Advertisement

މެރިން އެކްސްޕޯ: ތަފާތު މާހައުލަކުން ހުސް ރައްޓެހިން

14 ޑިސެންބަރު 2021 - 12:08 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ހުޅުމާލެ ސެންޓްރަލް ފާކުގައި އިއްޔެ ހުޅުވި "މޯލްޑިވްސް މެރިން އެކްސްޕޯ 2021" ގެ ސްޓޯލް ތަކެއް: ފަންސާސް ފަރާތަކުން މި ފަހަރުގެ އެކްސްޕޯގަ ބައިވެރިވެފައިވޭ-- އަދަދު ފޮޓޯ/ އަހުމަދު ސައީދު


މެރިން އެކްސްޕޯ: ތަފާތު މާހައުލަކުން ހުސް ރައްޓެހިން

14 ޑިސެންބަރު 2021 - 12:08 0

އެ ސަރަހައްދުގައި ބޮޑު ކަމެއް އެބަ ހިނގާކަން ހުޅުމާލެ ސެންޓްރަލް ފާކު ސަރަހައްދަށް ދާ ކޮންމެ މީހަކަށް ވެސް ފާހަގަ ވާނެ އެވެ. މައި އެއް މަގުން ސެންޓްރަލް ޕާކާއި ކައިރިވާއިރު ފާރެއް ގޮތަށް ފެންނަ ބިލް ބޯޑު ތަކުން އެއް ބޯޑުގައި ބޮޑުކޮށް ޖާހާފައި އޮތީ "މޯލްޑިވްސް މެރިން އެކްސްޕޯ 2021" އެވެ.

ރާއްޖޭގެ އޮޑިދޯނި ފަހަރާއި މޫދާއި ކަނޑާ ގުޅުން ހުރި އެންމެހާ ވިޔަފާރި ތަކަށް ހާއްސަ ކޮށްގެން ބާއްވާ މި އެއްކްސްޕޯ އާއްމުކޮށް އެންމެންނަށް ވެސް ވަނީ ހުޅުވާލައިފަ އެވެ. ފަންސާހަކަށް ފަރާތުން ބައިވެރިވާ، އިއްޔެ އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އެކްސްޕޯ އަށް ވަނުމަށް ކުރިއާލާ ރަޖިސްޓްރީ ކޮށްލެވެ އެވެ. ކުރިން ރަޖިސްޓްރީ ނުކުރާ ނަމަ، އެކްސްޕޯ އަށް ވަނަތާ ކަނާތް ފަރާތާއި ވައަތް ފަރާތުގަ ހުންނަ ބޯޑަށް ފޯނުގެ ކެމެރާ އަޅުވާލުމަށް ފަހު ތިރީހަކަށް ސިކުންތުގެ ތެރޭގައި ރަޖިސްޓްރީ ވެލެވޭނެ އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކަކީ ކުރިން މި ފަދަ އިވެންޓުތައް އިންތިޒާމު ކުރަމުން އައި ދަރުބާރުގެ އަށްވުރެ މާ ބޮޑަށް ވެސް ތަނަވަސް ޖާގަ އެކެވެ. އެކްސްޕޯ އަށް ވަދެގެން ދާއިރު ދެ ފަރާތުގައި ޖަހާފައި ހުރި ބޮޑެތި ސްޓޯލްތަށް ހީވަނީ އެކަމަށް ދާއިމީކޮށް ހަދާފައި ހުރި ތަންތަން ހެނެވެ. އެކްސްޕޯގަ ބައިވެރިވެފައިވާ ފަރާތްތަކުން ސްޓޯލްތައް ފުރިހަމަ ކުރުމަށް އިސްކަން ދީފައިވާކަން ފާހަގަ ކުރެވެ އެވެ.

"މާސްކް ތިރިކޮށްލަބަލަ ހާދަ ދަންނަ މޫނެއްހެން ހީވެ އޭ،" ފެއާގެ ސްޓޯލަކުން ދިމާވި ރައްޓެއްސަކު ބުނެލި އެވެ.

އެކްސްޕޯ އިން މުޅިން ވެސް ދިމާވީ ރައްޓެހިންނާ އެވެ. ކުރިން ދިމާވެފައިވާ ނުވާ ކުރިން ނުވެސް ދަންނަ "ރައްޓެހިންނާ" އެވެ. މުޅި އެކްސްޕޯ އިން ވެސް ފެނުނީ ރައްޓެހި ހިތްހެޔޮ ރަހުމަތްތެރިންގެ މާހައުލެކެެވެ. ކޮވިޑް-19 ގެ ސަބަބުން އެތައް ދުވަހަކު ގޭގައި ބަންދުވެފައި ތިބި ބަޔަކު މިވަންކަމާއެކު ތިމާ ކަހަލަ އަނެއް އިންސާނާ އާއެކު ވަގުތު ކޮޅެއް ހޭދަކޮށްލަން ބޭނުންވެފައިވާ ކަމުގެ އިހުސާސެކެވެ. ވިޔަފާރީގެ ވާހަކާގެ ތެރެއިން ވިއަސް ގުޅުން ބަދަހި ކުރަން ބޭނުންވެފަ ތިބި ތަނެވެ.

