Advertisement

އޮފީހުގެ މަސައްކަތަށް ހުރިހާ ވަގުތެއް ހުސްވާ ނަމަ އެއީ ގޯހެއް

27 ޑިސެންބަރު 2021 - 08:31 1


އޮފީހުގެ މަސައްކަތަށް ހުރިހާ ވަގުތެއް ހުސްވާ ނަމަ އެއީ ގޯހެއް

27 ޑިސެންބަރު 2021 - 08:31 1

އަހަރެމެންގެ ތެރޭގައި އޮތް ޒަމާންވީ ވިޔާނުދާ ވިސްނުމެކެވެ.

"އެންމެ ޒިންމާދާރު މީހަކީ އަބަދު އާއިލާ އަށް ހަރަދުކުރަން ވަޒީފާ ގައި އަވަދިނެތި އުޅޭ މީހުންނެވެ. އެންމެ ރަނގަޅު މުވައްޒަފަކީ ލިބޭ މުސާރަ އަށް ހައްގަސް، ނުހައްގަސް، އެންމެ ގިނަ މަސައްކަތް ކޮށް ތަނަށް ގުރުބާންވާ މީހާ އެވެ."

މި ދެ ގަބޫލުކުރުމަކީ މިޒަމާނުގެ އާ ހިޔާލު ސަޕޯޓުކުރާ ގޮތެއް ނޫނެވެ. ވަޒީފާ އާއި މަސައްކަތް މީހާ އަށް މުހިއްމެވެ. އެކަމަކު އެއީ ހުރިހާ ވެސް އެއްޗެއް ނޫނެވެ. މީހާގެ ނަފްސާނީ ދުޅަހެޔޮކަމާއި އާއިލީ ދުޅަހެޔޮ ކަމާއި ދޭދޭ ގުޅުންތަކަށް އޮންނަ ދުޅަހެޔޮކަމަކީ ވަޒީފާ ވެސް މުހިއްމުވާ ގޮތަށް، އެއްވަރަކަށް މުހިއްމު ކަންކަމެވެ. އަދާކުރާ ވަޒީފާ އަށް ކަމޭހިތަން ވާނެ އެވެ. އެކަމަކު ވަޒީފާ އަށް ދުވަހުގެ ހުރިހާ ވަގުތެއް ގެއްލި ހުސްވާ ނަމަ އެއީ ގޯހެކެވެ.

ކޮންމެތާކު ކޮންމެ ވަގުތަކު ހުއްޓަސް, އޮފީހުން ގުޅާލި ކޮންމެ އިރަކު, މަސައްކަތެއް ހަވާލުކޮށްލި ކޮންމެ ހާލަތަކު އެކަމަކަށް ވުރެ އިސްވާ އެހެން އެއްވެސް ކަމެއް ނޯންނަ ނަމަ އެކަން ބަދަލުކޮށް، ދިރިއުޅުމުގެ މުހިއްމު އެހެން ކަންކަން ވެސް ހިމަނައިގެން ވަގުތު މެނޭޖު ކުރަން މިހާރުއްސުރެ މަސައްކަޔތް ކުރުން ރަނގަޅެވެ. އެކަހަލަ މީހަކަށް ފެށޭ އަހަރުގެ "ނިއު އިޔާ ރިސޮލިއުޝަނަކަށް" ވެސް މިކަން ހަދާލކެވިދާނެ އެވެ. ސަބަބަކީ، މާ ބޮޑަށް ވަޒީފާ އަށް ގޮސް ހުސްވުމަކީ ޒިންމާ ގިނަވުމުން އެ ޒިންމާ ތައް އަދާ ނުކުރެވި، ދިރިއުޅުމުގެ ކަންކަން ބޮއްސުންލައިގެން ގޮސް އެކަމުގެ ނޭދެވޭ އަސަރު ދިރިއުޅުމަށް ކުރާނެ ކަމަކަށް ވާތީ އެވެ.

