Advertisement

އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (11)

11 ޑިސެންބަރު 2021 - 10:40 1

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ


އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (11)

11 ޑިސެންބަރު 2021 - 10:40 1

މުޖުތަމަޢެއްގައި ތެރޭގައި އާއްމުވެ އަށަގެންފައި ހުންނަ ގޮތްތަކާއި ކަންކަމަކީ އެމުޖުތަމަޢެއްގެ ތެރޭގައި ތަރުބިއްޔަތުވަމުން އަންނަ ބަޔަކަށް ނުފޫޒު ފޯރުވާނެކަންކަމެވެ. ޖަންގަލީ އުސޫލު އާއްމުވެ އިންސާނީ ކަރާމަތް ގެއްލި ފިލައި ގޮސްފައިވާ މުޖުތަމަޢެއްކަމުގައި ވަނީނަމަ އެބަޔެއްގެ ތެރޭގައި ބޮޑުވަމުން އަންނަ ޖީލުތަކުގެ ކިބައިންވެސް އެގޮތެއް ފާޅުވޭވޭ ހުރެ އެވެ. އަދި އެބަޔެއްގެ ވިސްނުމާ ފިކުރު ބިނާވެ އޮންނަ އަސާސަކީ ވެސް އަނެކުންގެ މައްޗަށް ގަދަބަދަވިކަން ދެއްކުމާ ތިމާގެ މައްޗަށް ބިރުވެތިކުރުވުމެވެ. އެއީ ހަމަޔާއި ލަމަ ގެއްލިފައިވާ މުޖުތަމައެއްގެ ތެރޭގައި ދިރިހުރުމަށްޓަކަ އެވެ. އިންސާނީ ކަރަމާތާއި އަޚުލާގު ނެގެހެއްޓިފައި ހުންނަ މުޖުތަމަޢުތަކުގެ ތެރޭގައި ބޮޑުވަމުން އަންނަ ޖީލުތަކުގެ ކިބައިން އެކަމެއްގެ ހެޔޮ އަސަރުތައް ފާޅުވޭވޭ ހުރެތެވެ. ދަންނަވާން މިއުޅޭ ނުކުތާއަކީ ކުއްޖަކު ބޮޑުވަމުން އަންނަ މާޙައުލާ ލިބޭ ތަރުބިއްޔަތާ އޮންނަ ގުޅުމެވެ. މި ގުޅުމުގެ މައްޗަށް ތަރުބަވީ ޢިލްމާ އަދި އެނޫންވެސް އެހެނިހެން ޢިލްމީ ދާއިރާތަކުގެ ތެރޭގައި ގިނަ ދިރާސާތަކެއް ކުރެވިފައިވެ އެވެ.

ޢިލްމުވެރިކަމުން މީހަކަށް ޚާއްސަ މޮޅުކަމެއް ލިބިފައި ހުރިނަމަ އެންމެ ފުރަތަމަ އެނބުރި ބަލަނީ އޭނާ ބޮޑުވި ގޮތެވެ. ދިރިއުޅުނު މާޙައުލެވެ. ހަމަ މިހެންމެ ނުލަފާކަމާ ޒުލްމުވެރިކަމަށް ނަންއަރާހުރި މީހާ އާއި މެދުވެސް އެންމެ ފުރަތަމަ އެނބުރި ބަލާލަނީ އެމީހާ އުޅެ ބޮޑުވި ގޮތަކީ ކޮބައިތޯ އެވެ. ދިރިއުޅުނު މާޙައުލަކީ ކޮންކަހަލަ މާޙައުލެއްތޯ އެވެ. މިބާވަތުގެ ދިރާސީ ސުވާލުތަކަކީ ފަލްސަފީ ވިސްނުންތަކުގެ ތެރޭގައި ވެސް ވަރަށް ގިނައިން ގެންގުޅެފައިވާ ސުވާލުތަކެކެވެ. މީހެއްގެ ވިސްނުން ތަރައްގީވެގެން އަންނަ ގޮތާ އެމީހެއްގެ ވަށައިގެންވާ މާޙައުލާ ދެމެދު އޮންނަ ގުޅުމެއް ހޯދުމުގައި ޚިޔާލީ ހާލަތެއް އުފަންކޮށްގެން ވެސް ޢިލްމުވެރީން ވާހަކަ ދައްކަވާފައި ހުއްޓަތީ ފެނެ އެވެ. އިންސާނީ މުޅި ނަވްޢާ ވަކިން ހައިވާނުންގެ ތެރޭގައި ކުއްޖަކު ބޮޑުވެއްޖެނަމަ އޭނާއަށް ލިބޭނެ ތަރުބިއްޔަތަކަކީ ކޮބައިކަމާމެދު ފަލްސަފާވެރިން އުފައްދާފައިވާ ސުވާލުތަކަކީ މިފަދަ ދިރާސީ ސުވާލެކެވެ.

