Advertisement

އޯލަ: ކުޑަކުދިންގެ ޑިޖިޓަލް ވާހަކަ ހޮޅުއަށި

18 ޑިސެންބަރު 2021 - 13:21 0


އޯލަ: ކުޑަކުދިންގެ ޑިޖިޓަލް ވާހަކަ ހޮޅުއަށި

18 ޑިސެންބަރު 2021 - 13:21 0

ކުޑަކުދިންނާ ގުޅޭ ގޮތަށް ދިވެހި ވާހަކަ ފޮތް ފަސޭހައިން ލިބެން ނެތުމަކީ ކަންބޮޑުވުމެކެވެ. ހާއްސަކޮށް ލިޔަން ކިޔަން ފަށައިގަންނަ ކުދިން ދިވެހި ބަހަށް ފަރިތަކުރުވަން ބޭނުންވާ ފޮތް މަދު ކަމުގެ ޝަކުވާ އަބަދު ވެސް އޮވެ އެވެ. މަދުމަދުން ލިޔުންތެރިންނާ ފޮތްތައް އިތުރުވަމުން ދިޔަނަމަވެސް އަތްފޯރާފަދަ އަގެއްގައި އެކި އުމުރުތަކާއި ގުޅޭހެން ލިބެން ހުންނަނީ މަދު ފޮތެކެވެ.

ކުދިން ގެންގުޅޭ މައިން ބަފައިންގެ މި ކަންބޮޑުވުންތަކަށް ހައްލެއް ގެންނަން ދިވެހި ފަންނުވެރިން މިވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ. މިދިޔަ ހުކުރު ދުވަހު އޯލަ މީޑިއާ ކުންފުނިން ވަނީ "އޯލަ" ނަމުގައި ކުޑަކުދިންނަށް ހާއްސަ ދިވެހި ވާހަކަ އެޕެއް ނެރެދީފަ އެވެ.

"އޯލަ" އަކީ، ހަތް އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށް ނެރެފައިވާ ވާހަކަތަކާ, މައުލޫމާތުތަކުގެ އިތުރުން އޯޑިއޯ އަދި ވީޑިއޯ ކޮންޓެންޓް އެއް ތަނަކުން ބެލޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕެކެވެ.

މި ހާއްސަ އެޕްލިކޭޝަން ލޯންޗްކޮށް ދިނީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި އަހުމަދު ސައީދު (ގަހާ ސައީދު) އެވެ.

'އޯލަ' ފަރުމާކޮށްފައި ވަނީ އެޕް ބޭނުންކުރާ ކުއްޖާ އަށް އެކަނި އެކައުންޓް ހުޅުވޭ ގޮތަށް ހެދުމުގެ ބަދަލުގައި ކުއްޖާ އަށް ކްރިއޭޓް ކުރާ އެކައުންޓްގެ އިތުރަށް ބެލެނިވެރިޔާ އަށް ވެސް ހާއްސަ އެކައުންޓެއް ހުޅުވޭ ގޮތަށް އިހްތިޔާރު ހިމަނާފަ އެވެ. ބެލެނިވެރިޔާގެ އެކައުންޓް ބޭނުންކުރުމަށް ހާއްސަ ޕާސްވޯޑެއް ބޭނުންވާނެ އެވެ. އެހެންވީމަ މިއީ ކުދިން ރަނގަޅަށް މޮނިޓާ ކުރެވޭ ގޮތަށް ކުދިންނަށް ރައްކާތެރި ގޮތަކަށް ފަރުމާކޮށްފައިވާ އެޕެއް ކަމަށް 'އޯލަ' އިން ވަނީ ބުނެފަ އެވެ.

އެޕް އަށް އަޅާފައިވާ ކޮންމެ ވާހަކައެއް ވެސް ހުޅުވާއިރު އެއީ އެއީ ކޮން އުމުރުފުރާ އަކަށް ހާއްސަ ފޮތެއް ކަން ފަސޭހައިން އެނގެން ހުރެ އެވެ. އަދި ކޮންމެ ފޮތެއް ވެސް ހިމަނާފައިވަނީ ކުދިން ގަޔާވާނެ ފަދަ ހިތްގައިމު ކުރެހުންތަކަކާއި އެކުގަ އެވެ.

އެ ޓީމުން ބުނީ، އެޕަށް ގަވާއިދުން އާ ވާހަކަތަކާއި ކޮންޓެންޓް ޕަބްލިޝްކުރެވެމުންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

'އޯލަ' އެޕް ފަރުމާކުރީ ލޫޕް ކްރާފްޓް އިންނެވެ. އެޕަލް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑްކުރެވޭ މި އެޕްގެ ދެ ވާޝަނެއް ނެތރެ އެވެ. ހިލޭ ލިބޭ ވާޝަންގައި ހުންނާނީ ލިމިޓެޑް، އާންމު ކޮންޓެންޓެވެ. ޕްރީމިއަމް ވާޝަން ޑައުންލޯޑް ކުރުމުން އިތުރު ކޮންޓެންޓަށް އެކްސެސް ލިބޭނެ އެވެ. ވަރަށް އަވަހަށް ޕްރީމިއަމް ވާޝަން ނެރޭނެ ކަމަށް ވެސް އޯލަ އިން ވަނީ ބުނެފަ އެވެ.