Advertisement

ބިންމާ އިބްރާހިމް ވަހީދު: ވާހަކަ ލިޔުމުގެ ފަންނަށް ބަދަލުތަކެއް ގެނެސްދެއްވި ލިޔުންތެރިއެއް

24 ޑިސެންބަރު 2021 - 07:47 1

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ބިންމާ އިބްރާހިމް ވަހީދު: ވާހަކަ ލިޔުމުގެ ފަންނަށް ބަދަލުތަކެއް ގެނެސްދެއްވި ލިޔުންތެރިއެއް

24 ޑިސެންބަރު 2021 - 07:47 1

"އިންސާނުންނަށް ކުޑަކުޑަ ބާރެއް ލިބުނަސް ހާދަ ބޮޑާވެޔޭދޯ؟"

މިއީ ދިވެހި ކިޔުންތެރިން އަދި ދިވެހި ފިލްމަށް ލޯބިކުރާ މީހުންނަށްވެސް ފަރިތަ ބުނުމެކެވެ. މިއަދުގެ ފިލްމީ "ލެޖެންޑެއް" ކަމުގައި ބެލެވޭ ރީކޯ މޫސާ މަނިކުގެ ފިލްމީ ޙަޔާތުގައި ފާހަގަކޮށްލެވޭ ހުށަހެޅުންތަކުގެ ތެރެއިން ގުނާލެވޭ ވަގުތުކޮޅެކެވެ. އަޅުގަނޑު މިއަދު މި ދައްކަނީ، މަތީގައި މި ދެންނެވި މަޝްހޫރު ސުވާލު ކަރުދާހަށް ތިލަކޮށްދެއްވި ލިޔުންތެރިޔާގެ ވާހަކަ އެވެ. ކޮމަރޝަލް ފެންވަރުގައި ދިވެހި ވާހަކަ ލިޔުއްވުމުގައި މި ފަދަ ދެވަނައެއް ނެތް ލިޔުންތެރިއެއްގެ ވާހަކަ އެވެ. ކެމެރާމަން، އެކްޓަރު، ސްކްރީން ރައިޓަރު، އަދި މަޝްހޫރު ލިޔުންތެރިޔާ އިބްރާހިމް ވަހީދު "ބިންމާ" ގެ ވާހަކަ އެވެ.

ގިނަ ބަޔަކު އިއްތިފާޤުވާނޭ ގޮތުގައި ބިންމާ އިބްރާހިމް ވަހީދުގެ އެންމެ މަޝްހޫރު މަސައްކަތަކީ ބައިބަޔަށް "ހަވީރު" ނޫހުގައި ޝާއިޢުކުރައްވައިގެން ޢާއްމުކުރެއްވި ވާހަކަ "ފަތިސްހަނދުވަރު" އެވެ. އޭރު އެ ވާހަކަ ޝާއިޢުކުރި އިރު ފޮޓޯގައި ފެންނަ ކޮނޑާހަމައަށް އިސްތަށިގަނޑު ދިގުކޮށްފައި ހުރި، ބައިމަތި ފުޅާ، ރަތްކުލައިގެ ގޮޅިޖެހި ގަމީހެއް ލައިގެން ހުރި "ޖިންނި ޖިނާ" އަކީ އޭރުގެ ފުރާވަރުގެ އަންހެންކުދިންގެ ނަޒަރުގައި ދިވެހި ވާހަކަތަކުގެ "ފަބިއޯ ލަންސޯނީ" އެވެ.

