Advertisement

ޕީ.ޓީ.އޭ އޭ ބުނުމާއެކު އަހަރެން ޖެހިލުންވަނީ ކީއްވެ؟

14 ޑިސެންބަރު 2021 - 09:32 4

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ޕީ.ޓީ.އޭ އޭ ބުނުމާއެކު އަހަރެން ޖެހިލުންވަނީ ކީއްވެ؟

14 ޑިސެންބަރު 2021 - 09:32 4

އަހަރެންގެ ދެ ކުދިން ޕްރީ ސްކޫލުގައި އުޅުނުއިރު ވަރަށް ފޯރީގައި ބެލެނިވެރިން ދައްކާ އުޅުނު ވާހަކައެއް އޮވެ އެވެ. ޕީ.ޓީ.އޭގެ ދެ މެންބަރެއް، ޕީ.ޓީ.އޭގެ ކަންކަމުގައި ސްކޫލަށް އައިސް އުޅުމުގެ ތެރޭ ގައިގޯޅިވެ، ކައިވެނީގެ ބޭރުން ގުޅުމެއް އުފެދި، އެ ދެ މީހުންގެ ކައިވެނި ރޫޅިގެންދިޔަ ގޮތުގެ ވާހަކަ އެވެ. ޕީ.ޓީ.އޭގެ މެންބަރުން، މަސައްކަތް ކުރުމުގެ ނަމުގައި ބައިހަދައިގެން ކޮފީތަކަށް ދާ ވާހަކަ އެވެ. ވަގުތު ބޭކާރު ކުރާ ވާހަކަ އެވެ. މާލީ މުއްސަނދިކަން ނެތް ބެލެނިވެރިން ލަދު ގަންނަ ފަދަ މިންވަރަކުން ޗަންދާ ހޯދަން އެދޭ ވާހަކަ އެވެ. ކްލާސްރޫމުގެ ތެރެއިން މެންބަރުންގެ ދަރިންނަށް ޚާއްޞަ އިނާޔަތްތައް ލިބޭ ވާހަކަ އެވެ. އަޑުއަހަން އެހާ ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެހެންނަމަވެސް، ޕީ.ޓީ.އޭގެ ފަރާތުން ސްކޫލާއި ދަރިވަރުންގެ ޙައްޤުގައި ކޮށްދޭ ޚިދުމަތްތަކުގެ ވާހަކައަށް ވުރެ ހަރު އަޑުން ދައްކާ ވާހަކަތަކެވެ. މަދު ބައެއްގެ ސަބަބުން، ދަރުމަވެރި، ޚިދުމަތްތެރި ގިނަ ބައެއްގެ ފަސްބައިގައި ޖެހިފައިވާ ލައްގަނޑެކެވެ.

އަހަރުގެ ފުރަތަމަ ބެލެނިވެރިންގެ ބައްދަލުވުމުގައި ކުލާސް މަންދޫބުންނަށް ވާން ހުޅުވާލުމުން، އިސްދަށަށް ޖަހައި، ޓީޗަރާ ހަތަރުކަޅި ހަމަނުކުރާން މަސައްކަތްކުރެވެނީ ހަމައެކަނި ވަގުތު ނުވާތީއެއް ނޫނެވެ. މަތީގައި މި ދެންނެވި ބީދައިން ޚުދު އަހަރެން ސްޓީރިއޯޓައިޕްވާން ބޭނުންވެސް ނުވާތީ އެވެ. މި ގޮތަށް ބައެއް އަހަރުތަކުގެ ޕީ.ޓީ.އޭ ލޭބަލްކުރެވެނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ކުޑަ މިސާލެކެވެ. ޗަންދާ ހޯދަން ގޮވާލާ ވަގުތުތަކުގައި، "ޗަންދާ ދެވެން ނެތް ބެލެނިވެރިން އަޅުގަނޑަށް އަންގާލުމަށް" މެންބަރު އެދެނީ ސާފު ހިތަކާ އެކުގައިކަމަށް ވެދާނެ އެވެ. އެހެންނަމަވެސް، ދަރިފުޅުގެ ޙައްޤުގައި ޚަރަދު ކުރާނޭ ފައިސާ ނެތްކަމަށް އެހެން ބެލެނިވެރިއެއް ގާތު އިޢުތިރާފުވުމަށް ވުރެ ނިކަމެތި އިހުސާސެއް ބެލެނިވެރިއަކަށް އޮންނާނޭ ބާވަ އެވެ؟ އެ އިޢުތިރާފުވުމުގެ ބަދަލުގައި ނުފޯރާފޮތިން ފޫގަޅަން ނިންމަނީ ކިތައް ބެލެނިވެރިން ބާވަ އެވެ؟ ޗަންދާގެ ކަންކަން ބާއްވާށެވެ. ބެލެނިވެރިންގެ ކޮންސެޓު، ބެލެނިވެރިންގެ ސްޕޯޓްސްމީޓު، މި ފަދަ ކަންކަމުގައިވެސް ބައިވެރިވުމުގެ ހިކުމަތްތަކެއްވެސް ހުންނަކަމަށް ބައެއް މީހުން ދެކެ އެވެ. ތެދެކެވެ. އެއް އޮޑީގައި ދަތުރުކޮށްލުމުން ބެލެނިވެރިންގެ ގުޅުން ބަދަހިވާނެ އެވެ. އެހެންނަމަވެސް، އެ ބަދަހިކަމުން ދަރިވަރުންނަށް ކުރާ ފައިދާއެއް ވޭތޯ ސުވާލު އުފެދެ އެވެ. މި ގޮތަށް އުފެދޭ ސުވާލުތަކަށް ޖަވާބުދެވޭފަދަ ގޮތަކަށް މި ފަދަ ހަރަކާތްތައް ފަރުމާކުރާ ނަމަ، އިޖުތިމާޢީ ކުލަބު އުޞޫލުން ޕީ.ޓީ.އޭ ހިންގާކަމުގެ ތަޢައްޞަބު ގެންގުޅޭ މީހުން މަދުވާނެކަން ގައިމެވެ.

