Advertisement

މާދަމާއިން ފެށިގެން މިފްކޯއަށް ގަންނާނީ ދޯންޏަކުން ފަސް ޓަނުގެ މަސް!

24 ޑިސެންބަރު 2021 - 14:58 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ކޫއްޑޫ ފިޝަރީޒު ކޮންޕްލެކްސް: މިފްކޯގެ ސެންޓަރުތަކަށް އަދި ބޯޓު ފަހަރުގެ ޖާގައަށް ވުރެ އިތުރަށް ދަނީ މަސް ބާނަމުން -- ފޮޓޯ: މިފްކޯ


މާދަމާއިން ފެށިގެން މިފްކޯއަށް ގަންނާނީ ދޯންޏަކުން ފަސް ޓަނުގެ މަސް!

24 ޑިސެންބަރު 2021 - 14:58 1

މަސްވެރިކަން ތިޔާގިވެ، ފެކްޓްރީގެ ޖާގައަށް ވުރެ ކިރުވަން ގެންނަ މަހުގެ އަދަދު އިތުރުވުމުން ގަންނަ މިންވަރު ކޮންޓްރޯލްކޮށް، ދޯންޏަކުން ގަންނާނީ ފަސް ޓަނުގެ މަސް ކަމަށް މިފްކޯއިން ކަނޑައަޅައިފި އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ އެ ކުންފުނީގެ ސެންޓަރަކުތަކާއި ބޯޓު ފަހަރަށް މަސް ކިރުވަމުން އަންނާތީވެ، މަސް ފިނިކޮށްފައި ބެހެއްޓޭ ޖާގައަށް ވުރެ އިތުރަށް މަސް ލިބެމުންދާ ކަމަށެވެ. އެހެންވެ، މާދަމާއިން ފެށިގެން ކޮންމެ ދޯންޏަކުން ގަންނަނާނީ ފަސް ޓަނުގެ މަސް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިގޮތަށް ހަމަޖެއްސިކަމުގައި ވީނަމަވެސް ސެންޓަރުތަކުން މިހާރު ކިޔޫ ނަންބަރު ދެވިފައި ހުރި ދޯނިފަހަރު މަސް ކިރައި ނިމެންދެން އެ ދޯނިފަހަރުގެ މަސް، ކޮންޓްރޯލެއް ނެތި ކިރަމުންދާނެ،" ބަޔާނުގައިވެ އެވެ.

ސެންޓަރުތަކުގައި ދޯނިތައް ކިޔޫ ހަދާފައިވާއިރު، މިފްކޯއިން ނިންމާފައިވަނީ އިއްޔެ ކިޔޫއަށް އަރާފައިވާ ދޯނިފަހަރުގެ މަސް މިއަދުގެ ބަޔަކާއެކު ކިރައި ނިންމުމަށެވެ.

އާންމުކޮށް ހުކުރު ދުވަހަކީ އެ ކުންފުނީގެ ބަނދަރުތަކާއި ބޯޓު ފަހަރަށް މަސް ކިރާ ދުވަހެއް ނޫނެވެ. ނަމަވެސް މަސްވެރިކަން ރަނގަޅުވުމެފައިވާތީ، ވޭތުވެދިޔަ ހަތަރު ހުކުރު ދުވަހު ވެސް މަސް ކިރުން ކުރިއަށް ގެންދިޔަ އެވެ.

އެ ކުންފުނިން ބުނީ ފާއިތުވި ދޮޅު މަސް ދުވަހު އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެ ކޯލްޑް ސްޓޯރޭޖްތައް ފުރެމުންދާތީ ކެރިއަ ބޯޓުތައް ގެނެސް މަސް އެކްސްޕޯޓުކުރުމުގެ މަސައްކަތް ވެސް ހިނގަމުންދާ ކަމަށެވެ.

މިފްކޯގެ ބޯޓެއް: މަސް އެކްސްޕޯޓުކުރުމުގެ މަސައްކަތް މެދުކެނޑުމެން ނެތި ދަނީ ކުރިޔަށް .. -- ފޮޓޯ: މިފްކޯ


ރެކޯޑް އަދަދުތަކެއް

ފާއިތުވި އަހަރު މިފްކޯއަށް ޖުމުލަ 49،392 ޓަނުގެ މަސް ގަނެފައި ވާއިރު، މިއަހަރުގެ މިހާތަނަށް 56،198 ޓަނުގެ މަސް ގަނެފައިވާ ކަމަށް އެ ކުންފުނީގެ ބަޔާނުގައިވެ އެވެ. މި މަހުގެ މިހާ ހިސާބަށް 8،796 ޓަނުގެ މަސް ގަނެފައިވާއިރު، މިއީ މިފްކޯގެ ތާރީހުގައި ވެސް މަސްދުވަހުގެ ތެރޭގައި އެންމެ ގިނައިން މަސް ގަނެވޭނެ ފަހަރަށް ވާނެ ކަމަށް ބަޔާނުގައިވެ އެވެ.

"މި މަސް ނިމޭއިރު 10،500 ޓަނުގެ މަސް ގަނެވޭނެ ކަމަށް އަންދާޒާ ކުރެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި، މަސް ގަތުމުގެ ކެޕޭސިޓީއަށް ގެނެވިފައިވާ ހެޔޮ ބަދަލާއެކު މިހާރު ދުވާލަކު 400 ޓަނާއި 500 ޓަނުގެ މަސް ގަންނަމުންދެ އެވެ. މަސްވެރިކަން ރަނގަޅު ދުވަސްވަރަށް ތައްޔާރުވި ނަމަވެސް، ލަފާކުރި ވަރަށް ވުރެ ލިބޭ މަސް އިތުރުވެގެން ގޮސްފައިވާ ކަމަށާއި، މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރާއެކު ކެނޑި ނޭޅީ މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.