އިންސާނީ ކަރާމަތާ އަޚުލާޤަކީ އިންސާނީ ނަވްޢުގެ ތެރޭގައި ބޮޑުވުމުން ލިބޭ އެއްޗެއް ހެއްޔެވެ؟ ހެވާއި ނުބައި ވަކިކުރާން އިންސާނަކަށް ދަސްވަނީ އިންސާނުންގެ ތެރޭގައި ބޮޑުވީމަ ހެއްޔެވެ؟ ޖަންގަލީގައި ކުއްޖަކު ބޮޑުވެއްޖެކަމުގައި ވަނީނަމަ އޭނާއަށް އިންސާނީ ކަރާމަތް އެނގިދާނެ ހެއްޔެވެ؟ ނޫނީ އޭނާގެ ފުށުން ފާޅުވާ ހުށީ ނިކަމެތި މީހާގެ މައްޗަށް ގަދަކަން ދެއްކުން ހެއްޔެވެ؟ ބަލިކަށި މީހާގެ މައްޗަށް ޖައްބާރުކަން އިސްކުޅައުން ހެއްޔެވެ؟ މިފަދަ ސުވާލުތަކެއްގެ މައްޗަށް ޖަވާބު ހޯދުމުގެ ބޭނުމުގައި ފަލްސަފާވެރިން އެކި ޙާލަތު އުފަންކޮށްގެން ލިޔެފައި ހުންނަ ވަރަށް ގިނަ ޚިޔާލީ ވާހަކަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެންނާން ހުރެ އެވެ. މިފަދަ ބައެއް ވާހަކަތަކުގެ ތެރޭގައި އިބްނު ޠުފައިލުގެ ޙައްޔު ބުނު ޔަޤްޟާންގެ ވާހަކަޔާއި އިބްނި ނަފީސްގެ ރިސާލަތުލްކާމިލިއްޔާއޭ ކިޔުނު ވާހަކަޔާއި ޕީޓާ ދަ ވައިލްޑް ބޯއިގެ ވާހަކަޔާއި އަދި ޖަންގަލް ބުކް ވާހަކަ ފަދަ ކިތަންމެ ވާހަކައެއް ފެންނާން ހުރެ އެވެ.

ދެން ސީދާ މަޢުޟޫއަށް ޖެހިލަމާތޯ އެވެ! އަޅުގަނޑުމެންގެ ކޮއިމަލާ ވާހަކައަކީ ދިވެހި ތާރީޚީ އަސްލުތަކެއް ހިމަނައިގެން މުނިއަވަސް ފިލުވުމުގެ ގޮތުން "އާދައިގެ މީހަކު" އުފަންކޮށްފައި އޮތް ވާހަކައެއްތޯ އެވެ؟ ނޫނީ އެއީ އެތައް ޒަމާނެއްގެ ފޯކުލޯރުތަކެއް މަސްހުނިވެ އެއްވެގެން އޭގެ ޒާތުން އަމިއްލައަށް އުފަންވެފައި އޮތް ވާހަކައެއްތޯ އެވެ؟ ނޫނީ އެއީ ދުނިޔޭގެ އެހެނިހެން ޙަޟާރަތްތަކުގައިވެސް މޮޅެތި މީހުން އެމީހުންގެ ބަޠަލުންނާ ގުޅުވައިގެން ވާހަކަތައް އުފަންކުރި ބީދައިން ދިވެހީންގެ ތެރޭގައި އުޅުނު "ހަރުދަނާ ޢިލްމުވެރި މީހަކު" އުފަންކޮށްފައި އޮތް ވާހަކައަކަށް ވެދާނެތޯ އެވެ؟

ކޮއިމަލާކަލޯގެ މުޅި ވާހަކަ ނިއުޅާލުމުން އޭގެން ފެންނަނީ ތާރީޚީ އަސްލުތަކާއި އިސްވެ ދެންނެވުނު ފަދަ ފަލްސަފީ ޚިޔާލާތުތަކެވެ. އަދި ދުނިޔޭގެ އެހެނިހެން ޙަޟާރަތްތަކުން ވެސް ފެންނަ އެފަދަ ފޯކުލޯރުތަކާއި ހުރި ގުޅުމެވެ. މި ކަންކަމަކީ އެކެއްގެ ދުލުން އަނެކެއްގެ ދުލަށް ވާހަކަތަކެއް ނަގުލުކުރުމުގެ ތެރޭގައި އިއްތިފާގަކުން ވަދެ މަސްހުނިވެގެން އުފަންވި އެއް ވާހަކައަކަށް ވެދާނެ ހެއްޔެވެ؟ ނޫނީ ކޮއިމަލާ ވާހަކަޔަކީ ވެސް މި ހުރިހާ ސިފަތަކެއް އޮނިގަނޑުގައި ހިމަނައިގެން "ހަރުދަނާ ޢިލްމުވެރި ދިވެއްސަކު" ވުޖޫދުކޮށްފައި އޮތް އޭނާގެ އަދަބީ މޮޅު މަސައްކަތަކަށް ނުވެދާނެބާވަ އެވެ؟

މަލެއްފަދަކޮއި...ކޮއިމަލާކަލޯއަކީ ދިވެހީންގެ ބަޠަލެކެވެ. އެއީ ރަސްދަރިކޮޅެއްގެ ބާނީއެކެވެ. އޭނާ އާއި ގުޅުވައިގެން ގުޅުވައިގެން ކިޔަމުން އައި "ކޮއިމަލާ ވާހަކަ" އަކީ ދިވެހީންގެ ފޯކުލޯރުގެ ތެރޭގައި ހިމެނޭ އެއް ވާހަކަ އެވެ. މި ވާހަކަ އާއި ދުނިޔޭގެ އެހެނިހެން ޙަޟާރަތްތަކުން ފެންނަ މިފަދަ ވާހަކަތަކާއި ހުރި އެއްގޮތްކަންކަމުގެ މައްޗަށް މި ސިލްސިލާގެ ދިހަވަނަބައިގައި ވާނީ އަލިއަޅުވާލެވިފަ އެވެ. އަދި ވަލުގައި ބޮޑުވާ ކުދީންނާ ގުޅޭ ކަހަލަ ސީޣާތަކަކީ ގްރީކޯ ރޯމަން މެތޮލޮޖީ އާއި ގުޅުންހުރި ސީޣާތަކެއްކަމަށް ބައެއް މުއައްރިޚުން ބުނުއްވާކަމުގައި ވެސް ވާނީ ދަންނަވާލެވިފަ އެވެ. ހަމަމިހެންމެ މިބާވަތުގެ ފަލްސަފީ ވާހަކަތަކަކީ ވެސް ގިނަ އެއްޗެއްކަމުގައި ވެސް ވާނީ ދެންނެވިފަ އެވެ.

