Advertisement

ސުލައިމާނުގެފާނު ބަދަލުކުރެއްވި ދާވޫދުގެފާނުގެ ޙުކުމް


ސުލައިމާނުގެފާނު ބަދަލުކުރެއްވި ދާވޫދުގެފާނުގެ ޙުކުމް

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

ސަލާމްލެއްވި ދާވޫދުގެފާނާއި ސަލާމްލެއްވި ސުލައިމާނުގެފާނާއި ދެ ބޭކަލުން އިޖުތިހާދުކުރައްވައި ނިޔާކަނޑައަޅުއްވި މައްސަލައެއް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެ އެވެ. އެ މައްސަލައިގައި ސުލައިމާނުގެފާނު ވަނީ، ދާވޫދުގެފާނު ކަނޑައެޅުއްވި ޙުކުމް ބަދަލުކުރައްވާފަ އެވެ. ތިރީގައި މިވަނީ އެ ވާހަކަ ބަޔާންކުރައްވާފައިވާ އަލްއަންބިޔާއު ސޫރަތުގެ 78 ވަނަ އާޔަތާއި 79 ވަނަ އާޔަތުގެ މާނަ އެވެ.

"އަދި ދާވޫދުގެފާނާއި، ސުލައިމާނުގެފާނު ހަނދުމަކުރާށެވެ! ޤައުމުގެ މީހުންގެ ބަކަރިތަކެއް ދަނޑަކަށް ވަދެ، ރޭނގަނޑުގައި ހުއިހެފި މައްސަލާގައި، އެ ދެ ބޭކަލުން (ދެ ގޮތަށް) ޙުކުމްކުރެއްވި ހިނދެވެ. އަދި އެ ދެ ބޭކަލުން ކުރެއްވި ޙުކުމުގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެވޮޑިގެންވަމެވެ."

"ފަހެ، ތިމަންރަސްކަލާނގެ ސުލައިމާނުގެފާނަށް އެ ޙުކުމް ވިސްނައިދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކަށްމެ ޙިކުމަތާއި، ޢިލްމު ދެއްވީމެވެ. އަދި ދާވޫދުގެފާނާއެކުގައި، ތަސްބީޙަކިޔާ ތަކެތި ކަމުގައި، ފަރުބަދަތަކާއި، ދޫނިތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ (އެ ހުރިހާ ކަމެއް) ކުރެއްވީމެވެ."

އިބްނު ކަޘީރު ބަޔާންކުރައްވާ ގޮތުގައި، އެ މައްސަލައަކީ، އެކެއްގެ ބަކަރިތަކެއް އަނެކެއްގެ ދަނޑަކަށްވަދެ، އެ ދަނޑުގައިވާ ގޮވާންތައް ކެއުމުގެ ސަބަބުން އެ ދަނޑަށް ގެއްލުންލިބުނު މައްސަލައެކެވެ. އެ މައްސަލާގައި ދާވޫދުގެފާނު ނިޔާކަނޑައެޅުއްވީ، ދަނޑުވެރިޔާއަށް ބަކަރިތައް ދިނުމަށެވެ. ނަމަވެސް އެ މައްސަލާގައި ސުލައިމާނުގެފާނުގެ ޚިޔާލުފުޅު ތަފާތުވި އެވެ.

ދާވޫދުގެފާނުގެ އަރިއަހުގައި ސުލައިމާނުގެފާނު ވިދާޅުވި އެވެ. "ތިޔަ މައްސަލާގައި ޙުކުމްކުރައްވަންވީ ތިޔަ ގޮތަކަށެއްނޫނެވެ."

ދާވޫދުގެފާނު ވިދާޅުވި އެވެ. "މި މައްސަލައިގައި ޙުކުމްކުރަންވީ ކޮން ގޮތަކަށްތޯ އެވެ؟"

ސުލައިމާނުގެފާނު ވިދާޅުވި އެވެ. "ޙުކުމްކުރައްވަންވީ، ދަނޑުވެރިޔާއަށް ބަކަރިތައް ދިނުމަށާއި، ބަކަރިގޮތްވަށް ދަނޑު ދިނުމަށެވެ. ބަކަރިތައް ދަނޑު ހަލާކުރުމުގެ ކުރިން ދަނޑު އޮތް ގޮތަށް އިޢާދަވުމުން، ދަނޑުވެރިޔާއަށް ދަނޑު ދިނުމަށާއި، ބަކަރިގޮތްވަށް ބަކަރިތައް ދިނުމަށެވެ."

