Advertisement

ބިމުގެ ރަޖިސްޓްރީ ބާތިލް ކުރުން ގާނޫނާ ހިލާފް ކަމަށް ބުނެ އެކަން ނާތަހުޒީބު އަމަލެއްގެ ގޮތުގައި އެޗްޑީސީން ސިފަކޮށްފި

8 ޑިސެންބަރު 2021 - 19:16 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އެޗްޑީސީގެ އޮފީސް: ބުނީ ގެއްލުމެއް ލިބިއްޖެ ނަމަ ސިޓީ ކައުންސިލް ގޮވައިގެން ކޯޓަށް ދާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް


ބިމުގެ ރަޖިސްޓްރީ ބާތިލް ކުރުން ގާނޫނާ ހިލާފް ކަމަށް ބުނެ އެކަން ނާތަހުޒީބު އަމަލެއްގެ ގޮތުގައި އެޗްޑީސީން ސިފަކޮށްފި

8 ޑިސެންބަރު 2021 - 19:16 1

ހުޅުމާލޭގެ ބިން އެޗްޑީސީއަށް ރަޖިސްޓްރީކޮށްދީފައި އޮއްވާ މިއަދު ކުއްލި ގޮތަކަށް ބިންތަކުގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލް ކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެއީ އެ ކައުންސިލުން ހިންގި ނާތަހުޒީބު އަމަލެއް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފި އެވެ.

ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ރަޖިސްޓްރީ އިދިކޮޅުގެ އަގުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން ބާތިލްކޮށް އެ ނިންމުން ގެޒެޓު ކުރީ ޕީޕީއެމްގެ ފަރާތުން ހުޅުމާލޭގައި ބާއްވަން ރާވާފައިވާ ޖަލްސާ ބޭއްވޭނީ ހުއްދަ ނަގައިގެން ކަމަށް އެޗްޑީސީން އިއްޔެ ބުނެފައި އޮއްވަ އެވެ.

ނަމަވެސް މިއަދު ނެރުނު ބަޔާނެއްގައި އެޗްޑީސީން ބުނީ ބިންތަކުގެ ރަޖިސްޓްރީ ކައުންސިލުން ބާތިލް ކުރުމަކީ "މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ގާނޫނާ ހިލާފު ނާތަހުޒީބީ ނިންމުމެއް" ކަމަށެވެ.

"ބިމުގެ ރަޖިސްޓަރީގައި ބަޔާންކުރެވިފައިވާ އެބިމުގެ މިލްކުވެރިކަމުގެ ގާނޫނީ ހައްގަކީ ހިތުހުރިހާ ގޮތަކަށް ބާތިލުކުރެވޭނެ ހައްގެއް ނޫން،" އެ ބަޔާނުގައި ބުނެފައިވެ އެވެ. "މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމެވުން އެންމެ ހަރުކަށި އިބާރާތުން މިކޯޕަރޭޝަނުން ކުށްވެރި ކުރަން."

ސިޓީ ކައުންސިލުގެ ނިންމުން ގާނޫނު އަސާސީ އާއި ލާމަރުކަޒީ ގާނޫނުގެ އިތުރުން ބިމާ ބެހޭ ގާނޫނާ ވެސް ހިލާފު ކަމަށް އެޗްޑީސީން ބުނެ އެވެ.

"އަދި، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި މިލްކުވެރިކަން ބަދަލު ކުރުމުގެ ގާނޫނަށް ބަލާއިރު، ވަކި ފަރާތަކަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުއީ ކޯޓެއް މެދުވެރިކޮށް،" އެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން، އެ ބަޔާނުގައި ބުނެފައި ވަނީ ބިމުގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ސަބަބުން އެއްވެސް ގެއްލުމެއް އެ ކޯޕަރޭޝަނަށް ލިބޭނަމަ ސިޓީ ކައުންސިލް ގޮވައިގެން ކޯޓަށް ދިއުމަށް ފަސްނުޖެހޭނެ ކަމަށެވެ.

ޕީޕީއެމްގެ ފަރާތުން އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ރާވަމުންދާ "ކޮތަރު ކޮށި" ޖަލްސާއަކީ ފޭސް ދޭއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިިޔާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތް ކުރި 25 ބުރީގެ 16 ޓަވަރު ހިމެނޭ ފްލެޓްތަކުގެ ކާބިޔާބު ފާހަގަ ކުރުމަށް ބާއްވާ ޖަލްސާއެކެވެ.