Advertisement

ޔާމީނު ކުށުން ސަލާމަތްވުމުން ޖޫރިމަނާ ފައިސާގެ މައްސަލަ ސިވިލް ކޯޓުން ބާތިލްކޮށްފި

8 ޑިސެންބަރު 2021 - 10:13 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ޔާމީން: ސުޕްރިމް ކޯޓުން ދަށުކޯޓުގެ ހުކުމް ބާތިލްކުރުމާއި އެކު ޖޫރިމަނާގެ ފައިސާ ހޯދަން ހުށަހެޅި މައްސަލަވެސް ސިވިލް ކޯޓުން ބާތިލްކޮށްފި -- ފޮޓޯ: އާއިމް ޒަމީރު / އަދަދު ފައިލް ފޮޓޯ


ޔާމީނު ކުށުން ސަލާމަތްވުމުން ޖޫރިމަނާ ފައިސާގެ މައްސަލަ ސިވިލް ކޯޓުން ބާތިލްކޮށްފި

8 ޑިސެންބަރު 2021 - 10:13 0

މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެން އަދަބެއްގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން، ދައުލަތަށް ދައްކަން އެންގި ފަސް މިލިއަން ޑޮލަރު ހޯދަން ބަންޑާރަ ނައިބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބާތިލްކޮށްފި އެވެ.

ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއްގެ އަދަބު ކަނޑައެޅީ ގއ. ވޮޑުމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރުސީއަށް ލިބުނު އެއް މިލިޔަން ޑޮލަރަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެގެންނެވެ. ޖޫރިމަނާގެ ފައިސާ ދައްކަން އެންގީ ހުކުމް ކުރިތާ ހަ މަސް ދުވަހުގެ ތެރޭ އެވެ.

ހަ މަސް ދުވަހުގެ ތެރޭ ފައިސާ ދައްކާފައިނުވާތީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގެ (ބ)ގެ ދަށުން އެ ހުކުމް ތަންފީޒުކޮށްދިނުމުގެ މައްސަލައެއް ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެވެ.

އެ މާއްދާގައި ބުނަނީ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެން ޖެހި ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާ ނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހުތިޔާރު ބަންޑާރަ ނައިބަށް ލިބިގެންވާ ކަމަށެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވާނީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި، ޔާމީންގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައިވާ ފަސް މިލިއަން ޔޫއެސް ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްދެއްވުމަށެވެ.

މިދިޔަ އަންގާރަ ދުވަހު ޔާމިނަށް ދަށު ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވެ އެވެ. ތިން ފަނޑިޔާރުންގެ އިއްތިފާގުން މި މައްސަލަ މިގޮތަށް ނިންމީ ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ކުށަކާ ގުޅުންހުރި ފައިސާކަމަށް ދައުލަތުން ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާތީ އެވެ.

ސިވިލް ކޯޓުގެ ރަޖިސްޓަރާ ބުނީ މިހާރު އެ މައްސަލައިގައި މަތީ މަރުހަލާއިން ނިޔާ ކަނޑައަޅާފައި ވާތީ، ދައުލަތުން ހުށަހެޅި މައްސަލަ ބާތިލްކޮށްފައިވާ ކަމަށެވެ.

ގއ. ވޮޑަމުއްލާއާއި ގުޅިގެން ޔާމީނަށް ކުރި ހުކުމް ބާތިލްކުރި ނަމަވެސް، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ މައްސަލައަކާއި، ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) އެމަނިކުފާނުގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނެ ކޮށްފައިވާ އިތުރު ދައުވާއެއްގެ މައްސަލަ ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ.