Advertisement

ސައުދާގަރު މުލަންމާކުރި ދިރިއުޅުމުގެ ވާހަކަ ޓޯއީ އާއި ނާއިލްގެ ގަލަމުން

17 ޑިސެންބަރު 2021 - 08:46 3

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

ނާއިލް (ކ) އަދި ޓޯއީ. --އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)


ސައުދާގަރު މުލަންމާކުރި ދިރިއުޅުމުގެ ވާހަކަ ޓޯއީ އާއި ނާއިލްގެ ގަލަމުން

17 ޑިސެންބަރު 2021 - 08:46 3

ލެޓިން އަދަބިއްޔާތުގެ ތިން ބާނީންގެ ތެރޭ ގުނާލެވޭ ޅެންވެރިއެއްކަމަށްވާ އޮވިޑް (ޕޫބްލިއަސް އޮވީޑިއަސް ނާސޯ) އޭނާގެ މަޝްހޫރު ފޮތް މެޓަމޯފީސިސްގައި ރަސްކަލެއްގެ ވާހަކަ ކިޔައިދެ އެވެ. ޑަޔޮނައިސިސްގެ އެދުރު ސިލީނިއަސް ގެއްލިގެން އުޅޭ ޚަބަރު، ފްރީޖިއަސްގެ ރަސްގެފާނު މައީޑަސްއަށް ލިބިފައިވަނިކޮށް، ފްރީޖިއާގެ ރަށްފުށު ބަޔަކު ސިލީނިއަސް ގޮވައިގެން މައިޑަސްގެ ގަނޑުވަރަށް ދެ އެވެ. މައިޑަސް އަށް މި ޚަބަރު ލިބުނުތާ އެގާރަވަނައަށް ވީ ދުވަހު ސިލީނިއަސް ގޮވައިގެން ޑަޔޮނައިސިސް ކައިރިއަށް ލިޑިޔާއަށް ގޮސް، އޭނާ ޑަޔޮނައިސިސްއާ ހަވާލުކުރެ އެވެ. މިކަމަށް އިނާމެއް ދިނުމުގެ ގޮތުން ޑަޔޮނައިސިސް މައީޑަސް ގާތު، ބޭނުން ކޮންމެ ކަމެއް ބުންޏަސް ކޮށްދޭނަމޭ ބުނެ އެވެ. ބަދަލުގައި މައީޑަސް ބޭނުންވީ، އޭނާ އަތްލާހާ އެއްޗެއް ރަނަށް ބަދަލުވުމަށެވެ. މައީޑަސް މި ކަމާ އުފަލުން، އެކި ތަކެތީގައި އަތްލަމުން، އެތަކެތި ރަނަށް ބަދަލުވާ މަންޒަރު ބަލަން ހުއްޓެވެ. އަދި މި ލިބުނު ބާރުގެ މައްޗަށް އުފާފާޅުކުރުމަށްޓަކައި ބޮޑު ކޭމެއް ތައްޔާރުކުރަން އަންގަ އެވެ. އެހެންނަމަވެސް އެ ކޭމުން ކާ އެއްޗެއް ކާން ނަގާއިރަށް، އެ އެއްޗެއް ރަނަށް ބަދަލުވެ ހަރުދަނޑިވެ އެވެ. ބޯއެއްޗެއް ނަގާއިރަށް އެ އެއްޗެއްގެ ދިޔާކަން ކެނޑި ރަނުގެ "ގަނޑުފެނަށް" ބަދަލުވެ އެވެ. އިސާހިތަކު، މައީޑަސްއަށް އެ ބާރަކީ، ޙަޤީޤަތުގައި އޭނާއަށް ކުރިމަތިބި މުޞީބާތެއްކަން އެނގެ އެވެ. 1852 ވަނަ އަހަރު ނެތޭނިއަލް ހޯތޯން ލިޔުނު "އަ ވޮންޑަރ ބުކް ފޯ ގަރލްސް އެންޑް ބޯއިޒް" ގައި މި ވާހަކަ ކިޔައިދޭއިރު، މައީޑަސްއަށް އޭނާއަށް އެ ޖެހުނު ސިހުރުގެ ނުބައިކަން އެނގެނީ، އޭނާގެ ލޯބިވާ ދަރިފުޅު އައިސް އޭނާގެ ގައިގައި ބައްދާލުމާއެކު އެ ދަރިފުޅު ރަނަށް ބަދަލުވުމުން ކަމުގަ އެވެ.

