Advertisement

ދަރިވަރުންގެ މެދުގައި ވޭޕް އާންމުވެ، ބޮއްސުންލަނީ

14 ޑިސެންބަރު 2021 - 07:40 2

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ވޭޕްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު: ފުރާވަރު ކުދިން މިކަމުން ދުރުހެލިވެ ރައްކާތެރިވުން މުހިންމު


ދަރިވަރުންގެ މެދުގައި ވޭޕް އާންމުވެ، ބޮއްސުންލަނީ

14 ޑިސެންބަރު 2021 - 07:40 2

ބައެއް ދަރިވަރުން، މަދަރުސާގެ ގޯތި ތެރެެއަށް ދުވަހުގެ ފުރަތަމަ ފިޔަވަޅު އެޅުމުގެ ކުރިން ދަމާލަނީ، ވޭޕްގެ ފަހު ދުންގަނޑެވެ. ބައެއް ކުދިންގެ ދަބަހުންނާއި އެތެރެއިން ލާ އަންނައުނުގެ ތެރޭގައި ފޮރުވައިގެން ގެންގުޅެނީ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކެވެ. މިއީ މިއަދު ދިވެހިރާއްޖޭގެ މަދަރުސާތަކުން ފެންނަ އެންމެ ފަހުގެ، ނުރައްކާތެރި ޓްރެންޑެވެ.

"އަޅުގަނޑުމެން އެކަން ޕްރިންސިޕަލްގެ ސަމާލު ކަމަށް ގެނައިން. ބައެއް ކުދިން ޔުނިފޯމުގައި ހުރެ ސްކޫލަށް ވަނުމުގެ ފަހު ފިޔަވަޅު މަތީފައި ވެސް ވޭޕް ދަމާލާފައި އެބަ ވަދޭ. އަންހެން ކުދިން ވެސް އެތެރެއިން ލާ އެއްޗެހީގެ ތެރެއަށް އެތެރެއަށް ލައިގެން އެބަ ގެންދޭ. ސްކޫލު ފާހާނައިގައި ވެސް ވޭޕްކުރޭ،" ބެލެނިވެރިއަކު، ނޫހުގައި ނަން ނުޖެހުމަށް އެދި އޭނާގެ ކަންބޮޑުވުން ހިއްސާ ކުރި އެވެ.

ދިވެހިރާއްޖޭގައި ކިޔަވާ ކުދިންގެ ތެރެއިން 45 ޕަސެންޓު ކުދިން ދުންފަތުގެ ކޮންމެވެސް ބާވަތެއް އިސްތިއުމާލު ކުރާ ކަމަށް 2019 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ނެރުނު ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭގައި ބުނެފައިވެ އެވެ. އަދި ދަރިވަރުންގެ ތެރެއިން 17 ޕަސެންޓު ކުދިންނަކީ ވޭޕް ކުރާ ކުދިން ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. މިއީ، ކަންބޮޑުވާންޖެހޭ ފަދަ އަދަދުތަކެވެ.

ވޭޕްގެ އުފެދުމާއި ނުރައްކާތެރިކަން

ވޭޕަކީ ސިނގިރޭޓު ބޯ މީހުން އެކަމުން ދުރުހެލިކުރުވުމަށް ބާރު އެޅުމުގެ ގޮތުން 2003 ވަނަ އަހަރު ޗައިނާގެ ފާމަސިސްޓެއް ކަމަށްވާ ހޮން ލިންކު އުފައްދާފައިވާ އެއްޗެކެވެ. ދުންފަތަށް ދެވިހިފައި އެއާނުލާ ނޫޅެވޭވަރު ވެފައިވާ ހޮން ލިންކް ވޭޕް ފަރުމާކޮށްފައިވަނީ އޭނާ އެކަމުން ސަލާމަތްވުމުގެ ނިޔަތުގައެވެ. ދުވާލެއްގެ މައްޗަށް ސިނގިރޭޓު ތިންފޮށި ހުސްކުރުމުގެ އާދަ ކެނޑުވުމުގެ އުންމީދުގައެވެ. ނަމަވެސް ކަންދިމާވީ އެހެނެއް ނޫނެވެ. އޭނާ މި ދެ އެއްޗަށް ވެސް ދެވި ހިފީ އެވެ.