މި ހިމަނާލަނީ މާ ބޮޑަށް ވަޒީފާއާ ހެދި އުޅެވޭނަމަ ނުވަތަ ތިމާއަކީ "ވާކޮހޯލިކް" އެކޭ ބުނާ ލެެވެލްގެ މީހެއްނަމަ އެކަމުން ދުރުހެލިވުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

"ޝަޓް ޑައުން" ކުރަން ދަސްކުރޭ

ދުވަހެއްގެ މައްޗަށް ކޮންމެ މީހަކަށްވެސް 24 ގަޑިއިރު ލިބިފައި އޮންނައިރު ނިދާ ވަގުތާއި ފާހަނާކޮށް ކާން ހޭދަ ކުރާ ވަގުތު ނޫން ހުރިހާ ވަގުތެއް މަސައްކަތަށް ހާއްސަކުރާ އިރު އެ ހުރިހާ ވަގުތަކަށް މުސާރަ ލިބެނީ ހެއްޔެވެ. ކޮންމެ ކަމަކީ އަދި ފައިސާއަށްޓަކައި ކުރާ ކަމަކަށް ނުވިއަސް, ވަޒީފާ އަކީ އަދި ތިމާގެ މުޅި ދިރިއުޅުމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އެއް ބައެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ވަޒީފާއަށް ނުވަތަ މަސައްކަތަށް ތިމާ ހާއްސަ ކުރަނީ 8 ގަޑިއިރު ނުވަތަ 10 ގަޑިއިރު ކަމުގައި ކަނޑައަޅާ އެ ވަގުތު ހަމަވުމުން މަސައްކަތް ހުއްޓާލާ އެހެން ކަމަކަށް ނުވަތަ ތިމާގެ އަމިއްލަ ދިރިއުޅުމަށް ވަގުތު ހުސްކުރުމަށް އަޒުމު ކަނޑައަޅާށެވެ.

"ބްރޭކް" އަކީ ހަމަ ބްރޭކެއް

ކޮންމެ ކަހަލަ ވަޒީފާއެއްގައި އުޅުނު ނަމަވެސް ގަޑިއެއްހާއިރު ނުވަތަ 30 މިނިޓުގެ ބްރޭކެއް ނުލިބޭ ވަޒީފާއެއް އޮންނާނެ ހެނެއް ހިއެއްނުވެ އެވެ.ޑެސްކު ދޮށުން ތެދުވަން އަދި ކިތަންމެ ބޭނުން ނުވިއަސް މި ވަގުތަކީ މަސައްކަތަށް ދޭން ބޭނުންވާ ސަމާލުކަން އިތުރުކޮށް ވިސްނުމާއި ފިކުރު ތާޒާ ކޮށްލުމަށް ކޮންމެހެންވެސް މުހިންމު ކަމެކެވެ. އެހެންކަމުން ބްރޭކް ގަޑީގައި އޮފީހުން ނުކުމެލާ މަދުވެގެން 10 މިނިޓުވިޔަސް މާހައުލު ބަދަލުކޮށްލުމަކީ ވަރަށް މުހިންމުކަމެކެވެ.

ބައުންޑްރީ ސެޓް ކުރުން

މާ ބުރަކޮށް, މާ ގިނައިން, ނުވަތަ މާ ގިނައިރު ވަންދެން މަސައްކަތްކުރުމަކީ ސިއްހީގޮތުން ބަލާއިރުވެސް ގެއްލުންތަކެއް ހަށިގަނޑަށް ލިބޭ ކަމެކެވެ. އެހެންކަމުން ތިމާ ވަޒީފާއަށް ތިދޭ އަހައްމިއްޔަތުގެ ބޮޑުކަމުން އޭގެ ނޭދެވޭ އަސަރު އަސްލު ދިރިއުޅުމަށް ކުރުމުގެ ކުރިން ވަޒީފާގެ ބައުންޑްރީ ކަނޑައެޅުން މުހިންމެވެ. މިގޮތުން ހަފްތާއަކު މަސައްކަތް ކުރާނެ ދުވަސްތަކާއި ވަގުތުތައް އަދި ފްރީލާންސަރެއްނަމަ ކުރާނޭ މަަސައްކަތުގެ މިންވަރުވެސް ކަނޑައެޅުން މުހިންމެވެ. ގިނަ މަސައްކަތްކޮށްގެން ގިނަ ފައިސާ ހޯދުމަށްވުރެ މަދު މަސައްކަތުން ކޮލިޓީ އިތުރުކޮށް ތިމާގެ ފެންވަރު ރަނގަޅުކުރުމަކީ މާ މޮޅު ގޮތެކެވެ.