ވަލެއްގައި ބޮޑުވާ ކުއްޖަކާ ގުޅިފައިވާ ކޮންމެ ވާހަކައަކީ ކޮއިމަލާ ވާހަކަ އާއި ގުޅުމެއް ހުރި ވާހަކައަކަށް ވާކަށް ނުޖެހެ އެވެ. އެހެން ނަމަވެސް މިބާވަތުގެ ފަލްސަފީ ވާހަކަތަކުގެ ތެރެއިން އަޅުގަނޑުގެ ސަމާލުކަން ހުއްޓުނު ވާހަކަޔަކީ އިސްލާމީ ފަލްސަފާވެރިންގެ ދުވަސްވަރު ދުނިޔެއަށް އުފަންވެގެންދިޔަ "ޙައްޔު ބުނު ޔަޤްޟާން" ވާހަކައެވެ. އެހެނީ މި ވާހަކައަކީ އެއް މާނައަށްވުރެ ގިނަ މާނައިގައި ދިވެހިރާއްޖެ އާއި ގުޅުވާލެވޭ ވާހަކައަކަށްވީތީ އެވެ.

ޙައްޔު ބުނު ޔަޤްޟާންގެ ނަން އެންމެ ފުރަތަމަ އަޑުއިވުނީ މީގެ އަށާރަ ވަރަކަށް އަހަރު ކުރީން އަޅުގަނޑަށް ބޭރު ބަހެއް ދަސްކޮށްދެވޭތޯ އަލްމަރުޙޫމު ރީޙުއްޞަބާ އިބްރާޙިމް ޙަސަނު އުޅުއްވި ދުވަސްވަރު އެވެ. "ޤިރާއަތުއްރަޝީދާ" އޭ ކިޔުނު ފޮތް ބަޔަކުން ކޮންމެ ރެޔަކު ކިޔަވައިދެއްވަމުން ގެންދަވަ އެވެ. މިހެން ކިޔަވައިދެއްވަމުން ދިޔަ ރެޔެއްގައި ފޮތް ހަރުމަތީން ހުދު ކުލައިގެ ކުޑަ ޢަރަބި ފޮތެއް ނަންގަވާ އޭގައި ހުރި ކަލިމަތަށް ކިޔައިދެއްވަމުން ތަރުޖަމާ ކުރައްވަމުން ގެންދެވި އެވެ. އެ ހުދުކުލައިގެ ފޮތަކީ "ޙައްޔު ބުނު ޔަޤްޟާނު" ވާހަކަ އެވެ. އެރެޔަށް ވާވަރުވުމުން ފޮތް ލައްޕަވާލެއްވުމަށް ފަހު ބުނުއްވި ބަހަކީ މިއަދު ވެސް އަޅުގަނޑުގެ ސިކުނޑީގައި ނުފިލާ ހަރުލާފައި ހުރި ބަސްކޮޅެކެވެ. ބުނުއްވި އެވެ. "މިއީ އަހަރުމެންގެ ކޮއިމަލާކަލޯ" ވާހަކަ އާއި ހާދަ އެއްގޮތް ވާހަކައެކެވެ". "ކޮއިމަލާ ވާހަކަ އުފަންވެފައި އެވަނީ މީގެން ބާވަ އެވެ". "ޙައްޔު އެ އުޅުނީ ރާއްޖޭގައިބާވަ އެވެ"

މަޢާފުކުރެއްވުން އެދެމެވެ! މިބާވަތުގެ މަޒުމޫނުތަކުގައި އަމިއްލަ ހަނދާންތަކާއި އަމިއްލަ ތާޅަފިލިތައް ފުންމުމަކީ ޢިލްމީ ހަމައިން މުޅީން ބޭރުކަމެއްކަން އަޅުގަނޑު ދަންނަމެވެ. އިންތިހާ ދަރަޖަޔަށް މަޢާފު ކުރެއްވުން އެދެމެވެ! އެރޭ އަލްމަރުޙޫމު އިބްރާހިމް ޙަސަނު އެހެން ބުނުއްވީ ކޮން މާނައެއްގައިކަން ދަންނަވާން ނޭނގުނަސް އޭނާގެ ސިކުނޑީގައި ވެސް ޙައްޔު ބުނު ޔަޤްޟާން ވާހަކަޔާއި ކޮއިމަލާ ވާހަކައިގެ އަޅާކިޔުއްވާ ޚިޔާލުތަކެއް ހިންގަވާފައިވާކަން ޔަގީންކުރެވެ އެވެ. ކިޔަވާން އައިސް އިން ކުޑަކުއްޖެއްގެ ގާތުގައި ބޭރުކޮށްލެވުނީ އެނާގެ ސިކުނޑީގައި ހިންގަވާފައިވާ ޚިޔާލުތަކުން ބައެކެވެ. "އަމިއްލަ ދުންމާރިގަނޑު" މި ފުމެލެވުނު ސަބަބަކީ މިއީ އެވެ. މި ގުޅުން އެންމެ ފުރަތަމަ އިޝާރާތްކޮށްދެއްވި ފަރާތަކީ އޭނާކަމުގައިވާތީ އެވެ. އެހެނަސް އަދިވެސް އެއް ފަހަރު މަޢާފަށް އެދެމެވެ!

އާދެ! ޙައްޔު ބުނު ޔަޤްޟާން ވާހަކައަކީ ފަލްސަފީ ވާހަކައެކެވެ. ފަލްސަފީ ދުނިޔޭގައި މަޝްހޫރުކަން ހޯދައިފައިވާ ވާހަކައެއްވެސްމެ އެވެ. އެ ވާހަކައިގެ ފަލްސަފީ ޚިޔާލުގެ މައްޗަށް އެކި ޒަމާންތަކުގައި އުޅުއްވި ފަލްސަފާވެރިން ލިޔުއްވާފައިވާ ބަޙުސުތަކަކީ ގިނަ އެއްޗެކެވެ. "އައްރިސާލަތުލްކާމިލިއްޔާ" އޭ ކިޔުނު ވާހަކައަކީ ވެސް އިބްނި ނަފީސް މިބީދައިން ލިޔުއްވި ޢިލްމީ ރައްދެކެވެ. ހަމަމިހެންމެ މި ވާހަކައިގެ ޚިޔާލާތު ޚިޔާލު ނެރުއްވައިގެން މިޒާތުގެ ކިތަންމެ ވާހަކައެއް އުފަންކޮށްފައިވެސްވެ އެވެ. މިއަދު ޙައްޔު ބުނު ޔަޤްޟާން ވާހަކައަކީ އެތައް ބަހަކަށް ތަރުޖަމާކުރެވި އާއްމުވެފައިވާ ވާހަކައެއްވެސްމެ އެވެ.

