Advertisement

އާ އަހަރަކާ އެކު ދޫކޮށްލަންވީ ކޮން ކަންތައްތަކެއް؟

14 ޑިސެންބަރު 2021 - 09:49 1


އާ އަހަރަކާ އެކު ދޫކޮށްލަންވީ ކޮން ކަންތައްތަކެއް؟

14 ޑިސެންބަރު 2021 - 09:49 1

މި އަހަރު ނިމެން އޮތީ މަދު ދުވަސްކޮޅެކެވެ. އުފަލާއި ހިތާމައާއި ކަރުނައާ އަދި ކާމިޔާބުން ފުރިފައިވި އެތައް ކަމަކާއެކު އަނެއްކާވެސް މިއޮތީ އާ އުއްމީދާއި ތަޖުރިބާ ތަކަކަށް މަރުހަބާ ކިޔަންޖެހޭ ވަގުތު ކުޑަތަންވެފަ އެވެ. އާ އަހަރަކަށް ތައްޔާރުވަމުންދާއިރު އެންމެ މުހިއްމީ ނިމިގެންމިދާ އަހަރުގެ ނޭދެވޭ ކަންކަމުގެ ”ބެގޭޖު“ ދޫކޮށްލުމެވެ. މިކަންކަން ދޫކޮށްލެވޭތޯ ބަލަމާ ހެއްޔެވެ؟

ޕްރޮޑަކްޓިވިޓީ ގިލްޓް

ތެދަށް ބުނާނަމަ މި އަހަރަކީވެސް އާއްމު އެހެން އަހަރުތަކާ ބަލާއިރު ތަފާތު ހިތްދަތި އަހަރެކެވެ. އަދިވެސް ދުނިޔެ މިއޮތީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގަ އެވެ. އެތައް ބައެއްގެ ފުރާނަ ގެއްލުނުއިރު, ލޮކްޑައުންތަކާއި ހެދި މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ތަފާތު ގެއްލުންތައް ލިބުނު މީހުން ގިނަ އެވެ. އެހެންކަމުން މި އަހަރަށް ހާސިލްކުރަން ބޭނުންވި, އަދި ކޮށް ނިންމާލަން ބޭނުންވި ކަންކަމުގެ ލިސްޓު އަދިވެސް ”ޕެންޑިން“ ގައި އޮތްނަމަ އެކަމާ މާ ބޮޑަށް ދެރަވެ ކަންބޮޑު ނުވާށެވެ. އިރާދަކުރެއްވިއްޔާ މި ފެށޭ އާ އަހަރަކީ އެފަދަ އެތަށް ހުވަފެނެއްގައި ކުލަޖައްސާލަން ލިބޭނޭ ފުރުސަތެކެވެ.

ވަން ސައިޑެޑް ރިލޭޝަންޝިޕްސް

ތިމާ ކިތަންމެ ވަގުތު ދިނަސް, އެހީވިޔަސް, ލޯބިދިނަސް އެ އަޅާލުމާ ކުލުނު ތިމާއަށް ނުދޭ ގުޅުމަކުން ލިބޭ އުފަލެއް ނުވަތަ ކުޑަވެސް ހިތްހަމަޖެހުމެއް އެބައޮތް ހެއްޔެވެ؟ މިއީ އެފަދަ ގުޅުންތަކުން ދުރުވާންވީ ވަގުތެވެ. ކޮންމެހެން ލޯބިވެރިން އެކަންޏެއް ނޫނެވެ. ރަށްޓެހިންނާ, އެކުގައި މަސައްކަތްކުރާ މީހުންނާ ސޯޝަލް މީޑިއާގެ ފެނިދެނިވި މީހުންވެސް މި ލިސްޓުގައި ހިމެނިދާނެ އެވެ. މިފަދަ ގުޅުމަކުން ތިމާއަށް ލިބޭނެ ހަމަޖެހުމެއް އަދި ކުރިއެރުމެއް ނެތްއިރު އަބަދުވެސް އިންނަންޖެހޭނީ މާޔޫސްވެ ނުތަނަވަސްވެފަ އެވެ. ކުރަން މިއީ އުނދަގޫކަމެކެވެ. އެހެންނަމަވެސް މިފަދަ ގުޅުންތަކުން ދުރުވެވިއްޖެނަމަ ހީވެސް ނުކުރާވަރުގެ ލުޔެއް ތިމާގެ ސިކުނޑިއަށާއި ދިރިއުޅުމަށްވެސް ލިބޭނެ އެވެ.

