Advertisement

އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް އައިސްފި

14 ޑިސެންބަރު 2021 - 16:36 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބިންހެލުން އައުމާ އެކު އިމާރާތްތަކުން ބޭރަށް އާއްމުން ނުކުމެ މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ


އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް އައިސްފި

14 ޑިސެންބަރު 2021 - 16:36 0

ޖަކާޓާ، އިންޑޮނީޝިއާ (ޑިސެމްބަރު 14) - އަންގާރަ ދުވަހުގެ ހެނދުނު އިންޑޮނީޝިއާގެ އިރުމަތީ ސަރަހައްދަކަށް 7.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފި އެވެ.

ބިންހެލުމާ އެކު ސުނާމީގެ އިންޒާރު ދިން ނަމަވެސް، ފަހުން ވަނީ އުވާލާފަ އެވެ. ބިންހެލުން އައީ އިރުމަތީ ނުސާ ޓެންގަރާ ޕްރޮވިންސްގެ ފްލޮރެސް ރަށުގެ އުތުރުންނެވެ.

ބިންހެލުން އައުމާ އެކު ގެތަކުގައި ތިބި މީހުން ވަނީ ރައްކާތެރިވުމުގެ ގޮތުން މަގުމައްޗަށް ނުކުމެފަ އެވެ. މިހާތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގެ ރިޕޯޓެއް ނެތެވެ.

އިންޑޮނީޝިއާގެ ކަމާ ބެހޭ އިދާރާތަކުން އާއްމުންނަށް އަންގާފައި ވަނީ ހާސްނުވުމަށާއި އައްސޭރިފަށާ ދުރު ހިސާބަކުން ރައްކާތެރި ތަނަކަށް ދިޔުމަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ބިންހެލުން އައީ ފްލޮރެސް ކަނޑުގެ 18.5 ކިލޯމީޓަރު އަޑިން ކަމަށެވެ. ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނީ ސުނާމީއެއްގެ ނުރައްކާ މިހާރު ނެތް ކަމަށެވެ.

އިންޑޮނީޝިއާ އޮންނަނީ ޕެސިފިކް "ރިންގް އޮފް ފަޔާ" ހިސާބުގަ އެވެ. އެއީ ކަނޑުގެ އަޑިން ޓެކްޓޯނިކް ޕްލޭޓްތައް ހަރަކާތް ކުރުމުން، ގިނައިން ބިންހެލުން އަންނަ ހިސާބެކެވެ.

މިދިޔަ ޖެނުއަރީ މަހު ސުލަވެސީ އައިލެންޑަށް އައި 6.2 މެގްނިޓިއުޑް ބިންހެލުމެއްގައި 100 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އެ ފަހަރު އައްސޭރިފަށުގައި އޮންނަ މަމޫޖޫ ސިޓީ އަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

މީގެ ތިން އަހަރު ކުރިން ޕާލޫ އަށް އައި 7.5 މެގްނިޓިއުޑް ބިންހެލުމަކާއި ސުނާމީއާ އެކު 4،300 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ގެއްލުނެވެ.