ވޭޕް ބޭނުން ކުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން މީހާ ދުރުކޮށްދޭ ކަމެއް ނޫން ކަން ދިރާސާތަކުން ދައްކަ އެވެ. ވޭޕްކުރުމަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2008 ވަނަ އަހަރު ނެރެފަވާ ބަޔާނެއްގައި ބުނެފަވާ ގޮތުގައި ވޭޕަކީ ސިނިގިރޭޓް ބުއިމުން މީހާ ދުރުކޮށްދޭ ކަމެއްކަން ހާމަވާ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. ވޭޕްގައި ވެސް ކޮންމެވެސް ވަރަކަށް ދުންފަތުގެ އަސަރު ހުރެއެވެ. ދުންފަތަކީ މީހާ އެކަމަށް ދެވި ހިފާ އެއްޗަކަށް ވުމާއެކު ވޭޕް ބޭނުންކުރާ މީހުން ދުންފަތާއި ދިމާއަށް ދިޔުމުގެ ފުރުސަތު ބޮޑުކަން އެމެރިކާގައި ކުރެވުނު ދިރާސާއަކުންވެސް ހާމަވެފައިވެއެވެ.

ޔުނިވާސިޓީ އޮފް ނޯތް ކެރޮލައިނާގެ މަރިސްކޯ ލަންގް އިންސްޓިޓިއުޓްގެ ޕްރޮފެސަރެއް ކަމަށްވާ ރޮބާޓް ޓަރެން ވިދާޅުވާ ގޮތުގައި ވޭޕްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވެއެވެ. މީގެއިތުރުން ވޭޕްގެ ސަބަބުން ޓިއުމަރު ސެލްތައް އިތުރުވެ ކެންސަރު ޖެހުމަށްވެސް މަގުފަހިވާ ކަމަށް އެންވައިޔޫގެ ދިރާސާއަކުން ވަނީ ހާމަވެފައެވެ.

ހާވާޑް ޔުނިވާސިޓީން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި އީ ސިނގިރޭޓުގައި ހުންނަ ވެނީލާ އާއި، މޭޕަލް އަދި ކޮކޮނަޓްފަދަ ތަފާތު ފްލޭވާތައް ގެނައުމަށްޓަކައި ބޭނުން ކުރެވޭ މާއްދާއެއް ކަމަށްވާ ޑައިއެސެޓައިލްގެ ސަބަބުން ނުރައްކާތެރި ޕޮޕްކޯން ލަންގް ބަލި ޖެހުމަށް މަގުފަހިވެއެވެ. ޕޮޕްކޯން ލަންގްސް އަކީ ނޭވާލުމުގެ ނިޒާމަށް ކުރިމަތިވާ ނުރައްކާތެރި ބައްޔެކެވެ. މިބަލީގެ ސަބަބުން ކެއްސުމާއި ނޭވާލާން އުނދަގޫވުމާއި ނޭވާކުރުވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.

ވޭޕްގައި ހުންނަ އެކި ފްލޭވާތައް ގެނައުމަށް އެ އުފައްދާ ކުންފުނިތަކުން ބޭނުންކުރަމުން ގެންދާ މިފަދަ މާއްދާތަކަކީ ފުޑް އެންޑް ޑްރަގް އެސޯސިއޭޝަންތަކުން މޮނިޓާކުރެވިފައިވާ މާއްދާތަކެއް ނޫނެވެ. އެއްވެސް އުސޫލެއް ގަވައިދެއް މިކަމަށް ކަނޑައެޅިފައެއް ނޯވެއެވެ. މިއީވެސް ވޭޕްގެ ނުރައްކާ އިންތިހާއަށް ބޮޑުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