ސުވާލެއް އުފެދިދާނެ އެވެ. މިއަދު އަނެއްކާ މީނަ މި ދައްކަނީ ކޮންފަދަ ވާހަކައެއް ހެއްޔެވެ؟ ޖަވާބުގައި އަހަރެންވެސް ކޮށްލާނީ ސުވާލެކެވެ.

"احبك دىنار و درهم. هل؟" ތަރުޖަމާކޮށްލާނަމަ، "އަހަރެން ދީނާރާއި ދިރުހަމް ދެކެ ލޯބިވެ އެވެ. ކަލޭ ވޭ ހެއްޔެވެ؟"

މިއީ ގިނަ ބަޔަކު ކުރާ ސުވާލެކެވެ. ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައިވެސް، ތިމާ ފައިސާ އާއި ބާރާއި ނުފޫޒު ދެކެ ލޯބިވާ މިންވަރާ މެދު އަމިއްލައަށްވެސް ސުވާލުކުރެވެ އެވެ. ދީނާރާއި، ދިރުހަމް، ޑޮލަރާއި، ޔޫރޯއަށްޓަކައި ތިމާގެ ނަފުސު ޤުރުބާންކުރެވޭނީ ކޮން މިންވަރަކަށްތޯ ސުވާލު އުފެއްދެ އެވެ. ފައިސާއަށް ތިމާގެ ހިތާއި ރޫޙާއި ބުއްދި ވިއްކާލަންވީތޯ، ހިތާ ހިތުން ސުވާލު ކުރާ ކިތައްމެ މީހެއް ކޮންމެ ދުވަހަކުވެސް ފެންނާނެ އެވެ. ފައިސާ އާއި ނުފޫޒުގެ ވަގުތީ އަރާމަށް އެދިގެން އާޚިރަތް ވިއްކާލާ އެތައް ބައެއްގެ ވާހަކަ އަޑުއަހާފައިވާނެ އެވެ. މި ދެންނެވި ސުވާލު، ސިމްބޮލިކް ރެކޯޑްސްގެ ޒުވާން އާޓިސްޓެއް ކަމަށްވާ މުޙައްމަދު ނަބީލް ނިޔާޒް (ޓޯއީ) އަހަރެމެންނަށް ދޫކޮށްލަނީ، މިމަހުގެ ދިހަ ވަނަ ދުވަހު ބައިސްކޯފަށް ދޫކޮށްލި، އެސް.އާރްގެ "މުލަ" އަލްބަމްގެ ލަވަ "ދީނާރު" ގަ އެވެ.

