Advertisement

ޓްރަމްޕްގެ ވެރިކަމުގައި ބެލެނިވެރިންނާ ވަކިކުރި 100 ކުދިން އާއިލާއާ ހަވާލުކޮށްފި

26 ޑިސެންބަރު 2021 - 07:08 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މެކްސިކޯ އިން އެމެރިކާ އަށް ހިޖުރަ ކުރަން މަސައްކަތް ކުރި އާއިލާއެއްގެ ދެ ކުދިން. -- ފޮޓޯ: އޭއެފްޕީ


ޓްރަމްޕްގެ ވެރިކަމުގައި ބެލެނިވެރިންނާ ވަކިކުރި 100 ކުދިން އާއިލާއާ ހަވާލުކޮށްފި

26 ޑިސެންބަރު 2021 - 07:08 0

ވޮޝިންޓަން، އެމެރިކާ (ޑިސެމްބަރު 25) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވި ޒީރޯ ޓޮލަރެންސް ބޯޑަރު ސިޔާސަތުގެ ދަށުން ބެލެނިވެރިންނާ ވަކިކުރި 100 ކުދިން އާއިލާތަކާ ހަވާލުކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އިން ބުނީ އެމެރިކާގެ ދެކުނުގައިވާ ގައުމުތަކަށް ނިސްބަތްވާ 100 ކުދިން އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށާއި އިތުރު 350 ކުދިން އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ރައީސް ޖޯ ބައިޑެންގެ ވެރިކަމުގެ ފުރަތަމަ ދުވަހު ނެރުއްވި އަމުރެއްގައި އަންގަވާފައި ވަނީ ޓްރަމްޕްގެ ސަރުކާރުން ވަކިކުރި އާއިލާތައް އަލުން ގުޅުވައިދިނުމަށެވެ. އެމެރިކާ އާއި މެކްސިކޯ ގުޅޭ ބޯޑަރުން ގަވާއިދާ ހިލާފަށް ހިޖުރަ ކުރުން ހުއްޓުވުމުގެ ބޭނުމުގައި ޓްރަމްޕް ގެންގުޅުއްވި ސިޔާސަތަށް ބައިޑެން ފާޑުވިދާޅުވި އެވެ.

ކުދިންތައް އާއިލާއާ ހަވާލުކުރުމުގެ މަސައްކަތަށް ގިނަ ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން މައުލޫމާތު ރަނގަޅަށް ބަލަހައްޓާފައި ނުވުމާއި، ކޭސްތަކުގެ އަދަދު ގިނަކަމުން ވެސް ގޮންޖެހުންތައް އެބަ ހުރި ކަމަށް ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އިން ބުނެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ވެސް 50 ކުދިން ވަނީ އާއިލާތަކާ ހަވާލުކޮށްފަ އެވެ. އެމެރިކާ އާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއެމްއޯ) ގުޅިގެން ގާއިމްކުރި ވެބް ޕޯޓަލް އެއް މެދުވެރިކޮށް، މަސައްކަތް ހަލުވިކުރެވޭތީ ދަނީ ބަލަމުންނެވެ.

އެ ވެބްސައިޓް މެދުވެރިކޮށް، އާއިލާތަކަށް އެމެރިކާ ސަރުކާރަށް ގުޅައިގެން ކުރިއަށް ދިޔުމަށް މަގުފަހިވެ އެވެ. ވަރަށް ގިނަ އާއިލާތަކަކީ ގެއްލުނު ކުދިން ހޯދަން އެމެރިކާ އަށް ދިޔުމުގެ ތަނަވަސްކަން ނެތް އާއިލާތަކެވެ. އެހެންކަމުން ވެބްސައިޓް މެދުވެރިކޮށް ވާހަކަދައްކައިގެން އެކަން ފަހިކުރެވޭނެ އެވެ.

ޓްރަމްޕްގެ ހަރުކަށި ސިޔާސަތުގެ ދަށުން 2018 ވަނަ އަހަރު 5،500 އަށް ވުރެ ގިނަ ކުދިން ގަދަކަމުން ބެލެނިވެރިންނާ ދުރުކުރި އެވެ. މެކްސިކޯ އިން އެމެރިކާ އަށް ގަވާއިދާ ހިލާފަށް އެތެރެވެ، ގާނޫނުގައިވާ ގޮތަށް ރައްކާތެރިކަމަށް އެދުނު ނަމަވެސް، އޭރު ސަރުކާރުން ދިޔައީ އެ މީހުންނަށް ޖިނާއީ ދައުވާ އުފުލަމުންނެވެ.

ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީ އާއި ގިނަ އާއްމުންގެ ފާޑުކިޔުން އަމާޒުވެ، އެ ސިޔާސަތަށް އަމަލު ކުރުން ހުއްޓާލީ ޖޫން 2018 ގަ އެވެ. އެމެރިކަން ސިވިލް ލިބަޓީޒް ޔޫނިއަން އިން ކޯޓަށް ވެއްދި މައްސަލައެއްގައި، އެ ސިޔާސަތު ވަގުތުން ހުއްޓާލަން ވެސް އަމުރުކުރި އެވެ.

ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އިން ބުނީ އޭރު ބެލެނިވެރިންނާ ވަކިވި 1،150 ކުދިން ވީނުވީ ތަނެއް ހޯދިފައި ނުވާ ކަމަށެވެ.