މި ވާހަކައިގެ މުސައްނިފަކީ މީދާލުން 12 ވަނަ ޤަރުނުގައި ދިރިއުޅުއްވި ބޭކަލެކެވެ. އިސްލާމީ ޙަޟާރަތުގެ ތެރެއިން ޢަޞްރުއްޛަހަބީ އޭ ކިޔުނު ޒަމާނުގެ މަޝްހޫރު ޢާލިމެކެވެ. ބަރުބަރީކަރައިގައި އޮތް މުވައްޙިދުންގެ ދައުލަތުގެ ރަސްގެފާނު އަބޫ ޔަޢުޤޫބު ޔޫސުފުގެ ޚާއްސަ ޑަކުޓަރެވެ. އާދެ! އެބޭކަލަކީ މުޙައްމަދު ބުނު ޢަބްދުލްމަލިކު ބުނު މުޙައްމަދު ބުނު މުޙައްމަދު ބުނު ޠުފައިލުލްޤައިސީ އެވެ. އިބްނު ތުފައިލު އުފަންވީ މީލާދުން 1100 ވަނަ އަހަރާއި 1110 ވަނަ އަހަރާއި ދެމެދުގެ ދުވަސްވަރެއްގައިކަމަށް ތާރީޚު ޢިލްމުގައި ބުނެފައިވެ އެވެ. އަދި އަވަހާރަވީ މީލާދުން 1185 ވަނަ އަހަރުގަ އެވެ. ވަޅުލެވިފައިވަނީ މަޣްރިބުކަރައިގަ އެވެ. އިބްނި ޠުފައިލަކީ ޢަރަބީންގެ ޤައިސް ޤަބީލާގެ ބޭކަލެކެވެ.

މި ބޭކަލެއްގެ ޅަ ޢުމުރުގެ ދުވަސްތަކާއި އެންމެ ޒުވާން ޢުމުރުގެ ދުވަސްތައް ހޭދަކުރެއްވި ގޮތްތަކާއި ބެހޭގޮތުން މާގިނަ ތަފްސީލު ޚަބަރުތަކެއް އެނގޭކަށްނެތެވެ. ތާރީޚުގެ ތެރެއިން އިބްނި ޠުފައިލު ބޮޑަށް ފެންނަން ފަށާފައިވަނީ ބަރުބަރީ ދައުލަތުގެ ރަސްކަމުގެ ދަރުބާރުންނެވެ. އެ ދައުލަތުގެ ރަސްގެފާނުގެ ޚާއްސަ ޑަކުޓަރެއްގެ ގޮތުންނާއި އަދި ލަފާ އަރުއްވާ މުޝީރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެއްޓެވި ހިސާބުންނެވެ.

މަޣުރިބުކަރަޔާއި އަންދަލުސްގެ ބޮޑުބައެއްގެ މައްޗަށް ވެރިކަން ހިންގަވަމުން ދިޔަ "ބަރުބަރީންގެ" ދައުލަތަކީ މުވައްޙިދުންނެވެ. މި ދައުލަތުގެ ބޯޑަރުތައް އެދުވަސްވަރުވަނީ އަންދަލުސް އާއި މަޣުރިބުކަރައިގެ އިތުރުން މިޞްރާއި ހަމަޔަށް ވެސް ފުޅާވެ ތަނަވަސްވެގެންނެވެ. އަދި އެ ވެރިކަމުގެ ދުވަސްވަރު ފާހަގަކުރެވިފައިވަނީ ފަލްސަފީ ބައެއް ކަހަލަ ފިކުރުތަކަށް ޚާއްސަ އަހަންމިއްޔަތެއް ދެމުން ގެންދިޔަ ވެރިކަމެއްގެ ގޮތުގަ އެވެ. އެފަދަ ޚިޔާލާތުއް ގެންގުޅުންވި ޢާލިމުންނަށް ގިނަ ފުރުސަތްތަކެއް ވެސް ތަނަވަސްވެފައިވެ އެވެ. ދުނިޔެ ދުށް އެންމެ މަޝްހޫރު ފަލްސަފާވެރިންގެ ތެރޭގައި ހިމެނުނު އިބްނި ރުޝްދަކީ ވެސް މުވައްޙިދުންގެ ރަސްކަމުގެ ދަރުބާރުގައި އުޅުއްވި ބޭކަލެކެވެ.

މުވައްޙިދުންގެ ޢިލްމީ ހަރަކާތްތަކުގެ ތެރޭގައި އެމީހުންގެ ފުޠޫހާތުތަކުގެ ތެރެއިންނާ އަދި އެނޫންވެސް އެކި ގޮތްގޮތުން ޢިލްމީ ފޮތްތައް ރަސްކަމުގެ ދަރުބާރަށް ޖަމަޢަ ކުރެވެމުންދިޔަ އެވެ. މިފަދަ ފޮތްތަކުގެ ތެރޭގައި ގަދީމީ ޔޫނާނީ ފަލްސަފާވެރިންކުރެ އެރިސްޓޯ އާއި އަފުލާޠޫނުމެންފަދަ ބޭބޭކަލުންގެ ބަޙުސުތައްވެ އެވެ. އަދި އިބްނި ސީނާ އާއި އިބްނި ފައްރާބީ ފަދަ ބޭބޭކަލުންގެ ބަޙުސުތައްވެސްވެ އެވެ. މުވައްޙިދުންގެ މިފަދަ ޢަމަލުތަކުން ފަހި ފުރުސަތްތައް ތަނަވަސްވެގެން ދިޔައީ އެ ޝަހަރުގައި ތިއްބެވި ޢިލްމީ ބޭކަލުންނަށެވެ. އެބޭކަލުން ދިޔައީ އެ ފޮތްތަކުގެ ބޭނުން ހިފާ ފިކުރީ ބަޙުސުތައް ކުރައްވަމުންނެވެ. އޭގެ ތެރޭގައި ހިމެނުނު އެއް ބޭކަލަކީ އިބްނި ޠުފައިލެވެ. އަދި އޭނާ ލިތުއްވި ޙައްޔު ބުނު ޔަޤްޟާންގެ ވާހަކަ އުފަންވެގެން އައީވެސް ހަމަ އެދުވަސްވަރުގެ ތެރޭގަ އެވެ.