ލަވަ ފައްޓަނީ، އިސްމާޢިލް ނާއިލް ނަޝީދު (ބްލަޑް) ލިޔެ، ނަޒާހަތު ރަޝީދު (ނައްތު) ގެ އަޑުން ކިޔައިދީފައިވާ އިސްބަހުންނެވެ. މީގެ ވިއްސަކަށް އަހަރު ކުރިން ރޭޑިއޯ މޯލްޑިވްސް އިން ގެނެސްދޭ "އެބައުޅޭ އެބައުޅޭ" ގެ ވައްޓަފާޅިއަށް ލިޔެ އަދި ކިޔައިދީފައިވާ އިސްބަހުގައި ކިޔައިދެނީ ވަރަށް ހިތްހެޔޮ ދީލަތި ސައުދާގަރަކަށް އިނާމެއްގެ ގޮތުން ބޭނުން ކަމެއް ކޮށްދޭނޭ ކަމަށް ޖާދޫގަރަކު ބުނުމުން، އޭނާ އޭނާ ބޭނުންވާ ގޮތް ކިޔައިދޭ ވާހަކަ އެވެ. ލަވައިގެ ރެޕް ވަރސްތައް ފެއްޓެނީ މިހާ ހިސާބުންނެވެ. ޓޯއީގެ އަވަސް ހުށަހެޅުމާއި، ކުރު ސިލަބަލްތަކަކުން އެކުލަވާލާފައިވާ ޖުމުލަތަކަކުން ޓޯއީގެ ފަރިތަ ހުށަހެޅުމުގައި، ހިތާއި ޟަމީރުގެ އަރާރުމެއްގެ ސިފައިގައި ވާހަކައިގެ ބާކީ ބައި ހުށަހަޅައިދޭ އިރު، އެ ކިޔައިދޭ ވާހަކައިން ފެންނަނީ، ހަމައެކަނި މުއްސަނދި ސާދާގަރުގެ ދަހިވެތިކަމުގެ ނަތީޖާއެއް ނޫނެވެ. މިއަދުގެ ދުނިޔޭގައިވެސް މުއްސަނދިން އިތުރު މުއްސަނދިކަމަށް އަދައިގެން އެ މީހުންގެ ހެޔޮ ބުއްދި ބޮލާލާ ޖެހުމަށްފަހު ކުރާ ކަންކަމުގެ ވާހަކަ އެވެ. އެ މުއްސަނދިންގެ ހިޔަނިން ހިނގައިގެން، އެ މުއްސަނދިކަމުން ބައެއް ލައްވާލާތޯ އުޅޭ މީހުންގެ ވާހަކަ އެވެ. މުއްސަނދިކަން އިތުރުވާ ވަރަކަށް ގެއްލޭ ޙަޤީޤީ އުފާތަކުގެ ވާހަކަ އެވެ. މުއްސަނދިކަމުގެ ނާޖާއިޒު ފައިދާ ހޯދުމަށް ގާތްވާ މޫސުމީ ރަޙުމަތްތެރިންނާއި ލޯބިވެރިންގެ ވާހަކަ އެވެ. މުއްސަނދިކަމުގެ އަވައިގައި ޖެހޭ ހިނދު ހެޔޮލަފާ މީހުންގެ މިޒާޖުވެސް ބަދަލުވެގެންދާ އަވަސް ދުވެލީގެ ވާހަކަ އެވެ. މުއްސަނދިކަމުގެ ދަޅައިގައި ކަނުވެގެންދާހިނދު، ޙަޤީޤީ އުފާތަކުން މަހުރޫމުވާ މަހުރޫމުވުމުގެ ވާހަކައެވެ. ފައިސާ އާއި ބާރާއި ނުފޫޒުގެ އަނދިރިފަރާތުގެ ފުން ވާހަކަ އެވެ.

ގްރީކް މިތޮލޮޖީ ނުވަތަ ގްރީކް ފުލޯކުވާހަކަތަކުގައި ކިޔައި އުޅުނު މައީޑަސް ރަސްގެފާނުގެ ވާހަކައިގައި އޭނާ އެދޭގޮތަށް، މި ލަވައިގައި އުޅޭ ސާދާގަރުވެސް އެދެނީ އޭނާ އަތްލާހާ އެއްޗެއް ރަނަށް ވުމަށެވެ. އޭނާ އަކީ މުއްސަންޖެކެވެ. ޓޯއީ އޭނާގެ މުއްސަނދިކަން ސިފަކުރަމުން ކިޔަ އެވެ.

"މަށަކީ ސަހަރުގެ ސައުދާގަރު، ގެ ވަށައިން ހުސް ރަން ހޯދާ ވަޅު

ގަނޑުވަރު ގެ ވަށައިންރޭނިފަ، ވަށްކޮށް މަރުމަރުސަންގު ގެ ލޯ ފާރަކުން،

ކަދުރާ މޭބިސް ކޯދާ ރަލުން، އަރުތެންމަންދޭ ތިބޭ ކަރުން ނޯ ހާހަކުން

ޝަރުބަތު ބޯލާ ޝާހި އުޅުމެއް، ކާކުހޭ ނުވާނީ ބޭނުން، ލާރިން މިޖެހޭ ރޯގާގަނޑު"