ވޭޕްކުރަން ބޭނުންކުރާ އާލާތް


ވޭޕް ތައްޔާރު ކުރަނީ ޒުވާނުން ހިތްކިޔާ ގޮތަށް

ވޭޕަކީ ސިނގިރޭޓާ ހިލާފަށް މާ ބޮޑު ނުބައި ވަހެއް ދުވާ އެއްޗެއް ނޫނެވެ. ވޭޕް ކުރަން ގެންގުޅޭ ޕެން ފަދަ ޑިވައިސްތަކަކީ ސިނގިރޭޓާ ތަފާތު، ޒަމާނީ ޓެކްނޮލޮޖީއެކެވެ. އަދި ސިގިރެޓުގެ ދެ ތިން ރަހެއް ހުންނައިރު ވޭޕްގެ އެތައް ސަތޭކަ ފްލޭވައެއް ހުރެ އެވެ. ޒުވާނުންގެ މެދުގައި ވޭޕް މަގްބޫލުވާ އެއް ސަބަބަކީ އެއީ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

"ވޭޕުން ދުން ނިކުންނަ ވަރުން ވަރަށް ގިނަ ބަޔަކު އެޔަށް ގަޔާވޭ. އަނެއްކާ ވޭޕްގެ ދުމުގައި ނުބައި ވަހެއް ނުދުވާ. ތަފާތު ގޮތްގޮތަށް ދުންނެރެވޭ. ގިނަ ކުދިންނަށް މިކަންކަން ވެފައި ވަނީ ވަރަށް މަޖާކަމަކަށް،" އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވި އެވެ.

ވޭޕް އުފެއްދުމަށް ބޭނުން ކުރާ ކެމިކަލްތަކުގެ ސަބަބުން ދިމާވާ ގެއްލުންތަކުގެ ފުރިހަމަ ދިރާސާތަކެއް ނެތް ނަމަވެސް ވޭޕްގެ ދުމުން ވެސް ސިނގިރޭޓު ދުމުން ލިބޭ ގެއްލުން ލިބޭނެ ކަމަށް ޑރ. މުހައްމަދު އަލީ ދެކެ އެވެ.

އޭގެ އިތުރުން، ވޭޕްގެ ދުމުގެ ސަބަބުން ލޭ މައްޗަށް ދިޔުމާއި ނޭވާލާ ހޮޅި ދުޅަވުމާއި ފުއްޕާމޭ ފެއިލްވުމާއި ހަށިގަނޑުގައި ސަރުބި އިތުރުވުމާއި ސްޓްރޯކް ޖެހުން ފަދަ ކަންކަމަށް މަގުފަހިވާނެ ކަމަށް ވެސް ޑރ. މުހައްމަދު އަލީ އިންޒާރު ދެއްވި އެވެ. އަދި ވޭޕް ބެނުން ކުރާ މީހުންނަށް ކެންސަރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އޭނާ ދެކިވަޑައިގަންނަވަ އެވެ.

ދަރިވަރުން ވޭޕުން ދުރުކުރަން ގޮންޖެހުންތަކެއް

މާލޭގެ ކޮންމެ ސްކޫލެއްގައި އެތައް ހާސް ދަރިވަރުން އުޅޭއިރު އެ ކުދިން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ މަދު މުވައްޒަފުންނަށް، ދަރިވަރުންގެ ހުރިހާ ކަމެއް ބެލުމަކީ ކުޅަދާނެ ކަމެއް ނޫނެވެ. ސްކޫލް ތެރޭގައި ވޭޕް ކުރުން ހުއްޓުވަން މަދަރުސާތަކުގެ ޕްރިންސިޕަލުން މަސައްކަތް ކުރެ އެވެ. ނަމަވެސް އެކަށީގެންވާ ވަރަށް އެ މަސައްކަތެއް ނުކުރެވެ އެވެ.

