Advertisement

އީހާބް: ކަނޑުވި މާޒީ އާއި ބައިޕޯލާގެ ގައިދުގައި ކުލަ ތަސްވީރުން ކިޔައިދޭ ވާހަކަ

23 ޑިސެންބަރު 2021 - 09:46 1

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

އިހާބް އަބްދުﷲ ގެ ކުރެހުން ތަކެއް: އޭނާ އަކީ މިދިޔަ ވިހި އަހަރު ބައިޕޯލާ ޑިސްއޯޑާ އަށް ނަފްސާނީ ފަރުވާ ހޯދަމުން އަންނަ މީހެއް. އަދަދު ފޮޓޯ / މުހައްމަދު ޝާބިން


އީހާބް: ކަނޑުވި މާޒީ އާއި ބައިޕޯލާގެ ގައިދުގައި ކުލަ ތަސްވީރުން ކިޔައިދޭ ވާހަކަ

23 ޑިސެންބަރު 2021 - 09:46 1

ރާޅު ގިނަ، މާސިންގާ "މޮޔަ" ކަނޑެއްގައި އުމުރުގެ އެއްބައި ހޭދަކުރުމަށް ފަހު ބައިޕޯލާ ޑިސްއޯޑާ ހުންނަ އީހާބް އަބްދުﷲ އަށް އޭނާގެ ހަޔާތުގެ ތަޖުރިބާތައް ކުރެހުމުގެ ޒަރީއާއިން މީހުންނަށް ކުލަކޮށްދެވުމުން ލިބުނީ މުޅިން ތަފާތު ހިތްހަމަޖެހުމެކެވެ. ނަފްސުގެ ހޭވެރިކަން ހޯދުމަށް، 'އިތުބާރެއް ނެތް' ސިކުނޑިއާއި ހަނގުރާމަކުރަމުން، ޖަޒުބާތުތައް މުށުތެރެއަށް ލާން މިދިޔަ ތިން އަހަރު ކުރި މަސައްކަތުގައި އޭނާ މަސަލަސް ކޮށްދިނީ އާޓެވެ. ބޮޑުތަކުރުފާނު މަގުގައި ހުންނަ ފަންނުވެރިންގެ ގެލެރީގައި މި މަހު ސޯޅައިން ފެށިގެން ބަހައްޓާފައި ހުރި ފަނަރަ ތަސްވީރުގެ 'އިން ކޮންޓްރަޑިކްޝަން' ސޯލޯ އެގްޒިބިޝަނަކީ ހައިޖާނެއް ފަދަ އޭނާގެ ސިކުނޑީގެ އެކި ކުލަތަކާއި މަންޒަރުތަކެވެ.

ހެނދުނު އެނދުން ހިއްލައިލާ ވަގުތު އީހާބް އަށް އޭނާގެ ދުވަސް ދާނެ ގޮތް ވިސްނައިގަންނާކަށް ނޭނގެ އެވެ. ފަހަރެއްގައި އެ ދުވަސް ވާނީ ހަޔާތުގައި އޭނާ ތަޖުރިބާ ކުރާނެ އެންމެ ޖޯޝު ހުރި އެއް ދުވަހަށެވެ. ނުވަތަ ހަމަ ކުއްލިއަކަށް ޑިޕްރެޝަންގެ އަޑި ނޭނގޭ ބޮޑު ހާސްގަނޑެއްގެ ތެރެއަށް ގަނބައިގަނެ ނޭވާ ހާސްކޮށްލާ ދުވަހަކަށް ވެސް ވެދާނެ އެވެ.

ވާއެއް ނުވާ އެއް ވަކިކުރަން ނޭނގޭ ނަފްސާނީ އޮޅުން ބޮޅުން ގަނޑަކުން އަރައިގަންނަން ހަނގުރާމަކުރުމަކީ، ތަސައްރަފު ފުދުނު ފަހުން ހޭދަކުރި ވިއްސަކަށް އަހަރު އީހާބްގެ ހަޔާތަށް އިރުއެރި ކޮންމެ ދުވަހެއްގެ އެންމެ ބުރަ އަދި މުހިއްމު އެއް ބައެވެ.