"ފަތިސްހަނދުވަރު" ވާހަކައިން، ދިވެހި ބިރުވެރި ވާހަކަ ކިޔައި އުޅުނު ގޮތަށް އިންޤިލާބެއް ގެނުވި ކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. ފުރަތަމަ މީހާގެ ނަޒަރުން ކިޔައިދީފައިވާ މި ވާހަކަ ތަފާތު ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. މި ވާހަކަ މެދުވެރިކޮށް ބިންމާ އިބްރާހިމް ވަހީދު ވަނީ، ދިވެހި އަދަބިއްޔާތާއި ފޯކުލޯރުގައި ޖިންނީންނާ ގުޅުންހުރި ވާހަކަތައް ހުށަހަޅައިދޭ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނެސްދެއްވާފަ އެވެ. ކުޑަ މިސާލެއްގެ އެހީގައި ތަފްސީލުކޮށްދެވޭތޯ މަސައްކަތްކުރާނަމެވެ. ހަންޑިގަނޑުވަރު ދޮންކަމަނަ ފަދަ ވާހަކަތައް ވިދާޅުވާއިރު، އެއީ އަބަދުވެސް ނުބައިބައި މީހާ ނުވަތަ "އެންޓެގޮނިސްޓު" އެވެ. އޭނާގެ ނަޒަރުން، އޭނާގެ އިހުސާސްތައް ކިޔައިދިނުމަށް މާބޮޑު ސަމާލުކަމެއް ނުދޭތާ، އިހުސާސްތައް ކިޔައިދޭ އިރުވެސް، ކިޔުންތެރިޔާގެ ހަމްދަރުދީ އުފެދޭ ފަދަ ގޮތަކަށް އެ އިހުސާސްތައް ކިޔައިދެވިފައިވަނީ މަދު ފަހަރެއްގަ އެވެ. ހަންޑިގަނޑުވަރު ދޮންކަމަނަ ވާހަކައިގައިވެސް އޭނާގެ ފިރިމީހާ އޭނާއަށް ޝައްކުކޮށް އޭނާ ނައްތާލުމަށް މަސައްކަތް ކުރާއިރުވެސް ވަފާތެރިކަންމަތީ ހުރި ހަންޑިއަށް ކިރިޔާވެސް ހަމްދަރުދީ ވާގޮތަށް ދެކެވޭ ވާހަކައަކީ އޭނާ، އޭނާގެ ފިރިމީހާ ދޫކޮށް ދަމުން އޭނާއާ މެދު ކަންކުރި ގޮތާމެދު ހިތާމަކޮށް ދައްކާ ވާހަކައެވެ.

އެހެންނަމަވެސް އެ ވާހަކަ އަޑުއަހައި ކިޔުންތެރިންގެ ހިތުގައި ހަމްދަރުދީ އުފެދި ފައްކާވަމުން ދަނިކޮށް، އެ އިހުސާސް ބިރުވެރިކަމާއި ނަފުރަތަށް އިސާހިތަކު ބަދަލުވަނީ އޭނާ ހަމަހަމައަށް ދަރިން ބެހުމަށް ކަންކުރާ ގޮތުގެ ސަބަބުންނެވެ. އެހެންނަމަވެސް ބިންމާ އިބްރާހިމް ވަހީދުގެ ފަތިސްހަނދުވަރާއެކު ދިވެހި އަދަބިއްޔާތުގެ އައްސޭރޮއަށް ބިންދަން ފެށީ ޖިންނީންނާއި، އެނޫންވެސް އެފަދަ ރޫޙާނީ މަޚުލޫޤުންގެ އިހުސާސްތައް، އެ ވާހަކަތަކުގައި އުޅޭ އިންސާނުންގެ އިހުސާސްތަކާ އެއްވަރަށް ތިލަކުރުމުގެ ވައްޓަފާޅީގެ ވާހަކަތަކުގެ ވަރުނުލާ ރާޅުތަކެވެ. 2019 ވަނަ އަހަރު "ދޯ" އަށް ދެއްވި ބަސްދީގަތުމެއްގައި، އޭނާ ވިދާޅުވެފައިވެ އެވެ.

"ބިރުވެރި ވާހަކައެއް ނުވަތަ ހުވަފެނީ ވާހަކައެއް ލިޔުނަސް އޭގައި ލޯބީގެ ކުލަޖައްސައިލުމުން މަންޒަރު ރީތިވޭ. އަސަރުގަދަވޭ. ކިޔުންތެރިންގެ ތަރުހީބު ބޮޑުވޭ."

މި ވިސްނުމުގައި "ފަތިސްހަނދުވަރު"، "ގަނޑުފެން"، "ޝާހްބާޒް"، ފަދަ ވާހަކަތައް ޚުދު ވަހީދު ލިޔުއްވަމުން ގެންދެވިއިރު، ފާތިމަތު ނަހުލާގެ "މަންޖެ" ފަދަ ހަމަ އެ ޖޮންރަރގެ އެހެން ވާހަކަތައް ފެންނާން ފެށި އެވެ.

ބިންމާ އިބްރާހިމް ވަހީދުގެ ދިގު ވާހަކަތަކުގެ ތެރެއިން ބިރުވެރި ވާހަކަތައް އަޅުގަނޑަށް ޚާއްޞަކަމުގައިވިޔަސް، ވަހީދަކީ ހުރިހާ ޖޮންރަރއަކުންވެސް ވާހަކަ ލިޔުއްވާފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. "ޙައްޤު" ފަދަ ލޯބީގެ ވާހަކަތަކާއި، "ކައްތިރި" (ނަހުލާއާ އެކު ސްކްރީންޕްލޭ ކިޔުއްވާފައިވާ ޑްރާމާއެއް) ފަދަ މަސައްކަތްތަކުން އެތައް އިޖުތިމާޢީ މަޢުޟޫއެއް ދިރާސާކުރައްވައި، ކިޔުންތެރިންނާއި ބެލުންތެރިންނަށް ނަގައިގަނެވޭނޭ ގޮތަށް ހުށަހަޅުއްވައިދެއްވާފައިވާ ފަންނާނެކެވެ.

