Advertisement

ޕާކިން ސްލޮޓްގެ ގުރު ނެގި ގޮތާމެދު ކައުންސިލްގެ އެމްޑީޕީ މެމްބަރުން ސުވާލު އުފައްދައިފި

9 ޑިސެންބަރު 2021 - 21:10 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލެ ސިޓީ ކައުންސިލުން ބޭއްވި ގުރުނެގުނުމުގެ ހަފްލާގެ ތެރެއިން: މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ކުއްޔަށް ދޫކުރަން ނިންމި ނަމަވެސް ދޫކޮށްފައިވަނީ 211 ޖާގަ--


ޕާކިން ސްލޮޓްގެ ގުރު ނެގި ގޮތާމެދު ކައުންސިލްގެ އެމްޑީޕީ މެމްބަރުން ސުވާލު އުފައްދައިފި

9 ޑިސެންބަރު 2021 - 21:10 1

މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިހުރި ޕާކިން ޖާގަތައް ދޫކުރުމަށް ގުރު ނެގި ގޮތާމެދު މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީ ބައެއް މެމްބަރުން ސުވާލު އުފައްދައިފި އެވެ.

ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ކުއްޔަށް ދޫކުރަން ނިންމި އެވެ. އެއީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ ދިހަ ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގެ ތެރެއިން ދޫކުރި ޖާގަތަކެކެވެ.

އެ ޖާގަތަކަށް އެދި 969 މީހަކު ކުރިމަތިލާފައިވަނިކޮށް ޖާގަ ދޫކޮށްފައިވަނީ ގުރު ނަގައިގެންނެވެ. ނަމަވެސް, އެކަމުގައި ގޯސްތަކެއް އުޅޭ ކަމަށް ތުހުމަތުކޮށް މައްސަލަ މިހާރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅާފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލްގެ މެންބަރުން ނެރުނު ބަޔާނުގައި ބުނީ މާލޭގެ މަގުތަކުން ހަތަރު ފުރޮޅުލީ ޕާކިންގްއަށް ހުށަހެޅި 21 ސްލޮޓަށް ކުރިމަތިލީ 969 ފަރާތުގެ ތެރެއިން އެ ގުރު ނަގާތަން ލޮލުން ދެކި، އަތުން ހިފުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު އޮންނަންވާނެ ކަމަށެވެ. ގުރު ނަގާއިރު ގުރުގައި ބައިވެރިވާ ފަރާތްތަކަށް ހާޒިރުނުވެވޭ ގޮތަށް އެކަން ކުރުމީ އައިބު ކަމެއް ކަމަށެވެ.

ބަޔާނުގައި ބުނި ގޮތުގައި ފުޓުބޯޅަ މުބާރާތެއްގެ ނަމަވެސް ނުވަތަ ފްލެޓު އެކަށައެޅުން ނަމަވެސް ގުރަކީ އޭގައި ބައިވެރިވާ މީހުންގެ ހާޒިރުގައި ކުރާކަމެއް ކަމަށެވެ. އެ ނޫން ގޮތަކަށް އެކަން ހިންގާފައިވަނީ ދެފުށްފެނުމާއި، ނަޒާހަތްތެރިކަމުގެ ސިފަތަކާއި ހިލާފަށް ކަމަށެވެ.

"ނެގީ ކޮން ހަމައަކުން، ކޮން ގޮތަކުން އިންތިޒާމުކޮށްގެން، ކޮން އިޖުރާއަތުތަކެއްގެ މައްޗަށް ތަރުތީބުވެގެންކަމެއް ސާފެއްނުވޭ. ގުރު ނެގުމުގެ އިންތިޒާމު ކުރީ އެ މަސައްކަތަށް މޭޔަރ އެކަށައެޅުއްވި ކޮމިޓީއަށް އެނގުމަކާއި ނުލައި، އަދި ކޮމިޓީގެ ބައިވެރިވުމެއް، ލަފައެއް ނެތި ޑެޕިއުޓީ މޭޔަރު ގިނިކަންޏާ،" ބަޔާނުގައިވެ އެވެ.

މިބާވަތުގެ އާންމުންގެ މަސްލަހަތު އެކުލެވޭ ގުރެއް ކަމެއް ހިންގަންވާނީ ކަމާބެހޭ ކޮމިޓީއިން އެކަށައަޅާ އިޖުރާއަތުތަކަކާއި، ހަމަތަކެއްގެ މައްޗަށް ތަރުތީބުވެގެން ކަމުގައި އެމްޑީޕީން ދެކޭ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ބަޔާނުގައި ބުނީ ޕާކިން ސްލޮޓް ލިބުނު ކަމަށް އާންމުކުރި ލިސްޓުގައި އެއް ނަން ތަކުރާރުވެފައިވާ ކަމަށާއި ނަމްބަރު ނުޖަހާ ސްލިޕް ދޫކޮށްފައިވާ ކަމަށް އެ ޕާޓީން ވަނީ ފާހަގަ ކޮށްފަ އެވެ.

"މާލޭގެ މަގުމަތިން ދޫކޮށްފައިވާ ޕާކިން ސްލޮޓަށް އެދި ކުރިމަތިލި ހާހެއްހާ ފަރާތަށް އެންގުމަކާއި ނުލައި، އެއިން ހަމަ އެކެއްގެ ބައިވެރިވުމާއި، ހާޒިރުވުން ނެތި، އަދި ކަނޑައެޅިފައިވާ ހަރުދަނާ އިޖުރާއަތެއް، އިންތިޒާމެއް ނެތި އެ ނެގި ގުރުގެ ސައްހަކަމާއި، ނަޒާހަތްތެރިކަން ކަށަވަރުނުވާތީ، އެކަމުގެ ކަންބޮވޭ،" ބަޔާނުގައި ބުންޏެވެ.

އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެފައި ވަނީ ޖާގަ ދޫކޮށްފައި ވަނީ އިންސާފުވެރިކޮށް ކަމަށާއި އެއްވެސް ގޯހެއް ހަދާފައި ނޯންނާނެ ކަމަށެވެ.