19 ޑިސެންބަރު 2021 - 10:34 0
މަރިޔަމް އަރީން އީސާ
ފްރުޓް ސްމޫތީ: ސިއްހަތަށް ސަމާލުކަން ދޭ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ބުއިން -
19 ޑިސެންބަރު 2021 - 10:34 0
ސިއްހަތަށް ބަލައިގެން އުޅޭ މީހުންގެ މެދުގައި އެންމެ މަގުބޫލު އެކައްޗަކީ ތަފާތު ވައްތަރުގެ ފްރުޓް ސްމޫތީޒް އެވެ. ގިނަ ފަހަރަށް ސްމޫތީއެއް ތައްޔާރުކުރާއިރު އެއަށް އަޅަނީ އެފަހަރަކު އަތު ޖެހުނު މޭވާ އެކެވެ. މާ ބޮޑު ބެލުމަކާ ނުލައި މިކަން ކޮށްލެވޭ ފަހަރު ފަހަރު ވެސް އާދެއެވެ. އެކަމަކު ޑައިޓް ސްމޫތީއެއް ތައްޔާރު ކުރާ އިރު ބޭނުންކުރާ ބައެއް ތަކެތީގެ ސަބަބުން ސްމޫތީ އިން ލިބެންޖެހޭ ފައިދާ އޭގެ ފުރިހަމަ ގޮތުގައި ނުލިބިދާނެ އެވެ.
މި ހިމަނާލަނީ ސްމޫތީ ހެދުމުގައި އެއްކޮށް މިކްސް ކުރަން ރަނގަޅު ނޫން ކަމަށް ސިއްހީ މާހިރުން ލަފާ ދޭ ބައެއް މޭވާ އާއި އޭގެ ސައިންސެވެ.
ތަފާތު ރަހަތައް އެކުލެވޭ ޔޯގަޓު
ސްމޫތީއެއް ތައްޔާރުކުރާނަމަ ބޭނުންކުރުން އެންމެ ރަނގަޅީ ގްރީކް ޔޯގަޓް ނުވަތަ ޕްލެއިން ޔޯގަޓެވެ. މި ބާވަތުގެ ޔޯގަޓްގައި ވިޓަމިން ޑީއާއި، ޕްރޮޓީންސް އަދި ކެލްސިއަމް ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ. ނަމަވެސް ތަފާތު ވައްތަރުގެ ރަހަތައް ލައްވައިގެން އުފައްދާފައި ހުންނަ ޔޯގަޓްތަކަކީ ޕްލެއިން ޔޯގަޓަށް ވުރެ ގިނައިން ހަކުރު ހިމެނޭ ތަކެއްޗެވެ. އެހެންކަމުން ބަރުދަނަށް ބަލައިގެން އުޅޭމީހުން ބޭނުންކުރުން އެންމެ ރަނގަޅީ ޕްލެއިން ޔޯގަޓެވެ.
ގްރީކް ޔޯގަޓްއަކީ ފްރުޓް ސްމޫތީއަކަށް ބޭނުންކުރުން އެންމެ ރަނގަޅު އެކަތި- ފޮޓޯ: ގޫގްލް
ސްމުތީއަކީ އާންމު ގޮތެއްގައި ތާޒާ މޭވާ ބޭނުންކޮށްގެން ތައްޔާރު ކޮށްއުޅޭ އެއްޗެކެވެ. ނަމަވެސް ބައެއްފަހަރު ހަމައެކަނި ތާޒާ މޭވާ ބޭނުންކުރުމުން ސްމޫތީ ވަރަށް ބޮޑަށް ހިކިކޮށް ހުންނަ ގޮތް ވެދާނެ އެވެ. މިހެން ދިމާވުމުން ސްމޫތީ ތަންކޮޅެއް ދިޔާކޮށްލަން ފެކެޓު ކޮށްފައި ހުންނަ ފްރުޓް ޖޫސް ކޮޅެއް ބޭނުންކޮށްލަން ދޯ އެވެ.
ކުއްވެރި ކުރަނީ އެއް ނޫނެވެ. އެކަމަކު އެ ހެދުނީ ގޯހެކެވެ. އާޓިފިޝަލް ފްރުޓް ޖޫސްތަކުން ތާޒާ މޭވާގެ ފައިދާ ނުލިބޭނެ އެވެ. އާޓިފިޝަލް އޮރެންޖު ޖޫސް ތައްޓެއްގައި 13 ގްރާމް ކާބޯހައިޑްރޭޓްސް ހުރެއެވެ. އެހެންކަމުން އަވަސްކޮށްލާނަމޭ ހިތައި ފްރުޓް ޖޫސް ސްމޫތީއަށް އަޅައިލުމުން ސްމޫތީގެ ފައިދާ އެއްކޮށް ކެނޑިގެން ދިޔައީއެވެ.
ސްމޫތީ މާ ހިކިކޮށް ތައްޔާރުކުރެވިއްޖެ ނަމަ ފެންފޮދެއް އަޅާލުމަކީ މިކަން ހައްލުކޮށްލުމަށް އެންމެ ރަނގަޅު އަދި ފަސޭހަ އެއް ގޮތެވެ. ނޫނީ ގްރީން ޓީ ވެސް މިކަމަށް ބޭނުންކުރެވިދާނެއެވެ.