ޙައްޔު ބުނު ޔަޤްޟާނަކީ އެ ވާހަކައިގެ މައި "ކެރެކްޓާ" އަށް އޭނާ ދެއްވާފައިވާ ނަމެވެ. މާނައަކީ ހޭލެވުނު މީހާގެ ދަރި ދިރިހުރި މީހާ އެވެ. ހޭލެވުމާ ދިރިހުރުން ނިސްބަތްކުރައްވާފައި އެވަނީ އިންސާނާގެ ބުއްދިޔަށެވެ. އެއީ އިންސާނީ ސިކުނޑީގެ ހޭލެވުމެވެ. ޣާފިލުކަމުގެ ނިދިން އިންސާނާ ހޭލައިފިނަމަ ދެން އަންނަހުށީ ދިރުމެއް ނޫންތޯ އެވެ. ވާހަކަ ބިނާކޮށްފައިވަނީ އިންސާނީ ނަވްޢާ މުޅީން ވަކީން، ޙައިވާނުންގެ ތެރޭގައި ބޮޑުވަމުން އައި ކުއްޖެއްގެ މައްޗަށެވެ. އެއީ ޙައްޔު ބުނު ޔަޤްޟާނެވެ. ކިޔައިދެމުން އައިސްފައިވަނީ އެކި މަރުޙަލާތަކުގައި ޖަންގަލީގެ ތެރޭގައި އޭނާ ކަންކަން އުނގެނި ދަސްކުރަމުން އައި ގޮތެވެ.

ވާހަކައިގައި އިބްނި ޠުފައިލު ލިޔުއްވާފައިވެއެވެ.


“Our Virtuous ancestors (may God be gracious to them) tells us that there is an Indian Island, situate under the Equinoctial, where Men come into the world spontaneously without the help of father and mother. For this Island enjoys the most equable and perfect Temperature of all places on Earth, because oy receives its light from the highest possible point in Heavens,……” (The History of Hayy bin Yaqzan by Abu bakr ibn Tufail, Translated from the Arabic by Simon Ockley, Revised with an introduction by A.S Fulton)

މި ބަސްތަކުގެ ޚުލާސާ ތަރުޖަމާއަކީ

ޚައްތު އިސްތަވާގައި އޮންނަ ހިންދުސްތާނުގެ ޖަޒީރާއެއްގެ ޚަބަރު އަހުރެމެންގެ ތެދުވެރި ކާބަފައިންގެ ފުށުން އަހުރެމެންނަށް ކިޔައިދީފައިވެ އެވެ. މި ޖަޒީރާއަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ނުފެންނަފަދަ ފުރިހަމަ މެދު މިނެއްގެ ފިނިހޫނު މިނެއް ލިބިފައިވާ ތަނެއްވެސްމެ އެވެ. މިކަމުގެ ސިއްރަކީ އެތަނުގެ މައްޗަށް އަލިކަން ފޯރުކޮށްދެނީ އުޑުތަކުގެ އެންމެ އުސް މަޙައްލުން ކަމުގައި ވާތީ އެވެ. މިއެންމެހައި ކަންކަމުގެ ސަބަބުން އެ ޖަޒީރާއަކީ އަމަޔަކާއި އަދި ބަފަޔަކާއި ނުމެލާ އިންސީން ކުއްލިއަކަށް އުފަންވެގެން އަންނަ ތަނެއްކަމުގައިވެސް ވެފައިވެ އެވެ.

އަދިވެސް ހަމަ އެވާހަކައިގެ ފެށުމުގައި އިބްނު ޠުފައިލު ލިޔުއްވަމުން ގެންދަވާފައިވެ އެވެ.


They say that there lay not far from this our Island, another great island very fertile and well peopled, which was then governed by a prince of a proud and jealous disposition. He had a sister of exquisite beauty, which he confined and restrained from marriage, because he could not match her to one suitable to her quality. He had a near relation whose name was Yaqzan, that married her privately according to a rite of matrimony then in use among them: it was not long before she provd with a child, wand was brought to bed of a son. And being afraid that it should be discovered she took him in the evening, and when she had suckled him she put him into a little ark which she closed up fast and so conveys him to the Seashore, with some of her servants and friends as she could trust and with an heart equally affected with love and fear she takes her last leave of him in these words O God thou form’dst this child out of nothing and did cherish him in the Recesses of my womb , till he was complete in all his parts, I fearing the cruelty of this proud and unjust King, commit him to thy goodness hoping that thou who art infinitely merciful will be pleased to protect him and never leave him destitute of thy care”

