Advertisement

އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (12)

21 ޑިސެންބަރު 2021 - 08:13 0

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ


އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (12)

21 ޑިސެންބަރު 2021 - 08:13 0

އިންސާނީ ނަވްޢު ހިނގަ ހިނގާ އޮންނަނީ ބަދަލުކުރެވެމުންދާ މަޢުލޫމާތުތަކެއްގެ މައްޗަށެވެ. އެއީ ޚިޔާލާތާއި ފިކުރިއްޔާތެވެ. ޢުލޫމާއި ފުނޫނެވެ. އެއް ބާގައެއްގެ ފުށުން އަނެއް ބާގައެއްގެ ތެރެއަށް މިކަންކަން ވާސިލުވަމުންދެ އެވެ. އެވޭލާ ޒަމާނުގެ ދުނިޔޭގައި، މިފަދަ މުޢާމަލާތްތަކަށް ހުޅުވިފައި އޮތް އެންމެ ފަހި ފުރުސަތަކީ ދޭދޭ ފަރާތްތަކުގެ ދެމެދުގައި އުފެދިފައި އޮންނަ ވިޔަފާރީގެ ގުޅުމެވެ. އެ ޒަމާނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައި ހުރި ވިޔަފާރި ބަނދަރުތަކުގައި ހަމައެކަނި ބަދަލުކުރެވެމުންދަނީ މުދަލުގެ ބާވަތްތަކެއްނޫނެވެ. އެއްބަޔަކާއި އަނެއްބަޔަކާ ދެމެދުގައި ޚިޔާލާ ފިކުރުވެސް ދިޔައީ ބަދަލުކުރެވެމުންނެވެ. މިބީދައިން އިންސާނުންގެ ތެރޭގައި މަޢުލޫމާތު ދަތުރު ކުރަމުން ގެންދިޔަ އެވެ.

ބަދަލުކުރެވޭ މަޢުލޫމާތުތަކުގެ ސަބަބުން މުޖުތަމަޢުތަކަށް އެކި ކަހަލަ އަސަރުތައް ފޯރަމުންދިޔަ އެވެ. އެއްބައި ޙާލަތުގައި އާރޯކަމާއި ތާޒާކަން ގެނުވަ އެވެ. ޙަޟާރީވަންތަ ސިފަތައް އަށަގަނެ އެވެ. އަނެއްބަފަހަރު ހަލާކާއި ގެއްލުން ކުރިމަތިކުރުވަ އެވެ. މިފަދަ ކަންކަމުގެ ތެރެއިން ޙަޟާރަތްތަކުގެ ތެރޭގައި އެކުލެވިފައި ހުރި ފަންނުތަކާއި އަދަބީ ކަންކަމަކީ އެކަތި އަނެއްކައްޗާއި ގުޅިލާމެހިފައި ހުންނަ ކަންކަންކަމުގައިވެސް ވެފައިވެ އެވެ. މިސާލަކަށް ލައިލާ މަޖުނޫނު ވާހަކައަށް ބައްލަވާށެވެ. މި ވާހަކައަކީ ޢަރަބި އަދަބިއްޔާތާއި އަދި ފޯކުލޯރުގެ ތެރޭގައިވެސް ހިމެނިފައިވާ މަޝްހޫރު ވާހަކައެކެވެ. އިނގިރޭސި އަދަބިއްޔާތުގެ ތެރެއިން އުފަންވި ޝެކްސްޕިޔަރގެ ރޯމިޔޯ އެންޑު ޖޫލިއަޓު ވާހަކައިން އެ ވާހަކަ އާއި އެއްބަނޑު އެއްބަފާ ގުޅުމެއް ފެނެ އެވެ. ދިވެހީންގެ މުސްކުޅި އަދަބިއްޔާތުގެ ތެރެއިންވެސް މި ދެ ވާހަކަފަދަ ވާހަކައެއް ފެންނާން އޮވެ އެވެ. އެއީ ދޮން ހިޔަލަ އާއި އަލިފުޅުގެ ވާހަކަ އެވެ.

މި ނޫނަސް ކިޔާ އުޅޭ ޅެންޅެމާއި އުފައްދާފައި ހުންނަ ރާގުތަކާއި އަދި ކުޅެއުޅޭ ކުޅިވަރުތަކުގެ ތެރެއިންނާއި އަދި ކޮށްއުޅޭ މަސައްކަތްތަކުގެ ތެރެއިންވެސް އެއްބަޔަކު އަނެއްބަޔަކާ ދެމެދުގައި އޮންނަ ގާތްތިމާގެކަމުގެ ގުޅުން ފެންނާން އޮވެ އެވެ. ދިވެހީންގެ ތެރޭގައި ހުރި މިފަދަ ކަންކަމަށް ބަލާލިކަމުގައި ވިޔަސް މި ބަހުގެ ހެއްކަކަށް ފުދޭހައި ކަންކަން ފެންނާނެ އެވެ. ބަބުރު ލަވަޔާއި ބަބުރު ބެރެވެ. ކިޔާ އުޅޭ ޅެންޅެމާ ސްވާހިލީ ބަސްމަގާ ހުރި އެއްގޮތްކަމެވެ. ޖަހާއުޅޭ ތާރައިގެ ބާވަތްތަކާއި އޭގައި ކިޔާ ތަކެއްޗެވެ. މި ނޫނަސް ދިވެހީންގެ ތެރެއިން ފެންނަ މިފަދަ ކިތަންމެ ކަމަކުން އިޝާރާތްކުރަމުން އެދަނީ ދިވެހީންނާއި ދުނިޔޭގެ އެކި ބައްރުތަކާއި އޮތް ވިޔަފާރީގެ ގުޅުމެވެ. އަދި އެ ގުޅުމުގެ ތެރެއިން އެއްބަޔަކު އަނެއްބަޔަކާ ދެމެދު ބަދަލުކޮށްފައި ހުރި މަޢުލޫމާތެވެ.