ތަޢައްޞަބު- މީޓަރު ސޯނާވާން ފަށައިފި އެވެ! ފާޑުކިޔުން މަޑުޖައްސާލައި މަގޭ ސިކުނޑިވެސް ހުޅުވާލަން މަސައްކަތްކުރާނަމެވެ. ޕީ.ޓީ.އޭގެ މަޤްޞަދަކީ ކޮބައިތޯ އެވެ. ކުދިންގެ މަސްލަޙަތުގައި ބެލެނިވެރިންގެ އަޑު އުފުލުމެވެ. ބެލެނިވެރިންގެ ފަރާތުން ޚިޔާލު ހުށަހަޅައި ފާޑުކިޔާނޭ މަންސައެއް އޮތުމެވެ. މި ޚިޔާލުތަކާއި ފާޑުކިޔުންތަކުގެ އެހީގައި ސްކޫލުން ދަރިވަރުންނަށް ދޭ ޚިދުމަތްތަކަށް ގެންނަން ޖެހޭ އިސްލާޙުތަކެއް ވާނަމަ، އެކަން ދެނެގަނެ އެކަން އެ ގޮތަށް ތަންފީޒުކުރުމެވެ. މީގެ އިތުރުން، ސްކޫލުގެ ފަންނީ ތަޖުރިބާގެ އަލީގައި ބެލެނިވެރިންނަށް ދެވިދާނޭ ތަމްރީނުތައް ދެނެގަނެ، ބެލެނިވެރިންގެ ޤާބިލިއްޔަތު އިތުރުކުރުމަށް މަސައްކަތްކުރުމަށްވެސް ޕީ.ޓީ.އޭ މުހިއްމުވެ އެވެ.

މިހާ ހިސާބުން ފެންމަތިވަނީ ދިވެހި ތަޢުލީމީ ނިޒާމުގައި ޕީ.ޓީ.އޭ މެދުވެރިކޮށް، މި ބުނި ކަންކަން އެންމެ އެދެވޭ ގޮތުގައި ކުރެވޭތޯ ކުރެވޭ ސުވާލެވެ. ފުރަތަމަ ކަމަކަށް، މިއިން އެއްކަމެއްވެސް ޙާޞިލުވާން އޮތީ، ޕީ.ޓީ.އޭ އާ މެދު ބެލެނިވެރިން ދެކޭ ގޮތް ބަދަލުކޮށްގެންނެވެ. ޕީ.ޓީ.އޭ އަކީ ފުދުންތެރި ބެލެނިވެރިން، ޚާއްޞަކޮށް، "ސްޓޭ އެޓް ހޯމް މަމްސް"ގެ މުނިފޫހިފިލުވުމަށް ހިންގާ ޖަމާޢަތެއް ކަމަށް ފެންނަ މަންޒަރު ބަދަލުކޮށްގެންނެވެ. ޙަޤީޤަތުގައި ޕީ.ޓީ.އޭ އިން ކޮށްދޭ ޚިދުމަތްތައް ދެނެގަނެގެންނެވެ. ޕީ.ޓީ.އޭގެ އިސްނެގުމުގެ ސަބަބުން ސްކޫލަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ ވާހަކަ، ޕީ.ޓީ.އޭ އިން އިންތިޒާމުކުރި ޑިނަރނައިޓުގެ ވާހަކައަށްވުރެ ބޮޑަށް ދެކެވެން ޖެހެ އެވެ. ޕޭރެންޓް ސްޕޯޓްސް ޑޭ ގައި ބައިވެރިވުމަށް ބެލެނިވެރިންނަށް ޕްރެޝަރުކުރާ މިންވަރަށް، ސްކޫލުގެ ވަކި ވަކި މައްސަލަތަކަށް ޙައްލު ހޯދުމަށްވެސް ބެލެނިވެރިންނަށް ޕްރެޝަރު ކުރަން އެބަ ޖެހެ އެވެ. ސްކޫލްތައް މި ބެހިފައި ހުންނަނީ ސަރުކާރުން ފަންޑުކުރާ ސްކޫލްތަކަށާއި ދަރިވަރުން ދައްކަންޖެހޭ ބޮޑެތި ފީތަކަށް ބަރޯސާވާ ސްކޫލުތަކަށް ކަމުގައިވާ ހިނދު، ސްކޫލުގެ ކަންކަމުގައި، ޚާއްޞަކޮށް މަރާމާތާއި ޒީނަތްތެރިކަމާއި ވަޞީލަތްތައް ހޯދުމުގެ ކަންކަމުގައި ބެލެނިވެރިންގެ "ޗަންދާ" އަށް ޕީ.ޓީ.އޭ އިން ޑިމާންޑުކުރާ ނަމަ، އޭގެ ތަފްޞީލާއި ސަބަބު، ދެފުށް ފެންނަ ގޮތަކަށް ބަޔާންކޮށްދޭން ޖެހެ އެވެ.

