Advertisement

ކައިވެނީގެ ތެރޭގައި ރޭޕްކުރުމަކީ "ނޯމަލް" ކަމެއް ނޫން، އެ ވިސްނުން ދޫކޮށްލާ!

9 ޑިސެންބަރު 2021 - 08:56 5

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު


ކައިވެނީގެ ތެރޭގައި ރޭޕްކުރުމަކީ "ނޯމަލް" ކަމެއް ނޫން، އެ ވިސްނުން ދޫކޮށްލާ!

9 ޑިސެންބަރު 2021 - 08:56 5

"މިތަނުގައި ބަލަންވީ ކުށަށް ކިޔާ ނަމަކަށް ނޫނެވެ. ކުރެވޭ އަމަލަށެވެ. ގަދަކަމުން އެއްވެސް މީހަކާ މެދު ޖިމާއުވުން އެއީ އެކަން ރައްދުވާ ފަރާތުގެ މައްޗަށް ކުރެވޭ އަނިޔާ އެކެވެ. އެއީ ތިމާގެ އަނބިމީހާ ކަމުގައި ވީ ނަމަވެސް އެވެ."

ފިރިމީހާގެ އަނިޔާވެރި ޖިންސީ އަމަލުގެ ސަބަބުން އުމުރުން 37 އަހަރުގައި ދުނިޔެ ދޫކުރި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ މައްސަލަ ހައި ކޯޓުގައި ބެލި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ އެހެންނެވެ.

އަނިޔާގެ ސަގާފަތެއް އޮތް ރާއްޖޭގައި ޒިޔާދާގެ މަރާ އެކު ލޯތަކާއި ކަންފަތްތައް ފުޅާކޮށް ހުޅުވުނެވެ. ފިރިމީހާ އަނބިމީހާ ރޭޕްކުރިކަމުގެ ކުށެއް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސާބިތުވީ ޒިޔާދާގެ ފިރިމީހާ ގދ. ތިނަދޫ އިބްރާހިމް ޝާހްގެ މައްޗަށެވެ.

އެއާ ގުޅިފައިވާ އިތުރު ކުރިއެރުމެއް ލިބުނީ މިދިޔަ ހޯމަ ދުވަހު އެވެ. ކައިވެނިކޮށްގެން ނަމަވެސް ނުރުހުމުގައި ޖިންސީ ގުޅުން ހިންގައިފި ނަމަ، އެއީ ރޭޕް ކަމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާނޫނަކުން ކަނޑައަޅައި ތަންފީޒު ކުރަން ފަށައިފި އެވެ.

ޖިންސީ ތަފާތު ކުރުމާ އެކު އެކި ބާވަތްތަކުގެ އަނިޔާގެ ވާހަކަ ކޮންމެ ދުވަހަކު ވެސް އަޑުއިވޭ ދިވެހި މުޖުތަމައު އަށް އެ ގާނޫނަކީ އުއްމީދެކެވެ. އެއީ ކައިވެނީގެ ތެރެއިން އަނިޔާ ލިބެމުންދާ އަންހެނުންނާއި ފިރިހެނުންނަށް ވެސް ހިތްވަރެކެވެ.

އެކަމަކު ދެބަސްވާ ބަޔަކު އެބަ އުޅެ އެވެ. "މެރިޓަލް ރޭޕް" ނުވަތަ ކައިވެނީގެ ތެރޭގައި "ރޭޕް"ގެ އަމަލެއް ނުހިންގޭނެ ކަމަށް އެ ބަޔަކު ދެކެ އެވެ. ކައިވެނީގެ އަގުދާ އެކު ޖިންސީ ގުޅުން ހަލާލު ވާއިރު، އެފަދަ އަގުދެއްގެ ތެރެއިން "ރޭޕް" ނުކުރެވޭނެ ކަމުގެ ވިސްނުމުގަ އެވެ.

ނަމަވެސް ކީރިތި ގުރުއާނުގެ ނިސާ ސޫރަތުގެ 19 ވަނަ އާޔަތުގައި ވަހީކުރައްވާފައި ވަނީ މިހެންނެވެ؛ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ނުރުހުމުގައި އަންހެނުން ވާރުތަކޮށް ގަތުމަކީ، ތިޔަބައިމީހުންނަށް ހަލާލްވެގެންވާ ކަމެއް ނޫނެވެ."

ކީރިތި ގުރުއާނާއި ލޮބުވެތި ރަސޫލާ صلى الله عليه وسلم ހަދީސްތަކުން ވެސް މިކަމާ ގުޅޭ އެތައް ވާހަކަތަކެއް އަޅުގަނޑުމެންނާ ހަމައަށް ވާސިލްވެފައި ވެއެވެ.

