Advertisement

ކޮވިޑް ގެ ފަރުވާ އަށް ފައިޒާ އިން ބޭސް ގުޅައެއް: މިވަގުތަށް އެނގެން ހުރި ބައެއް މައުލޫމާތު

31 ޑިސެންބަރު 2021 - 09:50 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ފައިޒާ ކުންފުނިން ކޮވިޑްގެ ފަރުވާއަކަށް ކެވިދާނެ ބޭހެއް އުފައްދައިފި- ފޮޓޯ: ޕެކްސެލް


ކޮވިޑް ގެ ފަރުވާ އަށް ފައިޒާ އިން ބޭސް ގުޅައެއް: މިވަގުތަށް އެނގެން ހުރި ބައެއް މައުލޫމާތު

31 ޑިސެންބަރު 2021 - 09:50 0

ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަހަރުމެންނަށް މިހާތަނަށް ފެނިފައިވާ ހަމައެކަނި ފަރުވާއަކީ ވެކްސިނެވެ.

ނަމަވެސް ވެކްސިނަކީ މިކަމުގެ ދާއިމީ ހައްލެއް އަދި ފަރުވާއެއްވެސް ނޫނެވެ. މިހާތަނަށް އުފައްދާފައިވާ ކޮވިޑް ވެކްސިންތަކުން ލިބިގެންދަނީ ވަގުތީ ރައްކާތެރިކަމެކެވެ.

ކޮވިޑް ވެކްސިން އުފެއްދުމުގައި އެންމެ ކުރިއަރާފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފައިޒާ ކުންފުނިން ވަނީ ދާދި ފަހުން ކޮވިޑް ޖެހުމުން ފަރުވާއެއްގެ ގޮތުގައި ކެވިދާނެ ބޭސްގުޅައެއް އުފައްދާފައެވެ.

މި ބޭސްގުޅައިގެ ސަބަބުން ވެކްސިން ނުޖެހޭ މީހުންނަށާއި ބޫސްޓާ ޑޯޒް ނުލިބި ތިބި މީހުންނަށާއި ކޮވިޑް ޖެހި އެ ބައްޔަށް ފަރުވާ ކުރަމުންދާ މީހުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ޕެކްސްލޮވިޑް: މި ބޭސް ބޭނުންކުރުމަށް އެމެރިކާގެ އެފްޑީއޭއިން ވަނީ ހުއްދަ ދީފަ- ފޮޓޯ ފައިޒާ


ބޭސް ބޭނުންކުރުމުގެ ހުއްދަދީފައިވާ ގޮތް

މީގެ ކުރިން ކޮވިޑްގެ ރޯގާ ޖެހުމުން ބޭނުންކުރާނެ ވަކި ބޭހެއް ލިބޭކަށްނުހުރެ އެވެ. ފަރުވާއަށް ބޭނުންކުރަމުން ދިޔައީ ހަމަ އާދައިގެ ރޯގާ ޖެހުމުންވެސް ބޭނުންކުރާ ބޭސްތަކެވެ.

ފައިޒާ ކުންފުނިން އުފައްދާފައިވާ "ޕެކްސްލޮވިޑް" ބޭސްގުޅައަކީ ކޮވިޑް ބައްޔަށް ހާއްސަކޮށް އުފައްދާފައިވާ ފަރުވާއެކެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެސޯސިއޭޝަނުންވަނީ މި ބޭސް ބޭނުންކުރުމުގެ ހުއްދަ މިމަހުގެ 22 ވަނަ ދުވަހު ރަސްމީކޮށް ދީފަ އެވެ. އެ އިދާރާގެ މެނޭޖިންގް ޑިރެކްޓާ، ޕެޓްރިޒިއާ ކަވާޒޮނީ މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ބޭސް ބޭނުންކުރުމުގެ ހުއްދަ އެ އިދާރާއިން ދީފައި އެވަނީ އޮމިކްރޯން ވޭރިއެންޓު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ އެމަޖެންސީ އޮތޮރައިޒޭޝަން ޔޫސް ގެ ގަވައިދުގެ ދަށުންނެވެ.

"ޕެކްސްލޮވިޑް" އަކީ ކޮވިޑް ބަލިކުރެވޭ ވަރުގެ ހަތިޔާރަކަށް ވެދާނެތަ؟

މި ބޭސް ބޭނުން ކުރުމުގެ ހުއްދަ ދީފައި އެވަނީ އެތައް ދިރާސާ ތަކަކަށް ފަހު، ބޭސް ބޭނުންކުރުމުން ބަލި ރަނގަޅުވުމަށް މަގުފަހި ވެގެންދާކަން ކަށަވަރުވުމުން ކަމަށް އެމެރިކާއިން ހާމަކުރި އެވެ.

މި ބޭސް ޓެސްޓުކުރުމުގެ ތަފާތު މަރުހަލާތަކުގައި 18 އަހަރުން މަތީގެ 2،000 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްފައިވެ އެވެ. މި އެންމެނަކީވެސް ވެކްސިން ނުޖަހާ މީހުންނެވެ. ވެކްސިން ނުޖަހާ މީހުން މި ބޭސް ޓެސްޓުކުރުމަށް ބޭނުންކޮށްފައި ވަނީ ބޭހުގެ ހަގީގީ ބާރު ދެނެގަތުމަށްޓަކަ އެވެ.