އިންޑިޔާ ކަނޑަކީ އިންސާނީ ޙަޟާރަތްތައް ގުޅުވާލަދިން އެއް ފާލަމެވެ. ދުނިޔޭގެ ވިޔަފާރީގެ މައިމަގެކެވެ. މި ވިޔަފާރީގައި ދުނިޔޭގެ ނަން ހުރި އެންމެހައި ދައުލަތްތަކުން ޝާމިލުވެ އުޅުނެވެ. މިހެންކަމުން މި ކަނޑުވެފައި ވަނީ ޢިލްމާ ހުނަރާއި ފަންނުތަކުގެ ޚަޒާނާއަކަށެވެ. މިތަނުގެ މެދުގައި ސަރާސަރަށް ދެމިގެން އޮތް އެއް ގައުމަކީ ދިވެހީންގެ ރާއްޖެ އެވެ. މި ރާއްޖެއަކީ ދުނިޔޭގެ އެކި ބިތައް ދަތުރުކުރަމުން ދިޔަ "މަޢުލޫމާތު" މަޑުކޮށްލަމުންދިޔަ އަރާމު ބަނދަރެކެވެ. ހިންދުކަރައިގެ ޢަޖާއިބުތައް ދެކެލެއްވުމަށް ދަތުރުކުރެއްވި ސައްޔާޙުން ޝޯޚުކުރުވި ޤައުމެއްވެސްމެ އެވެ.

ދިވެހިރާއްޖެ ވަނީ މީގެ ހާސް އަހަރު ކުރީންވެސް ދުނިޔޭގެ ޢިލްމީ ފޮތްތަކުން ޖާގަ ހޯދައިފަ އެވެ. ފާރިސީންނާއި ސީނުކަރައިގެ މީހުންގެ ފޮތްތަކުންނެވެ. ރޫމީންނާއި ޢަރަބީންގެވެސް ފޮތްތަކުންނެވެ. އަދިވެސް އެޒަމާނުގެ މިފަދަ ކިތަންމެ ބައެއްގެ ފޮތްތަކުންނެވެ. އިހު އެވޭލާ ޒަމާނުގެ ފޮތްތަކުގެ ތެރެއަށް ދިވެހީންގެ ނަން ވައްދައިދިނީ އިންޑިޔާ ކަނޑުގެ ވިޔަފާރި އެވެ. އެ ވިޔަފާރީގައި ދިވެހީން ޝާމިލުވެ ތިބި ތިބުމެވެ. ދުނިޔޭގެ އެހެނިހެން ވިޔަފާރި ބަނދަރުތަކަށް ދިވެހީންގެ އޮޑިފަހަރުތައް ކުރަމުންދިޔަ ދަތުރުތަކެވެ. އެހެންނޫންނަމަ މި ސަރަޙައްދަށް ދުވަހަކުވެސް "ބޯ ދިއްކޮށްލައިފައި ނުވާ" ބޮޑެތި ޢާލިމުންނާއި ފައިލަސޫފުންގެ ލިޔުއްވުންތަކުގެ ތެރެޔަށް ދިވެހީންގެ ޚަބަރުތައް ދާންޖެހޭ ސަބަބެއްނެތެވެ. ދުނިޔޭގެ "މުވާސަލާތު" ހިނގަހިނގާ އޮތީ ދިވެހީންވެސް އަދާކޮށްދިން މެހެމާނުދާރީ އާއި އެކީގައެވެ. މިއީ ދުނިޔެއަށް ދިވެހީން ކުޅަ އެއް ޚިދުމަތެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން އިންޑިޔާ ކަނޑުގެ ވިޔަފާރީގެ މައްޗަށް އެކި ޒަމާންތަކުގައި ބާރު ހިންގަމުން އައިސްފައިވަނީ އެކި ނަސްލުތަކާއި ޤައުމުތަކުންނެވެ. މިގޮތުން ހެލެނިސްޓިކު ޒަމާނުގެ ފަހުކޮޅުން ފެށިގެން މި ކަނޑުގެ ވިޔަފާރީގެ ތެރޭގައި ރޫމީންގެ ބާރު ހިނގަހިނގާ އޮތެވެ. ރޫމީ ޒަމާނުގެ ކުރީކޮޅުން ފެށިގެންވެސް މި ކަނޑުގެ ވިޔަފާރީގެ ތެރޭގައި ޢަރަބީންވެސް ޝާމިލުވެ އުޅެން ފެށި އެވެ. އަދި މީލާދުން 8 ވަނަ ޤަރުނާއި ހަމަޔަށް ފަރިކޮށްލި އިރު ޢަރަބީންވަނީ ރޫމީން ބަލިކޮށް މި ކަނޑުގެ މައްޗަށް އައު ބާރެއްގެ ގޮތުގައި އުފަންވެފަ އެވެ. މި ބޮޑު ބަދަލާއި އެކު އެފްރިކާގެ ގިނަ ބަނދަރުތައްވެސް އޮތީ އިސްލާމީ ފުޠޫޙާތުގެ ތެރެއިން ޢަރަބީންގެ ވެރިކަމުގެ ތެރޭގަ އެވެ. މިޞްރާއި، މަޝްހޫރު ޚަލީޖުލް ބަރުބަރީ (މިހާރުގެ ސޯމާލިޔާ އާއި އެތިއޯޕިޔާ ސަރަޙައްދުން ބައެއް) ފަދަ ސަރަޙައްދުތައް މިގޮތުން ފާހަގަކޮށްލެވެ އެވެ.

މި ޒަމާނަކީ އިސްލާމުންގެ ތެރެއިން ބޮޑެތި ފަލްސަފާވެރިންނާއި އެކި ޢިލްމުތަކުގެ ޢާލިމުން އުފަންވެގެންދިޔަ ޒަމާނެކެވެ. ޖިއޮގްރަފީގެ ފޮތްތަކާއި، ފަލްސަފީ ބަޙުސްތަކާއި އަދި އަދަބީ ވާހަކަތައް ފަދަ ޢިލްމީ ގިނަ މަސައްކަތްތަކެއް ޢާއްމުވަމުން ދިޔަ އެވެ. މިހެންކަމުން ޢަރަބި ސައުދާގަރުންނާއި ސައްޔާޙުންގެ ފުށުން ދުނިޔޭގެ އެތައް މިތަނަށް "މަޢުލޫމާތު" ދަތުރުކުރަމުން ދިޔަ އެވެ. މި ދުވަސްވަރުގައި ލިޔެވެމުންދިޔަ ޢިލްމީ ފޮތްތަކުގެ ތެރެއިން އަދި ވަކީން ޚާއްސަކޮށް ދުނިޔޭގެ ޖިއޮގްރަފީ އާއި ގުޅޭ ފޮތްތަކުން ދިވެހީންގެ ޚަބަރުތައް ތަފްސީލުކޮށް ފެންނާން ހުރެ އެވެ.