އާޓިފިޝަލް ފްރުޓް ޖޫސްތަކުގައި ގިނަ އަދަދަކަށް ހަކުރު އެކުލެވޭ- ފޮޓޯ: ގޫގްލް
އައިސްކްރީމް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ސްމޫތީ ތަކަކީ މާ ބޮޑަށް ހެލްތީކޮށް ވިސްނާ މީހުން ތައްޔާރުކުރާ ބުއިމެއް ނޫނެވެ. އެކަމަކު އައިސްކްރީމް އަޅައިގެން ތައްޔާރުކުރާ ސްމޫތީޒް މީރެވެ.
އައިސް ކްރީމް ސްކޫޕެއްގައި ގާތްގަނޑަކަށް 17 ގްރާމްގެ ހަކުރު އެކުލެވިގެންވެއެވެ.
އައިސްކްރީމާ ނުލައި އެ ރަހަލާ ސްމޫތީއެއް ތައްޔާރުކުރަން ބޭނުންނަމަ ގްރީކް ޔޯގަޓް ގަނޑުކޮށްގެން ބޭނުންކުރެވިދާނެއެވެ.
ސްމޫތީ އަކީ ހަކުރު އަޅައިގެން ތައްޔާރުކުރާއެއްޗެއް ނޫނެވެ. އެހެންކަމުން އޭގައި ފޮނި ރަހަ މަޑުވުމުން ގިނަ މީހުން އެޔަށް އަޅަނީ މާމުއި ސަމްސަލެކެވެ. މާމުޔަކީ ސިއްހަތަށް ރަނގަޅު ފައިދާ ހުރި އެއްޗެކެވެ. ނަމަވެސް މާމުއި ސަމްސަލެއްގައި 17 ގްރާމް ހަކުރު އެކުލެވޭކަން އެނގޭހެއްޔެވެ؟
ހަމަ އެގޮތަށް، ހަކުރުގެ ބަދަލުގައި މީހުން ބޭނުންކޮށް އުޅޭ ނެޗުރަލް ސްވީޓްނާ ގައި ވެސް ފޮނި ރަހަ ލެއްވުމަށް ބޭނުންކޮށްފައި ހުންނަ މާއްދާ ތަކަކީ ވެސް ސިއްހަތަށް ފައިދާހުރި ތަކެއްޗެއް ނޫނެވެ.
މާމުތަކީ ފްރުޓް ސްމޫތީގައި ބޭނުންކުރުން ރަނގަޅުއެއްޗެއް ނޫން. ފޮޓޯ: އީޓްދިސް
ތާޒާ މޭވާ އަށްވުރެ ދަޅުގައި ބަންދުކޮށްފައި ހުންނަ މޭވާ އަގުހެޔޮ ވާނެވެ. ގިނަ ފަހަރަށް ދަޅުގައި ބަންދުކޮށްފައި ހުންނަ މޭވާ ހޯދުންވެސް ތާޒާ މޭވާ ހޯދުމަށްވުރެ ފަސޭހަ ވާނެއެވެ. ނަމަވެސް ދަޅުގައި މޭވާ ބަންދުކޮށްފައި ހުންނަ އިރު އެ ދަޅުގައި ހުންނަ ސިރަޕްތަކަކީ ހަމަ ހުސް ހަކުރެވެ.
މޭވާގައި ގުދުރަތީ ގޮތުން މޭވާގައި ހުންނަ ހަކުރުގެ އިތުރުން ގިނަ ދުވަހަށް މޭވާ ނުބައިނުވެ ދެމެހެއްޓުމަށް ދަޅުގައި ބޭނުންކޮށްފައި ހުންނަ ސިރަޕްގައި ގާތްގަނޑަކަށް 20 ގްރާމް ހަކުރު އެކުލެވެއެވެ. މިއީ އަލަނާސި ދަޅު ފަދަ މޭވާ ދަޅުތަކުގައި ހުންނަ ސިރަޕްގައި އާންމުކޮށް ހަކުރު ހުންނަ ވަރެވެ. ތާޒާ މޭވާ ނުލިބުނަސް ދަޅުގައި ބަންދުކޮށްފައި ހުންނަ މޭވާ ބޭނުން ނުކުރުމަށް ޑައިޓީޝަނުން އަންގަނީ މި ސަބަބުތަކާ ހުރެ އެވެ.
ތާޒާ މޭވާ ނުލިބިއްޖެނަމަ ދެން ބޭނުންކޮށްލަން އެންމެ ރަނގަޅީ ގަނޑުކޮށްފައި ހުންނަ މޭވާއެވެ. ގަނޑުކޮށްފައި ހުންނަ މޭވާގައި ދަޅުގައި ބަނދުކޮށްފައި ހުންނަ މޭވާއަށް ވުރެ މާ ގިނަ ނިއުޓްރިއެންޓްސް ހިމެނެއެވެ.ަ
އެހެންވީމަ ފުރުޓުސުމޫތީން ނެރެން ތިޔަ އުއްމީދުކުރާ ނަތީޖާ ލިބިގެން ދާނީ ތާޒާ މޭވާ އޭގެ ތާޒާކަންމަތގައި ބޭނުންކޮށް އެ ތައްޔާރުކުރުމުގައި ސިއްހަތަށް ގެއްލުންލިބޭ ބާވަތްތައް ނުހިމަނައި ތައްޔާރުކުރުމުންނެވެ.
Comment