ކިހިނެއްތޯ ކޮންމެ ދުވަހަކު އަޅުގަނޑުމެން ދަރިވަރުން ޗެކްކޮށް، ފޮތް ދަބަސް ބަލައި ހަދާނީ. ކުދިން ވެސް އެހާ ގިނަ. މާލޭ ދާއިރާގައި ކޮންމެ ސްކޫލެއްގައި ދެހާހެއްހާ ދަރިވަރުން އެބަ އުޅޭ. އެއީ ސްކޫލުތަކަށް އެކަށީގެންވާ ވަރަށް ވުރެ މާ ގިނަ އަދަދެއް،" ދަރިވަރުން ބެލެހެއްޓުމަށް ހުރި ދަތިތައް ފާހަގަ ކުރައްވައި، ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ޓާމެއްގައި ވެސް އެ ސްކޫލުގައި ދެ ފަހަރު ނުވަތަ ތިން ފަހަރު ދަރިވަރުންގެ ފޮތް ދަބަސްތައް ރެންޑަމްކޮށް ޗެކްކުރެ އެވެ. ނިމިގެން މިދާ ޓާމުގައި ޗެކްކުރި ފަހަރުތަކުގައި ވޭޕްކުރާ އެއްޗެހި ދަރިވަރުންގެ އަތުން ފެނިފައިވެ އެވެ.

"އެ އެއްޗެހި ދެނެގަތުމަކީ ވެސް ފަސޭހަ ކަމެއް ނޫން. ސަބަބަކީ އެހާ ކުޑަ އެއްޗެއް. އަދި ސިނގިރޭޓް ގޮތަށް ނުބައި ވަހެއް ވެސް ހުންނަ އެއްޗެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކެމެރާއިން ވެސް ކުދިންގެ އުޅުން ހުންނަ ގޮތްތައް މޮނިޓަ ވެސް ކުރަން. ފާހަގަ ކުރެވޭ ކަމެއް ފެނިއްޖެ ނަމަ ސުވާލުކޮށް ހަދަން."

ވޭޕާ ދެކޮޅަށް ފިޔަވަޅު އެޅުން

ދިވެހިރާއްޖޭގައި 1990 ގެ އަހަރުތަކުގެ ފަހުކޮޅު އަދި 2000 ވަނަ އަހަރުގެ ކުރީކޮޅު ސިނގިރޭޓާ ދެކޮޅަށް ވަރަށް ގިނަ ހަރަކާތްތައް ހިންގި އެވެ. ސިގިރެޓާ ދެކޮޅަށް އެއިރު ހިންގި ގިނަ ކެމްޕެއިނުތައް އަމާޒު ކުރީ ޒުވާނުންނަށެވެ.

އޭގެ ފަހުން ދިވެހިރާއްޖޭގައި 2007 ވަނަ އަހަރު ރާއްޖޭގައި ހިންގި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭ އިން ދެއްކި ގޮތުގައި ޒުވާނުންގެ މެދުގައި ދުންފަތުގެ އިސްތިއުމާލު ކުރުން އޮތީ މަދުވެފަ އެވެ. އެހެންކަމުން ދުންފަތާ ދެކޮޅަށް ކުރިން ހިންގި ކެމްޕެއިނުތަކުގެ ނަތީޖާ ރަނގަޅު ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ.

މީގެ ދެ އަހަރު ކުރިން ހެދި ޓޮބޭކޯ ސާވޭގައި ބުނެފައި ވަނީ ވޭޕް ކުރުން ހުއްޓުވުމަށް ދިވެހިރާއްޖެއިން ހާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމަށެވެ. އެހެންކަމުން ސިގިރެޓާ ދެކޮޅަށް މީގެ ކުރިން ސަރުކާރުން ހިންގި ފަދަ ބޮޑު ކެމްޕެއިނުތަކެއް ވޭޕް ކުރުމުގެ ނުރައްކާތަކާމެދު ވެސް ހިންގަންޖެހެ އެވެ. މަދަރުސާތަކުގައި ދަރިވަރުން ވޭޕް ކުރުން ހުއްޓުވޭނީ އެއިރުންނެވެ.