ތިރީގައި މި ބަޔާން ކުރާ ހުރިހާ އާޔަތެއްގެ މާނަ އާއި ހަދީސްތަކަކީ ހައި ކޯޓުން ޒިޔާދާގެ މައްސަލަ ނިމުނު ގޮތުގެ ހުލާސާ ރިޕޯޓުގައި ހިމަނާފައިވާ ކަންކަމެވެ.

ރޫމް ސޫރަތުގެ 21 ވަނަ އާޔަތް: "ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކަ އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވި އެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ."

ނިސާ ސޫރަތުގެ 19 ވަނަ އާޔަތް: "އަންހެނުންނާ މެދު ރަނގަޅު ހެޔޮ ގޮތުގައި ކަލޭމެން ކަންތައް ކުރާށެވެ."

ބަގަރާ ސޫރަތުގެ 231 ވަނަ އާޔަތް: "އަދި ގެއްލުން ދިނުމުގެ ގޮތުން އަނިޔާވެރިވުމަށްޓަކައި އެކަނބަލުން ނުހިފަހައްޓާށެވެ! އަދި އެކަން އެގޮތަށް ކޮށްފި މީހާ ދަންނާށެވެ! ފަހެ، އެމީހާގެ އަމިއްލަ ނަފްސަށް އަނިޔާކޮށްފިކަން ކަށަވަރެވެ. އަދި الله ގެ އާޔަތްތައް އެއީ ހެއްވާ އެއްޗެއް ކަމުގައި ނުވަތަ ކުޅިވަރެއް ކަމުގައި ތިޔަބައި މީހުން ނުހަދާށެވެ."

ގުދުސިއްޔަ ހަދީސެއް: "ހަމަކަށަވަރުން މާތްالله ވަހީކުރެއްވި އެވެ. އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ. ހަމަކަށަވަރުން ތިމަން އިލާހުގެ އަމިއްލަ ޒާތުފުޅުގެ މައްޗަށް އަނިޔާވެރިވުން ހަރާމް ކުރެއްވީމެވެ. އަދި ހަމަކަށަވަރުން އެއީ ތިޔަބައިމީހުންގެ މެދުގައި ވެސް ހަރާމް ކަމެއް ކަމުގައި ލެއްވީމެވެ. ފަހެ ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާވެރި ނުވާށެވެ!"

މެޖޯރިޓީ ދެކެނީ ބޭނުން ނުވިޔަސް ޖިންސީ ގުޅުން ހިންގަން ޖެހޭ ކަމަށް

ވިހިވިހި ވަނަ އަހަރު ފުލުހުންގެ ތަފާސްހިސާބަށް ބަލާއިރު ގެވެށި އަނިޔާގެ 244 މައްސަލަ ރިޕޯޓުކުރި އެވެ. އޭގެ ތެރެއިން 50.5 ޕަސެންޓު މައްސަލައަކީ ދެމަފިރިންގެ މެދުގައި ހިނގި އަނިޔާ އެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށް އެންމެ ގިނައިން ވަނީ އަންހެނުންނާއި ކުޑަކުދިންނެވެ.

އެ އަހަރު ހުށަހެޅި ޖިންސީ އަނިޔާތަކަށް ބަލާއިރު، ޖުމްލަ 474 މައްސަލައިގެ ތެރޭގައި ރޭޕްގެ 14 މައްސަލަ ހިމެނެ އެވެ. އެއީ ރޭޕްގެ ނުވަ މައްސަލަ އާއި ގޭންގް ރޭޕްގެ ތިން މައްސަލަ އާއި އާއިލާ މެމްބަރެއްގެ ފަރާތުން ރޭޕް ކުރިމަތިވުމުގެ ދެ މައްސަލަ އެވެ.

މި އަހަރުގެ މިހާތަނަށް ބަލާއިރު ގެވެށި އަނިޔާގެ 257 މައްސަލަ އަދި ޖިންސީ އަނިޔާގެ 367 މައްސަލަ ރިޕޯޓުކޮށްފައި ވެ އެވެ.

މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ އިން 2007 ވަނަ އަހަރު ހެދި މޯލްޑިވްސް ސްޓަޑީ އޮން ވިމެންސް ހެލްތު އެންޑް ލައިފް އެކްސްޕީރިއެންސެޒް ދިރާސާ އިން އެނގުނު ގޮތުގައި އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ ކޮންމެ ތިން އަންހެނުންގެ ތެރެއިން އެކަކަށް ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާއާ ކުރިމަތިވެ އެވެ. އޭގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކު ބުނީ އަނިޔާ ލިބެނީ ހަޔާތުގެ ބައިވެރިޔާގެ ފަރާތުން ކަމަށެވެ.

