Advertisement

އަރަބިއްޔާ ސުކޫލުން ފިލާވަޅެއް؛ ވާދަވެރިކަމުގައި އަދުލުވެރިވުން

24 ޑިސެންބަރު 2021 - 07:46 1

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


އަރަބިއްޔާ ސުކޫލުން ފިލާވަޅެއް؛ ވާދަވެރިކަމުގައި އަދުލުވެރިވުން

24 ޑިސެންބަރު 2021 - 07:46 1

އަރަބިއްޔާ ސްކޫލް ހިންގާ އިމާރާތް ހުޅުވިތާ އެންމެ ހަތް އަހަރު ތެރޭގައި ވީރާނާ ވެއްޖެ އެވެ. އެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫންކަމަށް ފެނިގެން ދަރިވަރުންނަށް އެހެން ގޮތެއް ހޯދައިދޭން ޖެހިއްޖެ އެވެ. މާތް ﷲ ގެ އިރާދަފުޅުން އެކަން ހަމަޖެހެމުން އެ ދަނީ ނުހަނު އަވަހަށެވެ. ދަރިވަރުންނާއި ބެލެނިވެރިންނަށް މަރުހަބާއާއި ޝުކުރެވެ. އަރަބި އިސްލާމީ ތައުލީމުގެ މުހިންމުކަން ވެރީންނަށް ހަނދާންކޮށްދިނުމަށް އެ ބެލެނިވެރީން އެޅުއްވީ ހަރުދަނާ ފިޔަވަޅުތަކެކެވެ. އެ ވާހަކަ އަޑުއައްސަވައި، އެޅުއްވި އަވަސް ފިޔަވަޅުތަކަށްޓަކައި ސިޔާސަތު ރާއްވަވަން ތިއްބެވި ބޭފުޅުންނަށް ހައްގު ތައުރީފު ދަންނަވަމެވެ.

އަރަބިއްޔާ ސުކޫލުގެ މައްސަލާގައި ބެލެނިވެރިންނާއި މި މުޖުތަމައުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ހައްލެއް ހޯދުމަށް ގޮވާލުމާއި، ސަރުކާރުން ނުހަނު އަވަސް އަރުވާލައިގެން އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރި ކުރުމަކީ އެއް ބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ. އެ ހައިރާންކަން ފިލައި ދާނީ އެކަމުގެ ސަބަބުތައް އޮޅުން ފިލީމާ ތާ އެވެ. އައްސަވާށެވެ!

އަރަބި ބަހަކީ ކީރިތި ގުރުއާން ބާވައިލެއްވުމަށް ﷲ އިހުތިޔާރު ކުރެއްވި ބަހެވެ. އެ ބަސް އުނގެނުމަކީ އެ މާތް ފޮތުގައި ވާ ބުނެދިނުންތައް ފަހުމުވުމަށް އޮތް މަގެވެ. އަރަބި ބަހުގެ އެކި ބަހުރުވައި ވާހަކަ ދައްކާ ހަތަރުސަތޭކަ މިލިއަން މީހުން ދުނިޔޭގައި އުޅެ އެވެ. އެއީ އެކުވެރި ދައުލަތުގައި ހިމެނޭ ފަންސަވީސް ގައުމެއްގެ ރަސްމީ ބަހެވެ. އަދި އ.ދ. ގެ ރަސްމީ ހަ ބަހުގެ ތެރެއިން އެއް ބަހެވެ. މިވަރުގެ ބަހެއް އުނގެނުމާއި، އެ ބަސް އުނގެނިގެން ތިބި މީހުން ގިނަ މުޖުތަމައުއެއްގައި އުޅެވުމަކީ މުސްލިމަކަށް ލިބޭ ކިހާ ބޮޑު އުފަލެއް ކަން އެންމެ ރަނގަޅަށް އެނގޭނީ އަޅުގަނޑާއި ތިބާ ފަދަ މުސްލިމުންނަށެވެ.

އަރަބި ބަހާއި އިސްލާމީ ތައުލީމަކީ ދިވެހިރާއްޖޭގެ އިސްލާމްވަންތަކަމާއި އަހަރެމެން ދިވެހިންގެ އިސްލާމްކަން ހިމާޔަތްކުރުމަށް އޮތް އެންމެ މުހިންމު ވަސީލަތްކަމާމެދު ދެބަސްވާނެ އެއްވެސް މީހަކު ނުހުންނާނެ އެވެ. ޝައްކެތް ނެތްގޮތުގައި އަރަބިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގައި އިސްލާމީ ތައުލީމު ދޭ އެންމެ މުހިންމު އެއް މަރުކަޒެވެ. އަރަބިއްޔާ ސުކޫލު މުހިންމުވާ ސަބަބުތަކުގެ ތެރެއިން މިއީ މަދު ސަބަބެކެވެ.