ފުރޮޅާލާފައި ހުރި ލަފުޒުތައް ކޮޅަށްޖަހާލުމަށްފަހު ޖުމުލަ މާނައެއް ކޮށްލާނަމަ، މި ބުނަނީ މިހެން ކަމަށް ބެލިދާނެ އެވެ. އަހަރެންނަކީ ސަހަރުގެ ސައުދާގަރެވެ. އަހަރެންގެ ވަށައިގެން ވަނީ ރަން ވަޅުލާފައިވާ ވަޅުގަނޑުތަކެވެ. އަހަރެންގެ ގަނޑުވަރުގެ ވަށައިގެން ސަންގުމަރުމަރު ހިލައިން ރާނާފައިވާ ފާރުގެ ހިމާޔަތުގައި ލޯ ފާރެއް ވެ އެވެ. އަހަރެންގެ ގަނޑުވަރުގައި މޭބިސްކަދުރާއި ރާ ކޯދުލާ އަރަ އެވެ. އަދި އެތަކެތިން ކަރު ތެންމައިދޭނޭ ނޯކަރުން ހާހުން ތިބެ އެވެ. މި ޝާހީ ދިރިއުޅުން އަހަރެންނަށް މިލްކުވެފައިވާއިރުވެސް، "ލާރިން މިޖެހޭ ރޯގާ" ގައި އިތުރަށް ބޭނުންނުވާނޭ މީހަކު ހުންނާނޭ ހެއްޔެވެ؟

ސައުދާގަރު އޭނާގެ މުއްސަނދިކަން އެހާ ބޮޑު އިރުވެސް، އިތުރު ބާރެއް ލިބިދާނެކަން އެނގުމާއެކު އިތުރު ބާރަކަށް އެދެ އެވެ. މި އެދުންވެރިކަމުގެ އިންތިހާ އިހުސާސްކުރެވެނީ ލަވައިގެ އިސްބަހުގައި އެ ސާދާގަރު ސިފަކުރާއިރު، އޭނާއަކީ "ހެޔޮލަފާ" އަދި "ބޮޑާކަމެއް، ކިބުރުވެރިކަމެއް ނެތް" މީހެއްގެ ގޮތުގައި ސިފަކުރެވިފައިވާތީ އެވެ. އަދި އޭނާއަށް ޖާދޫގަރު އިނާމު ހުށަހަޅަނީވެސް، އޭނާ ޖާދޫގަރަށް އެހީތެރިވުމުން ކަމުގައިވާތީ އެވެ. އިތުރު ބާރެއް ލިބިދާނެކަން އެނގުމާއެކު، އޭނާގެ ދީލަތިކަން، ދަހިވެތިކަމަށް ބަދަލުވެގެންދާ ދުވެލި، ޓޯއީގެ ރެޕްގެ ހަލުވި "ފްލޯ"އިން ސިފަކޮށްދޭ ކަހަލަ އެވެ.

ލަވައިގެ މިހާ ހިސާބުން ދެން ސިފަކޮށްދީފައިވަނީ ފައިސާގެ ބާރެވެ. މިއީ މިޒާމާނުގެ އިޖުތިމާޢީ އަދި ސިޔާސީ އާދަކާދަތަކުންވެސް ތަރުޖަމާ ކުރެވޭ ޙަޤީޤަތްތަކެއް ކަމަށް ދެންނެވިދާނެ އެވެ. ފައިސާއިން ނުވާ ކަމެއް ނޯވެ އެވެ. މީހާގެ ކިބައިގައި ހައިބަތު ހުރިކަމަށްވަނީވެސް ފައިސާ ހުންނަނަމަ އެވެ. ފައިސާގެ އަވައިގައި ޖެހިގެން ފައިސާވެރިޔާގެ ކައިރިއަށް އަންނަ ލޯބިވެރިންގެ އަގުވެސް، އޭނާގެ "އަތުގައި ޖެހުމާއެކު" އެތައް ގުނައަކަށް އުފުލިގެން ދާހެން ހީވެ އެވެ.

