Advertisement

ތިން އަހަރުގެ ތެރޭގައި ކުނީގެ 60 ޕަސަންޓު މައްސަލަތައް ހައްލުވާނެ: ޝައުނާ

15 ޑިސެންބަރު 2021 - 14:41 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ގްރޭޓާ މާލެ ވޭސްޓު ޓު އެނާޖީ މަޝްރޫއު އިފްތިތާހުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަރަމެންޓް މިނިސްޓަރު ޝައުނާ. - ފޮޓޯ: އެންވަޔަރަމެންޓު މިނިސްޓްރީ


ތިން އަހަރުގެ ތެރޭގައި ކުނީގެ 60 ޕަސަންޓު މައްސަލަތައް ހައްލުވާނެ: ޝައުނާ

15 ޑިސެންބަރު 2021 - 14:41 0

ރާއްޖެގައި އުފައްދާ ކުނި ނައްތާލުމުގައި މިހާރު ދިމާވާ މައްސަލަތަކުގެ ތެރެއިން 60 ޕަސަންޓް 2024 ވަނަ އަހަރާ ހަމައަށް ހައްލެއް ލިބިގެން ދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

"ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ" މަޝްރޫއު އިފްތިތާހުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސަސްކޮށް، 8 މެގަވޯޓާއި، 8.5 މެގަވޯޓްގެ ކަރަންޓް އުފެއްދޭނެ ވަސީލަތްތައް ގާއިމް ކުރެވިގެން ދާނެ ކަމަށެވެ.

"މި މުހިންމު މަޝްރޫއަކީ ތިލަފުށީގެ މަލަމަތި މުޅިން ބަދަލުކޮށް، ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ކުނި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތުގެ ބިންގާ،" ޝައުނާ ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން ތިލަފުއްޓަށް އަންނާނެ ބަދަލު

ފާއިތުވި 29 އަހަރުގެ ތެރޭގައި ތިލަފުށި ވެފައިވަނީ މާލޭ ސަރަހައްދާއި ރާއްޖެގެ އެކިކަންކޮޅުތަކުގައި އުފައްދާ ކުނި ޖަމާކުރާ ރަށަކަށެވެ.

މިގޮތުން، 1991 ވަނަ އަހަރުން ފެށިގެން ތިލަފުއްޓަށް ކުނި ޖަމާކުރުމުގެ މަސައްކަތް ކުރެވެމުން ދިޔަ ނަމަވެސް މި މަސައްކަތް މީގެ ކުރިން ކުރެވިފައިވަނީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ގޮތަކަށް ނޫނެވެ.

އެއްވެސް އުސޫލެއް ނެތި ތިލަފުއްޓަށް ކުނި ޖަމާކުރަމުން ގޮސްފައިވާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރައްވައި މި މަޝްރޫއުގެ ތެރެއިން މިކަމަށް ހައްލެއް ލިބިގެން ދާނެކަމަށް ވިދާޅުވި އެވެ.

ދެ ފިޔަވެއްސަކަށް ބަހާލައިގެން ހިންގޭ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ތިލަފުށީގައި އޮތް ބޮޑު ގޮނޑު އެއްފަރާތްކޮށް އެތަނުގެ ހާބަރު ހަދައި، މުސްތަގްބަލުގައި ކުނި ގެނެސް ބާލާނެ ސަރަހައްދު ތަރައްގީކޮށް ނިމިފައިވާކަން މިނިސްޓަރު ހާމަކުރެއްވި އެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ތިލަފުށީގައި ވޭސްޓް އެނާޖީ މެނޭޖްމެންޓް ޕްލާންޓެއްވެސް ގާއިމް ކުރެވިގެން ދާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ބޭރުގެ ގިނަ އިދާރާތަކެއްގެ އެހީގައި ހިންގޭ މި މަޝްރޫއު ނިމުމާއެކު ތިލަފުށީގައި ދެ އިންސެނެރޭޓަރު ގާއިމް ކުރެވި، ކުނި ނައްތާލުމުގެ ކަންކަން ރައްކާތެރިކަމާއެކު ކުރެވޭނެ މަގު ތަނަވަސްވެގެން ދާނެ އެވެ.

ތިލަފުށީގެ ފޮޓޯއެއް: ތިލަފުށީގައި ކުނި މެނޭޖް ކުރުމުގެ އިންތިޒާމް ހަރުދަނާ ކުރުމަށް ސަރުކާރުން މަޝްރޫއެއް ފައްތަވައިފި- ފޮޓޯ: އަދަދު


މިމަޝްރޫއުން ރަށްތަކަށް ލިބޭނެ ފައިދާ

ކުނި ރައްކާތެރިގޮތުގައި ނައްތާނުލެވުމުގެ ސަބަބުން ތިލަފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަތައް ހައްލުވެގެން ދާއިރު އޭގެ ހެޔޮ އަސަރު ރާއްޖޭގެ އެހެން ރަށްތަކުންވެސް ފެންނަން ފަށާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިގޮތުން، ތިލަފުށީގައި މި އިންތިޒާމްތައް ގާއިމްކުރެވުމާއެކު ރަށްރަށުން އެތަނަށް ކުނި ގެންދިޔުމަށްޓަކައި ހާއްސަ ތިން ލޭންޑިންގް ކްރާފްޓް ބޭނުންކުރުމަށްވަނީ ހަމަޖެހިފަ އެވެ.

މި ލޭންޑިންގް ކްރާފްޓްތަކުގެ ޒަރިއްޔާއިން ރަށްރަށުގައި އުފެދޭ ކުނީގެ ތެރެއިން ފަސޭހައިން ނައްތާނުލެވޭ ބާވަތްތަކުގެ ކުނިތައް ކައުންސިލްތަކާ ގުޅިގެން ރަށްރަށުން ތިލަފުއްޓަށް ގެނެވޭނެ އެވެ.

ރާއްޖޭގެ ހުރިހާ ރަށްތަކާއި ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި އުފެދޭ ކުނިވެސް، ރައްކާތެރި ގޮތުގައި ނައްތާލައިގެން ތިމާވެށި އަލުން ދިރުވައި އާލާކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ މި މަޝްރޫއު ސިފަކުރައްވާފަ އެވެ.

މިމަޝްރޫއުގެ ދަށުން މާލޭ ސަރަހައްދުގައި ހިމެނޭ 35 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތަކާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރެވިގެން ދާނެ އެވެ. އަދި އާންމުންނަށް އަމާޒުކޮށް ކުނި ރިސައިކަލް ކުރުމާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއްވެސް މި މަޝްރޫއުގެ ދަށުން ކުރިޔަށްދާނެ އެވެ.

މިއީ ރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް އިންގިލާބީ ބަދަލެއް ގެނުވާނެ ބިޔަ މަޝްރޫއަކަށް ވެގެންދާނެކަމަށް ސަރުކާރުން ބުނެފައި ވެއެވެ.