އިސްލާމީ ރަންޒަމާނުގެ ތެރެއިން ފެންނަ މިފަދަ ބައެއް ޚަބަރުތަކަށް ބަލާލާއިރު، މީލާދުން 9 ވަނަ ޤަރުނުގެ ތެރޭގައި އުޅުއްވި މަޝްހޫރު ފާރިސީ ސައްޔާޙު ސުލައިމާނުއްތާޖިރު ރާއްޖެ އާއި ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުން ފާހަގަވެ އެވެ. ހަމައެހެންމެ ސުލައިމާނާއި ދާދި އެއް ދުވަސްވަރެއްގައި އުޅުއްވި އަލްމަސްޢޫދީ ވެސް ވަނީ އޭނާގެ "މުރޫޖުއް ޛަހަބު ވަ މަޢާދިނުލް ޖަވްހަރޭ" ކިޔުނު ފޮތުގައި ދިވެހިރާއްޖެ އާއި ގުޅޭ ގިނަ ޚަބަރުތަކެއް ލިޔުއްވާފައިވެ އެވެ. މީލާދުން 900 ގެ އަހަރުތަކުގެ ތެރޭގައި އުޅުއްވި އަލްމަޤްދިސީވެސް ހަމަ އެފަދައިން ރާއްޖޭގެ ވާހަކަ ކޮންމެވެސް މިންވަރަކަށް ލިޔުއްވާފައި އެވެ. ރާއްޖެ އާއި ގުޅޭގޮތުން ފެންނަ އެންމެ ޚާއްސަ އެއް ލިޔުމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ މީލާދުން 1100 ގެ އަހަރުތަކުގެ ތެރޭގައި އުޅުއްވި ޝަރީފުލް އިދުރީސީ ދެއްވާފައިވާ ބަޔާނެވެ. އޭނާ ލިޔުއްވި "ނުޒްހަތުލް މުޝްތާޤޭ" ކިޔުނު ދުނިޔޭގެ ޖިއޮގްރަފީ އާއި ގުޅޭ ފޮތެއްގައި، ދިވެހިރާއްޖެ އާއި ގުޅޭ ގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި ގިނަ ޚަބަރުތަކެއް ދެއްވާފައިވެ އެވެ.

ޝަރީފުލް އިދްރީސީގެ ލިޔުން ވަކީން ޚާއްސަ ގޮތެއްގައި މި ފާހަގަކޮށްލީ އެއީ ބަރުބަރީކަރަޔަށް އުފަން ބޭކަލަކަށް ވާތީ އެވެ. ޙައްޔު ބުނު ޔަޤްޟާން ވާހަކައިގެ މުސައްނިފު އިބްނި ޠުފައިލަކީވެސް ހަމަ އެކަރައިގެ ބޭކަލެކެވެ. މީގެ އިތުރުން ދެބޭކަލުންމެ އުޅުއްވާފައިވަނީވެސް އެއް ދުވަސްވަރެއްގަ އެވެ. އިންޑިޔާ ބައްރުގެ ކައިރީގައި، ޚައްޠު އިސްތަވާގައި (އީކުއޭޓަރުގައި) އޮތް ޖަޒީރާއެއްގެ ވާހަކަ އިބްނި ޠުފައިލު ސިފަކޮށްދެއްވާފައި އެވަނީ ރާއްޖޭގެ ޚަބަރުތައް ނިކަން ރަނގަޅަށް އެނގިލައްވައިގެން ހުންނަވާކަމަށް ނިންމެނީވެސް މިހެންވީމަ އެވެ. އެއީ އިންތިފާޤެއްކަމަށް ބެލެވޭކަށް ނެތެވެ.

އިބްނި ޠުފައިލުގެ ޒަމާނުގައި ބަރުބަރީކަރަޔާއި އަންދަލުސްގެ ބައެއް ސަރަޙައްދުތަކުގައި އޮތީ ބަރުބަރީންގެ ވެރިކަމެއްކަމުގައި ދެންނެވިފައިވާނެ އެވެ. އެއީ މުވައްޙިދުންގެ ދައުލަތެވެ. މިބައިމީހުންގެ ވެރިކަމުގެ ތެރޭގައި ޢިލްމީ ކަންކަން ކުރިއެރުވުމުގެ ރޫޙެއް އޮތީ އުފެދިފަ އެވެ. މި ގޮތުން އެބައިމީހުންގެ ރަސްކަމުގެ ދަރުބާރަށް ގިނަ ޢަދަދެއްގެ ޢިލްމީ ފޮތްތައް ޖަމަޢަކުރެވެމުން ދިޔަކަމަށްވެސް ވާނީ ދެންނެވިފަ އެވެ. މިހެންކަމުން މީލާދުން 9 ވަނަ ޤަރުނުން ފެށިގެން އިސްލާމީ ޢާލިމުން ލިޔުއްވާފައި ހުރި ދިވެހިރާއްޖެ އާއި ގުޅޭ ޚަބަރުތައް އިބްނި ޠުފައިލަށް ފެނިނުލައްވާ އޮވެދާނެކަމަކަށް ނުބެލެވެ އެވެ.

