Advertisement

ޕޭރެންޓިން ޓިޕްސް: ރުޅި ގަދަ ދަރިފުޅު ހަމަޔަކަށް އަޅުވާނީ މިހެން

19 ޑިސެންބަރު 2021 - 09:55 1

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


ޕޭރެންޓިން ޓިޕްސް: ރުޅި ގަދަ ދަރިފުޅު ހަމަޔަކަށް އަޅުވާނީ މިހެން

19 ޑިސެންބަރު 2021 - 09:55 1

ކުޑަކުދިންގެ މޫޑަކީ އަރަތެއް ކަހަލަ އެއްޗެކެވެ. ދެތިން މިނިޓު ކުރިން ދުވެ ހީ މަޖާކޮށް އުޅުނު ކުއްޖާ، އޭގެ އިރުކޮޅެއް ފަހުން ބަލާލާއިރު ހިސާބުގަނޑު މީހުން އެއްވާ ވަރަށް ރޮއެ އަޑުގަދަކުރަން ހުރެދާނެ އެވެ. ކިތަންމެ އާދައިގެ ކަމެކޭ ހީވާ ކަންކަމުގައިވެސް ރުޅިގަދަވެ, ހަޅޭއްލަވާ, އެއްޗެހި އުކާ, ބޮޑާ ހޭކުމަކީ އެއް އަހަރު ފުރުމަށްފަހު ކޮންމެ ކުއްޖެއްގެ ކިބައިން ވެސް ފެނިދާނެ އާންމު ކަމެކެވެ.

ކުރެވޭ އިހުސާސްތަކާއި ހިޔާލުތައް އެންމެ ފުރިހަމައަށް ބުނެދޭން ކުދިންނަށް އެނގޭނީ ތަންކޮޅެއް ބޮޑުވާ ފަހުންނެވެ. އެކަމަކު، ކިތަންމެ ކުޑަ ކުއްޖަކަސް، އެ ކުދިން ރުޅި ދައްކަން ފެށުމުން އެ އަންނަ ރުޅި ނުވަތަ "ރުޅި ބޮކިން" ސަލާމަތް ކޮށްދިނުމަކީ މުހިއްމު ކަމެކެވެ. އެއީ ކުއްޖާ އަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލްކުރަން ދަސްކޮށްދިނުމަށް ވެވޭނެ ވަރަށް ބޮޑު އެހީ އެކެވެ.

ކުޑަކުއްޖަކު މާ ބޮޑަށް ރުޅިގަދަވެ ރޮއެ އަޑުގަދަކުރުމަށް އިނގިރޭސި ބަހުން "ޓެންޓްރަމްސް" އޭ ކިޔަ އެވެ. އެމެރިކާގެ ޔޭލް މެޑިސިން ޗައިލްޑް ސްޓަޑީ ސެންޓަރުން ބުނާގޮތުގައި އެވްރެޖްކޮށް ހަފްތާއަކު ނުވަ ވަރަަކަށް ޓެންޓްރަމް އުމުރުން ހަތަރު އަހަރު ނުފުރޭ ކުޑަކުދިންނަށް ދިމާވުމަކީ އާންމު ކަމެކެވެ. އުމުރުން ފަސް އަހަރާއި ހަ އަހަރާއި ދެމެދުގައި މި އާދަ، ގިނަ ކުދިން ކުދިން ދޫކޮށްލަ އެވެ.

ޓެންޓްރަމްއެއް ނުވަތަ މާ ބޮޑަށް ރުޅިގަދަވުމުން ކުއްޖެއްގެ ކިބައިން ފެނިދާނެ އަލާމާތްތައް:

  • މާ ބޮޑަށް ރޮވުން
  • ހަޅޭއްލެވުން
  • ދަތް އެޅުން
  • ފައިން ޖެހުން
  • ކޮށްޕުން
  • އެއްޗެހި އުކުން/ ހަލާކުކުރުން
  • ވަކި އެޅުން

ކުދިންނަށް ރަނގަޅަށް ވާހަކަ ދައްކަން އެނގި، އެކުދިން ބޭނުންވާ ކަންކަން ބުނަން އެނގޭ ވަރު ވާން ފަށާ ހިސާބުން ކުރާ މިކަހަލަ ކަންކަން މަދުވާން ފަށާނެ އެވެ. އެކަމަކު އެންމެ ކުޑަ އިރުއްސުރެ ދަރިފުޅުގެ ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރުން މުހިއްމެވެ.

