Advertisement

އަމީން އަވަހާރަކޮށްލި މައްސަލަ އާއި ތިނަދޫ މައްސަލަ ތަހުގީގުކުރަން ލިޔެކިޔުންތައް ނެތުމުން ދަތިކަން ބޮޑު: އޮމްބަޑްސްޕާސަން

14 ޑިސެންބަރު 2021 - 10:30 3

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ކުރީގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު (ކ) އަދި ދެ ވަނަ ފުޓޯގެ މެދުގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީ.


އަމީން އަވަހާރަކޮށްލި މައްސަލަ އާއި ތިނަދޫ މައްސަލަ ތަހުގީގުކުރަން ލިޔެކިޔުންތައް ނެތުމުން ދަތިކަން ބޮޑު: އޮމްބަޑްސްޕާސަން

14 ޑިސެންބަރު 2021 - 10:30 3

ދިވެހި ތާރީހުގައި ހިނގާފައިވާ ބޮޑެތި ބައެއް މައްސަލަތައް އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާއިރު، ރާއްޖޭގައި ތާރީހީ ލިޔެކިޔުންތައް އެންމެ އެދެވޭ ގޮތަކަށް ބެލެހެއްޓިފައިނުވުމުގެ ސަބަބުން އެފަދަ މައްސަލަތަކުގެ އެންމެ ފުނަށް ދަތުރުކޮށް މައްސަލައިގެ ހަގީގަތް ހޯދުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް ވިދާޅުވެއްޖެ އެވެ.

އެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު އަމީން 1953 ވަނަ އަހަރު ހަވަރަށްދީ އަވަހާރަކޮށްލި މައްސަލަ އާއި ގދ. ތިނަދޫގައި 1962 ވަަ އަހަރު ހިނގައިދިޔަ ހަމަނުޖެހުތަކަށްފަހު އެރަށް ފަޅުކޮށްލި މައްސަލަ ހިމެނެ އެވެ.

މަގާމާ ހަވާލުވެވަޑައިގަތް ފަހުން "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ސަލާމް ވިދާޅުވީ އެ ދެ މައްސަލައަކީ ވެސް އާންމު މަސްލަހަތާއި ވަރަށް ބޮޑަށް ގުޅިފައިވާ ދެ މައްސަލަކަމުން، އެ ދެ މައްސަލައިގެ ވެސް ހަގީގަތް ހާމަކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވާކަމަށެވެ.

އެހެންނަމަވެސް ރާއްޖޭގެ ތާރީހީ ބައެއް ޑޮކިއުމެންޓްތައް އެންމެ އެދެވޭ ގޮތުގައި ބެލެހެއްޓިފައި ނުވުމާއި، ޑިޖިޓަލައިޒް ކުރެވިފައިނުވުމުން، އެފަދަ މައްސަލަތަކުގައި ހަގީގަތް ހޯދުމަށް އޭނާގެ އޮފީހުން ކަވި އަދި ދިގު ދަތުރުތަކެއް ކުރަންޖެހިފައިވާކަމަށް އޭނާ ވިދާޅުވެ އެވެ.

"އެފަދަ މައްސަލަތަކަކީ ތެދު ހާމަކުރަން ޖެހޭ ކަހަލަ މައްސަލަތަކެއް ކަމުން އެފަދަ މައްސަލަތަކާއި ވިދިގެން އިންތިގާލީ އިންސާފުގެ އޮފީހުން ވެސް އެފަދަ ކޭސަސްތަކުގައި މަސައްކަތްތަކެއް ކުރެވެމުން އެބަދޭ," ސަލާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާގެ އޮފީހުން އެ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން ގައުމީ އަރުޝީފާއެކު އެތަނުގައި ހުރި އެފަދަ ލިޔެކިޔުންތައް ހޯދުމަށް ބައްދަލުކުރަން މަސައްކަތްކުރަމުންދާ ކަމަށާއި، ކަމާ ގުޅުން ހުރި އިދާރާތަކަށް އެ ލިޔެކިޔުންތައް ހޯދުމަށް ސިޓީ ފޮނުވާފައިވާކަމަށް ސަލާމް ވިދާޅުވި އެވެ.