މަސައްކަތް ހިފައިގެން ގެ އަށް ނުދާތި!

މިއީ ފަހަރެއްގައި ވަރަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ. ނަމަވެސް މަސައްކަތަށް ގޮސް މީހާ މާ ހުސްވާހެން ހީވާނަމަ ގެއަށް އައުމާއެކު ފޯނާއި ތަންކޮޅެއް ދުރުވެލުން ރަނގަޅެވެ. ގެއަށް އައިސް އެ ހޭދަ ކުރާ ވަގުތަކީ އޮފީހުގެ ބިޒީ ކަމުގައި ވަގުތު ނުދެވޭ މީހުންނަށް ހުސްކުރާ ވަގުތެއް ކަމުގައި ހެދިދާނެ އެވެ. މިގޮތުން މައިންބަފައިންނާ އާއިލާ ނުވަތަ އަނބިދަރީންނަށްވެސް މި ވަގުތުތައް ހުސްކުރެވިދާނެ އެވެ. އަދި މަސައްކަތުގެ ދާއިރާއާ ވީހާވެސް ބޭރުން މީހާގެ ހިތަށް އުފާވެރިކަން ލިބޭނޭ ފަދަ ކަންކަމުގައި ވަގުތު ހޭދަކޮށްލުން ރަނގަޅެވެ.

އާ "ހޮބީ" އެއް ހޯދަމާ!

ބައެއް މީހުންނަކީ މަސައްކަތުގެ ދާއިރާގެ ގޮތުން ކޮންމެހެންވެސް ގިނައިރުތަކެއް ވަންދެން މަސައްކަތުގައި އުޅެންޖެހޭ މީހުންނެވެ. އެހެންނަމަވެސް އޮފީހުން ބުނެލާ ކޮންމެ ގަޑިއެއްގައި " އެވެއިލަބަލް" ވުމުގެ ބަދަލުގައި އޮފީސް ނޫން ގަޑިތަކުގައި ކުރާނެ އާ ތަފާތު ކަމެއް ހޯދަމާ ހެއްޔެވެ. ވާހަކަ ކިޔުމާ ފިލްމު ބެލުމުގެ އިތުރަށްވެސް ހުސްވަގުތުތަކުގައި ކުރެވިދާނެ ލައްކަ ކަމެއް އެބަހުއްޓެވެ. މިގޮތުން ފުޓްސަލް, ބެޑްމިންޓަން ފަދަ ކުޅިވަރުތައް ޓީމަކާއި އެކީ ކުޅުމާ, އަތްތެރި މަސައްކަތެއް ދަސްކުރުން ފަދަ ކަންކަމަކީ ކުރެވިދާނެ ސަޅި ކަންކަމެވެ.

މިއީ އެއްވެސް ހާލެއްގައި ވަޒީފާގެ މަސްއޫލިއްޔަތުން ރެކުމަށް ބޭނުންކުރަންވީ "އެކްސްކިއުޒެއް" ކަމުގައި ނުހަދާށެވެ. އެއްވެސް ކަމަކަށް މާބޮޑަށް ގޮސް ހުސްވުމަކީ ދީނީގޮތުންވެސް އަދި ނަފްސާނީ ގޮތުންވެސް ރަނގަޅު ކަމެއް ނޫނެވެ. އަމިއްލަ ދިރިއުޅުމާ ވަޒީފާއާ ދެމެދު ރަނގަޅު ވަށާފާރެއް ރާނާލާ ދެބައި އެއްނުކޮށްވޭތީ އަބަދުވެސް މަސައްކަތް ކުރާށެވެ.