އަރަބިއްޔާ ސުކޫލުގެ މައްސަލައަށް ރީތި ފުރިހަމަ ހައްލެއް ލިބެމުން ދަނިކޮށް ވާދަވެރި އަދި ފިތުނަވެރި ދޫ ތަކަކުން އިވުނީ ހުތުރު ތުހުމަތެކެވެ. ރާއްޖެއިން އަރަބި އިސްލާމީ ތައުލީމު ނައްތާލުމަށް، ނުރައްކާތެރި ރޭވުމެއްގެ ތެރެއިން ސަރުކާރުން މަސައްކަތްކޮށްފި ކަމުގެ ތުހުމަތެވެ.

އަޅުގަނޑުވެސް އެއްބަހެވެ. ރާއްޖެއިން އަރަބި އިސްލާމީ ސަގާފަތް ރާއްޖެއިން ނެތިކޮށްލުމަށް ސީދާގޮތުންނާއި ނުސީދާގޮތުން މަސައްކަތްކުރާ މީހުން ދިވެހިންގެ ތެރޭގައި އުޅެ އެވެ. އެހެނަސް، އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އެހެން އިމާރަތަކަށް ބަދަލުކުރުމަކީ އަރަބި އިސްލާމީ ތައުލީމު މިގައުމުން ނައްތާލަން މަސައްކަތް ކުރުން ކަމަށް ބުނުމަކީ އަދުލުވެރި ބުނުމެއް ނޫނެވެ. އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ވެފައި ހުރި ގޮތް އަޅުގަނޑުމެން އެންމެންނަށް ސާފުކޮށް އެބަ ފެނެ އެވެ. ސަރުކާރުން މިކަމުގައި އެޅުއްވި އަވަސް ފިޔަވަޅުތަކުން އެނގިގެން ދިޔައީ ވާދަވެރި ތުހުމަތުތަކުގެ ދޮގު ކަމެވެ. ކޮންމެ ފަދަ ވާދަވެރިކަމެއް އޮތްނަމަ ވެސް އަދުލުވެރިކަމާ ދުރަށް ދިއުމަކީ އަޅުގަނޑުމެން ހިފައިގެންވާނޭ މަގެއް ނޫނެވެ.

އަލްމާއިދާ ސޫރަތުގެ 8 އަދި 9 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައި ވެއެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށްޓަކައި އެކަލާނގެ ހައްގުތައް ފުރިހަމައަށް އަދާކުރާ، އަދި އަދުލަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކު މީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން އަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން އަދުލުވެރިވާށެވެ! އެގޮތް ތަޤުވާވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުންކުރާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ. އީމާންވެ ހެޔޮ އަމަލު ކުރި މީހުންނަށް ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުރިކަމަށް އެމީހުންނަށް ﷲ ވަޢުދުކުރައްވާފައި ވެއެވެ."

އަޅުގަނޑު ހަނދާނަށް އަންނަނީ މުސްލިމުންގެ ތާރީހުގެ ރީތި މާޒީން ސަފުހާއެކެވެ. އިސްލާމީ އަހުލާގާއި އިސްލާމީ ސަގާފަތުގެ ކުލަ މަންޒަރެއް ކުރަހައިދޭ ރީތި ވާހަކައެކެވެ. ވިދާޅުވާށެވެ.