އެ ދިރާސާއިން އެނގުނު ގޮތުގައި ގިނަ ދިވެހިން ތިބީ އަނިޔާ ގަބޫލުކޮށްގެންނެވެ. އަނބިމީހާ އަށް އަނިޔާ ކުރުމަކީ ފިރިމީހާ އަށް އޮތް ހައްގެއް ކަމުގައި ދެކިގެންނެވެ. އަނބިމީހާ ޖިންސީ ގުޅުން ހިންގަން ބޭނުން ނުވި ނަމަވެސް، ފިރިމީހާ އެދެފި ނަމަ ޖިންސީ ގުޅުން ހިންގުމަކީ އަނބިމީހާގެ ޒިންމާއެއްގެ ގޮތުގައި 58.2 ޕަސެންޓު އަންހެނުން އެ ދިރާސާ އަށް ބުންޏެވެ.

ކައިވެނިކޮށްގެން ނަމަވެސް ނުރުހުމުގައި ޖިންސީ ގުޅުން ހިންގައިފި ނަމަ، އެއީ ރޭޕް ކަމަށް ކަނޑައަޅައި ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވުމާ އެކު ބައެއް މީހުން ފާޅުކުރި ހިޔާލުތަކުން އެނގުނީ މިއަދުގެ ހަގީގަތަކީ ވެސް އެއީ ކަމެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އުތެމަ ޖަމިއްޔާގެ ކޯ ފައުންޑަރު ހުމައިދާ އަބްދުލް ގަފޫރު ވިދާޅުވީ އެފަދަ ވިސްނުމެއް ގެންގުޅެނީ "އެ މީހުންނަށް އެނގިފައި އޮތް އެއްޗަކީ އޮޅުންތަކެއްގެ ތެރެއިން އައިސްފައި އޮތް އެއްޗަކަށް ވާތީ" ކަމަށެވެ.

"އެ މީހުންނަށް ތަންދޮރު ނޭނގޭ މިންވަރު ކަންނޭނގެ މީގެން މި އެނގެނީ. އެއީ ދީނީ ގޮތުން ވެސް އިޖުތިމާއީ ގޮތުން ވެސް ސިއްހީ ގޮތުން ވެސް މި ހުރިހާ ގޮތުން ވެސް ހަމަ ކަންކަން ނޭނގެނީއޭ ބުނަން ޖެހޭނީ،" ހުމައިދާ ވިދާޅުވި އެވެ.

ހުމައިދާ ވިދާޅުވީ ޖިންސީ އަނިޔާ އަކީ ދިވެހި މުޖުތަމައުގައި އޮތް ނުރައްކާ ބޮޑު ވަބާއެއް ކަމަށެވެ. އަދި އެއީ "ކައިވެނީގެ ތެރޭގައި ވިޔަސް ކައިވެނީގެ ބޭރުން ވިޔަސް އެއްވެސް ހާލަތެއްގައި ކޮށްގެން ނުވާނެ" ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

"އެއީ މީހެއްގެ މުޅި ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ބޮޑު ޖަރީމާއެއް. އެވަރުގެ ކަމެއް މުޖުތަމައެއްގައި ކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް އޮތް އޮތުން އެއީ މައްސަލައަކީ. އެހެންވީމަ މިހާރު ގާނޫނުގެ ތެރެއިން އެ ބަދަލު މި ގެންނަން ޖެހުނީ ކުރީގައި އެ ޖަރީމާ އަށް ޖާގަ ލިބިފައި އޮތީމަ. އެހެން ނޫން ނަމަ ގާނޫނު ބަދަލުކޮށްގެން މުޖުތަމައެއްގެ ތެރޭގައި އިންސާނިއްޔަތާ ހިލާފު ކަންކަން ހުއްޓުވާކަށް ނުޖެހޭނެ،" ހުމައިދާ ވިދާޅުވި އެވެ.

ހުމައިދާ ވިދާޅުވީ އަންހެނުންގެ ދަރަޖަ ފިރިހެނުންނަށް ވުރެ ދަށްކަމާއި ފިރިހެނުން ބުނާހާ ގޮތެއް އަންހެނުން ހަދަން ޖެހޭނެ ކަމަށް ރާއްޖޭގެ ގިނަ ބަޔަކަށް ކުޑަ އިރުއްސުރެ ވިސްނައިދޭ ކަމަށެވެ.

"އެއް ބަޔެއްގެ ހައްގުތައް ތަފާތުވާންވީ ސަބަބެއް އަޅުގަނޑަކަށް އެއް ގޮތަކަށް ވެސް ނޭނގޭ. އެއް ބަޔެއްގެ ދަރަޖަ އަނެއް ބަޔަކަށް ވުރެ ތަފާތުވާންވީ ސަބަބެއް ނޭނގޭ. ދީނީ ގޮތުންނޭ ބުނާ މީހުން ވެސް އެހެން ބުނާ އިރު، އަސްލު ގުރުއާނުގެ އާޔަތްތަކުގައި ވެސް އެބަ ހުރި ހަމަ އަނިޔާވެރިކަމަކީ ނުރަނގަޅު ކަމެއް ކަމާއި އިހްސާންތެރިކަމަކީ މީހުންގެ ތެރޭގައި ހުންނަންވާ ރަނގަޅު ސިފައެއް ކަމާއި މި ހުރިހާ އެއްޗެއް. އެހެންވީމަ މިއާ ވެސް އެބަ ފުށުއަރާ. މި ކަހަލަ އަނިޔާވެރިކަމަށް ވަކާލާތު ކުރުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން."