މިހާ ހިސާބުން ސްކްރީންޕްލޭގެ ވާހަކަ ނުދައްކާ ވާކަށް ނެތެވެ. އިބްރާހިމް ވަހީދުގެ ލިޔުންތެރިކަމުގެ ވައްޓަފާޅިއަށް ކަޅިއެއް ހިންގާލާނަމަ، އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ވާހަކައިގައި ހިމެނޭ ޝަޚުޞިއްޔަތުތަކުގެ މެދުގައި ދެކެވޭ ވާހަކަ ނުވަތަ ޑަޔަލޮގުގެ މުއްސަނދިކަމާއި، ވާހަކައިގެ ޕްލޮޓު ނިއުޅާލުމުގައި ގެންގުޅުއްވާފައިވާ "ވިޜުއަލް" ކަމެވެ. ކުރު ޖުމުލަތަކަކުން، ސާދާ ސިފަކުރެއްވުމެއްގެ ތެރެއިން ވާހަކަ ނިއުޅިގެންދާއިރު، ލޮލުކުރިމައްޗަށް ޝޮޓުތައް ސިފަވެގެންދާ ކަހަލަ އެވެ. ޑަޔަލޮގު ބޭނުންކުރައްވަނީ ހަމައެކަނި ވާހަކަ ކުރިއަށްގެންދެވުމަކަށް ނޫނެވެ. އަދި ކިއެއްތަ، ޝަޚްޞިއްޔަތުތަކުގެ ނަފްސާނީ އަދި ޖިސްމާނީ ޙާލަތު ހާމަކުރުމަށާއި، ޝަޚްޞިއްޔަތުތަކުގެ ސިފަތައް ފާޅުކޮށްދިނުމަށެވެ. އަވަސް ސިފަކުރެއްވުމާއި ޑަޔަލޮގުގެ ކުޑަ ކުޑަ މިސާލެކެވެ. މި ފަހަރު، ބިންމާ އިބްރާހިމް ވަހީދުގެ 25 ކުރުވާހަކަ ސީރީޒްގައި ހިމެނޭ "ބޭއިޚްތިޔާރު" މި ވާހަކައިގެ ފެށުމުގައިވާ ސިފަކުރުމެކެވެ.

"ހެނދުނު ސައިބޯން އިންއިރުވެސް ޝަހީމުގެ ހިތްވަނީ އަވަސްވެފައެވެ. ހަރަކާތްތައް އާދަޔާ ޚިލާފަށް އަވަސްވެފައެވެ. މީހަކާ އިނދެގެން ދެކުދިން ލިބިފައިވާއިރުވެސް އެ ފަދަ ނުތަނަވަސްކަމެއް މީގެ ކުރިން ޝަހީމަކަށް ލިބިފައެއް ނުވެއެވެ. ހަމައެހެންމެ އެފަދަ މަންޒަރެއް ފަޒްނާވެސް ނުދެކެއެވެ. ކޮންމެ ދުވަހަކުވެސް ޝަހީމު އޮފީހަށްދާނީ ވަރަށް ހަމަޖެހިލައިގެންނެވެ. ސައިބޯގަޑީގައި ޖޯކުކިޔުމާއި ސަމާސާކުރުމަކީ އެންމެ ކުރިއްސުރެވެސް ޝަހީމުގެ އާދައެކެވެ. އެހެނަސް އެ ދުވަހު ޝަހީމުގެ ދޫވެސް ވަނީ ތަޅުލެވިފައެވެ.

ސައިބޮއި ނިމިގެން، ފެންބޯން އުޅެނިކޮށް އަތުންޖެހިފައި ފެންތަށިވެސް ގަޔަށް ބަންޑުންވިއެވެ. ފުންމައިގެން ތެދުވިނަމަވެސް، ޝަހީމުގެ ފަޓުލޫނު ތެމުނެވެ.

"ސާބަހޭ! މިއަދު ކިހިނެތްވެގެންތަ ތިއުޅެނީ؟" ފަޒްނާ އެހިއެވެ."