ސަމަރުޤަންދު ފަތަހަކުރީ މުސްލިމުންގެ މަތިވެރި ޤާއިދެއްކަމުގައިވާ ޤުތައިބާ ބިން މުސްލިމުލްބާހިލީގެ ލީޑަރޝިޕްގެ ދަށުންނެވެ. ނަމަވެސް ސަމަރުޤަންދު ފަތަހަކޮށް މުސްލިމުން އެރަށް ހިފުމުގެ ކުރިން އެރަށުގެ އަހުލުވެރިންނަށް އިސްލާމްދީނަށް ދައުވަތުދީފައެއް ނުވެ އެވެ. އަދި އިސްލާމްދީން ގަބޫލުނުކުރާނަމަ ޖިޒުޔަދީގެން މުސްލިމުންގެ ވެރިކަމުގެ ދަށުގައި ތިބުމަށް ފުރުސަތުދީފައެއް ވެސް ނުވެ އެވެ. އަދި މުސްލިމުން ހަނގުރާމަތަކުގައި އާންމު އުސޫލެއްގެ ގޮތުން، ތިން ދުވަހުގެ ފުރުސަތު ބުނެވިދިޔަ ފަދައިން ހުށަހަޅާ ހުށަހެޅުންތަކަށް ގޮތެއް ނިންމުމަށް ދެމުން ދިޔަ ނަމަވެސް ސަމަރުޤަންދުގެ އަހުލުވެރިންނާމެދު އެގޮތަށް އަމަލުކޮށްފައި ނުވެ އެވެ.

މުސްލިމުންގެ މި ހަނގުރާމަވެރި ލަޝްކަރުން ޢަމަލުކުރި ގޮތަކީ އިސްލާމްދީނާ ހިލާފު ގޮތެއްކަން ސަމަރުޤަންދުގެ ކާހިނުންނަށް އެނގުމުން، އެކަމުގެ ޝަކުވާ އުފުލުމަށް މުސްލިމުންގެ ހަލީފާ ޢުމަރު ބުން ޢަބްދުލްޢަޒީޒްގެ އަރިހަށް ސަމަރުޤަންދުގެ ފަރާތުން މީހަކު ފޮނުވި އެވެ.

ޢުމަރު ބިން ޢަބްދުލް ޢަޒީޒަށް އެ ޝަކުވާ ލިބިވަޑައިގަތުމާއެކު އެކަން ބެލުމަށް ފަނޑިޔާރަށް އަމުރުކުރެއްވި އެވެ. ފަނޑިޔާރުގެ މަޖިލީހަށް މަތިވެރި ޤާއިދު ޤުތައިބާ ހާޒިރުކުރެވިއްޖެ އެވެ. ޤުތައިބާގެ ނަން ވެސް އިއްވީ އޭނާއަށް ލިބިފައިވާ ބޮޑެތި ލަގަބުތަކުން ލަގަބެއް ވެސް ބޭނުންކުރެއްވުމެއް ނެތި، "އޭ ޤުތައިބާ" އޭ މިފަދައިންނެވެ. ސަމަރުޤަންދުން ފޮނުވި މީހާއަށް އޭނާގެ ޝަކުވާ ހުށަހެޅުމަށް ފަނޑިޔާރު އަމުރުކުރައްވައިފި އެވެ. މުސްލިމުން ތިމަންނާމެންގެ ރަށް ފަތަހަކުރީ އިސްލާމްވާނީތޯ ނުވަތަ ހަނގުރާމަކުރާނީތޯ އެހުމެއް ނެތި އަދި ޖިޒުޔަދިނުމާމެދު ވެސް ފުރުސަތެއްދިނުމެއް ނެތި އެއިން ކަމަކަށް ވިސްނުމަށްވެސް ތިން ދުވަހުގެ މުއްދަތެއް ދިނުމަކާ ނުލައިކަމަށް ސަމަރުޤަންދުން އައި މީހާ ބުނެފި އެވެ.

އެހިނދު ފަނޑިޔާރު މަނިކުފާނު ޤުތައިބާ ކައިރިން އެކަމާ ބެހޭ ގޮތުން ޖަވާބުދިނުމަށް އެންގެވި އެވެ. ޤުތައިބާ ވިދާޅުވި އެވެ. ހަނގުރާމައިގައި މަކަރު ހެދުން ހުއްދަ އެވެ. ސަމަރުޤަންދަކީ ގަދަފަދަ ބަޔަކު ތިބި ރަށެކެވެ. އެރަށުގެ ވަށައިގެންވާހާ ރަށްތަކުގެ މީހުންވެސް ވަނީ އިސްލާމްދީނަށް ދެކޮޅު ހަދައި، ހަނގުރާމަ އިއުލާނުކޮށްފަ އެވެ.