އިބްނު ޢައްބާސުގެފާނުގެ އަރިއަހުން ރިވާވެފައިވާ އެހެން ރިވާޔަތެއްގައި ވެ އެވެ. ސުލައިމާނުގެފާނު ކަނޑައެޅުއްވި ޙުކުމުގައި ވަނީ، ބަކަރިގޮވި ދަނޑު ހައްދަމުންދާ މުއްދަތުގައި، ބަކަރިތަކުގެ ކިރާއި އެސޮރުމެން ވިހާ ޅަދަރިން ދަނޑުވެރިޔާއަށް ދިނުމަށެވެ. އަދި އެ މުއްދަތުގައި ބަކަރިތަކުން ލިބޭ އެހެން މަންފާތައް ވެސް، ދަނޑުވެރިޔާއަށް ދިނުމަށެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، މި މައްސަލާގައި ދާވޫދުގެފާނު ކަނޑައެޅުއްވި ޙުކުމް، ސުލައިމާނުގެފާނު ބަދަލުކުރެއްވިޔަސް، އެއީ ޞައްޙަ ޙުކުމެކެވެ. އެކަލޭގެފާނު ކުރެއްވި ޙުކުމުގައި ކުށެއް ވާކަމަށް ބައެއް މީހުން ހީކުރާ ހީކުރުމަކީ ކުށް ހީއެކެވެ. އެއީ ކުށް ޙުކުމެއް ކަމަށް އަލްއަންބިޔާއު ސޫރަތުގެ 79 ވަނަ އާޔަތުން ދަލީލު ދެއްކޭނެ ޖާގައެއް ވެސް ނެތެވެ. އެއާމެދު ބައެއް މީހުންނަށް ކުރެވޭ ކުށްހީގައި ޝުބްހާއެއް ވެ އެވެ. އެ ޝުބްހާ ފިލުވައިލުމަށްޓަކައި ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ.

  1. ދަނޑުވެރިޔާއަށް ބަކަރިތައް ދިނުމަށް، ސަލާމްލެއްވި ދާވޫދުގެފާނު ކުރެއްވި ޙުކުމަކީ، ޞައްޙަ ޙުކުމެކެވެ. އެހެނީ، ބަކަރިތައް ވަނީ، އޭނާގެ ދަނޑު ހަލާކުކޮށްލާފަ އެވެ. އެހެންވީމާ، އެ ޙުކުމުގައި އެއްވެސް ކުށެއް ނެތެވެ.
  2. ސުލައިމާނުގެފާނު ޙުކުމްކުރެއްވީ، ދަނޑުވެރިޔާ އަށް ބަކަރިތައް ދިނުމަށާއި، އޭނާ އެއިން މަންފާ ޙާޞިލުކުރުމަށެވެ. އެއީ، އޭނާގެ ދަނޑަށް ލިބުނު ގެއްލުމުގެ ބަދަލު ލިބެންދެނެވެ. އެއަށްފަހު، އެ ބަކަރިތައް އެ ބަކަރިތަކުގެ ވެރިޔާއަށް ރައްދުކުރުމަށެވެ. މި ޙުކުމަކީ، ސަލާމްލެއްވި ދާވޫދުގެފާނު ކުރެއްވި ޙުކުމާ ފުށުއަރާ ޙުކުމެއް ނޫނެވެ. އެހެނީ، އެ ދެ ބޭކަލުންކުރެ ކޮންމެ ބޭކަލަކުމެ، ޙުކުމްކުރެއްވުމުގައި ބުރަވެވަޑައިގެންފައިވަނީ، ވާޤިޢުގެ ފިޤުހަށެވެ.
  3. ސަލާމްލެއްވި ދާވޫދުގެފާނާއި، ސަލާމްލެއްވި ސުލައިމާނުގެފާނާއި ދެ ބޭކަލުންކުރެ ކޮންމެ ބޭކަލަކުމެ، ޙުކުމްކުރެއްވީ އިޖުތިހާދުންނެވެ. އެ އިޖުތިހާދުގައި އެ ދެ ބޭކަލުންކުރެ ކޮންމެ ބޭކަލަކު ބުރަވެވަޑައިގެންފައިވަނީ ޙައްޤަށް ނިޔާ ކަނޑައެޅުއްވުމަށެވެ. އެ ދެ ބޭކަލުންކުރެ ކޮންމެ ބޭކަލަކަށްމެ، އެކަމުގެ އަޖުރު ވެ އެވެ. އެ ދެ ބޭކަލުންކުރެ ކޮންމެ ބޭކަލަކީ ނަބީ ބޭކަލެކެވެ. އަދި މާތް ﷲ ވަނީ އެ ދެ ބޭކަލުންކުރެ ކޮންމެ ބޭކަލަކަށްމެ ތައުފީޤުދެއްވާފަ އެވެ.

ސަލާމްލެއްވި ދާވޫދުގެފާނު ދެކެވަޑައިގަތީ، ބަކަރިތައް، ދަނޑުވެރިޔާގެ ދަނޑު ސުންނާފަތިކޮށްފައިވާތީ، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި، އެ ބަކަރިތައް އޭނާއަށް ޙައްޤުވެގެންވާ ކަމަށެވެ.

ސުލައިމާނުގެފާނު ދެކެވަޑައިގަތީ، ދަނޑުވެރިޔާއާއި ބަކަރިގޮތްވަށް، އެއަށްވުރެ ލުއި ގޮތެއް އެބައޮތް ކަމަށެވެ. އެ ގޮތަކީ، ދަނޑުވެރިޔާއަށް ލިބުނުގެ ގެއްލުމުގެ ބަދަލުގައި، ބަކަރިގޮވީގެ ބަކަރިތައް (އެއިން ލިބޭ މަންފާތަކާއެކު) ދަނޑުވެރިޔާއަށް ދިނުމެވެ. އަދި ބަކަރިތައް ހަލާކުކޮށްލި ދަނޑު އަލުން ހައްދައި އިޞްލާޙުކުރުން ބަކަރިގޮތްވާ ޙަވާލުކުރުމެވެ. އެ ދަނޑު އިހު އޮތް ފަދަ ޙާލަތަކަށް އަންނަންދެން އޭނާ އެ ދަނޑު އިޞްލާޙުކުރުމުން، އޭނާއަށް އޭނާގެ ބަކަރިތައް ރައްދުކުރުމާއި، ދަނޑުވެރިޔާއަށް އޭނާގެ ދަނޑު ދިނުމެވެ. ސަލާމްލެއްވި ސުލައިމާނުގެފާނުގެ މި ޙުކުމާ އެއްގޮތަށް ދާވޫދުގެފާނު ޙުކުމް ބަދަލުކުރެއްވި އެވެ.

މި މައްސަލާގައި، ދާވޫދުގެފާނުގެ ޙުކުމަށްވުރެ، ސުލައިމާނުގެފާނުގެ ޙުކުމުގައި، ދެ ޚަޞްމުންނަށް މަޞްލަޙަތު އެބައޮތެވެ. އެއީ ބަކަރިގޮވީގެ ބަކަރިތަކަކީ އޭނާގެ މިލްކެއްގެ ގޮތުގައި ދެމެހެއްޓުމާއި، ދަނޑުވެރިޔާގެ ދަނޑަކީ އޭނާގެ މިލްކެއްގެ ގޮތުގައި ދެމެހެއްޓުން ސުލައިމާނުގެފާނުގެ ޙުކުމުގައި ވާތީ އެވެ. މި މަޞްލަޙަތަކީ، ދާވޫދުގެފާނު ކުރެއްވި ޙުކުމް، ކުށް ޙުކުމަކަށް ހެދުމަށް އޮތް ޙުއްޖަތެއް ކަމުގައި ނުވެ އެވެ. އެހެނީ، އެ ދެ ބޭކަލުންކުރެ ކޮންމެ ބޭކަލަކުމެ ބުރަވެވަޑައިގެންފައިވަނީ (އިސްވެ ބަޔާންކުރެވުނު ފަދައިން) ވާޤިޢުގެ ފިޤުހަށާއި ޙައްޤަށް ނިޔާކަނޑައެޅުއްވުމަށެވެ.