Advertisement

ރިވައިވަލް ބަލިކޮށް ސީއެސް ސްޕޯޓްސް އިން މިކްސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

25 ޑިސެންބަރު 2021 - 10:45 2

ޗެމްޕިއަންކަން ހޯދި ސީއެސް ކުޅުންތެރިން ތަށި އުފުލާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރިވައިވަލް ބަލިކޮށް ސީއެސް ސްޕޯޓްސް އިން މިކްސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

25 ޑިސެންބަރު 2021 - 10:45 2

އެންމެ ފަހުގެ ޗެމްޕިއަން ރިވައިވަލް ސްޕޯޓްސް ބަލިކޮށް ސީއެސް ސްޕޯޓްސް އިން ބެޑްމިންޓަން މިކްސް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މިދިޔަ އަހަރު ފެށި މިކްސް ޗެމްޕިއަންޝިޕްގެ އަލަތު މުބާާރާތް ކާމިޔާބުކުރީ އިންޑޯ ބަލިކޮަށް ރިވައިވަލް އިންނެވެ. އެކަމަކު، އިއްޔެ ހަވީރު ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގައި ކުޅުނު މެޗުން ރިވައިވަލް އަތުން ސީއެސް މޮޅުވީ ހަ ގޭމުގެ ތެރެއިން ހަތަރު ގޭމުން މޮޅުވެގެންނެވެ.

އިއްޔެގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފިރިހެން ޑަބަލްސްގައި ރިވައިވަލްގެ ޒަޔާން ޒަކީ އާއި ރިޝްވާން ޝިޔާމްގެ ޕެއާ އަތުން ސީއެސްގެ ހަސަން އަފްޝީން ޝަހީމް އާއި ހިޝާމް ލަތީފްގެ ޕެއާ ވަނީ މޮޅުވެފަ އެވެ. ފުރަތަމަ އަންހެން ޑަބަލްސްގައި ވެސް މޮޅުވީ ސީއެސް އެވެ. ރިވައިވަލްގެ ބުސައިނާ އަހުމަދާއި މިންނަ ރަޝީދުގެ ޕެއާ އަތުން ސީއެސްގެ އައިމިނަތު ޝަހުރުނާޒާއި ޝިފްނާ ހުސެއިންގެ ޕެއާ ވަނީ މޮޅުވެފަ އެވެ.

އެކަމަކު, ދެން ކުޅުނު ދެ ގޭމުން މޮޅުވީ ރިވައިވަލް އެވެ. ފުރަތަމަ މިކްސް ޑަބަލްސްގައި ޒަޔާން އާއި ފާތިމަތު ނަބާހާގެ ޕެއާ ވަނީ ސީއެސްގެ އަލީ މުއާޒް އާއި މައިސާ ފަތުހުﷲ އިސްމާއިލްގެ ޕެއާ ބަލިކޮށްފަ އެވެ. ދެން ކުޅުނު ދެ ވަނަ ފިރިހެން ޑަބަލްސް އިން ސީއެސްގެ މުއާޒާއި އިބްރާހިމް ހުޝާމްގެ ޕެއާ އަތުން ރިވައިވަލްގެ މުހައްމަދު ނަޝްފާން އާއި މުހައްމަދުު ސާރިމްގެ ޕެއާ ވަނީ މޮޅުވެފަ އެވެ.

ސީއެސް މޮޅުވީ ދެން ކުޅުނު ދެ ގޭމް ކާމިޔާބު ކޮށްގެންނެވެ. ދެ ވަނަ އަންހެން ޑަބަލްސްގައި ރިވައިވަލްގެ މިންނަ އާއި އައިޝަތު އިބްރާހިމްގެ ޕެއާ އަތުން ސީއެސްގެ ޝަހުރުނާޒާއި ފާތިމަތު އަމާނީގެ ޕެއާ ވަނީ މޮޅުވެފަ އެވެ. ދެން ކުޅުނު މިކްސް ޑަބަލްސް މެޗުން ސީއެސް މޮޅުވެ، ފައިނަލު ކާމިޔާބުކުރީ އެވެ. ދެ ވަނަ މިކްސް ޑަބަލްސްގައި ވާދަކުރީ ރިވައިވަލްގެ ނަޝްފާން އާއި ނަބާހާގެ ޕެއާ އާއި ސީއެސްގެ ހިޝާމް އާއި މައިސާގެ ޕެއާ އެވެ. މި މެޗުން މޮޅުވީ ހިޝާމް އާއި މައިސާގެ ޕެއާ އެވެ.

މި ފަހަރުގެ މިކްސް ޗެމްޕިއަންޝިޕްގައި ޖުމްލަ ހަތް ޓީމެއް ވާދަކުރި އެވެ. ސީއެސް ތަށި އުފުލާލީ މެޗަކުން ބަލިނުވެ އެވެ.