Advertisement

ޖާބިރު ހައްޔަރުކުރީ މުވައްޒަފަކަށް މުސާރަ ނުދީ އޮތް މައްސަލައެއްގައި

22 ޑިސެންބަރު 2021 - 10:46 1

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު: އޭނާ ހައްޔަރު ކުރީ ކޯޓަށާއި ޓްރައިބިއުނަލްއަށް ޔޮޓް ޓުއާސް ކުންފުނި ހާޒިރު ނުކުރެވިގެން -- ފޮޓޯ: ރައްޔިތުން މަޖިލީސް


ޖާބިރު ހައްޔަރުކުރީ މުވައްޒަފަކަށް މުސާރަ ނުދީ އޮތް މައްސަލައެއްގައި

22 ޑިސެންބަރު 2021 - 10:46 1

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން މިއަދު ހެނދުނު ހައްޔަރުކުރީ އޭނާގެ ޔޮޓް ޓުއާސް ކުންފުނީގައި މަސައްކަތް ކުރި މުވައްޒަފަކަށް މުސާރަ ނުދިން މައްސަލައެއްގައިކަން އެނގިއްޖެ އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ހުކުމެއް ތަންފީޒުކުރަން ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ޖާބިރު ހައްޔަރުކޮށްގެން ސިވިލް ކޯޓަށް ހާޒިރު ކުރުމަށް އަމުރު ކުރީ މިދިޔަ އާދީއްތަ ދުވަހެވެ. އެ އަމުރު ތަންފީޒު ކުރުމަށްޓަކައި ފުލުހުން މިއަދު އޭނާ ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫގައި ހުންނަވަނިކޮށެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ޔޮޓް ޓުއާސްގައި މަސައްކަތް ކުރި ޅ. ނައިފަރު، ފަތަނގުމާގެ، އަލީ މުހައްމަދަށް ލިބެން ޖެހޭ ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ނުދީ އޮތުމުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމަށްޓަކައި ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލައިގައި ޓްރައިބިއުނަލްއަށް ހާޒިރުވެ، ޖަވާބުދާރީވުމަށް ޔޮޓް ޓުއާސްއަށް އަމުރު ކުރި ނަމަވެސް، އެ ކުންފުނިން ހާޒިވެފައި ނުވާތީ، ހުކުމާ ހަމައަށް ވާސިލްވެފައި ވަނީ އެ ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޓްރައިބިއުނަލުން ކުރި ހުކުމުގައި ޔޮޓް ޓުއާސްއަށް އަންގާފައި ވަނީ އެ ފައިސާ އެއްފަހަރާ 14 ދުވަހުގެ ތެރޭގައި އަލީ މުހައްމަދަށް ދިނުމަށެވެ.

ޓްރައިބިއުނަލުގެ ހުކުމުގައިވާ ގޮތުން އަލީ މުހައްމަދަށް ޔޮޓް ޓުއާސް ކުންފުނިން ކޮންމެ މަހަކު، އުޖޫރައިގެ ގޮތުގައި 3000 އެމެރިކާ ޑޮލަރު (46،000ރ.) ދޭން ޖެހެ އެވެ. އޭނާއަށް މުސާރަ ނުލިބެނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2019 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ ވަޒީފާއާ އޭނާ ގުޅުނީ 2017 ވަނަ އަހަރުގެ ޖޫން މަހެވެ.

ސިވިލް ކޯޓަށް ޖާބިރު ހާޒިރު ކުރުމަށް ނިންމީ، އެ ކުންފުނި ކޯޓަށާއި ޓްރައިބިއުނަލްއަށް ހާޒިރު ކުރެވިފައި ނުވުމުނެވެ.

އިމްތިޔާޒުގެ ގާނޫނުގައި ބުނެފައިވާ ގޮތުން މެމްބަރަކު ހައްޔަރުކުރުމަށްފަހު މަޖިލީހުގެ ރައީސަށް އެކަން ފުލުހުން އަންގަންވާނެ އެވެ. އަދި އެ އެންގުން ލިބުމާއެކު އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އެއްވާންޖެހެ އެވެ. ޖާބިރު މިއަދު ހައްޔަރުކުރުމަށްފަހު ފުލުހުން ވަނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގަވައިފަ އެވެ.