20 ޑިސެންބަރު 2021 - 09:18 1
ރިވައިވަލް އާއި އަދަދު އެގްރީމެންޓްގައި ސޮއިކުރުމަށް ފަހު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
20 ޑިސެންބަރު 2021 - 09:18 1
ރާއްޖޭގައި މި ވަގުތު އެންމެ ބޮޑަށް ހަރަކާތްތެރިކޮށް ހިންގަމުން އަންނަ ބެޑްމިންޓަން ކްލަބް، ރިވައިވަލް ސްޕޯޓްސް ކްލަބާއި "އަދަދު" ނޫސް ގުޅިގެން ބެޑްމިންޓަން ޑިވެލޮޕްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ބެޑްމިންޓަން ޕްރޮމޯޓްކުރުމުގައި ގުޅިގެން މަަސައްކަތް ކުރުމަށް ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު، ރިވައިވަލްގެ ފަރާތުން ސޮއިކުރެއްވީ ކްލަބްގެ ރައީސް ޒަޔާން ޒަކީ އެވެ. އަދި "އަދަދު" ނޫހުގެ ފަރާތުން ސޮއިކުރީ "އަދަދު" ގެ ފަރާތުން ސޮއިކުރީ އެސޯސިއޭޓް އެޑިޓަރު (ސްޕޯޓްސް) އައްޒާމް އަލިފުޅު އެވެ.
ޒަޔާން ބުނީ "އަދަދު" ނޫހާ އެކު ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ދިގު މުއްދަތުގެ އެގްރީމެންޓެއްގައި ސޮއިކުރަން ނިންމީ ބެޑްމިންޓަން ކުރިއަރުވަން ރަނގަޅު ޕްލެޓްފޯމެއް ބިނާކުރުމުގެ ވިސްނުމުގައި ކަަމަށެވެ. އެ ގޮތުން މި އެއްބަސްވުމުގެ ދަށުން ބެޑްމިންޓަން ކުރިއެރުވުމަށް ގިނަ ހަރަކާތްތަކެއް ރިވައިވަލް އާއި އަދަދު ގުޅިގެން ކުރިއަށް ގެންދާނެކަން ޒަޔާން ފާހަގަކުރި އެވެ.
ރިވައިވަލްގެ ސްލީވް ސްޕޮންސަރެއްގެ ގޮތުގައި ފެންނާނީ "އަދަދު"
"އަދަދު" އިން ރިވައިވަލްއާ އެކު ބެޑްމިންޓަން ކުރިއެރުވުމަށް އެއްބަސްވުމެއްގެ ދަށުން ގިނަ ކަންތައްތަކެއް ކުރަން ރޭވުމުގެ އެންމެ ބޮޑު ބޭނުމަކީ ބެޑްމިންޓަނަކީ ގިނަ ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރަކަށް ވުމުގެ އިތުރުން ޕްރޮފެޝަނަލް ބެޑްމިންޓަން ކްލަބެއް ރަނގަޅަށް ހިންގުމަށް ރިވައިވަލް އިން ކުރާ މަސައްކަތުގައި ބައިވެރިވެ، ބެޑްމިންޓަން ކޮމިއުނިޓީގެ ރަނގަޅު މަސައްކަތްތައް ޕްރޮމޯޓްކުރުމުގެ ވިސްނުމުގަ އެވެ.
ރިވައިވަލް އަކީ 2019 ވަނަ އަހަރު ޖުލައި މަހު އެއް ވަނަ ދުވަހު ވުޖޫދުވި ކްލަބެކެވެ. އެ ކްލަބުން އަންނަނީ ބައިނަލްއަގުވާމީ މުބާރާތްތަކާއި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުންނެވެ.
ރިވައިވަލްގެ ކާމިޔާބީތަކަށް ބަލާއިރު މިވީ ދެ އަހަރާއި ބައިގެ ތެރޭ އެ ޓީމުން ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގައި ވާދަކޮށް، އެއް ރަން މެޑަލާއި ދެ ލޯ މެޑަލް ގެނެސްދީފަ އެވެ. މީގެ ތެރެއިން ރަން މެޑަލަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ބަލައިގަނެފައިވާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑަލެވެ.
ގައުމީ ލެވަލްގެ މުބާރާތްތަކުގައި މިހާތަނަށް ރިވައިވަލް ފަހަތައް ޖައްސައިނުލެވެ އެވެ. ގައުމީ މުބާރާތުގެ ޓީމް އިވެންޓްގެ އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަމާއި މިދިޔަ އަހަރު ބެޑްމިންޓަން އެސޯސިއޭޝަނުން ބޭއްވި މިކްސް ޓީމު އިވެންޓް ޗެމްޕިއަންކަން ހިމެނެ އެވެ. ރިވައިވަލް އިން އަންނަނީ މިހާރު ކުރިއަށްދާ ބީއޭއެމް މިކްސް ޗެމްޕިއަންޝިޕްގައި ވެސް ވާދަކުރަމުންނެވެ.
ރިވައިވަލް އިން ބެޑްމިންޓަން ކުރިއެރުވުމުގެ ގޮތުން ޕޮލިސް ކްލަބާ އެކު ވެސް ވަނީ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. އަދި ޒުވާން ބެޑްމިންޓަން ކުޅުންތެރިންނަށް ކެރިއަރެއް ހޯދައިދިނުމުގެ ބޭނުމުގައި ރިވައިވަލް އިން ވަނީ ސްކޮލަޝިޕް ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.
މިދިޔަ އޭޕްރީލް މަހު ވުޖޫދުވި "އަދަދު" ނޫހަކީ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން ކަމަށްވާ ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)ގެ ވެސް ޕާޓްނަރެކެވެ. އަދި މި އަހަރު ރާއްޖޭގައި ބޭއްވި އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ އޮންލައިން އަދި ޕީއާރް ޕާޓްނަރަކީ ވެސް "އަދަދު" އެވެ. އަދި "އަދަދު" އަކީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ވެސް ޕާޓްނަރެކެވެ.
Comment