"އަހުރެމެން މި ބުނި ޖަޒީރާ އާއި މާދުރު ނޫން ހިސާބެއްގައި ހަރުދަނާ ބަޔަކު ދިރިއުޅެމުން ދިޔަ އާބުހަވާ ރަނގަޅު އެހެން ޖަޒީރާއެއްވެ އެވެ. މި ޖަޒީރާގެ މައްޗަށް ވެރިކަން ހިންގަވަމުން ގެންދަވަނީ ޙަސަދަވެރި ބޮޑާ އަމީރެކެވެ. އޭނާއަށް ރީތިކަމާ ޝާއްބަކަމަށް އަރާހުންނެވި ދައިތާފުޅެއް ލިބިގެންވެ އެވެ. އެހެން ނަމަވެސް އެފަދަ ރީތިކަމާ ޝާއްބަކަމަށް ކެރިފޯރާވަރުގެ އެހެން ފިރިހެނަކު ނެތްކަމަށް އެކަމަނާގެ ބޭބޭފުޅަށް ފެނިވަޑައިގެން އެކަމަނާ އަށް ކައިވެނިވުން މަނާކުރައްވާފައިވެ އެވެ. އަދި ގެންގުޅުއްވަނީ ބައްދުކުރައްވައިގެންނެވެ. މިހެން އުޅުއްވަނިކޮށް ރަސްގެފާނާ ވަރަށް އަރިސް ބޭކަލެއްކަމުގައިވާ ޔަޤްޟާނޭ ކިޔުނު ބޭކަލަކާ އެކަމަނާ ހިތްޕުޅާހަމަކުރައްވައިފި އެވެ. އަދި އެއިރު އެބައިމީހުންގެ ތެރޭގައި އޮތް ހަމަޔާ ލަމަތަކުގެ މަތީން ވަރަށް ސިއްރުން ކައިވެނިފުޅު ކުރައްވައިފި އެވެ. މި ކައިވެނިފުޅަށް މާގިނަ ދުވަސްތަކެއް ނުވަނީސް އާލާސްވެ އިންނަވާ ވަރަށް ރީތި ފިރިހެން ބޭފުޅަކައިގެން އެކަމަނާ ރައްކައުވެއްޖެ އެވެ. މި ތުއްތު ދަރިކަލުންނަށް ދެއްވި ނަންފުޅަކީ ޙައްޔު ބުނު ޔަޤްޟާނެވެ.

އެހެން ނަމަވެސް އެދަރިކަލުންނަށް ނުލަފާ ބޭބޭފުޅުގެ ފުށުން އަތުވެދާނެ ނުރައްކަލަކަށްޓަކައި އެކަމަނާ ބިރުފުޅު ގަންނަވަ އެވެ. މިހެންކަމުން ހަވީރުގެ ވަގުތެއްގައި ކިރުދެއްވާ އެތުއްތު ދަރިފުޅު ކުޑަކުޑަ ނަވަކަށް ލައްވާ އޭގެ މަތި ބަންދުކޮށްލެއްވި އެވެ. ދެން އެކަމަނާއަށް އެންމެ އިތުބާރު ހިއްޕެވޭ ޚައްދާމުންނާ ގާތް އެކުވެރީންނާއެކު އެ ދަރިފުޅައިގެން ކަނޑުގެ އައްސޭރިޔަށް ނިކުންނެވި އެވެ. ލޯތްބާއި ބިރުން ފުރިފައިވާ ހިތަކައިގެންނެވެ. ކަނޑުގެ އައްސޭރިޔަށް ނިކުންނަވާ އެ ލޯބި ތުއްތު ދަރިފުޅަށް އެންމެ ފަހުގެ ވަދާޢު ވިދާޅުވުމުގެ ގޮތުން އެކަމަނާ ވިދާޅުވި އެވެ.

ނެތުމުގެ ތެރެއިން މި ކުޑަކުޑަ ދަރިފުޅު ޚަލްޤު ކުރައްވާ އަހުރެންގެ ބަނޑުގައި ގަރުބަ ގަންނަވާ އެތަނުގައި އޭނާ ފުރާފުރިހަމަ ކޮށްދެއްވި މާތް ރަސްކަލާކޮ، އަނިޔާވެރިކަން ބޮޑު ބޮޑާ ރަސްކަލަކަށް ބިރުގެންފައިވާ ޙާލު އަހުރެން މި ކުޑަކުޑަ ދަރިފުޅު މި ދޫކޮށްލަނީ އިބަ ރަސްކަލާނގެ ތަނަވަސް ރަޙުމަތަށެވެ. ނިމުމެއްނުވާ ތިޔަ ރަޙުމަތުން މި ކުޑަކުޑަ ކުއްޖާ ދުވަހަކު ވެސް ބޭރު ނުކުރައްވާފާނދޭވެ. އަދި އަބަދުވެސް އިބަ ރަސްކަލާނގެ ރަޙުމަތުގައި މި ކުއްޖާ ލަހައްޓަވާފާނދޭވެ"

ދެން ކުޑަކުޑަ ނަވަކަށް ލައްވާ މާކަނޑުގެ ތެރެޔަށް ދޫކޮށްލެއްވި އެވެ. ދެން އެ ނައު އޮޔާ ވަޔާ އެއްގޮތަށް ދެމެމުން އައިސް ލައްވީ އިންޑިޔާ ބައްރުގެ ކައިރީގައި ޚައްޠު އިސްތަވާގައި (އީކުއޭޓަރުގައި) އޮތް ޖަޒީރާއަކަށެވެ. އެ ޖަޒީރާގެ ހޭޅިފަށުގައި އޮތް ގަސްތަކުގެ ތެރޭގައި ކުޑަކުޑަ ޙައްޔު އާއި އެކު ނަވުގަނޑު ތާށިވެފައި އޮތެވެ. އެއިރު އެ ކުޑަކުއްޖާ ވަނީ ބަނޑުހައިވެގެން ހާންތިވެފަ އެވެ. މިހެންކަމުން އޭނާ ދިޔައީ އަޑުން އަޑުނަގާ ރޮމުންނެވެ. ޙައްޔުގެ ރުއިމުގެ އަޑު އިވުނީ ދަރި މަރުވެފައި އޮތް ފުއްލާއަކަށެވެ. އޭނާ ނަގައިގެން ގެންގޮސް ދަރިޔަކަށް ހަދައިގެން ބޮޑުކުރީ މި ފުއްލާ އެވެ. ޙައްޔުއަށްވެސް ފިރުކި އުޅެވޭ ވަރުވުމުން ފުއްލާ އައިން ތެރޭގައި އޭނާ އުޅެން ފެށީ އެގޮތަށެވެ. މިގޮތުގައި އުޅެ އޭނާ ބޮޑުވަމުން އާދެ އެވެ......."