ހަމަމިހެންމެ އޭނާގެ ޒަމާނުގައި ދިރިއުޅުއްވި އަދި އޭނާ އާއި އެއް ގައުމަކަށް އުފަންވި ޝަރީފުލް އިދްރީސީ ލިޔުއްވި މަޝްހޫރު ޖިއޮގްރަފީ ފޮތްވެސް ފެނިނުލައްވާ އޮވެދާނެކަމަށް ގަބޫލުކުރުމަކީ ދަތިކަމެކެވެ. ދިވެހިރާއްޖޭގެ ދިރިއުޅޭ މީހުންގެ ޚަބަރާއި މިތަނުގެ ޠަބީޢަތާއި ވެރިކަމުގެ ފާޑާއި އަދި މިތަނުން ބޭރުކުރާ މުދަލުގެ ވާހަކަތައްފަދަ އެތައް ވާހަކައެއް އެދުވަސްވަރުގެ ޢަރަބި ލިޔުންތެރީން އެވަނީ ލިޔުއްވާފަ އެވެ. ކަންކަން ހޯދާ ބަލާ ދިރާސާކުރާ މީހަކަށް އެފަދަ ލިޔުންތަކަކީ ފެންނާނެ އެއްޗެއްވެސްމެ އެވެ. މިހެންކަމުން ޙައްޔު ބުނު ޔަޤްޟާނުގެ ވާހަކައިގެ ޚިޔާލު ބިނާކުރެއްވި އިރުގައި ޚައްޠު އިސްތަވާގައި (އީކުއޭޓަރުގައި) އޮތް ޖަޒީރާއެއްގެ ޚަބަރު އިބްނި ޠުފައިލަށްވެސް އޮންނާނީ ލިބިލައްވާފަކަމުގައި މާބޮޑަށްވެސް ބެލެވެ އެވެ. އަދި އޭނާގެ ފަލްސަފީ ވާހަކައިގެ ޚިޔާލު ބިނާކުރައްވާފައި އެވަނީ އެ ޚަބަރުތަކުގެ އެހީ ހޯއްދަވައިގެންކަމަށްވެސް މަންޠިގީ ހަމަޔަކުން ބެލެވެނީ މިހެންވީމަ އެވެ.

އެންމެ ރަނގަޅެވެ. އިބްނި ޠުފައިލަށް އެވަނީ ދިވެހީންގެ ޚަބަރު ލިބިލައްވާފަ އެވެ. މިކަމުގައި ޝައްކެއްނެތެވެ! އޭނާގެ ފަލްސަފީ ވާހަކައިގެ ޚިޔާލު ބިނާކޮށްފައި އެވަނީ އެއިރުގެ ޢަރަބި ލިޔުންތެރީންގެ ފުށުން ދިވެހިރާއްޖެ އާއި ގުޅޭ ގޮތުން ލިބިލައްވާފައި ހުރި ޚަބަރުތަކުގެ މައްޗަށް ބިނާވެ ހުރެ އެވެ. އެހެންނަމަވެސް އެ ޚިޔާލީ ވާހަކަ އާއި ދިވެހީންގެ ކޮއިމަލާކަލޯ ވާހަކަޔާއި އެއްގޮތްވީ ކީއްވެ ހެއްޔެވެ؟ އިބްނި ޠުފައިލު ދެކެލެއްވި ފޮތްތަކުގައި އެވާހަކަ އޮތީ ހެއްޔެވެ؟ ޙައްޔު ބުނު ޔަޤްޟާންގެ ވާހަކައަކީވެސް ދިވެހީންގެ ތެރޭގައި ކިޔަމުން އައި ކޮއިމަލާ ވާހަކަ، ސައްޔާޙުންގެ ފުށުން އިވިލައްވައިގެން އުފެއްދި ވާހަކައަކަށް ވަނީ ހެއްޔެވެ؟

ކޮއިމަލާކަލޯއަކީ ދިވެހި ޤައުމު ދުށް ބަޠަލެކެވެ. ދިވެހީންގެ މިނިވަންކަމުގެ ބާނީއެއްވެސްމެ އެވެ. ހަރުދަނާ މި ޝަޚުސިއްޔަތާއި ގުޅުވައިގެން އުފައްދާފައިވާ ވާހަކައަކީ ކޮއިމަލާކަލޯގެ ވާހަކަ އެވެ. ބައެއްގެ ތެރެއިން މޮޅުކަމާ ހަރުދަނާކަމަށް މަޝްހޫރުވާ މީހާ ނުވަތަ ނުބައި ނުލަފާކަމަށް ހުނިޖެހޭ މީހާގެ ވާހަކައަކީ އަބަދުވެސް އެކެއްގެ ދުލުން އަނެކެއްގެ ދުލަށް ނަގުލުކުރަމުން ގެންދާ ވާހަކަތަކެވެ. ބައެއް ފަހަރު އެފަދަ މީހުންގެ ވާހަކަ ނަގުލުކުރުމަށްޓަކައި ގއެކި ފާޑުފާޑުގެ ވާހަކަތައްވެސް އުފަންކުރެ އެވެ. މީހަކާއި ގުޅުވައިގެން ބައެއްގެ ތެރޭގައި ވާހަކައެއް އުފެދިފައި ހުންނަނީ ގިނަފަހަރު އެމީހަކު ވަކިވެދިޔަތާ ގަރުނުތަކެއް ފަހުންނެވެ. ޙައްޔު ބުނު ޔަޤްޟާންގެ ވާހަކަ އިބްނި ޠުފައިލު އުފަންކުރައްވާފައި އެވަނީ ދިވެހީން ކިޔަމުން އައި ކޮއިމަލާކަލޯގެ ވާހަކައެއް އިވިލައްވައިގެން ނޫންކަމުގައި ދަންނަވާން ޖެހެނީވެސް މި ސަބަބަށްޓަކައެވެ. އެހެނީ އިބްނި ޠުފައިލުގެ ވާހަކައަކީ ކޮއިމަލާކަލޯގެ ވާހަކައަށްވުރެ ދޮށި ވާހަކައެއްކަމުގައި އަޅުގަނޑު ގަބޫލުކުރާތީ އެވެ.