އީހާބް ކުރަހާފައިވާ އޭނާގެ ސެލްފް ޕޯޓްރެއިޓް އަކާ އެކު ފޮޓޯ އަކަށް ހުއްޓިގެން: އެބްސްޓްރެކްޓް އާޓް ސްޓައިލްގެ އެ ކުރެހުން ތަކުން އޭނާ ދައްކައިދީފައިވަނީ ބައިޕޯލާ އާ އެކު ދިރިއުޅޭ އިރު ދިރިއުޅުން ސިފަކުރެވޭ ގޮތާއި ކުރާ އިހުސާސް ތައް


މިދިޔަ ތިން އަހަރުގެ ތަޖުރިބާ އޭނާ އަށް މާ ތަފާތެވެ. ސިކުނޑި ވަރަށް ބޮޑަށް ގޯސްވެ، އެންމެ ދިގު މުއްދަތަކަށް ކެނޑިނޭޅި ނަފްސާނީ ފަރުވާ ހޯދަން ޖެހުނު ތިން އަހަރެވެ. އެ ދުވަސްތަކުގައި އޭނާ މަސައްކަތް ކުރީ މި ބުނި ޖަޒުބާތުތައް ކުލަ ފިހިން މަންޒަރުތަކެއްގެ ގޮތުގައި ކަރުދާހަށް ތިލަކޮށްދިނުމަށެވެ. އެކަމުން ނަފުސަށް ހަމަހިމޭން ކަމެއް ހޯދޭތޯ އެވެ.

"ބައިޕޯލާ ހުންނާތީއާ އެކު، ޕެނިކް އެޓޭކެއް ޖެހިގެން ވަރަށް ބޮޑަށް ބަލިވެގެން ސިލޯނުގަ މިދިޔަ ތިން އަހަރު ފަރުވާގައި މި ހޭދަކުރީ. މި ފަހުން އައި އެޕިސޯޑުގައި މޮޔައިންގެ ހޮސްޕިޓަލެއްގައި ވެސް ތިން ހަފްތާ ހޭދަކުރަން ޖެހުނު،" ނަފްސާނީ ދުޅަހެޔޮކަމަށް މީހުން ހޭލުންތެރިކުރަން އެގްޒިބިޓްކޮށްފައިވާ ހަޔާތުގެ ސަފުހާތައް ނިއުޅަމުން އީހާބް ކިޔައިދިނެވެ.

"ކުރަހަން ފެށުނީ ވެސް އެޕިސޯޑެއްގެ ތެރެއިން ވީމަ، ފިލްޓަރެއް ނެތި ބޮލު ތެރޭގައި ހުރި ހުރިހާ ސްޓްރެސް އެއް ކަރުދާހަށް ގެނެސްދެވިފައި މި ހުންނަނީ. މިތަނުގައި ނެތަސް، ބަލާލަން ނުކެރޭހާ އަނދިރި ޕެއިންޓިން ތައް ވެސް ކުރަހާފަ ހުންނާނެ. އެހެންވީމަ ކުރެހުމުން ވަރަށް ބޮޑަށް އަހަންނަށް، އަހަރެންގެ ސްޓޭޓް އޮފް މައިންޑް [ސިކުނޑީގެ ހާލަތު] ހުރި ގޮތް ދެނެގަންނަން އެހީވޭ،"

އީހާބްގެ ކުރެހުން ތަކުގެ ތެރެއިން 'ނައިން ލައިވްސް': ބުޅާ ދެކެ ލޯބިވާ އީހާބް ކުރަހާފައިވާ މި ކުރެހުމުގައި ދައްކާފައި އެ ވަނީ ލަންކާ ހޮސްޕިޓަލުގައި އޮތް އިރު ކުޑަދޮރުން ފެންނަ ކާޅުތަކުގެ ތެރޭން ކާޅެއް. އަދަދު ފޮޓޯ / މުހައްމަދު ޝާބިން


ބައިޕޯލާ ޑިސްއޯޑާ އިން މިޒާޖަށް އާދަޔާ ހިލާފި ބަދަލު ނުވަތަ 'މޫޑް ސްވިންގް' ގެނުވަ އެވެ. މީގެ ސަބަބުން މި ފަދަ ނަފްސާނީ ހާލަތެއް ތަޖުރިބާކުރާ މީހަކަށް އެހެން މީހުންނާ ހަމަޖެހޭ ގުޅުމެއް ބަދަހިކޮށްގެން އުޅެން އުނދަގޫވެ އެވެ. އަދި ގަވާއިދުން މަސައްކަތުގެ ތަރުތީބު ހިފެހެއްޓުމާއި ބޮޑުވަރު ވާ ހާލަތު ތަކުގައި އަމިއްލަ ނަފްސުގެ އެއްވެސް އަގެއް ނެތް ކަމުގެ އިހުސާސް ކުރެ އެވެ.

ސާޅީސް އަހަރުގެ އީހާބް 'ބައިޕޯލާ' ސިފަކުރަނީ އެކަން ތަޖުރިބާ ކުރާ މީހާ މުޅިން ވަރުބަލިކޮށްލާ ފަދަ ނަފްސާނީ ހާލަތެއްގެ ގޮތުގަ އެވެ.