ޗަންދާ އާއި ވަގުތަކީ ދެ ބެލެނިވެރިއަކަށް އެއް މިންވަރަކަށް ދެވޭނޭ ތަކެތި ކަމުގައި ބަލައިގެން ނުވާނެ އެވެ. އެ ބެލެނިވެރިއެއްގެ ޙާލަތު އެނގޭނީ ހަމަ އެ ބެލެނިވެރިއަކަށެވެ. އަދި އެ ބެލެނިވެރިއެއްގެ ފައިސާ އާއި ވަގުތު ހޭދަކުރުމުގައި އަހައްމިއްޔަތު ދޭނޭ ކަންކަމާއި ތަންތަންވެސް އެނގޭނީ ހަމަ އެ ބެލެނިވެރިއަކަށެވެ. ސްކޫލުގެ ކަމަކަށް ޗަންދާ ނުދީ އެ ބެލެނިވެރިޔާ ފައިސާ އެ ރައްކާ ކުރަނީ ދަރިފުޅުގެ ސިއްޙީ ކަމަކަށް ކަމުގައިވެސް ވެދާނެ އެވެ. އެހެނެކޭ ކިޔާފައި ސްކޫލު ނިމޭ ގަޑީގައި ދަރިފުޅު ބަލައި ސްކޫލްދޮށަށް ދާ މީހާއާ ދިމާކޮށް، އޭނާ ދަރިފުޅުގެ ކުރިމަތީ "ލަދުގަންނަވާލައިގެން" ޗަންދާ ހޯދާ އުޞޫލުވެސް ދޫކޮށް، ތަންކޮޅެއް ތަހުޒީބުވާން ވެއްޖެ އެވެ. އެކަން ސްކޫލާއި ޓީޗަރުންވެސް ދަންނަން ވެއްޖެއެވެ. ބަދަލުގައި، ޑިޖިޓަލް މި ޒަމާނުގައި ވައިބަރު ގްރޫޕުން ހުރިހާ ކަމެއް ނިމޭ އިރު، ކޮންމެހެން ބެލެނިވެރިންގެ ޚިޔާލު ބޭނުންވާ ކަންކަމުގައި، ކޮވިޑް ލޮކްޑައުން ތެރޭ ގިނަވެގެން އެ އުޅުނު ގޫގްލް ފޯމުން އަނެއްކާވެސް ހިރަފުސް ފޮޅާލެވިދާނެ ނޫން ހެއްޔެވެ؟ އޭރުން، އިތުރު މެދުވެރިންނާ ނުބައްސާ ސީދާ ގޮތެއްގައި ގިނަ ޢަދަދެއްގެ ބެލެނިވެރިން ޚިޔާލު ލިބޭނެވެސް މެ އެވެ.

ބެލެނިވެރިންގެ ބައްދަލުވުމުގައި ކިލާސް މަންދޫބުންނަށް ވާން ހުޅުވާލުމުން، މާކަނައެއް ފަދައިން ފިޔަގަނޑުތެރެއަށް މޫނުލައިގެން ފިލާ އިނދެވޭނެނަމައޭ ހިތަށް އަރަނީ ކުށްހީތަކެއްގެ ސަބަބުންކަމުގައި ވެދާނެ އެވެ. އަހަރެންނަށް ހީވެފައި އޮންނަ މިންވަރަށް ވަގުތު ނުދެވޭނެއޭ ހީވާތީއެވެ. ވަގުތުތަކެއް ބޭކާރު ވެދާނެތީއޭ ހީވާތީ އެވެ. "ހުތުރު ލޭބަލް" އެއް އެޅިދާނެތީ އެވެ. ޕީ.ޓީ.އޭ ގެ ކަންކަމުގައި ޚަރަދު ކުރާނެ ފައިސާ ފުދޭމިންވަރަށް ނެތި "ފަޟީޙަތް" ވެދާނެތީ އެވެ. އެފަދަ ލަދެއްގައި ބެދިއްޖެނަމަ، ދަރިފުޅުގެ ކިޔެވުމަށް ހުރަސްއެޅިދާނެތީ އެވެ. މި ވިސްނުން ބަދަލުކުރެވޭނީ، ޕީ.ޓީ.އޭ ތަކުގެ "މަލަމަތި"ވެސް ބަދަލުކުރެވިއްޖެނަމަ ނޫން ހެއްޔެވެ؟