Advertisement

ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓު ރިސެސްއަށް, ޑްރަގް ކޯޓާއި ސިވިލް ކޯޓު ނުދާނެ

13 ޑިސެންބަރު 2021 - 10:44 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ޖަސްޓިސް ބިލްޑިންގް: ކޯޓުތަކުގެ ބެލެނިވެރި ފަރާތް --


ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓު ރިސެސްއަށް, ޑްރަގް ކޯޓާއި ސިވިލް ކޯޓު ނުދާނެ

13 ޑިސެންބަރު 2021 - 10:44 0

ދަށު ކޯޓުތަކުގެ ތެރޭގައި ހިމެނޭ ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުން އަންނަ ހަފްތާއިން ފެށިގެން މިއަހަރުގެ ނިޔަލަށް ރިސެސްއަށް ދާން ނިންމިއިރު، ޑްރަގް އަދި ސިވިލް ކޯޓުން ރިސެސްއަށް ނުދާން ނިންމައިފި އެވެ.

ފެމިލީ ކޯޓުން ބުނި ގޮތުގައި އެ ކޯޓުން ރިސެސްއަށް ދާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށެވެ. މި މުއްދަތުގެ ތެރޭގައި އެކޯޓުގައި ބޭއްވޭ މައްސަލަތަކުގެ ޝަރީއަތްތައް ހިންގުން މަދުކުރެވޭނެ ކަމަށް ބުންޏެވެ. ނަމަވެސް އެ ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި، ކައިވެނިތައް ކޮށްދިނުމާއި އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ދާނެކަން އެ ކޯޓުން ފާހަގަކުރި އެވެ.

މީގެ އިތުރުން ފެމިލީ ކޯޓުން ބުނީ ރިސެސްގެ މުއްދަތުގައި އެ ކޯޓުގެ ގާޒީންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ތަފާތު ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށެވެ. އޭގެ ތެރޭގައި ލީޑަޝިޕް އެންޑް ޓައިމް މެނޭޖްމަންޓާއި، މޯޓިވޭޝަނަލް އަދި ސްޓްރެސް މެނޭޖްމަންޓް ސެޝަނަކާއި، ކޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އައިޓީ އާއި ގާނޫނުތަކަށް އަހުލުވެރިކުރުމުގެ ތަމްރީނުތައް ހިންގޭނެ ކަމަށް ބުންޏެވެ.

މި މުއްދަތުގައި ކްރިމިނަލް ކޯޓުންވެސް ރިސެސްއަށް ދާނެ ކަމަށް، އެ ކޯޓުގެ ގާޒީ، އަލީ އާދަމް ޝަރީއަތުގެ އަޑުއެހުމެއްގައި ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެކަން ކޯޓުން އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި މިއަދު އެކަން އާންމުކުރާނެ އެވެ. ގާޒީ އަލީ އާދަމް ފާހަގަކުރި ގޮތުގައި ރިސެސްއަށް ދަނީ ނުނިމި ހުރި މައްސަލަތަކުގެ ބަޔާންތައް ލިޔުމަށާއި، ކޯޓުގެ މުވައްޒަފުންގެ ފެންވަރު އިތުރުކުރުމަށްޓަކައި ބައެއް ތަމްރީނުތައް ދިނުމަށެވެ. މިނޫންވެސް ގިނަ މަސައްކަތްތައް އެ މުއްދަތުގެ ތެރޭގައި ކުރިއަށް ދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އާންމުކޮށް ސިވިލް ކޯޓުން ރިސެސްއަށް ދަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް، އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ގިނަކަމުން، އެ ކޯޓުގެ ގާޒީންގެ މަޖިލީހުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ނިންމާފައި ވަނީ ރިސެސްއަށް ނުގޮސް، ކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. އެއީ ގިނަ މައްސަލަތަކުގެ އަޑުއެހުންތައް ބާއްވަން ހުރުމުންނެވެ.

ޑްރަގް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރިފައިވާ ބަޔާނެއްގައި ވަނީ އެ ކޯޓުންވެސް މިއަހަރު ރިސެސްއަށް ނުދާނެ ކަމަށް ބުނެފަ އެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން، ގިނަ އަޑުއެހުންތަކެއް ނުބޭއްްވި ދިއުމުން ރެެސިސްއަށް ގޮސްފިނަމަ، ގިނަ މައްސަލަތައް އިތުރަށް ލަސްވެގެން ދާނެ ކަމުގައި ގަބޫލުކުރެވޭތީ ކަމަށް އެ ކޯޓުން ބުންޏެވެ. އެހެންވެ އެ ކޯޓުގެ ހުރިހާ ގާޒީން އިއްތިފާގުވީ މިއަހަރު ރިސެސްއަށް ނުދިއުމަށެވެ.

އޭގެ އިތުރުން، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މި އަހަރުގެ ނިޔަލަށް މަތީ މަރުހަލާގެ ދެ ކޯޓުވެސް ވަނީ ރިސެސްއަށް ގޮސްފަ އެވެ.

ސުޕްރީމް ކޯޓުން ބުނެފައިވާ ގޮތުގައި، ރިސެސްގެ ތެރޭގައި ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ އެވެ.

ހައިކޯޓުން އިއްޔެ ބުނެފައި ވަނީ ރިސެސްއަށް ދިޔަ ނަމަވެސް، ބައެއް ބާވަތެއްގެ މައްސަލަ ބަލާނެ ކަމަށެވެ.