"އަނިޔާއަކީ އިންސާނުންގެ ތެރޭގައި އޮންނަން ވާނެ އެއްޗެއް ނޫން. އަދި އަމުދުން އެކުގައި އުޅޭ ދެމަފިރިއެއްގެ ދޭތެރޭގައި."

ހުމައިދާގެ ވާހަކަތާއި ޒިޔާދާގެ މައްސަލަ ނިމުނު ގޮތުގެ ހުލާސާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ދާދި އެއް ގޮތެވެ. އޭގައިވާ ގޮތުން ކައިވެނީގެ ގޮށުން ދެމަފިރިއަކު ގުޅާލުމަށް ފަހު އެ ދެމަފިރިން ހަލާލު ގޮތުގައި ޖިންސީ ގުޅުން ހިންގުމަށް ލިބިފައި އޮންނަ ހައްގަކީ އެ ކައިވެނީގެ ގުޅުމުގައި ހިމެނޭ ދެމަފިރިންނަށް ވެސް ހަމަހަމަ ގޮތެއްގައި ލިބިދީފައިވާ ހައްގެކެވެ.

"އިސްލާމީ ޝަރީއަތުގެ އާއްމު ގަވާއިދަކީ ވެސް، އެ މީހަކަށް ކަނޑައެޅިފައިވާ ހައްގުތައް އަދި ވާޖިބުތައް ދިނުމާއި ލިބިގަތުމުގައި އަންހެނުން އަދި ފިރިހެނުން ވެސް ހަމަހަމަ ވުމެވެ. މިހެންކަމުން އަނބިމީހާގެ ފަރާތުން ޖިންސީ ގުޅުން ހިންގުމަށް ފިރިމީހާއަށް އެދެވޭ ފަދައިން އަނބިމީހާއަށް ވެސް އެފަދައިން ފިރިމީހާގެ ގާތުގައި އެދުމުގެ ހައްގު އޮންނާނެ އެވެ. މި ހައްގު ބޭނުން ކުރުމުގައި އެކެއްގެ މައްޗަށް އަނެކަކު ވެރިވެގަތުމެއް ނުވަތަ އިސްވުމެއް ނެތެވެ."

ދީނުގެ ދަލީލުތައް މިހެން ހުރިނަމަވެސް މި މުޖުމަތަމައުގައި އެއްބައެއްގެ އަމަލުތައް ހުރީ ދީނުގެ އިރުޝާދުތަކަށް ގޮންޖަހާ ފަދަ މޭރުމަކުންނެވެ. ގޮވާލެވޭ ކޮންމެ ހިނދެއްގައި އިޖާބަ ދިނުމަކީ އަނބިމީހާގެ މައްޗަށް އޮތް ވާޖިބެއްކަމާއި، އެއްވެސް ހާލެއްގައި އިއުތިރާޒު ކުރުމަކީ އޭނާއަށް ލައުނަތް ހުރި ކަމެއް ކަމަށް ވިސްނުވަދޭން މަސައްކަތްކުރެ އެވެ. ނަތީޖާއަކީ ކައިވެނީގެ ތެރޭގައި ނަމަ ޖިންސީ ގުޅުމަށް ރުހުން އެއީ ކައިވެނީގެ އެއްބަސްވުމުގެ ހަވާސާގައި ވެސް ނުހިމެނޭ އެއްޗަކަށް ވުމެވެ.

މި ފަނާކުރުވަނިވި ވިސްނުމުގެ ސަބަބުން އުފެދޭ ފަސާދަތަކަށް ގާނޫނުގެ ދެލިގަނޑުން ހައްލެއް ދީފި އެވެ. އެހެން ނަމަވެސް އެ ގާނޫނު ފުރިހަމަ ގޮތުގައި ތަންފީޒުކުރެވޭނީ މުޖުތަމައުގެ ވިސްނުންވެސް ގާނޫނާ އެއްކީލި ކުރެވިގެންނެވެ. ކައިވެނީގެ ތެރޭގައި ވިޔަސް ނުހުރުމުގައި ޖިމާއު ވުމަކީ ‘ނޯމަލް ކަމެއް’ ގެ ގޮތުގައި ދެކެވުމުގެ ވިސްނުން ބަދަލު ކުރުމަށް ހޭލުންތެރި ކުރުވިގެންނެވެ.