Advertisement

މެމްބަރު ޖާބިރު ހައްޔަރުކޮށްފި

22 ޑިސެންބަރު 2021 - 09:05 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ޖާބިރު މަޖިލީހުގެ ޖަލްސާއެއްގައި: ހައްޔަރު ކުރީ ގދ. ތިނަދޫގައި ހުންނަވަނިކޮށް މިއަދު ހެނދުނު 7:30 ހާއިރު -- ފޮޓޯ: އަހުމަދު ޝުރާއު


މެމްބަރު ޖާބިރު ހައްޔަރުކޮށްފި

22 ޑިސެންބަރު 2021 - 09:05 0

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ހައްޔަރުކޮށްފި އެވެ.

ޖާބިރު ހައްޔަރު ކުރީ ކޮން މައްސަލައަކާ ގުޅިގެންކަން ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. ނަމަވެސް "އަދަދު" އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ ސިވިލް ކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެން ގދ. ތިނަދޫގައި ހުންނަވަނިކޮށެވެ.

ތިނަދުއިން ޖާބިރު ހައްޔަރު ކުރީ މިއަދު ހެނދުނު 7:30 ހާއިރު އެވެ.

ޖާބިރުގެ ހައްޔަރު ކުރީ ޔޮޓް ޓުއާސް މޯލްޑިވްސްއާ ދެކޮޅަށް މީހަކު ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއްގައި ޖާބިރު ކޯޓަށް ހާޒިރު ކުރުމަށް ޑިސެމްބަރު 19، ގައި އަމުރެއް ނެރެފައިވާކަން ސިވިލް ކޯޓުން ވެސް ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ޖާބިރު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފުލުހުން އަންގަވާފައިވާ ކަމަށެވެ.

ނިއުޝާ ވިދާޅުވީ ޖާބިރު ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒުގެ ގާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށެވެ. އެ މާއްދާގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް މެމްބަރަކު ހިފިއްޖެ ހިނދަކު މެނުވީ ސުޕީރިއާ ކޯޓެއްގެ އަމުރަކާ ނުލައި މެމްބަރަކު ހައްޔަރުކޮށްގެންނުވާނެ ކަމަށެވެ.

އިމްތިޔާޒުގެ ގާނޫނުގައި ބުނެފައިވާ ގޮތުން މެމްބަރަކު ހައްޔަރުކުރުމަށްފަހު މަޖިލީހުގެ ރައީސަށް އެކަން ފުލުހުން އަންގަންވާނެ އެވެ. އަދި އެ އެންގުން ލިބުމާއެކު އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އެއްވާންޖެހެ އެވެ.