ކޮއިމަލާކަލޯ "ސަޚުސިއްޔަތެއްގެ" ގޮތުގައި ފާހަގަވާން ފައްޓައިފައިވާނީ ވީރަދޭވަ ރަސްގެފާނުން ސިލޯނުގައި ގަތުލުވުމަށްފަހު އެވެ. އެއީ މީލާދުން 1114 ނުވަނަތަ 1115 ވަނަ އަހަރާއި ހިސާބުގަ އެވެ. ދިވެހި ތާރީޚުގެ މަސްދަރުތައް ބުނާގޮތުން ކޮއިމަލާ ދިވެހީންގެ ތަޚުތަށް އިސްވެވަޑައިގެންނެވީ މީލާދުން 1120 ނުވަތަ 1121 ވަނަ އަހަރުގަ އެވެ. އެއީ ވީރަދޭވަ ގަތުލުވި ހާދިސާގެ ހަވަރަކަށް އަހަރު ފަހުންނެވެ. މި ހާދިސާ އާއި އޭގެ ފަހަށް ބަޠަލެއްގެ ގޮތުގައި ކޮއިމަލާކަލޯ ދިވެހި އުޑުދަށުން ވިދާލި ގޮތާއި އައު ރަސްދަރިކޮޅެއްގެ ބާނީއަށްވެ ދިވެހި ތަޚުތަށް އިސްވެވަޑައިގެންނެވި ގޮތުގެ މައްޗަށް މި ސިލްސިލާގެ ތެރޭގައި ވަރަށް ތަފްސީލުކޮށް އަލިއަޅުވާލެވިފައިވާނެ އެވެ. މިހެންކަމުން އަލުން އެވާހަކަތައް ދިގުކުރުމަކީ މާ ބޭނުން ހުރި ކަމެއް ނޫނެވެ.

ވީރަދޭވަ ސިލޯނާ ހަނގުރާމަ ކުރެއްވި އިރު ޙައްޔު ބުނު ޔަޤްޟާން ވާހަކައިގެ މުސައްނިފު އިބްނި ޠުފައިލަކީ ކުޑަކުއްޖެކެވެ. އެއިރު އޭނާއަށް ވާނީ ފަސްވަރަކަށް އަހަރެވެ. ކޮއިމަލާކަލޯ ޝަޚުސިއްޔަތެއްގެ ގޮތުގައި ދިވެހި އުޑުދަށުގައި ވިދާލާ އައު ރަސްދަރިކޮޅެއް އުފަންކުރެއްވި އިރުވެސް އެއީ ކުޑަކުއްޖެކެވެ. ދިވެހި ތަޚުތުގައި 21 އަހަރު ރެނދަލިކުރެއްވުމަށްފަހު މީލާދުން 1140 ނުވަތަ 1141 ވަނަ އަހަރު ކޮއިމަލާކަލޯ އަވަހާރަވީއިރު އިބްނި ޠުފައިލުގެ ޢުމުރަކީ 30ކަށް ނުވަތަ 40ކަށް އަހަރެވެ. އެއިރު އޭނާ އުޅުއްވަނީ ބަރުބަރީންގެ ދައުލަތުގެ ތެރޭގައި ޢިލްމު ހޯއްދެވުމުގައެވެ. އިބްނި ޠުފައިލު ބަރުބަރީކަރައިގައި ނިޔައުވީ ކޮއިމަލާ އަވަހަރަވިތާ 40ކަށް އަހަރުފަހުން މީލާދުން 1185 ވަނަ އަހަރުގަ އެވެ.

އާދެ! އިބްނި ޠުފައިލާއި ކޮއިމަލާ ކަލޯ އުޅުއްވާފައި އެވަނީ ދާދި އެއް ޒަމާނެއްގަ އެވެ. ކުރިންވެސް ދެންނެވުނު ފަދައިން މީހެއްގެ މޮޅުކަމުގެ މައްޗަށް ޠަބީޢީ ގޮތުން ވާހަކައެއް އުފެދެނީ ގިނަ ޒަމާންތަކަކުންނެވެ. އަދި މިފަދަ ޝަޚުސިއްޔަތުންނާއި ގުޅުވައިގެން ކުޅަދާނަ އަދީބުން ވާހަކަތައް އުފަންކޮށްފައި ހުންނަނީވެސް ގިނަ ފަހަރު އެ ވާހަކަ އަމާޒު ކުރެވޭ ފަރާތް ދިރިއުޅުއްވި ޒަމާނުގެ ފަހުންނެވެ. މިހެންވުމުން އިސްވެ ދެންނެވުނު އަހަރުތަކާއި އަދި އެނޫންވެސް ކަންކަމަށް ރިޢާޔަތްކޮށް ބަލާނަމަ އިބްނި ޠުފައިލަށް ދިވެހީންގެ ޚަބަރުތައް ލިބިލެއްވި އިރުގައި ކޮއިމަލާކަލޯގެ "ވާހަކައެއް" އިވިލައްވާފައި އޮތުމަކީ ވަރަށް ނާދިރުކަމެއްކަމުގައި ބަލާންޖެހެ އެވެ.

ވަކި ކަމަކުން ފާހަގަކުރެވޭ މީހުންނާއި ގުޅޭ ގޮތުން ވާހަކަތައް އުފަންކޮށް އެ ކިޔައި ހެދުމަކީ އިންސާނީ ނަސްލުގެ އާދައެކެވެ. މިހާރުވެސް ހިނގާހިނގާ އޮތް އާދައެކެވެ. މިސާލަކަށް ފާރިސީންގެ ސައިރަސް ވާހަކައަށް ބައްލަވާށެވެ. އެރަސްގެފާނަކީ އެމީހުންގެ ދައުލަތައިގެން ތެދުވެންނެވި ވަރުގަދަ ހަނގުރާމަވެރި ރަސްކަލެކެވެ. އެ ރަސްގެފާނުންގެ ޒަމާނުގައި ވަނީ އެރަސްގެފާނުންގެ އަމިއްލަފުޅު ނަސަބުފުޅާއި އުޅެ ބޮޑުވި ގޮތްތައް އަމިއްލަފުޅަށް އެކި ތަންތަނުގައި ކަނޑާ ނަންގަވާފަ އެވެ. އެހެންނަމަވެސް އޭނާ އުޅުއްވި ޒަމާން ފާއިތުވެދިޔުމުން ފާރިސީންގެ ތެރޭގައިވެސް އެރަސްގެފާނާ ގުޅުވައިގެން ވަނީ ދިގު ވާހަކައެއް އުފަންކޮށްފަ އެވެ. ވަލުކުއްތާއެއްގެ ބަނޑުދަށުން ކިރުބޮއެގެން ބޮޑުވި ކުއްޖެއްގެ ގޮތުގަ އެވެ. ސައިރަހުގެ ޒަމާނުގައި އެރަސްގެފާނުންގެ ނަސަބުފުޅާއި އަސްލު ބަޔާންކުރައްވާ ކަނޑާ ނެގުނު ލިޔުންތައް ދިމާއަށް ފެންނާން ހުއްޓަ އެވެ. ސައިރަހުގެ ޒަމާން އޮބައިދިޔުމުން އޭނާ އާއި ގުޅުވައިގެން އަދީބުން ވާހަކަ އުފަންކުރީ ނޫންތޯ އެވެ.