ފެއިލްވެދާނެ ކަމަށް ތި ގަންނަ ބިރު

ނާކާމިޔާބު ވުމަކީ އަދި ހަތަރު އުދަރެސް ފެނުޖެހެންވީ ކަމެއް ނޫނެވެ. އެ ބިރު ފަހަނައަޅާދާށެވެ. ކޮންމެ ނާކާމިޔާބީ އަކީވެސް ކާމިޔާބީއާ ގާތަށް އެޅޭ ފިޔަަވަޅެއް ކަމުގައި ބަލާށެވެ. ކުރާހިތްވާ ނުވަތަ ކުރަން ބޭނުންވާ ކަންކަމަކީ ވަކި މުއްދަތެއް ކަނޑައެޅިގެން މެނުވީ, އެކަނި ހާސިލްކުރެވެން ހުރި ކަންކަމެއް ނޫނެއް ނޫން ހެއްޔެވެ. އެހެންކަމުން އަމިއްލަ ނަފްސާމެދު ތިކުރާ ޝައްކުތައް ދޫކޮށްލާށެވެ. ތި ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ބޭނުންވާ ހުރިހާ ހިތްވަރެއް ވެސް ހުރީ ހަމަ ތިބާގެ ކިބައިގައިކަން ދަނެ ނިކަން އަޒުމާއި ކެރުމާ އެކީ ކުރިމަތިލާން ތައްޔާރުވާށެވެ.

ތިމާގެ ދިރިއުޅުމާއި އަނެކުންނާއި އަޅާކިޔުން

ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ގާބިލްކަމާއި, ކެރިފޯރުންތެރިކަމާއި, ހުވަފެންތަކާއި އަދި ވިސްނުންވެސް މެ އެވެ. މީހަކު އަދި ޕޯސްޓް ކޮށްލާ ފޮޓޯއަކުން, ގަނެލާ އަގުބޮޑު އެއްޗަކުން, ދަތުރު ކުރާ ސަޅި ގައުމަކުން އެމީހެއްގެ ދިރިއުޅުމުގެ ހާލަތާއި ފެންވަރު ވަޒަނެއް ނުކުރެވޭނެ އެވެ. ކޮށްގެންވެސް ނުވާނެ އެވެ. މި ފެށޭ އާ އަހަރު ގަސްތު ކުރަންވީ އެންމެ މުހިންމު އެއްކަމަކީ އެހެންމީހުންނާ ތިމާގެ ދިރިއުޅުން އަޅާނުކިޔުމަށެވެ. އެހެން މީހުންގެ ދިރިއުޅުމާއި ވާދަކުރުމުގެ ބަދަލުގައި އެ ރޭހުގައި ހުދު އަމިއްލަ ނަފްސާއި "ރޭސް" ކޮށްބަލާށެވެ. އެހެން މީހުންގެ ދިރިއުޅުމާއި މެދު ވިސްނާ ފިކުރުކުރަން ތި ހޭދަ ކުރާ ހަކަތައާއި ވަގުތު ތިމާގެ އަމިއްލަ ދިރިއުޅުމަށް ހުސްކޮށްފިނަމަ ތި ދެކޭ ހުވަފެންތަކާއި ހިސާބަށް ވާސިލްވުމަކީ މާ އުނދަގޫކަމެއް ނޫނެވެ.

އިހުސާސްތައް ފުނި ޖެހުން

ވަކިގޮތަކަށް ކަމެއް އިހުސާސްވުމަކީ މައްސަލަ އެއް ބާ އެވެ؟ ދެރަވުމާއި, އުފާވުމާއި, ބިރުގަތުމާ, ރުޅިއައުން މިއީ ހަމަ ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ތަޖުރިބާ ކުރެވޭ އަދި ކުރަންވެސްޖެހޭ އިހުސާސްތަކެކެވެ. އެހެންކަމުން ތި ކުރެވޭ ކޮންމެ އިހުސާސެއް ކުށްވެރިކުރުމުގެ ބަދަލުގައި އެ ކަންކަން ގަބޫލުކުރާށެވެ. ކުރިމަތިލާށެވެ. ފަސްއަޅާ ފޮރުވާ ނޫނީ ފުނިޖައްސަން ތިކުރާ މަސައްކަތްތަކުން ވާނޭ އެއްވެސް ފައިދާއެއް ނޯންނާނެ އެވެ.