މި ދަންނަވާލެވުނީ އިބްނު ޠުފައިލު އޭނާގެ ވާހަކައިގެ ފެށުމުގައި ލިޔުއްވާފައިވާ ކަލިމަތަކުގެ ޚުލާސާއެކެވެ. މި ވާހަކައިގެ ފަލްސަފީ ޚިޔާލަތާއި އޭގައި ބުނެދޭ ކަންކަމުގެ މައްޗަށް މުޙައްލިލުން ވަނީ ވަރަށް ގިނަ ވާހަކަތައް ދައްކަވާފަ އެވެ. އެ ވާހަކައިގެ ޚިޔާލު ބިނާކުރައްވާފައިވަނީ ކޮން މަސްދަރުތަކެއްގެ އަސަރުންތޯ ވެސް ދިރާސާކުރައްވާފައިވެ އެވެ. މިގޮތުން ބައެއް މުއައްރިޚުން ބުނުއްވާފައިވަނީ އެވާހަކައިގެ ޚިޔާލު ބިނާ ކުރެއްވުމުގައި އިބްނި ޠުފައިލު ބޭނުން ކުރެއްވި މަސްދަރުތަކަކީ މޫސާގެފާނު ވާހަކަ އާއި އިބްނި ސީނާގެ ބައެއް މަސައްކަތްތަކާއި އަދި ޢަރަބީންގެ މެދުގައި މަޝްހޫރުވި ފޯކުލޯރު ވާހަކަތައްކަމުގަ އެވެ. އަދި އިބްނި ޠުފައިލުގެ ޚިޔާލުގެ މައިގަނޑު މަސްދަރަކީ އިބްނި ބައްޖާ ލިޔުއްވި ތަދްބީރުލް މުތަވައްޙިދޭ ކިޔުނު ފޮތްކަމުގައިވެސް ބުނެފައި ހުއްޓަތީފެނެ އެވެ.

ޝައްކެއްވެސްނެތެވެ! މި ވާހަކައަކީ ފަލްސަފީ ޚިޔާލާތުތަކެއް ބުނެދެއްވުމުގެ ގޮތުން އިބްނި ޠުފައިލު އުފަންކުރެއްވި ޚިޔާލީ ވާހަކައެކެވެ. އޭނާގެ އަމިއްލަ އުފެއްދުމެކެވެ. އެހެން ނަމަވެސް އިންސާނީ ސިކުނޑީގައި ހިނގާ ކޮންމެ ޚިޔާލެއްވެސް ބިނާވެފައި އޮންނަނީ ސިކުނޑީގައި އޭގެ ކުރިޔަށް ހިނގާފައިވާ ކޮންމެވެސް އެހެން ޚިޔާލެއްގެ ބިންގަލެއްގެ މައްޗަށެވެ. ފަހަރުގައި އެއީ ލޯ ދުށް މަންޒަރަކުން ނުވަތަ ކަންފަތަށް އިވުނު އަޑަކުން އުފަންވާ ޚިޔާލަކަށްވެސް ވެދާނެ އެވެ. މި ވާހަކައިގައި ބުނެފައިވާ ޖަޒީރާ އާއި އެ ޖަޒީރާ އޮތް ތަނާ ދިވެހިރާއްޖެ އޮތް ތަނާ އެއްގޮތްކަން ބޮޑެވެ. އަދި މި ފަލްސަފީ ވާހަކަ އާއި ކޮއިމަލާ ފޯކުލޯރާއި ހުރި ގުޅުންވެސް އެހާމެ ބޮޑުކަމަށް އަޅުގަނޑު ދެކެމެވެ. މިހެންކަމުން މި ވާހަކަ އާއި މެދު ވިސްނާލުން މުހިންމުވަނީ އެވެ.

އަލްމަރުޙޫމު ރީޙުއްޞަބާ އިބްރާހިމް ޙަސަން އެ ދުވަހު ދޫކޮށްލެއްވި އޭނާގެ ސިކުނޑީގެ ޚިޔާލުތަކަށް މިއަދު އަޅުގަނޑު އާދޭހޭ ދަންނަވަމެވެ. "މިއީ އަހަރުމެންގެ ކޮއިމަލާ ވާހަކަޔާ" ހާދަ އެއްގޮތް ވާހަކައެކެވެ. ހައްޔު އެ އުޅުނީ ރާއްޖެ އާއި ހާދަ އެއްގޮތް ތަނެއްގަ އެވެ. އިންޑިޔާ ބައްރުގެ ޖަޒީރާއަކަށް ޚައްތު އިސްތަވާގައި (އީކުއޭޓަރު) ގައި އޮތީ ކޮންތަނެއް ހެއްޔެވެ؟ ދިވެހީންގެ ރާއްޖެ ނޫންތޯ އެވެ؟ ވާހަކައިގައި ހަމަ ސިފަކޮށްފައިވާ ފަދައިން މިރާއްޖޭގެ ފިނިހޫނުމިނަކީ ވެސް މެދުމިނުގެ ފިނިހޫނުމިނެއް ނޫންތޯ އެވެ؟ އިބްނި ޠުފައިލުގެ ޚިޔާލީ ފަލްސަފީ ވާހަކައިގައި މުޅިންހެން ސޫރަކޮށް ކިޔައިދެއްވާފައި އެވަނީ ދިވެހި ޖަޒީރާ އެވެ. އެހެނަސް މިޔަށްވުރެ އަޖާއިބުކަން ބޮޑުކަމަކީ އޭނާ ސޫރަކޮށް ކިޔައިދެއްވާފައިވަނީ ދިވެހިރާއްޖެކަމަށްވުމެއް ނޫނެވެ. އަޖާއިބަކީ އެބުނުއްވި ތަނުގައި މިއޮތް ޖަޒީރާގައި ދިރިއުޅެމުން އައި މީސްތަކުންގެ މެދުގައި އޭނާ ލިޔުނު ޚިޔާލީ ވާހަކަ އާއި ދާދި އެއްގޮތް ވާހަކައެއްވެސް ކިޔަމުން އައިސްފައިވާކަމެވެ. މަލެއްފަދަކޮއި....ކޮއިމަލާކަލޯގެ ވާހަކަ އެވެ. ކޮންފަދަ ބޮޑު އިންތިފާޤެއް ހެއްޔެވެ؟