ސައިރަސް ވާހަކަ ފަދައިން އިހު ޒަމާނުގެ ޙަޟާރަތްތަކުގެ މީހުން އެމީހުންގެ ބަޠަލުންގެ ފެށުން ޖަންގައްޔާއި ގުޅުވާ، ޙައިވާނީ ބެލެނިވެރިކަމެއްގެ ދަށުގައި ބޮޑުވަމުން އަންނަ ސީޣާއަކުން ވަރަށް ގިނައިން ގެނެސްދީފައި ހުރެ އެވެ. މިފަދަ ވާހަކަތައް އުފަންވަނީ ގްރީކޯ ރޯމަން މެތޮލޮޖީގެ އަސަރުތައް ފޯރައިގެންކަމުގައިވެސް ބައެއް މުއައްރިޚުން ބުނުއްވަ އެވެ. ކޮންމެ ކަހަލަ އަސަރެއް ފޯރައިގެން ކަމުގައި ވިޔަސް މިފަދަ ފޯކުލޯރުތަކުގެ މައިގަނޑު މަފުހޫމަކީ ގިނަ ފަހަރު އެއް މަފޫހުމަކަށް ވެދެ އެވެ. އެއީ އެ ފޯކުލޯރައް ބިނާވެފައި އޮންނަ ފަރާތެއްގެ ޚާއްސަކަން ބުނެދިނުމެވެ. އާއްމު އެހެން މީހުންނާއި ދެމެދު ހުރި ތަފާތު އަންގައިދިނުމެވެ. އެފަރާތެއްގެ ކުޅަދާނަކަމާއި ހިތްވަރު ސޫރަކޮށްދިނުމެވެ. ހަމައެހެންމެ އެއީ އައު ޢަސްރެއްގެ ފެށުންކަމުގައިވެސް ބުނެދިނުމުގެ ގޮތުންނެވެ.

ދުނިޔޭގެ ޙަޟާރަތްތަކާއި އެއް ބީދަޔަކުން ދިވެހީންގެ ތެރޭގައި ކިޔަމުން އައިސްފައިވާ އެއް ވާހަކައަކީ ކޮއިމަލާ ކަލޯގެ ވާހަކަ އެވެ. މި ވާހަކަ ބިނާކޮށްފައި އެވަނީ މުޅި މި ސަރަޙައްދުގެ ގަބޫލުކުރުންތައް މަސްހުނިކޮށްގެން ދިވެހީންގެ ބަޠަލެއްގެ މައްޗަށެވެ. ދިވެހީންގެ ތާރީޚާއި މުޅި މި ސަރަޙައްދުގެ ކަންކަން ހިމަނައިގެންނެވެ. އިބްނި ޠުފައިލަށް ރާއްޖޭގެ ޚަބަރުތައް ލިބިލައްވައިގެން ޙައްޔު ބުނު ޔަޤްޟާން ވާހަކަ އުފަންކުރެއްވި ފަދައިން ކޮއިމަލާކަލޯގެ ވާހަކަ އުފަންކުރެއްވި ފަރާތަށް އެ ވާހަކަ އިވިލައްވާފައި އޮތުމަކީވެސް ވަރަށް އެކަށޭނަކަމެކެވެ. މިހެން ދަންނަވާން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީވެސް ޢަރަބީންނާއި ދިވެހީންނާއި ދެމެދު އޮތް ގުޅުމުގެ ބޮޑުކަމުންނެވެ. އަދި އެގުޅުމުގެ ތެރެއިން އެފުރިކާ ބައްރާއި ދިވެހީންނާއި ދެމެދު ބޮޑު ގުޅުމެއް އުފެދިފައި އޮތީމަ އެވެ. ޙައްޔު ބުނު ޔަޤްޟާން ވާހަކަ ލިޔުއްވި އިރު އިބްނި ޠުފައިލަށް ރާއްޖޭގެ ޚަބަރުތައް އިވިލައްވާފައި އެވަނީވެސް މި ގުޅުމުގެ ތެރެއިން ނޫންތޯ އެވެ. ހަމަ މިފަދައިން ކޮއިމަލާ ވާހަކަ އުފަންކުރެއްވި ފަރާތުގެ ކަންފަތަށް އެވާހަކަ ނާރާންވީ ސަބަބެއް ނެތެވެ.

މިހާރު ސޯމާލިޔާ އޭ ކިޔުނު ދައުލަތުގެ ތެރޭގައި އޮންނަ "ބަރުބަރާ" އޭ ކިޔުނު ޝަހަރަކީ އިހު އެވޭލާ ޒަމާނުގައި މަޝްހޫރު ވިޔަފާރި ބަނދަރެކެވެ. އެތަނުގެ ވަށަވަށައިގެން ވަނީވެސް ހަމަ މިފަދަ ބަނދަރުތަކެވެ. މި އެންމެހައި ވިޔަފާރި ބަނދަރުތައް ޝާމިލުވާނޭ ގޮތުން މުޅި އެ ސަރަޙައްދަށް އިހު ޢަރަބީން ދީފައިވާ ނަމަކީ "ޚަލީޖުލް ބަރުބަރީ" އެވެ. ދިވެހީންނާއި ބަރުބަރީންނާއި ގުޅައިދޭ ފާލަމަކީވެސް މިއީ އެވެ. އެ ސަރަޙައްދަކީ ވިޔަފާރީގެ ގޮތުން ދިވެހިރާއްޖެ އާއި ވަރަށް ބޮޑު ގުޅުމެއް އުފެދިފައި އޮތް ސަރަޙައްދެކެވެ. ދިވެހިރާއްޖެއިން ބޭރުކުރަމުން ދިޔަ ބޮލީ (ކައުރީ ޝެލް) ގެ ވިޔަފާރިއަށް ބަލާލިކަމުގައި ވިޔަސް އެފްރިކާ ބައްރާއި ދިވެހީންނާއި އޮތް ގުޅުން ފެނިގެންދެ އެވެ. ދިވެހިރާއްޖެއަށް ބޮލި ގަތުމަށްޓަކައި އަންނަ ޢަރަބި އޮޑިފަހަރު ބަރުކޮށްގެން އެނބުރިގޮސް ބަނދަރުކުރަނީ "ޚަލީޖުލް ބަރުބަރީގެ" ބަނދަރުތަކަށެވެ. ހަމަމިފަދައިން ދިވެހީންގެ އޮޑިފަހަރުތައްވެސް ދަތުރުކޮށް އެތަންތަނުގައި ބަނދަރުކޮށް ހަދާ އުޅެތެވެ.