މި ހިމަނާލަނީ ކުދިންގެ ރުޅި ކޮންޓްރޯލްކުރަން ދަސްކޮށްދިނުމުގައި ބެލެނިވެރިންގެ ވިސްނުން ބަހައްޓަންވީ ބައެއް ކަންކަމެވެ.

ހާސްވާންޖެހޭ ވަރުގެ ކަމެއްތަ؟

ރުޅިއައުމަކީ އާންމު އިހުސާސްއެއް ނަމަވެސް ތަކުރާރުކޮށް މިފަދަ ޓެންޓްރަމްތަކާއި ކޮންމެ ދުވަހަކުވެސް ކުރިމަތިލާންޖެހޭނަމަ ޑޮކްޓަރަކަށް ދެއްކުން ރަނގަޅެވެ. ހަމައެއާއެކު ގިނަ ވަގުުތުތަކަށް އެ ރުޅިގަނޑު ދިގުދެމިގެންދިއުމާ, އެކި ގޮތްގޮތުންވެސް ރުޅި ކޮންޓްރޯލް ނުވުމުގެ އިތުރަށް އެފަދަ ހާލަތެއްގައި ކުއްޖާ އަމިއްލަ ނަފްސަށް ގެއްލުމެއް ދީފާނެހެން ހީވާ ނަމަވެސް އެ ލިބެނީ ރަތް ސިގުނަލެކެވެ.

މިހެން މި ދިމާވަނީ ކީއްވެ؟

މިފަދަ ކޮންމެ ކަމެއް ދިމާވުމުން ވިސްނާ ނުލާ ކުއްޖާ ގޯސްކޮށް އެއްޗެހި ގޮވުމަކީ ރަނގަޅުގޮތެއް ނޫނެވެ. އެހާ ޅައުމުރުގައި ކުދިންގެ ކިބައިން މިފަދަ އަމަލެއް ފެނުމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް ހުރެ އެވެ. މިގޮތުން އެންމެ އާންމުއެއް ސަބަބަކީ ކުއްޖާ ބޭނުންވާ ކަންކަން އެހެން މީހުން ގާތުގައި ބުނެދޭން ނޭގުމެވެ. އެއާއެކު ކުޅެން ގެންގުޅޭ އެއްޗެއް ނުވަތަ ވަކި ހަރަކާތެއް ކުރިއަށްދާ ގޮތް ދޭހަނުވުމަކީވެސް މިހެން ދިމާވާ ސަބަބެކެވެ. މީގެ އިތުރުން ބަނޑުހައިވެ ނިދިއައުމުންވެސް ކުދިންނަށް މިހެން ދިމާވާގޮތް ވެ އެވެ. އަދި އާންުމު ޝެޑިއުލުން މާބޮޑަށް ކައްސާލައިފިނަމަވެސް ކުއްޖާ އަށް އުނދަގޫތަކެއް ކުރިމަތިވެ އެވެ.

ކުދިންގެ ރުޅި ކޮންޓްރޯލް ކުރަން ކުރެވޭނީ ކޮން ކަމެއް؟

މިކަމުން އަރައިގަތުމަށް އެންމެ ފަސޭހަވާނީ ކުއްޖާއަށް އޭނާގެ އިހުސާސްތަކާއި ޝުއޫރުތައް އަމިއްލަ އަށް ބޭރުކުރަން ދަސްވުމުންނެވެ. ނަމަވެސް އެއީ ހެދިބޮޑުވާ މިންވަރަކުން ބަސްމޮށުންތެރިކަން އިތުރުވުވެ ތޮބީއީ ގޮތުން އަންނާނެ ބަދަލެކެވެ.

އިތުރު ކަންކަމަށް ބަލާއިރު އެންމެ ފުރަތަމައަށްވެސް މިފަދަ ހާލަތެއްގައި އިސްކަންދޭންވާނީ ކުއްޖާގެ ފަރާތުން އޭނާ އަށާއި އަދި އެހެން މީހުންނަށް ގެއްލުމެއް ލިބުމުން ދުރުކުރުމެވެ. މަގުމަތީގައި ނަމަ ދުއްވާ އުޅަނދުތަކާއި ވީހާވެސް ދުރުވެލުމާ, ގޭތެރޭގައި ނަމަ ކޮޓަރި ފަދަ ތަންކޮޅެއް ހަމަހިމޭން ތަނަކަށް ކުއްޖާ އާއި އެކީ ދިއުމަކީ އެންމެ ރަނގަޅު އެއް ގޮތެވެ.