ބައިޕޯލާ ޑިސްއޯޑާ

  • މޭނިއެކް ޑިޕްރެޝަންގެ ގޮތުގައި ކުރިން ސިފަކުރަމުން އައި މި ހާލަތަކީ މީހާގެ މޫޑަށް ކުއްލި ކުއްލި އަށް އާދަޔާ ހިލާފު ބަދަލު ގެންނަ ނަފްސާނީ ހާލަތެކެވެ. މިގޮތަށް އަންނަ ބަދަލު ނުވަތަ ވޭރިއޭޝަން ގައި ޑިޕްރެޝަންގެ އިންތިހާ ވެސް ތަޖުރިބާ ކޮށްފާނެ އެވެ. ނުވަތަ މީހާ 'މޮޔަ' ކޮށްލާ ވަރަށް ރުޅި ވެސް އަތުވެދާނެ އެވެ.
  • އަލާމާތްތަކުގެ ތެރޭގައި އުފަލުން ގޮސް ހަދާނެ ގޮތް ނޭނގޭ ވަރަށް އުފާވުމާއި، ޑައުން ވާ ފަހަރު ތަކުގައި މުޅިން ހިތް މަރުވެފައިވާ ކަމުގެ އިހުސާސް ކުރެވުން ހިމެނެ އެވެ. މިގޮތުން ޖަޒުބާތުގައި ޖެހިގެން ޖޯޝުގައި ވަކި ކަމެއް ކުރަން ބޭނުން ވެގެން ކުރުމާއި މޮޅު ކަންކަން ކުރަން ޕްލޭން ކުރުމާއި ހިޔާލުތައް ވެސް ގެންގުޅެ އެވެ.
  • މިކަހަލަ އެޕިސޯޑު ތައް އާންމުކޮށް ތިން ހަތަރު ހަފްތާ އަށްވުރެ ގިނަ ދުވަހަށް ދެމި ނުހުންނާނެ އެވެ.
  • ޓްރީޓްމަންޓްގެ ތެރޭގައި މޫޑް ސްޓޭބިލައިޒް ކުރަން ދިގު މުއްދަތަށް ކާ ބޭހާއި، ތެރަޕީ ނެގުމާ އެކު ދިރިއުޅުމުގެ ވައްޓަފާޅި އަށް ގެންނަ ބަދަލުތައް ހިމެނެ އެވެ.

"އެހެންވީމަ މިފަދަ އެކްސްޓްރީމް އެޕިސޯޑް ތަކަކީ އެކަން ތަޖުރިބާކުރާ މީހަކަށް ފަސޭހަ ކަމަކަށް ނުވޭ،" ބޭހާއި ތެރަޕީގެ އެހީގައި މިހާރު ޖަޒުބާތުތައް ކޮންމެވެސް ވަރަކަށް ހިހައްޓަން ދަސްވެފައިވާ ކަމަށް ބުނަމުން އީހަބް ކިޔައިދިނެވެ.

އެންމެ ފުރަތަމަ އޭނާ ބައިޕޯލާ އަށް ޑައިގްނޯސްވި އިރު އުމުރުން 21 އަހަރެވެ. ރައްޓެހިންނާ އެކު ރިސޯޓަކަށް ދިޔަ ދަތުރެއްގައި، އެކުވެރިއަކާ އެކު ސެއިލް ބޯޓެއް ދުއްވަނިކޮށް ދިމާވި ކަމެއްގައި ހަތަރު ގަޑިއިރު ކަނޑުވެ، އެކަނިވެރިކަމާއި ގޮތްހުސް ކަމުގައި ކުރި ބިރުވެރި ތަޖުރިބާ އަށް ފަހު ޕެނިކް އެޓޭކް ތަކެއް އަންނަން ފެށީ އެވެ. ބައިޕޯލާ ގެ ފެށުމަކީ އެއީ އެވެ.

"އަބަދުވެސް މަސައްކަތް ކުރިން ވަޒީފާ އަކަށް ދާން، ލާރި ހޯދަން. މިދިޔަ އަހަރުތަކުގައި ވަރަށް ގިނަ ވަޒީފާ އަށް ވެސް ގޮއްސިން. އެކަމަކު އެއް ކަމެއްގައި ދެމި ނުހުރެވޭ. އެހެން މީހަކަށް ހީވާނެ، ކަންނެތޭ، އެއްވެސް ކަމެއް ނުކުރަނީއޭ ހަމަ އޮންނަނީއޭ ގޭގަ. އެކަމަކު ހަގީގަތުގަ ޑިޕްރެޝަން އަކީ މީހާ މުޅިން މަރާލާ އެއްޗެއް، ސިކުނޑި ވެސް ދާނެ ހަށިގަނޑު ވެސް ދާނެ، ހަމަ އެއްވެސް ވަރެއް ނުހުންނާނެ ކަމެއް ކުރާނެ." އީހާބް ބުންޏެވެ.