ލަވައިގެ މިހާ ހިސާބުން އޮނިގަނޑާ މެދު އެއްޗެއް ބުނެލާހިތްވެއްޖެ އެވެ. ހިތާއި ޟަމީރުގެ ނުވަތަ ސައުދާގަރާއި ޖާދޫގަރުގެ، ނުވަތަ ސައުދާގަރާއި، އޭނާއަށް ވަސްވާސްދޭ ޝައިޠާނާގެ ޑަޔަލޮގް ދައްކުވައިދީފައިވާ ގޮތުގެ ވާހަކަ އެވެ. އަޑުއަހާއިރު އަޑަށް ގެނެސްފައިވާ އިފެކްޓަކުން، ދެ އަޑު ވަކިވެ އެވެ. ޅެމަށް ބަލާއިރު، ހިތުން ދައްކަނީ ފައިސާގެ ފައިދާތަކުގެ ވާހަކަ އެވެ. ފައިސާގެ މުހިއްމުކަމުގެ ވާހަކަ އެވެ. ޟަމީރު ވިސްނައިދޭން މަސައްކަތްކުރަނީ ރަޙުމުގެ ބަދަލު ދިރުހަމާއި ދީނާރުން ނުދެވޭނޭ ވާހަކަ އެވެ. "އާދި" ނުވަތަ އެދޭ އެދުމާމެދު ސަމާލުވުމަށް ޟަމީރު ނަޞޭޙަތްތެރިވެ އެވެ. ދަޅަތަކުގައި ޖެހި ގެއްލި ނުދިޔުމަށް އިންޒާރުދެއެވެ. ލާރިއަކީ މީހުންގެ "ބޯކާ" މީހުންނަށް "ދޯކާ" ދޭ އެއްޗެއްކަން ހަނދާންކޮށްދެ އެވެ.

އެހެންނަމަވެސް ދެން އަޑު އިވެނީ ޢަރަބިބަހުން ބުނާ ޖުމުލައެކެވެ. "احبك دىنار و درهم. هل؟" މި ސުވާލުގެ ޖަވާބުގައި ސައުދާގަރު ބޭނުންވަނީ އޭނާއަށްވެސް ރަސްގެފާނު މައީޑަސްއަށް ލިބުނު ފަދަ ބާރެއް ލިބުމަށެވެ. ދެން ޓޯއީ ކިޔައިދެނީ އޭގެ ނަތީޖާ ނިކުންނަ ގޮތެވެ.

ސައުދާގަރަށް ކުރިމަތިވާ ނިކަމެތި ހާލަތު ސިފަކުރަމުން، އޭނާގެ ލޮލުން އޮހޮރޭ ކަރުނަ ފުހެން އުޅުމުން އެވެސް ރަނަށް ބަދަލުވާ ވާހަކަ ކިޔައިދެ އެވެ. އިސާހިތަކު އެ "އިނާމު" އޭނާއަށް ޖެހިފައިވާ އެސްފީނާއަކަށް، ނުވަތަ ބަދު ނަސީބަކަށް ބަދަލުވެގެންދެ އެވެ. އެހެންނަމަވެސް އެ ބަދުނަސީބާ ހިތާމަކޮށް ރޯނޭ މިނިވަންކަންވެސް އޭނާއަށް ނުލިބެނީ ކަރުނަ ފުހެލުމަށް އަތް ޖައްސާލުމާއެކު އެ ކަރުނަވެސް ގަނޑުވާކަމުންނެވެ.

