Advertisement

އިހުތިސޯސް މައްސަލައަށް މަޝްވަރާއިން ހައްލު ނުލިބުމުން އަނެއްކާވެސް ކޯޓަށް ދާން ނިންމައިފި

9 ޑިސެންބަރު 2021 - 12:55 2

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: މޭޔަރުގެ ވިސްނުން އަނެއްކާވެސް ކޯޓާއި ދިމާލަށް -- ފޮޓޯ: މުހައްމަދު ޝާބިން އިބްރާހިމް ރަޝީދު / އަދަދު ފައިލް ފޮޓޯ


އިހުތިސޯސް މައްސަލައަށް މަޝްވަރާއިން ހައްލު ނުލިބުމުން އަނެއްކާވެސް ކޯޓަށް ދާން ނިންމައިފި

9 ޑިސެންބަރު 2021 - 12:55 2

ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލަށް ލިބިފައިވާ އިހްތިސޯސްގެ މައްސަލާގައި މަޝްވަރާގެ މޭޒުން ހައްލުކުރަން ގެންގުޅުނު ވިސްނުން ބަދަލުކޮށް އަނެއްކާވެސް ކޯޓަށް ދިޔުމަށް ސިޓީ ކައުންސިލްގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މާލޭގެ އިހުތިސޯސްގެ މައްސަލަތައް އެންމެ ބޮޑުވެފައިވަނީ މާލޭން ކުންފުނިތަކަށް ދޫކޮށްފައިވާ ބިންތަކާއި ހުޅުމާލެ އަދި ގުޅީފަޅާ ގުޅޭ ގޮތުންނެވެ. އެގޮތުން, ހުޅުމާލެ އެޗްޑީސީގެ ބާރުގެ ދަށުގައި އޮވެފައި އެތަނަށް ސިޓީ ކައުންސިލަށް ބަސް ނުކިޔޭ ގޮތަށް އޮތުމަކީ އެ ކައުންސިލްގެ ކަންބޮޑުވުމެކެވެ.

އެޗްޑީސީގެ ދަށުން ހުޅުމާލޭގައި ދެމުން އަންނަ މުނިސިޕަލް ސާވިސް ސިޓީ ކައުންސިލަށް ބަދަލުކުރަން ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުމެއް ނުލިބޭނަމަ، އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް ކުރިން މޭޔަރު ވިދާޅުވެފައިވެ އެވެ.

މާލޭގެ ޓީޗެޓީއަކީ ވެސް ސިޓީ ކައުންސިލުން ދެކޭ ގޮތުގައި އެ ކައުންސިލްގެ އިހުތިސޯސްއެކެވެ. ނަމަވެސް, އެތަން ހިންގަމުންދާ އެމްޕީއެލްއިން ވަނީ ޖެޓީ ސިޓީ ކައުންސިލާ ހަވާލުކުރަން ދެކޮޅު ހަދާފަ އެވެ.

ގުޅީފަޅުގައި ވިޔަފާރީ ބަނދަރެއް ތަރައްގީކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް، އެއީ މާލެ ރައްޔިތުންގެ މަސްލަހަތު އެކުލެވޭ ކަމެއް ކަމަށް ބުނެ އެ މަޝްރޫއު ބަދަލުކުރަން މޭޔަރު ބޭނުންވި އެވެ. ބޯހިޔާވަހިކަމުގެ މަންޒިލަކަށް އެތަން ހެދުމަށް ވަކާލާތުކޮށް، އެ މަޝްރޫއު ހުއްޓުވަން ސަރުކާރު ގޮވައިގެން ކޯޓަށް ދާނެ ކަމަށް ވެސް މޭޔަރު ކުރިން ވިދާޅުވެފައިވެ އެވެ.

ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ބަންދުކޮށް، އެ ދެ ކުންފުނީގެ އިމާރާތުގެ ގޯތީގެ ތެރެއަށް ވައްދާފައިވާ މަގުތަކެއް ހުޅުވާލަން އެއްމަހުގެ މުހުލަތެއް ދިނުމަށްފަހު، ނުހުޅުވައިފި ނަމަ ކޯޓަށް ގޮސްގެންވެސް، އެ މަގުތައް ހުޅުވާނެ ކަމަށް ވިދާޅުވެ ވެސް އިންޒާރު ދެއްވި އެވެ.

އެހެންނަމަވެސް އެއްވެސް މައްސަލައެއް މިހާތަނަށް ކޯޓަށް ހުށަހަޅާފައި ނުވާއިރު، "އަދަދު"އަށް މީގެ ތިން މަސް ކުރިން ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ކޯޓަށް ގެންގޮސްގެން ދެބަސްވުންތަކަށް ހައްލުކުރުމުގެ ބަދަލުގައި މަޝްވަރާގެ މޭޒުން އެކަންކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި ކޯޓަށް ނުގޮސް އެފަދަ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެ ދުވަހު މުއިއްޒު ވިދާޅުވި އެވެ.

މަޝްވަރާއިން ހައްލެއް ނުލިބި އަނެއްކާވެސް ކޯޓުގެ ވިސްނުން

ހުޅުމާލޭގެ ބިން އެޗްޑީސީއަށް ރަޖިސްޓްރީކޮށްދީފައި އޮތް އޮތުން އިއްޔެ ބާތިލްކޮށްފައި ވާއިރު، އެމްޕީއެލްއަށް ދިން މުއްދަތުގައި ޓީޖެޓީ ސިޓީ ކައުންސިލަށް ހަވާލުނުކޮށްފި ނަމަ، އެ ބިން "ގަދަކަމުންވެސް އަތުލާން" ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ އިހްތިސޯސްގެ މައްސަލަ ހައްލުކުރަން މިހާރު ކޯޓަށް ދާން ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުން ފާސްކުރީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ހުރިހާ ކައުންސިލް މެމްބަރުންގެ އިތުރުން ދެ އެމްޑީޕީ ކައުންސިލަރުންގެ ވޯޓާ އެކުގައިކަން ފާހަގަކުރެއްވި އެވެ.

މުއިއްޒު ވިދާޅުވީ މަޝްވަރާގެ މޭޒުން އިހްތިސޯސްގެ މައްސަލައަކަށް ހައްލު ގެންނަން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި ސިޓީ ކައުންސިލަށް ސަރުކާރުގެ އެއްބާރުލުން "އެއްގޮތަކަށްވެސް" ނުލިބޭ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އިދިކޮޅަށް މާލޭގެ "ވެރިކަން" ލިބުމަކީ ލާމަރުކަޒީ ގާނޫނުން ލިބިދޭ ބާރުތައް ހިފެހެއްޓޭނެ ސަބަބެއް ނޫނެވެ. އަދި އެ ބާރު ހޯދަން ސިޓީ ކައުންސިލްގެ ގާނޫނީ ޓީމުގެ ލަފަ އާއި މަޝްވަރާގެ މަތީން ކޯޓަށް ދާން ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނެއް ދެނެއް ކުޑަކަކޫޖަހާ ފަހަތަށް ޖެހި، ދުރަކަށް ނުދާނަން. އަޅުގަނޑުމެންނަށް ނުތިބޭނަން ޣައިރު ގާނޫނީ ގޮތުން އެންގޭ ކަންތައްތަކަށް ބޯލަނބައިގެންނެއް. އަޅުގަނޑުމެން އިސްކަން ދޭނީ ގާނޫނަށް. އަދި މާލެ ރައްޔިތުންނަށް," މުއިއްޒު ވިދާޅުވި އެވެ.

ސިޓީ ކައުންސިލާއި ސަރުކާރުގެ ހިޔާލުތަފާތުވުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް މުއިއްޒު ގަބޫލުކުރައްވަ އެވެ.