ވިޔަފާރީގެ މި ބޮޑު "ނެޓުވޯކު" ގެ ތެރެއިން ދެބައިމީހުންގެ މެދުގައި ތަފާތު މަޢުލޫމާތުތައް ދިޔައީ ބަދަލުކުރެވެމުންނެވެ. ޔޫރަޕާއި ހަމަޔަށް ދިވެހީންގެ ޚަބަރު ދަތުރުކޮށްފައިވާ މައި އެއް މަގަކީވެސް އެފްރިކާގެ ބަނދަރުތަކާއި ދިވެހީންނާއި އޮތް ގުޅުމެވެ. މުޅި އެފުރިކާ ބައްރަށް ދިވެހި ބަހުން ކިޔާ ނަންވެސް ގުޅިފައިވަނީ މި ވިޔަފާރިއާ އެވެ. ބައްލަވާށެވެ. ދިވެހީންގެ ގާތުގައި އެފްރިކާ އަކީ ބަބުރުކަރަ އެވެ. "ބަބުރު" މި ނަން ނެގިފައި ވަނީ "ޚަލީޖުލް ބަރުބަރީ" ގެ ތެރެއިންނެވެ. ބަރުބަރާ އޭ ކިޔުނު ވިޔަފާރީގެ ޝަހަރާއި އެ ޝަހަރު ހިމެނޭ ޚަލީޖުލް ބަރުބަރީ ސަރަޙައްދަށް ނިސްބަތްކޮށްގެންނެވެ. ބަރުބަރީ ނުވަތަ ބަރުބަރާ، މި ލަފުޒު ދިވެހި ބަހަށް ފުރޮޅި ބަބުރަށް ބަދަލުވެފައި އޮތީކަމުގައިވެސް ދެކެމެވެ. އަދި މީގެ އިތުރަށް އެ ވިޔަފާރީގެ ތެރެއިން އެތައް މަޢުލޫމާތެއް ބަދަލު ކުރެވެމުން ދިޔަކަން ދިވެހި ބަހުގެ ތެރެއިންނާއި ސަގާފަތުގެ ތެރެއިންވެސް ފެނިގެންދެ އެވެ.

ބަބުރުކަރައިން ލިބިގަތްކަންކަމުގެ ތެރެއަށް ދިވެހީން އައިސްފައިވަނީ ބަބުރު މިނަން އިތުރު ކުރަމުންނެވެ. މިސާލަކަށް ބަބުރު ނެށުމާ ބަބުރު ބެރެވެ. ނުވަތަ ބަބުރުލަވަޔެވެ. މިބާވަތުގެ ޅެންޅެމާއި ލަވަތަކުގެ ތެރެއިން ސްވާހިލީ ބަސް ވަރަށް ގިނައިން ފެންނަން ހުރޭވެސްމެ އެވެ. މިފަދަ ހެކިތައް ހަމައެކަނި ފެންނާން ހުރީ ދިވެހީންގެ ތެރެއަކުން ނޫނެވެ. ޚަލީޖުލް ބަރުބަރީ ސަރަޙައްދުގައި ހިމެނޭ އެކި ގައުމުތަކުގެ ތެރެއިން ދިވެހީންނާއި ގުޅޭ ވަރަށް ގިނަ ކަންކަންވެސް ފެންނާން އެބަހުއްޓެވެ. މިގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއްކަމަކީ ސޯމާލިޔާގެ ބައެއް ގަބީލާތަކުގެ މީހުންނަށް އޮޑި "ބަންނަން" ދަސްކޮށްދިން ފަރާތަކީ ދިވެހީންކަމުގައި ބުނަމުން އައުމެވެ. ތާރީޚު ޢިލްމުވެރީންގެ ތެރެއިން އެއްބައި މީހުންގެ ނަޒަރުގައި އޮޑިދޯނި ފަހަރު "ބަނުމުގެ" ޢިލްމު އެމީހުންގެ ތެރެޔަށް އައިސްފައިވަނީ އެތަނުގައި ވަޒަންވެރިވި ދިވެހީންތަކެއްގެ ފުށުންނެވެ. ހަމަމިހެންމެ އެ ސަރަޙައްދުގައި އުޅޭ "ވަދީބާ" އޭ ކިޔުނު ގަބީލާގެ ފެށުން ގުޅުވަމުން އައިސްފައިވަނީވެސް އެސަރަޙައްދަށް ވިޔަފާރިކަމު ގޮސް އުޅުނު ދިވެހީންގެ މީހުންނާ އެވެ.

މި އެންމެހައި ވާހަކަތަކުން ކުރަހާލެވޭ ބޮޑު މަންޒަރަކީ ދިވެހީންނާ އެފްރިކާ ބައްރާއި ދެމެދު އުފެދިފައި އޮތް ހަރުދަނާ ބޮޑު ގުޅުމެވެ. އަދި އެދުވަސްވަރު އެ ސަރަޙައްދުތައް ކޮންޓުރޯލު ކުރަމުން ގެންދިޔަ ޢަރަބި ސައުދާގަރުންނާ ދިވެހީންނާ ދެމެދު އޮތް ގުޅުމެވެ. މި ބޮޑު ގުޅުމުގެ ތެރެއިން އެއްބަޔެއްގެ ފުށުން އަނެއްބަޔަކަށް މަޢުލޫމާތު ބަދަލުކުރެވެމުން ދިޔަކަމެވެ. ވިޔަފާރިކަމައިގެން ހިންދުކަރަޔަށް ދަތުރުކުރަމުން ގެންދިޔަ ސައުދާގަރުންނާއި ސައްޔާޙުންގެ ފުށުން ދިވެހީންގެ ތެރެޔަށް އެތައް ކަމެއް ވަދެފައި ހުރި ކަމީވެސް އިންކާރު ކުރެވެން ނެތް ހަގީގަތެކެވެ. ވީމާ މިއީ ހައްތަހާވެސް ދިވެހީންނާއި ހަމަޔަށް ޙައްޔު ބުނު ޔަޤްޟާން ވާހަކަ ފޯރާފައި އޮވެދާނެ މަގުމަގެވެ.