ރުޅި ބޭރުކުރަން ފުރުސަތު ދީ

ގިނަފަހަރަށް ކުއްޖަކު މިފަދައިން ރުޅިގަދަވެގެން އުޅޭތަން އެހެން ބަޔަކަށް ފެނުމަކީ މައިންބަފައިންނަށް ލަދުވެތި ކަމެކެވެ. އެހެންނަމަވެސް މިކަމުގައި އެންމެ ރަނގަޅީ ދަރިފުޅު ރޯން ފަށައިފިނަމަ އޭނާގެ އެ އިހުސާސްތަކަށް އިހުތިރާމުކުރުމުގެ ގޮތުން ރޮއެ ނިމެންދެން ކައިރީގައި މަޑުކޮށްލުމެވެ.

ދަރިފުޅު ގައިގައި ބައްދާލައި ގާތްވުން

ބަލަން ހުންނަން ކިތަންމެ ހިތް ދަތިވިޔަސް މިފަދަ ވަގުތުތަކުގައި ދަރިފުޅުގެ ރުއިމުން އެ ބުނެދެނީ އޭނާ އަށް ލަފްޒުތަކުން ނުބުނެވުނު ވާހަކަތަކެވެ. އެހެންކަމުން ތިމާ ރުޅި އިސްނުކޮށް ދަރިފުޅާއި އެއްވަރަކަށް ތިރިވެ, މަޑުމައިތިރިކަމާއިއެކު ކުއްޖާއާ ވާހަކަދައްކާ ގައިގައި ބައްދާލާ އޭނާގެ އިހުސާސްތައް އިނގިއްޖެކަމުގެ ޔަގީންކަން ދިނުމަކީ މިކަމުގައި ލިބޭނޭ ލުއެކެވެ.

ރުޅި މަޑުވުމުން ވާހަކަދައްކާ

ރުއިން ހުއްޓާލާ ކުއްޖާ ކުޑަކޮށް ހަަމަޖެހިލުމުން ދެންވީ އެވީ ކަންކަމުގެ ވާހަކަ ދައްކާށެވެ. މިގޮތުން ރުޅިއައުމުގެ ކުރިން ކަންތައްތައްވީ ގޮތާއި, ދަރިފުޅަށް ކުރެވުނު އިހުސާސްތަކާއި ބެހޭގޮތުން ވާހަކަ ދެއްކުމުން ކުރެވޭ އެކި އިހުސާސްތައް ދެނެގަންނަން ކުދިންނަށް ފަސޭހަވަ އެވެ.

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖަކަށްވުމުން މިފަދަ ހާލަތުތައް ކޮންޓްރޯލް ކުރުމުގައި އެކި ކުދިންނަށް މަސައްކަތްކުރާނީ ތަފާތު އުކުޅެކެވެ. އަދި އެއް ކުއްޖަކަށްވެސް އެއް އުކުޅެއް ހުރިހާ ފަހަރަކު އަދި މަަސައްކަތް ނުކޮށްވެސް ފާނެ އެވެ.

ކުދިން ރުޅި އައުމާ ދުރުކުރާނީ ކިހިނެއް؟

ރުޅި އަކީ އެންމެން ވެސް ކުރާ އިހުސާސެކެވެ. އެހެންވީމަ ކޮންމެ ޓެންޓްރަމްއަކީ ހުއްޓުވޭނެ ކަމެއް ނޫނެވެ. ނަމަވެސް މި ފަދައިން އަމަލުކޮށްފިނަމަ ފަހަރެއްގައި ދެވަނަ ފަހަރަކު ރުޅިނައިސް ފަރުޖައްސާލެވިދާނެ އެވެ.

  • ކޮންމެ ދުވަހަކުވެސް ވަކި ތާވަލެއްގެ ތެރެއިން ކަންކަން ކުރޭ
  • ވަކި ކަމެއް ކެންސަލްވެއްޖެނަމަ ޕްލޭން "ބީ" އެއް ނުވަތަ ދެން ކުރެވޭނެ އެހެން ހަރަކާތެއް ވިސްނާފައި ބޭއްވުން
  • ކުރެވޭ އިހުސާސްތައް ބޭރުކުރަން ހިތްވަރުދީ މަސައްކަތްކުރުވުން
  • ދަރިފުޅު ރަނގަޅު ކަމެއް ކުރުން އެކަމުގެ އަގުވަޒަންކުރުން
  • އުމުރާ ނުގުޅޭ ފޮތްތަކާ ކުޅޭއެއްޗެހިން ދުރުކުރުން
  • ބޮޑެތި މީހުންވެސް ރުޅިގަދަ ނުވެ, އިހުސާސްތައް ކޮންޓްރޯލް ކުރުން