ރެޕް ލަވައެއްގެ ސިފައިގައި ހުށަހަޅާދީފައިވާ ޢިބުރަތްތެރި ވާހަކައެކެވެ. އެންމެ ފުރަތަމަ މި ލަވައިގައި އަޅައިގަތީ، ހުށަހަޅާފައިވާ ގޮތުންނެވެ. އިސްބަހަކާއި ފަހުބަހެއްގެ ދެމެދުގައި ޒަމާނީ ރެޕްގެ ވަރސްތަކެއް ބަނދެވިފައި އޮތް އިރު، ގްރީކް މިތޮލޮޖީއަށް ދީފައިވާ ހަވާލާ، ޒަމާނީ ދިވެހި ޅެންވެރިކަމަށް އާކަމުންނެވެ. އެހެންނަމަވެސް އެ ހަވާލާ ދިވެހިންނަށް ފަރިތަ މިސާލަކަށް ހަދާ، ގްރީކް ރަސްކަލެއްގެ ބަދަލުގައި އޭނާ އަކީ ސައުދާގަރަކަށް ހެދުމުން އެ ވާހަކަ ދިވެހިންނަށް ގާތްވެގެންދާ މިންވަރުންނެވެ. ސައުދާގަރަށް އިނާމު ހުށަހެޅުމާ ހަމައަށް ނެރޭޓިވް ސްޓައިލަށް ވާހަކައެއްހެން ކިޔައިދެމުންދިޔަ ދިޔުން ހިތާއި ޟަމީރުގެ އަރާރުމަކަށް ބަދަލުވާ ހިސާބުން، ރެޕަށް ބަދަލުވެގެންދާ ދިއުމުން، އޭނާގެ ހިތަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން ސިފަވެގެންދާ ދިއުމުންނެވެ.

ލަވައެއްކޮށް އަޑުއަހާލުމުން، މީ އަދި ސައުދާގަރާ ހިސާބުން ނިންމާލެވޭނޭ ވާހަކައެއް ނޫންކަން ދޭހަވެ އެވެ. މި ފަދަ ކިތައް ދަހި ސާދާގަރުން އަހަރެމެން ދަންނަމު ހެއްޔެވެ. ފައިސާ އާއި ބާރާއި ނުފޫޒު، ޤާނޫނުގެ އަތް ނުފޯރާހާ ދުރަށް އެ މީހުން ގެންގޮސްދެ އެވެ. ލޯ ފާރަކުން ހިމާޔަތްކުރެވިފައިވާ ފަދަ އެވެ. އެހެންނަމަވެސް އެ ވަރުން ނުފުދިގެން ނުލިބި އޮތް ހަމައެކަނި އެއްޗަކީ "ތަޚުތު" ނުވަތަ ވެރިކަން ކަމުގައި ދެކި، ދަރުމަވެރިކަމާއި، އިހުސާންތެރިކަން ދޫކޮށް، ބާރާއި ފައިސާގެ ރޭހަށް ހުސްވަނީ މި ސައުދާގަރު ފަދަ ކިތައް މީހުން ހެއްޔެވެ؟ ތެދެކެވެ. ފައިސާ އާއި ބާރަކީ "ސާފު ހިތެއްވެސް ކިލަނބު" ކޮށްލާ ފަދަ އެއްޗެކެވެ.

މުލަ ނަކަތާއެކު ސިމްބޮލިކް ރެކޯޑްސްގެ މުލަ އަލްބަމް މި ނިކުތީ އަނެއްކާވެސް އިޖުތިމާޢީ އެތައް ބަހާއެއްގައި "ހަޅަޖަހަމުންނެވެ." މުޖުތަމަޢުގައި މުލަންމާކޮށްފައިވާ އެތައް ކަންތައްތަކެއްގެ ޙަޤީޤަތްތައް، ޖެހިލުންވުމެއް ނެތި ތިލަކުރަމުންނެވެ. މުއްސަނދި ޚިޔާލުތަކާއި ބަސްކޮށާރަކުން ޅެންވެރިކަމުގެ މި އާ ވައްޓަފާޅީގެ ފޭރާން ހެޔޮކުރަމުންނެވެ. އަދި "ބޮކިފުރާޅުއަލި" ގެ ތެރެއަށް ރެޕާއި އާޅެން އިތުރުކޮށްގެން، "ބޮކިފުރާޅުއިރުއަލި" އަށް ބަދަލުކުރުމަށް ކުރާ މަސައްކަތަށް އިތުރަށް ބާރުދެމުންނެވެ.