވެ. ކުއްލިއަކަށް ބަދަލުވީ ކޮން ކަމެއް ހެއްޔެވެ؟ ކުއްލިއަކަށް އެފްއޭއެމާއި ކްލަބްތައް ގޯސްވެފައި ކުޅިވަރު ނޫސްވެރިން ރަނގަޅުވީ ކީއްވެ ބާވަ އެވެ؟ އިއްޔެ އޭނާގެ ކޮލަމެއް، ހަބަރެއް ޖަހައިދޭން ބޭނުންނުވި މީހާ މިއަދު ވިސްނުންތެރި ކޮލަމިސްޓަކަށް ވީ ކީއްވެ ބާވަ އެވެ؟

ހިތަށް އަރަ އެވެ. އެއީ ސާފް ޗެމްޕިއަންޝިޕަށް އެފްއޭއެމުން ޕާޓްނަރުން ކަނޑައެޅި ގޮތުން ވީ ކަމެއް ބާވަ އެވެ؟ މައްސަލައެއް ނެތެވެ. ކޮންމެ ސަބަބަކާ ލައިގެން ވިޔަސް އެންމެ ފަހުން ކުޅިވަރު ނޫސްވެރިންގެ ދިފާއުގައި ބަހެއް ބުނުމުގެ ހިތްވަރު ބަޔަކަށް ލިބިއްޖެތާ އެވެ.