ވާހަކައިގެ މިހާ ހިސާބުންވެސް ކޮންމެވެސް ބޮޑު ކަމެއް ހިނގައިގެން އުޅޭ ކަމާއި، އެއީ ވާހަކައިގެ މައިގަނޑު އެއް ޝަޚުޞިއްޔަތުގެ ދުވަހު އުޅުމާ ނުބައްދަލު ކަމެއްކަމާއި، އެ ކަމެއްގެ ބޮޑު މިނާ ސިފަވެގެންދާއިރު، ޑްރާމާއެއްގެ މަންޒަރު ފަދައިން، ތަމްސީލެއްގެ ސީނެއް ފަދައިން، ލޮލަށް ސިފަވަމުންދެ އެވެ. އިބްރާހިމް ވަހީދުގެ ވާހަކަތައް ސްކްރީނަށް ގެންނަން އެހާ ފަސޭހަވާ ސަބަބަކީވެސް މިއީ ކަމަށް ވެދާނެ އެވެ. ވަހީދުގެ ލިޔުންތެރިކަން މި ގޮތަށް ބައްޓަންކުރަނީ އޭނާގެ "ޓީވީ ބެކްގްރައުންޑު" ކަމަށް ވުންވެސް އެކަށީގެންވެ އެވެ. ހަނދާނަށް އަންނަނީ މަޝްހޫރު ޑިރެކްޓަރ އަލްފްރެޑް ހިޗްކޮކް، އޭނާގެ 1956 ވަނަ އަހަރުގެ ފިލްމަކާ ބެހޭގޮތުން ދެއްކި ބަސްދީގަތުމެއްގައި ވިދާޅުވެފައިވާ ވާހަކައެކެވެ. ތަރުޖަމާ ކޮށްލެވޭތޯ މަސައްކަތްކުރާނަމެވެ.

"ފިލްމެއް އުފެއްދުމަކީ، އެންމެ ފުރަތަމަ ވާހަކައެއް ކިޔައިދިނުން. އެ ވާހަކައަކީ ޙަޤީޤަތުގައި ހިނގުން އެހާ އެކަށީގެންވާކަމެއްގެ މައްޗަށް ބިނާވެފައި އޮތް ވާހަކައަކަށް ނުވެދާނެ. އެކަމަކު، އެއީ ފޫހި ވާހަކައަކަށް ވެގެން ނުވާނެ. އެ ވާހަކަ ވާން ޖެހޭނީ އިންސާނުންގެ އިހުސާސްތަކާ ކުޅެލާފަދަ ޖަޒުބާތުތައް ގެނުވާ ވާހަކައަކަށް. ކޮންމެ ގޮތެއްވިޔަސް ޑްރާމާ އަކީ، ދިރިއުޅުމުގެ ފޫހިކަން އުނިކުރުމަށްފަހު ބާކީ އޮންނަ ބައި ނޫން ވަކި ކޮންއެއްޗެއް؟"

މި ސިފަކޮށްދެނީ ބިންމާ އިބްރާހިމް ވަހީދުގެ ކޮންމެ ކުރުވާހަކައެކޭ ދެންނެވިޔަސް ދޮގަކަށް ނުވާނެ އެވެ. ދިރިއުޅުމުގެ ހުރިހާ ދާއިރާއެކެވެ. ހުރިހާ މިންތިއެއްގެ ހުރިހާ ޢުމުރުފުރާއެއްގެ މީހުންގެ ތަޖުރިބާތަކެވެ. ޚާއްޞަކޮށް ކުރު ވާހަތަކަތުގެ ޢަދަދު އެތައް ސަތޭކައަކުން ގުނާލެވޭ ހިނދު، މިއިން ކޮންމެ ވާހަކައެއްގައިވެސް، ފުރަތަމަ މީހާ އަދި ތިންވަނަ މީހާގެ ނަޒަރުން ކަމުގައިވިޔަސް ލިޔުންތެރިޔާ ތަޙުލީލުކުރައްވަނީ އެކި ޢުމުރުގެ، އެކި މިންތީގެ މީހުންނެވެ. ބައެއް މިސާލުތަކަށް ބަލާނަމަ، ކުރުވާހަކަ "ރޮވޭނެއެވެ" މި ވާހަކައިގެ މައިގަނޑު ޝަޚުޞިއްޔަތު ނާޒްލީ އަކީ، "ދަރިން ވިއްކައިގެން ކެއި" މައިންބަފައިންގެ ފަރާތުން އަނިޔާ ލިބިގެން ބޮޑުވަމުންދާ އަންހެންކުއްޖެކެވެ. "އަބަދައްޓަކައި" މި ވާހަކައިގައި އޭނާގެ މައްޗަށް ދޮގު ތުހުމަތެއް ކުރެވޭ ޒުވާން ފިރިހެނެކެވެ. "އަހަރެން މަށާ ދުރުގައި" މި ވާހަކައިގައި "އައުޓް އޮފް ބޮޑީ" ތަޖުރިބާއެއް ކުރެވޭ މީހެއްގެ ވާހަކަ އެވެ. "ޢީދު މުބާރިކު" މި ވާހަކައިގައި ފުރަތަމަ މީހާގެ ނަޒަރުން ކިޔައިދީފައިވަނީ ފުރާވަރުގެ އަންހެން ކުއްޖެއް ގަޔާވާ ފިރިހެނާއަކީ އޭނާގެ މަންމަގެ ލޯބިވެރިޔާކަން ފަޅާއަރާ ގޮތުގެ ވާހަކައެވެ. "އޮޅުން ބޮޅުން" މި ވާހަކައިގައި، ތިމަންނާއަކީ ބޮޑުކުއްޖެއްތޯ ނުވަތަ ކުޑަކުއްޖެއްތޯ ނޭނގި އޮޅުމެއްގެ ތެރޭގައި ދިރިއުޅޭ ކުޑަކުއްޖެއްގެ ވާހަކަ އެވެ.

