Advertisement

ޗައިނާ މުސްލިމުންނަށް ފާރަލާ ކުންފުނިތައް އެމެރިކާ އިން ބްލެކްލިސްޓުކޮށްފި

17 ޑިސެންބަރު 2021 - 06:35 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގެ އުއިގާ މުސްލިމުންނާ މެދު އަމަލު ކުރާ ގޮތާ ދެކޮޅަށް ލަންޑަންގައި އަޑު އުފުލަނީ. -- ފޮޓޯ: އޭޕީ


ޗައިނާ މުސްލިމުންނަށް ފާރަލާ ކުންފުނިތައް އެމެރިކާ އިން ބްލެކްލިސްޓުކޮށްފި

17 ޑިސެންބަރު 2021 - 06:35 1

ވޮޝިންޓަން، އެމެރިކާ (ޑިސެމްބަރު 16) - އުއިގާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ފާރަލައި، ޖާސޫސީ ހަރަކާތްތައް ހިންގާ ކަމަށް ތުހުމަތުކޮށް، ޗައިނާގެ ބަޔޯޓެކްނޮލޮޖީ ކުންފުނިތައް އެމެރިކާ އިން ބްލެކްލިސްޓުކޮށްފި އެވެ.

އެމެރިކާ ކޮމާސް ޑިޕާޓްމަންޓުން ބުނީ ޗައިނާގެ އެކެޑެމީ އޮފް މިލިޓަރީ މެޑިކަލް ސައިންސަޒް އާއި އެ ތަނާ ގުޅިފައިވާ 11 ރިސާޗް އިންސްޓިޓިއުޓަށް އެއްވެސް އެއްޗެއް އެކްސްޕޯޓް ކުރުން މަނާވާނެ ކަމަށެވެ. އެމެރިކާ އިން ތުހުމަތު ކުރާ ގޮތުގައި "ސިކުނޑި ކޮންޓްރޯލް ކުރާ ހަތިޔާރު" އުފެއްދުމުގެ ބަޔޯޓެކްނޮލޮޖީ މަސައްކަތް އެ ތަންތަނުން ދަނީ ކުރަމުންނެވެ.

ޗައިނާގެ ހުޅަނގު އުތުރު ޝިންޖިއާންގް ހިސާބުގައި ދިރިއުޅޭ މުސްލިމުން ގިނަ އުއިގާ ދަރިކޮޅުގެ މީހުންނަށް ޖާސޫސް ކުރުމުގެ ބޮޑެތި ހަރަކާތްތަކެއް ހިންގާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕުތަކުން ތުހުމަތު ކުރެ އެވެ. އެގޮތުން ޑީއެންއޭ ޓްރޭސް ކުރުމާއި، މޫނުން މީހާ ދެނެގަނެ، މޮނީޓާ ކުރުމަށް ހާއްސަ އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރުން ހިމެނެ އެވެ.

އެމެރިކާ އިން ބްލެކްލިސްޓު ކުރި ރިސާޗް އިންސްޓިޓިއުޓްތަކުގެ ތެރޭގައި ލޭ އެޅުމާއި، ބަޔޯއިންޖިނިއަރިން އާއި ޓޮކްސިކޮލޮޖީއާ ގުޅޭ ސެންޓަރުތައް ހިމެނެ އެވެ.

"ސައިންސްގެ ދާއިރާ އިން ބަޔޯޓެކްނޮލޮޖީ އާއި ސިއްހީ އީޖާދުތައް ކުރިއެރުވުމަކީ ފުރާނަ ސަލާމަތް ކުރުމަށް ހުޅުވޭ ދޮރެއް. ނަމަވެސް ޗައިނާ އިން އިހްތިޔާރުކޮށްގެން އުޅެނީ މި ޓެކްނޮލޮޖީތަކުގެ އެހީގައި އާބާދީގެ ގިނަ ބަޔެއް ކޮންޓްރޯލްކޮށް، އެ މީހުން ހިފަހައްޓައިގެން ގެންގުޅުމަށް،" ކޮމާސް ސެކެޓްރީ ޖީނާ ރައިމޮންޑޯ ވިދާޅުވި އެވެ.

"އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މެޑިކަލް ސައިންސާއި ބަޔޯޓެކްނިކަލް އީޖާދުތަކަށް އެހީވުމަށް އެމެރިކާގެ އުފެއްދުންތަކާއި، ޓެކްނޮލޮޖީ އަދި ސޮފްޓްވެއާ ބޭނުން ކުރަން ހުއްދައެއް ނުދެވޭނެ."

އެކްޓިވިސްޓުންނާއި، މަންޒަރު ދުށް ފަރާތްތަކާއި އެމެރިކާ ސަރުކާރުން ވެސް ބުނެފައި ވަނީ މިލިއަނަކަށް ވުރެ ގިނަ އުއިގާ މުސްލިމުން ކޭމްޕުތަކުގައި ބަންދުކޮށްގެން ޗައިނާ އިން ގެންގުޅެމުންދާ ކަމަށެވެ. ޗައިނާ އިން މަސައްކަތް ކުރަނީ އެ މީހުން އިސްލާމީ ސަގާފަތާއި އާދަތައް ދޮވެލައި، ޗައިނާގެ މެޖޯރިޓީ ހާން ދަރިކޮޅުގެ ވިސްނުމަށް އެ މީހުން ފައްތަން ކަމަށް ތުހުމަތު ކުރެވެ އެވެ.

އެމެރިކާ އިން އެކަން ސިފަކޮށްފައި ވަނީ ބޮޑު ޖަރީމާއެއްގެ ގޮތުގަ އެވެ. އަންނަ އަހަރު ބެއިޖިންގައި އޮންނަ ވިންޓާ އޮލިމްޕިކްސްގައި އެމެރިކާގެ ޑިޕްލޮމެޓުން ބައިވެރިނުވާން ނިންމީ ވެސް ޗައިނާގެ އިންސާނީ ހައްގުތަކުގެ ރިކޯޑާ މެދު ހިތްހަމަނުޖެހޭތީ އެވެ.

ޗައިނާ އިން ބުނާ ގޮތުގައި އުއިގާ މުސްލިމުން ތިބީ "ވޮކޭޝަނަލް ޓްރެއިނިން ސެންޓަރުތަކެއް" ގަ އެވެ. އަދި ހުޅަނގުގެ ގައުމުތައް ފަދައިން ޗައިނާ އިން ވެސް މަސައްކަތް ކުރަނީ ހަރުކަށި އިސްލާމީ ފިކުރުގެ މީހުން ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން، އެ މީހުން ރިހެބިލިޓޭޓް ކުރަން ކަމަށް ޗައިނާ އިން ބުނެ އެވެ.