Advertisement

ބޮޑު ކަންނެލި މަސްވެރިން؛ އަޑު ނީވުނީމަ އަޑު އިއްވަން ކަނޑުމައްޗަށް ނިކުންނަނީ

8 ޑިސެންބަރު 2021 - 18:18 0

އަމަން ހަލީމް

އަމަން ހަލީމް

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ގެ އިފްތިތާހީ ޖަލްސާ: ކުރީ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ޖަލްސާ އާއި އެހެން ހަރަކާތްތައް ކުރިޔަށް ގެންދަނީ ކަނޑުމަތީ. -- ފޮޓޯ: ބޮޑު ކަންނެލި މަސްވެރިން ޔޫނިއަން


ބޮޑު ކަންނެލި މަސްވެރިން؛ އަޑު ނީވުނީމަ އަޑު އިއްވަން ކަނޑުމައްޗަށް ނިކުންނަނީ

8 ޑިސެންބަރު 2021 - 18:18 0

ބޮޑު ކަންނެލި މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ މަސައްކަތުގައި އުޅޭ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު އިއްވަން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ކަނޑުމައްޗަށް އެއްވެ އަޑުއުފުލަން ތައްޔާރުވެއްޖެ އެވެ.

ޖަމިއްޔާގެ އަހަރީ ދުވަހާ ގުޅުވާ ބީކޭއެމްޔޫން ކުރިޔަށް ގެންދާ މި ހަރަކާތް އޮންނާނީ މަސްވެރިންގެ ދުވަސް ފާހަގަކުރާ ޑިސެމްބަރު، 10 ވަނަ ދުވަހުގެ ހަވީރު ގުޅީފަޅު ސަރަހައްދުގަ އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ވަކާލާތުކުރަން މިދިޔަ އަހަރު އުފެއްދި ބީކޭއެމްޔޫގެ އިފްތިތާހީ ޖަލްސާއަށް ފަހު ވެސް މިފަދަ ހަރަކާތެއް ކުރިޔަށް ގެންދިޔަ އެވެ. އެފަހަރު ގާތްގަނޑަކަށް 70 ކަންނެލި ދޯނި ބައިވެރިވި ހަރަކާތަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ.

އެފަހުން ބީކޭއެމްޔޫން އަންނަނީ ބޮޑު ކަންނެލި މަސްވެރިންނަށް ދިމާވާ މައްސަލަތައް ސަރުކާރާއި އާންމުންގެ ސަމާލުކަމަށް ގެންނަން އިސްދައުރެއް އަދާ ކުރަމުންނެވެ. އަދި، ސަރުކާރާއި ކަންނެލި ގަންނަ ވިޔަފާރިތަކާ އެކީ ބޭއްވޭ މަޝްވަރާ ބައްދަލުވުންތަކުގައި ބޮޑު ކަންނެލި މަސްވެރިން ތަމްސީލު ކުރަމުންނެވެ.

މިގޮތަށް ބޭއްވުނު ބައްދަލުވުންތަކުގައި މަސްވެރިންގެ ފަރާތުން ހުރި ހުށަހެޅުންތައް ސަރުކާރާއި ވިޔަފާރިތަކުގެ އިތުރުން ރައްޔިތުންގެ މަޖިލިހާ ހިއްސާކުރި ނަމަވެސް، އުއްމީދުކުރި ވަރުގެ ހައްލެއް ނުލިބޭ ކަމަށް އެ ޖަމިއްޔާގެ ރައީސް ހުސެއިން ނަޝީދު "އަދަދު"އަށް ވިދާޅުވި އެވެ.

"މިދިޔަ އަހަރު އަޅުގަނޑުމެން ހުށަހެޅި ހުށަހެޅުންތަކަށް ސަރުކާރުން މާ ބޮޑަށް އިޖާބަ ދިން ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ,l" އޭނާ ވިދާޅުވި އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުގެ މައިގަނޑު ހުށަހެޅުންތައް

  • ސަރުކާރު ކުންފުންޏަކުން ބޮޑު ކަންނެލި ގަންނަން ފެށުން
  • ބޮޑު ކަންނެލި ގަނެވޭނެ އެންމެ ކުޑަ އަގު (ފްލޯ ޕްރައިޒް) ކަނޑައެޅުން
  • މާލޭގެ ފަޅުތެރޭގައި ހުރި ޖާގައިގެ ދަތިކަމާއި ލަފާފުރުމުގެ މައްސަލަތައް ހައްލުކުރުން
  • ދާ ޖަހައިގެން ކަނޑު ކަހާ (ޕާސް ސެއިނާ) ބޯޓުތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކުރުން ހުއްޓުވުން

ނަޝީދު ވިދާޅުވި ގޮތުގައި އިގުތިސޯދީ މުހިންމުކަމާއި ވިޔަފާރިވެރިން އިންވެސްޓުކޮށްފައިވާ ފައިސާގެ ނިސްބަތް ވަޒަންކުރާއިރު ބޮޑު ކަންނެލި މަސްވެރިކަމަކީ ބޮޑު ސިނާއަތެއް ނަމަވެސް ސަރުކާރުތަކުން އެގޮތަށް ނުދެކި އިހުމާލުވީ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، މިހާރު ވެސް ސިނާއަތުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދާއިމީ ގޮތަކަށް މިކަން ކުރެވޭނެ އަގެއް ހޯދުން ކަމަށާއި މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެއީ ކަމަށެވެ.

"އޮޑިވެރިން ތިބީ ބޮޑެތި، އިންވެސްޓުމަންޓުތަކެއް ކޮށްގެން. އެކަމަކު ކުޑަ އަގެއްގައި މިކަން ކުރަން ހަދައިގެން ކަންނެލި މަސްވެރިކަން ނެތި ދިޔުމުގެ ފުރުސަތު އެބަ އޮތް," އޭނާ ވިދާޅުވި އެވެ.