ކޮއިމަލާކަލޯ ފޯކުލޯރުގައި ބުނެފައިވަނީ އޭނާ އުފަންވީ "ނިކަބިލިއްސަ ގަހެއްގެ" ދަށުގައިކަމެވެ. ފޯކުލޯރު ވާހަކައިގައި މި"ނިކަބިލިއްސަ ގަސް" ބޭނުންކޮށްފައި އެވަނީ އޭނާގެ ޝާހިއްޔަތު (Noble birth) ބުނެދިނުމުގެ ގޮތުންނެވެ. މި ސަރަޙައްދުގެ އެހެނިހެން ވާހަކަތަކަށް ބައްލަވާށެވެ. ސިދާތާ އަކީ ރަސްދަރިކޮޅެއްގެ އަމީރެކެވެ. އޭނާ އުފަންވިކަމަށް ބުނަނީވެސް ނިކަބިލިއްސަ ގަހެއްގެ ދަށަށެވެ. އަދި މި ނޫނަސް މި ސަރަޙައްދުގެ މިބާވަތުގެ ޚުރާފީ ވާހަކަތަކުގައި މީހެއްގެ މާތްކަން ބަޔާންކޮށްދިނުމުގެ ގޮތުންނާ މާތްކަމެއް ސިފަކޮށްދިނުމުގެ ގޮތުން ނިކަބިލިއްސަ ގަސް ބޭނުންކޮށްފައި ހުންނަކަން ފާހަގަކުރެވެ އެވެ.

ދިވެހީންގެ މި ފޯކުލޯރުގައި ވެސް ކޮއިމަލާ ކަލޯ ނިކަބިލިއްސަ ގަހެއްގެ ދަށަށް އުފަންވިކަމަށް ބުނެފައި އެވަނީ މިބީދައިންކަމުގައި އަޅުގަނޑު ދެކެމެވެ. މީގެ އިތުރަށް ބެލް ސާހަބު ރާއްޖެ ވަޑައިގެން ކޮއިމަލާކަލޯ ވާހަކައާއި މެދު ނޯޓުކުރެއްވި ބަސްކޮޅުގައި އެއީ ރަސްދަރިކޮޅުގެ އަމީރެއްކަމުގައި ސީދާގޮތުން ބުނެފައިވެސް ވެ އެވެ.


“Once upon a time when Maldives were sparsely inhabitated, a prince of Royal birth named Koimala kalo who had married the Ceylon kings daughter made a voyage with her in two vessels from Serendib island….” (Mr HCP Bell, monograph)

ޝާހީ އުފަންވުމަކުން އުފަންވި ކޮއިމަލާކަލޯ ތަރުބިއްޔަތުވެ ބޮޑުވީ ޙައިވާނެއްގެ ބަނޑުދަށުން ކިރުބޮއެގެން ވަލުތެރޭގަ އެވެ. އަދި އޭގެ ފަހަށް ހިނގި އެތައް ކަމަކަށްފަހު އޭނާވެސް ނަވެއްގައި ދަތުރުކޮށްފައި އައީ ޚައްޠު އިސްތަވާގައި އޮތް ޖަޒީރާއަކަށެވެ. އެއީ ދިވެހިރާއްޖެ އެވެ.

ޙައްޔު ބުނު ޔަޤްޟާނަކީވެސް ރަސްދަރިކޮޅުގެ އަމީރެކެވެ. އޭނާ ތުއްތު އިރު ކުޑަކުޑަ ނަވަކަށް ލައިފާ އޭނާގެ މަންމަ އޭނާ ކަނޑަށް ދޫކޮށްލީ އެވެ. އެ ނައުގޮސް މަޑު ޖެހުނީ ޚައްޠު އިސްތަވާގައި އޮތް ޖަޒީރާއެއްގަ އެވެ. އެތަނުގައި އޭނާވެސް ބޮޑުވީ ހައިވާނެއްގެ ބަނޑުދަށުން ކިރުބޮއެގެން ވަލުތެރޭގަ އެވެ. ހައްޔު ބުނު ޔަޤްޟާން ވާހަކަ ލިޔުއްވި މުސައްނިފު އިބްނި ޠުފައިލަކީ ބަރުބަރީކަރައިގައި ދިރިއުޅުއްވި ބަރުބަރީ ދައުލަތުގެ ވަޒީރެކެވެ.

ތާރީޚު ޢިލްމުވެރީންގެ މެދުގައި ކުރެވެމުން އަންނަ ތަބްރޭޒީތޯ ބަރުބަރީތޯ ބަޙުސުގެ ތެރެޔަށް ވަނުމުގެ ނިޔަތެއްނެތެވެ. އެހެންނަމަވެސް ކޮއިމަލާކަލޯގެ ވާހަކަ އާއި ޙައްޔު ބުނު ޔަޤްޟާނު ވާހަކަ އާއި ދެމެދު ހުރި އެއްގޮތް ކަންތައްތަކުގެ މައްޗަށް ނަޒަރު ހިންގަމުން ގެންދާއިރު މިއީވެސް ފިކުރު ހިންގާ ނުލާ ދޫކޮށްލެވެން ނެތް ނުކުތާއެއްކަމަށް އަޅުގަނޑު ދެކެމެވެ. (ނުނިމޭ)