މިގޮތަށް ބޭސް ޓެސްޓުކޮށްފައިވާ މީހުންގެ ކިބައިން ފެނިފައިވަނީ ވަރަށް އުންމީދީ ނަތީޖާތަކަވެ. ކޮވިޑް ޖެހުމުން މިބޭސް ބޭނުންކުރި މީހުންގެ ތެރެއިން 88 ޕަސެންޓު މީހުން ފަސް ދުވަހުގެ ތެރޭގައި ބަލިން ސަލާމަތްވި އެވެ.

މި ބޭހުގައި ހިމެނޭ މާއްދާތަކުން ކޮރޯނާ ވައިރަހުގެ ޕްރޮޓީންތައް ގިނަވުން ހުއްޓުވަ އެވެ. އަދި ވައިރަސް އިންސާނާގެ ހަށިގަނޑުތެރެއަށް ފެތުރިގަންނަ މިންވަރު ވަރަށް ބޮޑަށް ކުޑަކޮށްދެ އެވެ.

ޕެކްސްލޮވިޑް ބޭނުންކުރި މީހުންގެ ތެރެއިން 88 ޕަސެންޓު މީހުން ފަސް ދުވަހުގެ ތެރޭގައި މި ބަލިން ސަލާމަތްވި


ބޭސް ބޭނުންކުރާ ގޮތް

އެމެރިކާގެ އެފްޑީއޭއިން މި ބޭސް ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އުމުރުން 12 އަހަރުން މަތީގެ މީހުންނަށެވެ. މި ބޭސް ބޭނުންކުރެވޭނީ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުންނެވެ.

ޕެކްސްލޮވިޑް ބޭހުގެ ގޮތުގައި ދުވާލަކު ތިން ގުޅަ ކާން ޖެހެއެވެ. އެއީ ވައިރަސް ފެތުރޭ މިންވަރު ކުޑަކުރުމަށް އެހީވާ މާއްދާ އެކުލެވޭ ދެ ބޭސް ގުޅައަކާއި، އެ މާއްދާ ހަށިގަނޑުގެ ތެރޭގައި ގިނަ ވަގުތު ބެހެއްޓުމަށް އެހީވެދޭ މާއްދާއެއް އެކުލެވޭ ބޭސް ގުޅައެކެވެ.

މި ބޭސް ބޭނުން ކުރަން ޖެހެނީ ބަލީގެ އަލާމާތްތައް ފެންނަށް ފަށާ ދުވަހުން ފެށިގެން ފަސް ދުވަސް ވަންދެންނެވެ.

މި ބޭހުގެ ސަބަބުން ދިމާވެދާނެ ބައެއް ނޭދެވޭ އަސަރުތައް

މި ބޭހަކީ އަދި ދުނިޔެއަށް އަލަށް ތައާރަފްކޮށްފައިވާ ބޭހެއް ކަމުން ސަމާލުކަން ދިނުން މުހިންމު ކަންކަންވެސް ހުންނާނެކަން ޔަގީނެވެ. ސިއްހީ މާހިރެއްގެ ބެލުމުގެ ދަށުން ނޫނީ އަދި މި ބޭސް ނުކެއުމަށް ގޮވާލާފައި އެވަނީ މިހެންވެއެވެ.

އެއިޑްސް ފަދަ ދާއިމީ ބޮޑެތި ބަލިތައް ހުންނަ މީހުން މި ބޭސް ބޭނުންކުރުމުން ނިކުމެދާނެ ނަތީޖާ އަދި ޔަގީނެއް ނުވެއެވެ. މިހާތަނަށް ކުރެވުނު ދިރާސާތަކުން އެނގިފައިވާ ގޮތުގައި އެޗްއައިވީ ޖެހިފައި ތިބޭ މީހުން މިބޭސް ބޭނުންކުރުމުން އެޗްއައިވީއަށް ފަރުވާއެއްގެ ގޮތުގައި ކާންޖެހޭ އެހެނިހެން ބޭސްތަކުގެ އަސަރު ހަށިގަނޑަށް ކުރާ މިންވަރު ކުޑަވުން އެކަށީގެންވެއެވެ.

މީގެ އިތުރުން ކިޑްނީގެ މައްސަލަތައް ހުންނަ މީހުންނާއި ލިވާގެ މައްސަލަތައް ހުންނަ މީހުންނަށް ބޭހުގެ ކުޑަ ޑޯޒެއް ދިނުމަށް ވެސް ދިރާސާކުރާ ފަރާޓްތަކުން ލަފާދެ އެވެ.

ކޮންމެއަކަސް އަނެއްކާ ވެސް އާ ފެށުމެކެވެ. ކޮވިޑަށް ހާއްސަ ބޭހެއް ވެސް މިހާރު ލިބުނީ އެވެ. ބޭސްތަކާއި ވެކްސިންތައް އުފައްދަމުންދާ ވަރަކަށް ވައިރަސް ވެސް ދަނީ މިއުޓޭޓްވެ ބަދަލުވަމުންނެވެ. މި ރޭހުގައި ކުރި ހޯދޭނީ އިންސާނުންނަށްތޯ ނޫނީ މި ވައިރަހަށްތޯ ދެން ބަލަމާ ހިނގާށެވެ.