އިބްރާހިމް ވަހީދުގެ ވާހަކަތަކުގެ މުއްސަނދި އަރުޝީފުގައި ދެން ފެންނަ ޚާއްޞަ އެއް ސިފައަކީ، ޙަޤީޤީ ހާދިސާތަކުގެ މައްޗަށް ބިނާކުރައްވާ ލިޔުއްވާފައިވާ ވާހަކަތަކެވެ. މީހުން ކިޔައިދޭ ވާހަކަތައް ޑްރެމެޓައިޒްކޮށް ކިޔުންތެރިންގެ ޝައުޤުވެރިކަން ދަމައިގަންނަގޮތަކަށް، ފާޑުވެރިކަމާއެކު ހުށަހެޅުއްވުމަކީވެސް ބިންމާ އިބްރާހިމް ވަހީދު ފައްކާކުރައްވާފައިވާ ފަންނުވެރިކަމެކެވެ.

ބިންމާ އިބްރާހިމް ވަހީދުގެ ކިޔައިދެއްވަނީ ދިވެހިން އަޑުއަހާހިތްވާ ވާހަކަތަކެވެ. ދިވެހި އާދަކާދައިން ދިވެހިންގެ ޝައުޤުވެރިކަން އަތުލާ ފަދަ ވާހަކަތަކެވެ. މިއިން ވާހަކައެއް ކިޔާއިރު، ބުރަ، ބޮޑެތި ލަފުޒުތަކަކާ ހުރެ ކިޔުން ހުއްޓާލާކަށް ނުޖެހެ އެވެ. އެއަށްވުރެ ލަފުޒުތައް ސާދާ ވެފައި ތިމާގެއެވެ. ބޭނުންކުރައްވަނީ ޒަމާނީ ދިވެހި ބަސްކޮށާރެކެވެ. ލިޔުންތެރިކަމުގެ ތަފާތު ވައްޓަފާޅިއެކެވެ. ލުއި ފަސޭހަކަމާއެކު ޑަޔަލޮގާއި ސިފަކުރުންތައް އަމުނާލައްވަނީ ޕްލޮޓަށް ކުރަކިކަމެއް ނާންނާނޭ ފަދައިންނެވެ. ފަހުގެ ތާރީޚެއްގައި ދިވެހި އަދަބިއްޔާތު ނުދެކޭ ފެންވަރުގެ މުއްސަނދި އަރުޝީފެއް، އިބްރާހިމް ވަހީދު މިހާރުވެސް ވަނީ އެކުލަވާލައްވާފަ އެވެ. އަޅުގަނޑުމެންގެ މިއަދުގެ ޙަޤީޤަތްތަކާއި ބަދަލުވަމުންދާ ޘަޤާފަތްތަކާއި، އިޖުތިމާޢީ ޤަބޫލުކުރުންތަކާއި އަގުކުރުންތައް، މުސްތަޤުބަލުގެ ޖީލުތަކުން ތަޙުލީލުކުރާނޭ ޑޭޓާބޭސްއެއް މި ވަނީ ހަދިޔާކުރައްވާފަ އެވެ.