ފަނޑިޔާރު އަނެއްކާވެސް ސުވާލުކުރެއްވި އެވެ. އޭ ޤުތައިބާއެވެ. ސަމަރުޤަންދުގެ އަހުލުވެރިންނަށް އިސްލާމްދީނަށް ގޮވާލިން ހެއްޔެވެ؟ ޤުތައިބާ ޖަވާބުދިނެވެ. މިދެންނެވިހެން އެރަށާއި އެރަށުގެ ވަށައިގެންވާހާ ރަށެއް އަހަރެމެން ފަތަހަކުރީ މިދެންނެވި ސަބަބުތަކަށްޓަކަ އެވެ.

ފަނޑިޔާރު ވިދާޅުވި އެވެ. އަހަންނަށް ފެންނަނީ ތިބާ ކުރި ކަންތަކަށް ތިބާ އިއުތިރާފުވަނީ ކަމަށެވެ. އޭ ޤުތައިބާއެވެ! މާތް ﷲ މި އުންމަތަށް ނަސްރު މިދެއްވަނީ މަކަރުވެރިކަމުން ދުރުވެ އަދުލުވެރިކަން ގާއިމުކުރުމަށް އަހަރެމެން ރައްކާތެރިވާ މިންވަރުގެ ސަބަބުންނެވެ. ސަމަރުޤަންދު ފަތަހަކޮށް އެތަނަށް ވަދެ ތިބިނަމަ ތިބިހާ މުސްލިމުންނާއި އެމީހުންގެ ހަނގުރާމަވެރިންނާއި އަންހެނުންނާއި ކުޑަކުދިން ވެސް އެރަށުން ނެރުމަށް އަހަރެން ނިޔާ އިއްވައިފީމެވެ.

ސަމަރުޤަންދުން ފޮނުވި މީހާއަށް ފެނުނު މަންޒަރާއި އިވުނު އަޑުވެސް ގަބޫލުކުރަން ދަތިވި އެވެ. ކޮންމެއަކަސް އޭނާގެ ގައުމަށް އޭނާ އެނބުރި ގޮސް އެވާހަކައިގެ ހަބަރު ރަށު މީހުންނަށް ދިނެވެ. މާ ގިނަ ދުވަސްތަކެއް ނުވެ، މުސްލިމުން ލަޝްކަރު އެރަށުން ފައިބަން ފަށައިފި އެވެ. އެކަމަކު ސަމަރުޤަންދުގެ އަހުލުވެރިންނަކަށް އެމީހުންގެ ނަފުސުތައް ހިފަހައްޓައެއް ނުލެވުނެވެ. މުޅި ރަށް އެކީ ﷲ ފިޔަވައި އިލާހަކު ނުވާކަމުގެ އަޑައިގެން ގުގުމާލައިފި އެވެ.

ދީނަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ނަމަވެސް އަރަބިއްޔާއަށް މިފަހުން ދިމާވި ކަންތަކުގައި، އެއީ އަރަބި އިސްލާމީ ތައުލީމު ނައްތާލުންކަމުގައި ބުނެ ވާހަކަދެއްކުން ވައްތަރުވަނީ ހަނގުރާމައިގައި މުސްލިމުންގެ ޤާއިދު ޤުތައިބާ ހެއްދެވި ފަދަ ހީލަތަކާ އެވެ. އެއީ މުސްލިމުންގެ އަހުލާގު ނޫންކަމާއި، މުސްލިމުންނަށް ނަސްރު ލިބުމުގެ ސަބަބަކީ އެފަދަ އަމަލުތައް ނޫންކަން އިސްވެދިޔަ އިސްލާމީ ތާރީހުގެ ރަން ސަފުހާ ހެކި ދެ އެވެ.

ބަޔަކު މީހުންނާމެދު އޮތް ރުޅިވެރިކަމެއްގައި ވެސް އަދުލަށް ބަސް ބުނުމުގެ ސިފަ ކަމުވޮށިގެންވާ މީހުންގެ ކިބައިން ނެތިފައިވާކަން ހާމަޔަށް ފެނުމަކީ އިސްލާމީ ތައުލީމާއި އަހުލާގު ރާއްޖޭގައި އޮތް މިންވަރުގެ ކުލަ ތަސްވީރަކަށް ނުވޭތޯ އެވެ؟ މި ހީލަތްތެރިކަމާއި އަދުލުވެރިކަމެއް ނެތް ބުނުންތަކުން ވާދަވެރިޔާގެ ތަސައްވުރު ހަރާބުކޮށްލުމަކީ އަރަބި އިސްލާމީ ތައުލީމުގެ ތެރެއިން އުނގަންނައިދޭ ކަމެއް ނޫނެވެ.