"ކަމާ ގުޅުން ހުރި އިދާރާތައް، ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، މަޖިލިސް އިދާރާއަށް އަޅުގަނޑުމެން ވާނީ ސިޓީ ވެސް ފޮނުވާފައި އެކަންކަމުގެ މައުލޫމާތު ހޯދުމަށްޓަކައި. ދެން ރާއްޖޭގަ ޑޮކިއުމެންޓްތައް އެހާ ބޮޑަށް ޑިޖިޓަލައިޒް ކޮށްފަ ނެތްކަމަށް އަރުޝީފްގެ ފަރާތުން މައުލޫމާތު ލިބުނު، އެކަމަކު މަޖިލިސް އިދާރާގަ ވަރަށް ރަނގަޅަށް އެބައިތައް ބެލެހެއްޓިފަވޭ އަދި ރައީސް އޮފީހުގަ ވެސް އެބަހުރި،" ސަލާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަސޭހަކަމާއެކު އަވަސް އިންތިޒާމެއްގެ ތެރެއިން އެ މައުލޫމާތުތައް ލިބޭނެކަމަށް މައުލޫމާތު ލިބިފައިވާކަމަށާއި، އަދި އެ އޮފީހުގެ މަސައްކަތްތަކަށް ސަރުކާރުގެ އެކި އިދާރާތަކުން ވެސް އެދެވޭ އެއްބާރުލުމެއް ލިބިގެންދާކަމަށެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް އަމީންގެ މައްސަލައަކީ އާންމު މަސްލަހަތާއި ގުޅިފައިވާ އަދި އާންމުން އެމައްސަލައިގެ ހަގީގަތް ހޯދުމަށް އެދޭ މައްސަލައެއް ކަމަށެވެ. އަދި ތިނަދޫގެ މައްސަލައިގައި ވެސް އެ ރަށު ކައުންސިލާއި ރަށުގެ ވަކި ވަކި ފަރުދުންގެ ފަރާތުން ގެއްލުނު އަދި ނަގާލެވުނުކަމަށް ބުނާ ހައްގުތަކާއި ގުޅިގެން މައްސަލަތަކެއް ލިބިފައިވާކަމަށެވެ.

"ދެން ތިނަދޫގައި ހިނގައިދިޔަ ކަންތަކާ ވިދިގެން ވެސް އެބަ ހުރި ވަކި ވަކި ފަރުދުން އެފަރާތްތަކުގެ ގެއްލިފަ ހުރި ހައްގުތަކާ ވިދިގެން ހުށަހަޅާފަ ހުރި ކަންކަން. އަދި ކައުންްސިލްގެ ފަރާތުން ވެސް އެބަ ހުރި ހާއްސަކޮށް ރައްޔިތުންނަށް ވެފަ ހުރި ކަންކަމާ ރަށުން ބޭލުމުގެ ކަންކަމާ ވިދިގެން އެކަންކަން ތަހުގިީގުކޮށްދިނުމަށް އަދި އެކަންކަމާ ވިދިގެން ދައުލަތުގެ ފަރާތުން ދެވެން ހުރީ ކޮންކަހަލަ ފަރުވާއެއްތޯ ހޯދުމަށް ބަލަން އެދިފައި،" އެ އޮފީހަށް ހުށަހެޅިފައިވާ އެންމެ ފާހަގަކުރެވޭ ދެ މައްސަލައާ ގުޅޭގޮތުން ސަލާމް ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސްން އަބްދުއްސަލާމް އާރިފް "އަދަދު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން. ފޮޓޯ: އަދަދު/ އާއުމް ޒަމީރު


ސަލާމް ފާހަގަކުރެއްވިގޮތުގައި އެ ދެ މައްސަލައިގަ ވެސް މައްސަލަ ހުށަހެޅި ފަރާތްތަކަށް މާ ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދެވިފައިނުވާކަމަށެވެ. އަދި އެކަމުގެ ސަބަބެއް ކަމުގައި ދުވަސްވެފައިވާ މައްސަލަތަކަކަށް އެ މައްސަލަތައްވުން ގާތްކަމުގއި އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް އެ މައްސަލަތަކުގައި ޝަރީއަތްތައް ވެސް އެދުވަސްވަރު ހިނގިފައިވުމާއެކު، އެމައުލޫމާތުތައް ހޯދުމަށް ވެސް އޭނާގެ އޮފީހުން މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އޭނާ އޮފީހުން އެ ދެ މައްސަލަ ވެސް ތަހުގީގުކުރަން ފަށާފައިވާކަމަށާއި އަދި މައްސަލަ ހުށަހެޅި ފަރާތްތަކާއެކު އިނިޝަލް މީޓިންތައް ބާއްވައި މައްސަލަ ކުރިޔަށްދާނޭ ގޮތް ވެސް ކޮންމެވެސް ވަރަކަށް އެ ފަރާތްތަކާއެކު ހިއްސާކުރެވިފައިވާކަމަށް ސަލާމް ވިދާޅުވި އެވެ.އެހެންނަމަވެސް މައްސަލައާ ގުޅިގެން މާ ބޮޑު މައުލޫމާތުތަކެއް އާންމުކުރުމަކީ މިވަގުތު ދަތިކަމެއްކަމުގައި ސަލާމް ފާހަގަކުރެއްވި އެވެ.

