Advertisement

ކުނީގެ ގަވާއިދާ ހިލާފުވާތީ ވޯލްމާޓްއާ ދެކޮޅަށް ކެލިފޯނިއާ އިން ކޯޓަށް

22 ޑިސެންބަރު 2021 - 07:36 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ވޮޝިންޓަންގައި ހުންނަ ވޯލްމާޓްގެ ފިހާރައެއް. -- ފޮޓޯ: އޭއެފްޕީ


ކުނީގެ ގަވާއިދާ ހިލާފުވާތީ ވޯލްމާޓްއާ ދެކޮޅަށް ކެލިފޯނިއާ އިން ކޯޓަށް

22 ޑިސެންބަރު 2021 - 07:36 0

ވޮޝިންޓަން، އެމެރިކާ (ޑިސެމްބަރު 21) - ނުރައްކާތެރި ކުނި ނައްތާލުމުގައި ވޯލްމާޓް އިން ގަވާއިދާ ހިލާފަށް އަމަލު ކުރާ ކަމަށް ތުހުމަތުކޮށް ކެލިފޯނިއާ ސްޓޭޓުން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ކެލިފޯނިއާ ސްޓޭޓުން ބުނީ 2015 އިން 2021 އަށް ވޯލްމާޓްގެ ފިހާރަތަކުގައި ބޭނުންކުރާ ކުނި ކޮމްޕެކްޓަރުތަކުގެ 58 އިންސްޕެކްޝަން ހެދި ކަމަށާއި ހާއްސަ ގޮތަކަށް ނައްތާލަން ޖެހޭ ކުނި ފާހަގަވި ކަމަށެވެ.

އެގޮތުން ކޮމްޕެކްޓުކޮށްފައިވާ ކުނީގެ ތެރޭގައި ބެޓެރި އާއި ސޫފާސޫތްޕަށް ޖަހާ ބޭހާއި، ސާފުކުރުމަށް ބޭނުން ކުރާ ބޭހާއި، އިލެކްޓްރޯނި ކުންޏާއި ކަސްޓަމަރުންގެ ސިއްރު މައުލޫމާތު ހިމެނޭ ކަރުދާސް ފާހަގަވި ކަމަށް ބުންޏެވެ.

"އެންމެ މީހަކު ބެޓެރިއެއް އެއްލާލައިގެން ނޫނީ ބޭނުންކޮށްފައި އޮތް ސްޕްރޭ ފުޅިއެއް އެއްލާލައިގެން އެއީ މާ ބޮޑު ކަމެކޭ ހިތަށް ނާރަފާނެ،" ކެލިފޯނިއާގެ އެޓޯނީ ޖެނެރަލް ރޮބް ބޮންޓާ ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.

"އެކަމަކު މި ދައްކަނީ އެތައް ހާސް ބެޓެރި އާއި، ސާފުކުރަން ބޭނުން ކުރާ ބޭހާއި އެހެން ނުރައްކާތެރި ކުނީގެ ވާހަކަ. އޭގެ ސަބަބުން ތިމާވެއްޓާއި މުޖުތަމައުތަކަށް ކުރާ އަސަރު ވަރަށް ބޮޑު ވާނެ."

ވޯލްމާޓް އިން މީގެ ކުރިން އަމަލުކޮށްފައިވާ ގޮތްތައް ކަމަށް ބުނެ، ކެލިފޯނިއާ ސްޓޭޓުން ތުހުމަތު ކުރީ ކޮންމެ އަހަރަކު ވެސް 72،000 ކިލޯގެ ނުރައްކާތެރި ކުނި ގަވާއިދާ ހިލާފަށް އުކާލާ ކަމަށެވެ.

މީގެ ކުރިން 2010 ވަނަ އަހަރު ވެސް ވޯލްމާޓް އިން ކުނީގެ ގަވާއިދާ ހިލާފުވެފައި ވާތީ މައްސަލަ ހުށަހެޅި އެވެ. އެ ފަހަރު ކެލިފޯނިއާ ސްޓޭޓާއި ވޯލްމާޓް އިން މައްސަލަ ހަމަޖެއްސީ ބަދަލުގެ ގޮތުގައި 25 މިލިއަން ޑޮލަރު ހުށަހަޅައިގެންނެވެ.

ނަމަވެސް އެޓޯނީ ޖެނެރަލްގެ އޮފީހުން ބުނީ އޭގެ ފަހުން ވެސް ގަވާއިދާ ހިލާފަށް އަމަލު ކުރުމުގެ މައްސަލަ ހައްލުވެފައި ނުވާ ކަމަށެވެ.

ވޯލްމާޓް އިން ނެރުނު ބަޔާނެއްގައި ތުހުމަތުތައް ދޮގު ކުރުމަށް ފަހު ބުނީ 2010 ވަނަ އަހަރަށް ފަހު 3،800 ފަހަރު ކުންފުނީގެ ފިހާރަތައް އިންސްޕެކްޓު ކުރި ކަމަށާއި ގަވާއިދާ ހިލާފުވެގެން އެންމެ ފަހަރަކު ވެސް ޖޫރިމަނާ ނުކުރާ ކަމަށެވެ.

ވޯލްމާޓްގައި ކޮމްޕެކްޓް ކުރާ ކުނީގެ ތެރެއިން ފެނުނީ އެންމެ 0.4 ޕަސެންޓުގެ ނުރައްކާތެރި ކުނި ކަމަށް ވެސް ބުންޏެވެ. ކެލިފޯނިއާގައި ކޮމްޕެކްޓް ކުރާ ކުނީގެ ތެރޭގައި ތިން ޕަސެންޓަށް ވުރެ މަދުން ނުރައްކާތެރި ކުނި ހުރުމަކީ މައްސަލައެއް ނޫނެވެ.

"ވޯލްމާޓް އަކީ ކެލިފޯނިއާ އާއި ކުންފުނި އޮޕަރޭޓް ކުރާ ހުރިހާ ތަނެއްގައި ވެސް ޒިންމާދާރުކަމާ އެކު އަމަލު ކުރާ ކޯޕޮރޭޓް ރައްޔިތެއް،" ބަޔާނުގައި ބުންޏެވެ.