ދިވެހި ތާރީޚު ދިރާސާކުރައްވާ ބައެއް މުއައްރިޚުންގެ ނަޒަރުގައި ކޮއިމަލާކަލޯ ވާހަކައަކީ ދިވެހީންގެ ތެރޭގައި ކިޔައި އުޅުނު ގިނަ ވާހަކަތަކެއް އެއްވެގެން ގުދުރަތީ ގޮތަކުން އުފަންވެފައި އޮތް ވާހަކައެކެވެ. އެއީ ވަކި މީހަކު ކުޅަ މަސައްކަތެއްގެ ނަތީޖާއެއް ނޫނެވެ. މިފަދައިން ދެކެލައްވާ ބޭކަލުންގެ ނަޒަރުގައިނަމަ އެވާހަކައަކީ މުސްކުޅި ޒަމާނުގައި ކިޔައި އުޅުނު އެތައް ފޯކުލޯރު ވާހަކައެއް އެއްވެ އުފެދިފައި އޮތް އެއް ވާހަކަ އެވެ. އެހެންނަމަވެސް މުޅި އެ ވާހަކައިގެ މައްޗަށް ބަލައިލުމުން އެ ބަހާއި އަޅުގަނޑަށް އެއްބަސްވެވޭކަށް ނެތެވެ. އެއީ އެފަދައިން އެތައް ވާހަކައެއް އެއްވެ އުފެދިފައި އޮތް ވާހަކައެއް ނޫނެވެ. އަޅުގަނޑު ދަންނަވާނީ އެއީ މީހެއްގެ ސިކުނޑިޔަށް ފޯރި ޚިޔާލަކުން "އުފަންކޮށްފައި އޮތް" ވާހަކައެއްކަމެވެ. ސިކުނޑިޔަށް ފޯރި ޚިޔާލު ގެނުވައިދީފައި ވަނީ އެމީހަކަށް ޙައްޔު ބުނު ޔަޤްޟާނު ވާހަކަ އިވިގެންނެވެ.

ކޮއިމަލާކަލޯ ވާހަކައިގެ މައްޗަށް ބަލާލުމުން ފެންނަނީ އެވާހަކައިގެ ރޭވުންތެރިކަމެވެ. ޚުލާސާ ގޮތެއްގައި މުޅި މި ސަރަޙައްދުގެ ގަބޫލުކުރުންތައް އެކުލަވައިގެން ވާހަކަ އުފައްދާފައިވާކަމެވެ. "ނިކަބިލިއްސަ" ގަހެއްގެ ބުޑަށް ކޮއިމަލާ އުފަންވިކަމަށް ބުނެފައިވުމާއި ޖަންގަލީގެ ތެރެއިން ކޮއިމަލާއަށް "ނާގަ ހަރުފަ" އެއް ފެނުނު ވާހަކަ ގެނެސްދީފައި ވަނީވެސް ހަމަ ޚިޔާލީ ގޮތުން އެއްޗެއް ބުނުމަކަށް ނޫނެވެ. އޭގެ އަޑީގައިވެސް ފޮރުވިފައިވަނީ މި ދެންނެވި ފަދައިން މި ސަރަޙައްދުގެ ގަދީމީ ތާރީޚެވެ. މިފަދަ އެތައްކަމަކަށް ރިޢާޔަތްކުރާއިރު އަޅުގަނޑަށް ދެންނެވެން އަންނަނީ މުޅި ކޮއިމަލާ ވާހަކައިންވެސް ފެންނަނީ ޢިލްމީ މީހަކު ރޭވުންތެރިކަމާއެކު ކޮށްފައި އޮތް މަސައްކަތެއްކަމެވެ.

އަޅުގަނޑު ދަންނަވާނީ ކޮއިމަލާ ވާހަކައަކީ ހަރުދަނާ މޮޅު މީހަކު އުފައްދަވާފައި އޮތް އޭނާގެ ކުޅަދާނަ މަސައްކަތެއްކަމެވެ. އޭގެ ޚިޔާލު އޭނާ ހޯއްދަވާފައި އެވަނީ ޙައްޔު ބުނު ޔަޤްޟާން ވާހަކައިންކަމެވެ. ވާހަކަ އުފެއްދި އިރުވެސް ކޮއިމަލާކަލޯއަކީ ގަދީމީ ޝަޚުސިއްޔަތަކަށް ވެއްޖެއެވެ. މިހެންކަމުން ވާހަކައިގައި ބުނެދެމުން އެދަނީ މުސްކުޅި ސޯމަވަންސަ ދަރިކޮޅުގެ ޚަބަރުތަކެވެ. ނިސްބަތްކޮށްފައި އެވަނީ އެދަރިކޮޅުގެ ބާނީއަށެވެ. އޭނާގެ ފެށުމެވެ. އަދި އެ ޝަޚުސިއްޔަތުގެ ފެށުން ކިޔައިދިނުމުގައި ކޮއިމަލުންގެ އަސްލަށްވެސް އަލިއަޅުވާލުމުގެ ގޮތުން ނިކަބިލިއްސަ ގަހާއި ނާގަ ހަރުފައެއްވެސް ވާހަކައިގެ ތެރެޔަށް "ކޮއްޕާލައިފައި" ވަނީއެވެ. ވާހަކަ އުފެއްދެވި ފަރާތަށް އައްސަރިބަހާއި ސާބަހެވެ. (ނުނިމޭ)