ވިއްސާރާ ދުވަހެކެވެ. އެކްސްޕޯ ހުޅުވިއިރު އޮތީ ވާރެ ހުއްޓާލާފަ އެވެ. ޖައްވު ފިންޏެވެ. ހަވީރު ވެގެން އައިއިރު ލިބުނު ހަބަރަކީ އެކްސްޕޯ ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާ ހަބަރެވެ. ހުރިހާ ސްޓޯލްތަކަކުން ރައީސް އަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވި އެވެ. ވިޔަފާރި ތަކުގެ އެންމެ އިސްވެރިން ރައީސްގެ އިންތިޒާރުގައި ސްޓޯލް ތަކުގަ މަޑުކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޑަ ނަންގަވައިގެން މެރިން އެކްސްޕޯގެ ސްޓޯލެއް އިއްޔެ ބައްލަވާލައްވަނީ -- ފޮޓޯ/ އެންބީއޭއެމް


ރައީސް ވަޑައިގަތްތާ ކުޑަ އިރުކޮޅެއް ތެރޭގައި ބޯކޮށް ވާރޭ ވެހެންފެށި އެވެ. ކުޑަ ނަންގަވައިގެން ރައީސް ހުރިހާ ސްޓޯލްތަކަކަށް ރިޒާރަތް ކުރެއްވި އެވެ. ސްޓޯލްތަކަށް ވަޑަގެން އެކިއެކި ބޭފުޅުނާ އެކު ރައީސް ބެހެއްޓެވީ ވެސް ވަރަށް ބޮޑު ގާތް ކަމެކެވެ. ގިނަ ބޭފުޅުންނާ އެކު ފޮޓޯ ނެންގެވި އެވެ. އިންޖީނާއި އެހެން އުފެއްދުންތައް ބައްލަވާލައްވާ ބައެއް އުޅަނދު ފަހަރަށް އެރުއްވި އެވެ. ސްޓޯލަކުން ކޮފީ އާއި ޖޫސް ހިތްޕެވި އެވެ.

"ރައީސް އަކީ ވަރަށް ގަދަ ބޭފުޅެއް، ވަރަށް ހިތްހަމަ ޖެހިއްޖެ ވިއްސާރާގަ ވެސް ރައީސް ވަޑައިގެންނެވީމަ،" މެރިން އެކްސްޕޯ އަށް ރައީސް ވަޑައިގެންނެވުމަކީ، އެކްސްޕޯގެ މުހިންމުކަން އަންގައިދިން އަމަލެއް ކަމަށް ފާހަގަ ކުރަމުން ސްޓޯލެއްގައި އިން މީހަކު ބުންޏެވެ.

ޔޫއޭއީގެ މެރިން ސޮލިއުޝަން ކުންފުނި، ޖަލްބޫތުގެ ގްލޯބަލް ހެޑް އޮފް މެއިންޓަނަންސް ޕަބްލޯ އެންޓޯނިޔޯ ވިދާޅުވީ މެރިން އެކްސްޕޯ ބައިވެރިވެވުމަކީ އެ މީހުންނަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި ރާއްޖޭގައި ވިޔަފާރި އިތުރަށް ކުރިއަށް ގެންދިއުމަށް އެކްސްޕޯ އިން އިތުރު ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށްް އުންމީދު ކުރާ ކަމަށެވެ.

"މެރިން ކަމަކާ ގުޅޭ ކަމެއްގައި އުޅޭނަމަ މިއީ ކޮންމެހެން ވެސް ބައިވެރިވާން ޖެހޭ އިވެންޓެއް. އެހެން މީހުން ތިބެފައި މި ތަނުގައި އަހަރެމެން ނެތުން އެއީ ބަލައިގަނެވޭނެ ކަމެއްނޫން،" މޫދު ކުޅިވަރާ ގުޅުންހުރި އުފެއްދުންތައް ވިއްްކާ ސްޓޯލެއްގެ މީހަކު ބުންޏެވެ.

މެރިން އެކްސްޕޯގައި އެންމެ ދިރުން ހުރި އެއް ބަޔަކީ މި އަހަރު އަލަށް ތައާރަފުކުރި މެރިން ފުޑް ސެކްޝަނެވެ. ލ. އަތޮޅުގެ ޒުވާން ގްރޫޕެއް ކަމަށްވާ "ފިސް ބްރޯސް" އާއި "ސެފްސް ގިންޑް މޯލްޑިވްސް" އަދި "އެންޒީ" ފަދަ ފަރާތްތަކުން، އެކްސްޕޯ އަށް އިތުރު ތިޔާގި ކަމެއް ގެނެސްދީފަވެ އެވެ.

"މެރިން އެކްސްޕޯގަ މެރިން ފުޑް ހިމެނިކަމީ އަޅުގަނޑު ވަރަށް އުފާކުރާ މަރުހަބާ ކިޔާ ކަމެއް، މިއީ ވެސް ވަރަށް މުހިންމު ބަޔެއް،" ސެފްސް ގިންޑް މޯލްޑިވްސްގެ ފައުންޑާ މަރިޔަމް ނޫރައްދީން ވިދާޅުވި އެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ މި އެކްސްޕޯ އަށް އިއްޔެ އިން ފެށިގެން ބުދަ ދުވަހުގެ ރޭގެ ނިޔަލަށް ކޮންމެ ދުވަހަކު މެންދުރު ފަހާއި ރޭނގަޑު ޒިޔާރަތް ކުރެވޭ އެވެ. ރޭގަނޑު ދިއްލާފައިވާ އެކި ކުލައިގެ އަލި ތަކުން ވެސް މެރިން އެސްޕޯގެ މާހައުލު ހިތްގައިމެެވެ.