"އެކަންކަން ތަހުގީގީ ނަޒަރަކުން އެކަންކަމުގައި އުޅުއްވާ އިންވެސްޓިގޭޓަރުން އެބަ ބައްލަވާ. އަދި މި ސްޓޭޖުގަ އަޅުގަނޑަށް ވަކި އެއްޗެއް ބުުމަކީ ވަރަށް ދަތިކަމެއް،" ސަލާމް ވިދާޅުވި އެވެ.

ޖެނުއަރީ 1، 1953 ގައި އުފެދުނު ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަމީނުގެ ވެރިކަން އިންގިލާބުކޮށްލީ އެމަނިކުފާނުގެ ސްރީ ލަންކާގައި ހުންނަވަނިކޮށް ނާއިބް ރައީސް ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ އިސްކޮށް ހުންނަވައިގައިގެން ރައްޔިތުންތަކެއް އެއްވެ އެ އަހަރުގެ އޮގަސްޓް 21 ގަ އެވެ.

ދުވަސްކޮޅެއް ފަހުން އަމީން ރާއްޖެ ވަޑައިގަތުމުން ދޫނިދޫގައި ބަންދުކުރީ އެވެ. ބަންދުގައި ހުންނަވަނިކޮށް ކަކާގޭ އިބްރާހިމް ހިލްމީ ދީދީގެ ރޭއްވެވުމެއްގެ މަތިން އަލުން ވެރިކަން ހޯއްދަވަން މާލެ ވަޑައިގެން އުޅުއްވަނިކޮށް ހަވަރު އެއްވެ ލާއިންސާނީ އަނިޔާ ދިނީ އެވެ. އަދި ޖެހިގެން އައި ދުވަހު އެމަނިކުފާނުގެ މައްޗަށް ބަޣާވާތްކުރިކަން ސާބިތުވެ އުމުރަށް އަރުވާލުމަށް ލުމަށް ހުކުމްކުރި އެވެ. އަވަހާރަވީ ހާލުބޮޑުވެގެން ވިހަމާނުފުށްޓަށް ގެނެސް އޮއްވަ އެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުގައި ދެން އޮތް އެންމެ ބޮޑު އެއް މައްސަލަކަމުގައި ދެކެވޭ ތިނަދޫގެ ހަމަނުޖެހުންތަކަކީ ދެކުނުގެ ބައެއް އަތޮޅުތަކެއް ރާއްޖޭއިން ވަކިވެ، ވަކި ގައުމެއް އުފައްދައި މިނިވަންކަން އިއުލާންކުރުމާއި ގުޅިގެން ހިނގައިދިޔަ ހާދިސާ ތަކެކެވެ.

އެމައްސަލައިގައި އިންތިގާލީ އިންސާފުގެ އޮފީހަށް ތިނަދޫ ކައުންސިލުން ހުށަހެޅި މައްސަލައިގައި ވަނީ ފަސް ކަމަކަށް އެދިފަ އެވެ.

އެއީ:

  1. މީހުން ރަށުން ބޭލި މައްސަލަ ތަހުގީގުކޮށްދިނުމަށް
  2. ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މައާފަށް އެދުމަށް
  3. ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އިންސާނީ އެންމެހައި ހައްގުތައް ހޯދައިދިނުމަށް
  4. ތިނަދުއިން ގެއްލިފައިވާ މުއްސަދިކަން އާރޯކުރުމަށް 100 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލައިލުމަށް
  5. ތިނަދޫ ރައްޔިތުންނަށް އެކަމުގެ ބަދަލު ހޯދައި ދިނުމާއި އަދި އެ “ގަތުލުއާންމު”ގައި ބައިވެރިވި ފަރާތްތަކުގެ މުދަލާއި ބިންތަކުގެ 50 އިންސައްތަ ފައިދާ ދާއިމީ ގޮތެއްގައި ތިނަދޫ ރައްޔިތުންނަށް ލިބިދުނުމަށް އެދުމަށް
  6. މާލޭގައި ބިނާކޮށްފައިހުރި ވެލާނާގޭގެ ނަން “ގދ. ތެނަދޫ ވެލާނޭގޭ”ގެ ނަމަށް ބަދަލުކޮށްދެއްވުމަށް އެދުމަށް

އެ މައްސަލައިގައި 1962 ވަނަ އަހަރު އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރު ސިފައިންނާއެކު، މިނިވަންކަން އިއުލާންކުރި އަތޮޅުތަކުގެ މައި ރަށްކަމުގައިވާ ތިނަދުއަށް ވަޑައިގެންކަމަށް ތާރީހީ ލިޔުންތަކުގައި ވެ އެވެ. އޭގެ ފަހުން އެރަށުގައި ހަމަނުޖެހުންތަކެއް ހިނގައި ނާސިރު ތިނަދުއިން މީހުން ބާލުވާފަ އެވެ. އެ މައްސަލައިގައި ތިނަދޫގެ އާންމުންގެ ތެރެއިން ބައެއް މީހުން މަރުވެ، ލާއިންސާނީ އަމަލުތަކެއް ހިނގާފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.