Advertisement

ޓީޖެޓީ އެއްބަސްވުމުގައި މުއްދަތެއް ނެތް، ތަން ނެގުމުގެ ބާރު އޮންނާނީ މިނިސްޓްރީއަށް: އެމްޕީއެލް

9 ޑިސެންބަރު 2021 - 13:17 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ: ޓީޖެޓީ އަތުލެވޭނީ ހައުސިން މިނިސްޓްރީއަށް ކަމަށް އެމްޕީއެލުން ބުނޭ-- ފޮޓޯ: އަދަދު


ޓީޖެޓީ އެއްބަސްވުމުގައި މުއްދަތެއް ނެތް، ތަން ނެގުމުގެ ބާރު އޮންނާނީ މިނިސްޓްރީއަށް: އެމްޕީއެލް

9 ޑިސެންބަރު 2021 - 13:17 1

ހައުސިން މިނިސްޓްރީން ޓީޖެޓީ, އެމްޕީއެލްއާ ހަވާލުކޮށްފައިވާ އެއްބަސްވުމުގައި ވަކި މުއްދަތެއް ބަޔާން ކޮށްފައިނުވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެފައިވާ ގޮތުގައި ޓީޖެޓީ އެންމެފަހުން އެމްޕީއެލްއަށް ދީފައިވަނީ ތިން އަހަރުގެ މުއްދަތަށް އެއްބަސްވުމެއް ހެދުމަށްފަހު އެވެ. ނަމަވެސް, މިހާރު އެ މުއްދަތު ހަމަވެފައިވާތީ އެއީ ސިޓީ ކައުންސިލްގެ ތަނެއް ކަމަށް ނަރީޝް ވިދާޅުވި އެވެ.

އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ ތަން, ސިޓީ ކައުންސިލާ ހަވާލުކުރުމަށް އެ ކައުންސިލުން 90 ދުވަހުގެ މުއްދަތެއް ދިނެވެ. އެ މުއްދަތު މި މަހުގެ 12 ވަނަ ދުވަހަށް ހަމަވާއިރު ސަރުކާރުން ވެސް ވަނީ ޖެޓީ ކައުންސިލަށް ނުދެވޭނެ ކަމަށް އަންގާފަ އެވެ.

އެހެންވެ, ސިޓީ ކައުންސިލުން ވަނީ ކޯޓަށް ގޮސްގެން ނަމަވެސް އެ ތަން ހޯދުމަށް ނިންމާފަ އެވެ.

ނަމަވެސް, އެމްޕީއެލްއިން މިއަދު ބުނި ގޮތުގައި ޓީޖެޓީއާ ގުޅޭ ގޮތުން އެމްޕީއެލްއާއެކު ހައުސިން މިނިސްޓްރީން އެއްބަސްވުމެއް ހެދީ 2015 ވަނަ އަހަރު ކަމާއި އެ ތަން އެ ކުންފުނީގެ އަތުން އަނބުރާ ނެގުމުގެ ބާރު އޮންނާނީ ހައުސިން މިނިސްޓްރީއަށް ކަމެވެ. އަދި, އެ އެއްބަސްވުމުގައި ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ކަމަށް ވެސް ބުންޏެވެ.

އެ އެއްބަސްވުން ހެދިއިރު ހައުސިން މިނިސްޓަރަކީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒެވެ.

"މި ކުންފުންޏާއި ހައުސިން މިނިސްޓްރީއާ ދެމެދު ސޮއި ކުރި އެމްއޯޔޫގެ މުއްދަތު ހަމަވެފައިވާ ވާހަކަ މީޑިއާގައި ދައުރުވަމުންދިއުމާ ގުޅިގެން އެންމެހާ ބޭފުޅުންގެ މައުލޫމާތައްޓަކައި ދަންނާވަލަން, އެމްއޯޔޫގައި މުއްދަތެއް ބަޔާންކޮށްފައި ނެތް،" އެމްޕީއެލްއިން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މިހާރު އެމްޕީއެމްގެ ބެލުމުގެ ދަށުގައި އޮތް ޓީޖެޓީ, އަނެއްކާ ވެސް ސިޓީ ކައުންސިލާ ހަވާލުކޮށްދިނުމަށް ސަރުކާރުގައި ހަތަރު ފަހަރަށް އެދެފައިވާނެ ކަމަށެވެ. ނަމަވެސް އެތަން ދިނުމަށް ރައީސް އޮފީހުން އުޒުރުވެރިވި ކަމަށް މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓީޖެޓީ ބަލަހައްޓަން ސަރުކާރާއެކު އެމްޕީއެލުން ހަދައިފައިވާ އެގްރީމެންޓުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެހެންކަމުން ގާނޫނީ ގޮތުން މިހާރު އެއީ ކައުންސިލްގެ ތަނެއް ނަމަވެސް، އެތަނުން އާމްދަނީ ހޯދުމުގެ ފުރުސަތު އެއްކޮށް ބަންދުވެފައިވާ ކަމަށް މުއިއްޒު ގަބޫލުކުރައްވަ އެވެ.

"އެމްޕީއެލާ ރައީސް އޮފީހުގަ އެދުނީ ޓީޖެޓީ އަލުން ކުރީގެ ގޮތަށް ސިޓީ ކައުންސިލަށް ހަވާލުކޮށްދިނުމަށް. އެއީ ރައްޔިތުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް ދިނުމަށް. އެތަނުން ލިބޭ އާމްދަނީން ސިޓީ ކައުންސިލުން ވަރަށް ގިނަ ކަންކަން ކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

"ކޮންމެ މަހަކު ފުދޭވަރެއްގެ ބޮޑު އާމްދަނީއެއް ލިބޭ ތަނެއް އެއީ. އެ ހުރިހާ ފައިސާއެއް ލިބެނީ އެމްޕީއެލް އަށް. އެ ފައިސާ ލިބިއްޖެ ނަމަ ބޭނުން ކުރެވޭނެ ކުނި މެނޭޖު ކުރުން ފަދަ އާމްދަނީ އިތުރުކުރަން ބޭނުންވާ ކަންކަންކަށް،"

ސިޓީ ކައުންސިލަށް ނުދޭން ނިންމި ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފަށް މާލޭ ރައްޔިތުންގެ ލާބަޔާއި މަންފާއާ ދެކޮޅަށް ނިންމެވި ނިންމުމެއް ކަމަށް ސިފަކުރައްވައި މުއިއްޒު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.