Advertisement

"ލީޑިން ޑެސްޓިނޭޝަން" އެވޯޑު ރާއްޖެއިން ދިފާއުކޮށްފި

17 ޑިސެންބަރު 2021 - 19:10 0

އަމަން ހަލީމް

އަމަން ހަލީމް

ދ. ވޮއްމުލީގައި ހިންގާ ސެއިންޓް ރީޖިސް ވޮއްމުލި: ވާލްޑް ޓްރެވަލް އެވޯޑްސް 2021 ގައި ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓު އެވޯޑު ކާމިޔާބުކުރީ މި ރިސޯޓުން. -- ފޮޓޯ: ބުކިން.ކޮމް


"ލީޑިން ޑެސްޓިނޭޝަން" އެވޯޑު ރާއްޖެއިން ދިފާއުކޮށްފި

17 ޑިސެންބަރު 2021 - 19:10 0

ޓޫރިޒަމުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ ވާލްޑް ޓްރެވަލް އެވޯޑްސްގައި މި އަހަރުގެ "ލީޑިން ޑެސްޓިނޭޝަން" އެވޯޑު ކާމިޔާބުކޮށް ޓޫރިޒަމް މަންޒިލުތަކުގެ އުހުގައި ރާއްޖޭގެ މަގާމު ދެވަނަ ފަހަރަށް ދަމަހައްޓައިފި އެވެ.

ރާއްޖެއިން މިފަހަރު "ލީޑިން ޑެސްޓިނޭޝަން" އެވޯޑު ކާމިޔާބުކުރީ 18 މަންޒިލަކާ ވާދަކޮށެވެ. މި މަންޒިލުތަކުގެ ތެރޭގައި ކުރިން އެވޯޑު ކާމިޔާބުކުރި ޕޯޗުގަލް، ޑުބާއީ އަދި އިންޑިއާގެ އިތުރުން ޓޫރިސްޓުންގެ މެދުގައި މަގުބޫލު ގްރީސް، މެކްސިކޯ އަދި ކޮސްޓާ ރީކާ ފަދަ ގައުމުތައް ހިމެނެ އެވެ.

ވިދިވިދިގެން ދެވަނަ އަހަރު ރާއްޖެއަށް މި އެވޯޑު ލިބުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވަނީ އިންޑަސްޓްރީގެ ބައިވެރިންނަށް މަރުހަބާ ކިޔަމުން، ރާއްޖެއަށް އިތުބާރުކޮށް ދަތުރުކުރި ޓޫރިސްޓުންނަށް ޝުކުރު އަދާކޮށްފަ އެވެ.

އެގޮތުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހަައްމަދު ވިދާޅުވީ މި ކާމިޔާބީ ހާސިލުކުރެވުނީ އިންޑަސްޓްރީގެ ހުރިހާ ބައިވެރިންގެ މިންނެތް މަސައްކަތުން ކަމަށެވެ.

ތޮއްޔިބުގެ ހާއްސަ ޝުކުރެއް ރައްދުކުރީ އޭނާއާއެކީ މަސައްކަތްކުރާ އެމްއެމްޕީއާރްސީގެ މުވައްޒަފުންނަށެވެ. އަދި އޭނާ ވިދާޅުވީ ޓޫރިސްޓުންނަށް ރާއްޖެއާ މެދު އިތުބާރު ލިބުނީ ރައްކާތެރި، އާދަޔާހިލާފު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރަން އެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

އެމްއެމްޕީއާރްސީން ވަނީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން މި އަހަރުގެ މިހާތަނަށް 24 މާކެޓެއްގައި 209 މާކެޓިން ހަރަކާތްތައް ހިންގާފަ އެވެ. މީގެ ތެރޭގައި އިންޓަވިއުތަކާއި އެހެނިހެން ބައިވެރިވުން ހިމެނުމުން މާކެޓިން ހަރަކާތްތަކުގެ އަދަދު 400 އާ ގާތްކުރެ އެވެ.

ޑެސްޓިނޭޝަން އެވޯޑުގެ އިތުރުން "ވާލްޑްސް ލީޑިން" ކެޓެގަރީތަކުން ރާއްޖޭގެ ރިސޯޓުތަކުން ހަތް އެވޯޑު ކާމިޔާބުކުރި އެވެ.

ރިސޯޓުތަކަށް ލިބުނު އެވޯޑުތައް

  • ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓު - ދަ ސެއިންޓް ރީޖިސް ވޮއްމުލި
  • ލީޑިން ލަގްޒަރީ ޕްރައިވެޓް އައިލެންޑް ރިސޯޓު - އެމެރަލްޑް މޯލްޑިވްސް ރިސޯޓު އެންޑް ސްޕާ
  • ލީޑިން ލަގްޒަރީ އައިލެންޑް ވިލާސް - ބަރޮސް މޯލްޑިވްސް
  • ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓު - ވައްކަރު މޯލްޑިވްސް
  • ލީޑިން ހަނީމޫން ރިސޯޓު - ޖޭއޭ މަނަފަރު
  • ލީޑިން އަންޑަވޯޓާ ހޮޓެލް ރެސްޓޯރަންޓު - ސީ އެޓު އަނަންތާރާ ކިހަވައް މޯލްޑިވްސް ވިލާސް
  • ލީޑިން ވޯޓާ ވިލާ ރިސޯޓު - ފޯ ސީޒަންސް ރިސޯޓު މޯލްޑިވްސް އެޓު ކުޑަ ހުރާ

މީގެ އިތުރުން ހުޅުލޭ އައިލެންޑް ހޮޓަލުން ވިދިވިދިގެން ދިހަ ވަނަ ފަހަރަށް "ލީޑިން އެއާޕޯޓް ރިސޯޓު" އެވޯޑު އަދި ޓީއެމްއޭއިން ވިދިވިގެން ފަސް ވަނަ ފަހަރަށް "ލީޑިން ސީޕްލޭން އޮޕަރޭޓާ" އެވޯޑު ކާމިޔާބުކުރި އެވެ.

ވާލްޑް ޓްރެވަލް އެވޯޑްސް އެންމެ ފުރަތަމަ ދޭން ފެށީ 1993 ވަނަ އަހަރު އެވެ. އެފަހުން ރާއްޖެއިން ވަނީ އިންޑިއަން އޯޝަން ކެޓެގަރީ އާއި ވާލްޑް ކެޓެގަރީން ރަންވަނަތަކެއް ހާސިލުކޮށްފަ އެވެ.