އީހާބްގެ ކުރެހުމެއް: މި ކުރެހުމުން ފެންނަ އަންހެން މީހާ އަކީ އީހާބް ގެ ދައްތަ އީވާ އަދަދު ފޮޓޯ / މުހައްމަދު ޝާބިން


"ބައިޕޯލާގަ ވާނީ ޑިޕްރެސް ވެފަ ސައިކޯ ވެފަ މޭނިއެކް ވެފަ އެހެން އެކި ދުވަސް ދުވަހު. އަބަދު ވެސް ސައިކަލް އެއްގެ ތެރޭގަ އުޅެވޭނީ. މިދިޔަ ވިހި އަހަރު މި ހޭދަވީ އެހެން."

އޭނާ ބުނީ، އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ސައިކޭޓްރިކް ފަރުވާއަށްވުރެ ބޮޑަށް ތެރަޕީ އިން ކަމަށެވެ. ތެރަޕީ އިން ޖަޒުބާތުތައް ވަކި ގޮތަކަށް ހިފަހައްޓަން ދަސްވުމާއެކު، އެމީހެއްގެ 'ބްރޭންޑް' ގެ ޑިސްއޯޑާ އާ އެއްގޮތަށް ދިރިއުޅުމަށް ބަދަލު ގެންނަންވީ ގޮތުގެ އިރުޝާދު ލިބޭ ކަމަށެވެ. ހޭވެރިކަން ހިފަހައްޓަން ތެރަޕީ އޭނާގެ ދިރިއުޅުމުގައި ބަޔާން ނުކުރެވޭ ވަރުގެ ދައުރެއް އަދާކުރި ކަމަށް ވެސް ބުންނެވެ.

"އަހަރެން ވަރަށް ނަސީބު ރަނގަޅު އެގޮތުން. އާއިލާ އަކީ ފުދޭ ސަޕޯޓިވް އިލާއަކަށް ވާތީ ބޭނުންވާ ވަރަށް ފަރުވާ ލިބުނު. އެކަމަކު މީގެ އަސްލު އެންމެ އެހީވި ކަމަކީ އަހަންނަން އަހަރެންގެ ނަފްސާނީ ހާލަތު އެނގުން. އެންމެ މުހިއްމު ކަމަކީ އެއީ. ފަރުވާ ވެސް ކުރެވޭނީ ބަލި ދެނެގަންނަން މަސައްކަތް ކޮށްގެން،" އީހާބް ބުންޏެވެ.

އަދަދު ފޮޓޯ / މުހައްމަދު ޝާބިން


އޭނާ ބުނީ، ނަފްސާނީ ބައްޔަކީ ކިތަންމެ ހަމަޖެހޭ ދިރިއުޅުމެއްގައި އުޅޭ މީހަކަށް ވެސް ދިމާވެދާނެ ކަމެއް ކަމަށެވެ. އެކަމަށް ހޭލުންތެރިވުމާ އެކު ނަފްސާނީ ގޮތުން ދުޅަހެޔޮކަން ހޯދުމަށް މަސައްކަތް ކުރުމަށް ވެސް އޭނާ އިލްތިމާސްކުރި އެވެ. އޭނާގެ މައުރަޒުން ދޭން ބޭނުންވާ މެސެޖަކީ ވެސް އެއީ އެވެ.

"މިސާލަކަށް އަހަރެން ކުރަހަން ފެށި ސަބަބަކީ، އާޓަކީ ފެންނަން އިންނާނެ އެއްޗެއް. އެ ވަގުތު ފީލްވާ އެއްޗެއް އެކްސްޕްރެސް ކޮށްފަ އޭތި ފެންނަން އެބަ އިނދޭ. އާޓާށް އެހާ ޑްރޯން ވަނީ އެހެންވެ. ވަރަށް ޑިޕްރެސް ވެފަ ހުންނަ އިރު އެ ޖަޒުބާތުތައް ބޭރުކުރަން އާޓް ވަރަށް އެހީވޭ. ބައެއް މީހުންނަށް އެ އެހީތެރިކަން ލިބޭނެ ވާހަކަ ދައްކައިގެން ވެސް. އަނެއްބައި މީހުން ލިޔަން ވެސް ލިޔާނެ،"