Advertisement

މާލޭގައި މިހާރު އާޓް ޝޮޕެއް އެބަހުރި، ބާޗީ ބުނެދެނީ އެންމެންނަށް އެތަން މުހިއްމުވާ ސަބަބު

9 ޑިސެންބަރު 2021 - 10:48 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

ބާޗީ، އޭނާ ހުޅުވި ރާއްޖޭގެ ފުރަތަމަ އާޓް ޝޮޕް ތެރޭގައި: މިއީ އާޓިސްޓުންނަށް ވަރަށް ގިނަ ފަށޭހަ ހޯދައިދޭނެ ފިހާރައެއް ކަމަށް އޭނާ ބުނޭ


މާލޭގައި މިހާރު އާޓް ޝޮޕެއް އެބަހުރި، ބާޗީ ބުނެދެނީ އެންމެންނަށް އެތަން މުހިއްމުވާ ސަބަބު

9 ޑިސެންބަރު 2021 - 10:48 0

ރާއްޖޭގައި މިހާރު އާޓިސްޓުންނާއި ފަންނުވެރިން ގިނަ ވަރަށް އެމީހުންގެ މަސައްކަތް ބަލާލަން ޝައުގުވެރިވާ މީހުންނާއި އެ ދައްކާ މޮޅު ހުނަރުން ހިއްވަރު ހޯދާ މީހުންގެ އަދަދު ވެސް ގިނަ އެވެ. އެކަމަކު އަދިވެސް، އާޓިސްޓުން ކުރިއަރުވަން މަސައްކަތްކުރާ މީހުން މަދެވެ. އެންމެ ކުޑަމިނުން އިހަކަށް ދުވަހާ ހަމައަށް ވެސް، ކުރެހުންތެރިންނާއި ފަންނުވެރިންގެ މަސައްކަތްތަކަށް ބޭނުންކުރާ އަތްމަތީ ސާމާނު ވިއްކާ ހާއްސަ ފިހާރައެއް ވެސް ރާއްޖެއަކު ނެތެވެ. މިހިރީ ހުސް، "އާޓް ޝޮޕް" އެއް ރާއްޖެއަށް، ދިވެހި އާޓިސްޓުންނާއި އާންމު މީހުންނަށް ބޭނުންވާ ސަބަބުތަކެވެ.

މާލޭގައި އަލަށް، "މިއުސް" ގެ ނަމުގައި ހުޅުވި އާޓްޝޮޕްގެ އެންމެ ބޮޑު ބޭނުމަކީ އާޓު ކުރިއެރުވުމެވެ. އެތަނުގެ ޕްލޭނަކީ އާންމު މީހުން ވެސް ކުރެހުމުގެ ފަންނަށް ތައާރަފުކޮށް ހިތް ޖެއްސުވުމެވެ.

ގިނަ ދުވަސްވީ މޮޅު ކުރެހުންތެރިޔާ، އަހުމަދު އަޒްމީ ހަލީމް (ބާޗީ) މިދިޔަ ހައެއްކަ އަހަރު ދެކުނު ހުވަފެން ހަގީގަތަކަށް ބަދަލުވެގެން އައި އިރު މި ހުރިހާ ކަމެއް އެއް ފުރާޅެއްގެ ދަށަށް ގެންނަން ކުރި މަސައްކަތުގެ ތައާރަފަކަށް ދަމުން އޭނާ ބުނީ އެހެންނެވެ.

"މި ޝޮޕް ގެ ބޮޑު ބޭނުމަކީ އަމިއްލަ އަށް އާޓް ދަސްކުރާ މީހުންނަށް އެމީހުންގެ ހުނަރު ތަރައްގީކުރަން ބޭނުންވާ އެއްޗެހި އެއް ތަނަކުން ލިބޭނެ ގޮތް ހެދުން. ޓާގެޓަކީ އެއީ."

'މިއުސް' ފިހާރައިގެ ގްރައުންޑް ފްލޯ: މިއީ އާޓިސްޓުންނަށް ފަސޭހަކޮށް ވަސީލަތް ހޯދައި ދިނުމާއި އާޓް ކުރިއެރުވުމަށް ބާޗީ ހުޅުވި ފިހާރަ އެއް އަދަދު ފޮޓޯ/އަހުމަދު ޝާބިން


އެކަމަކު ބާޗީގެ މި ހިތްގައިމު "މިއުސް" އަކީ ހަމައެކަނި ފިހާރައެއް ނޫނެވެ. އެއީ އާޓިސްޓުންނާއި އާޓަށް 'އިންސްޕަޔާ' ވާ މީހުންނަށް ކޮފީ ޝޮޕެކެވެ. ހުރިހާ ލެވެލް އެއްގެ ކުރެހުންތެރިންނަށް އެމީހުންގެ މަސައްކަތް އެގްޒިބިޓް ކުރާނެ ފުރުސަތު ވެސް އޮތް ތަނެކެވެ. ކުރެހުމަށް ޝައުގު ހުންނަ މީހަކަށް އެ ހުނަރުގެ ތެރެއަށް އިރުކޮޅަކަށް ނަމަވެސް ވަދެލުމުގެ ފުރުސަތު ވެސް އޮތް ޕްލެޓްފޯމެކެވެ.

"މިތަނުގެ އަނެއް ބޭނުމަކީ އާޓިސްޓުންނަށް އެމީހުންގެ ހުނަރާއި ގުޅިފައިވާ މާހައުލެއްގައި ކޮފީއެއް ބޯން ވިޔަސް، ނުވަތަ ވާހަކަ ދައްކާލަން ވިޔަސް އައިސް ތިބޭނެ ސްޕޭސް އެއް ޕްރޮވައިޑް ކޮށްދިނުން. އެއީ މިތަނުގެ އާޓް ސްޕޭސް. ގާތްގަނޑަކަށް ކޮފީ ޝޮޕެއް ކަހަލަ ކުޑަ ތަންކޮޅެއް މިއީ،" ޝޮޕްގެ ފުރަތަމަ ފުލޯ ގައި އެތަނަށް ދާ މީހުންނަށް އިށީނދެވޭ ގޮތަށް ހަދާފައިވާ އޭރިއާ އާ ބެހޭގޮތުން ބާޗީ ބުންޏެވެ.

'މިއުސް' ގެ އާޓް ސްޕޭސް ގެ އެއް އެއް ފާރަކީ ކުރެހުންތެރިންގެ މަސައްކަތްތައް އެގްޒިބިޓް ކުރަން ހާއްސަ އޭރިއާ އެވެ. އާޓް ސްޕޭސް މެދުގައި ވަށައިގެން ގޮނޑި ހަމަކޮށް ބަހައްޓާފައިވާ މޭޒަކީ މި ބުނި ހުރިހާ ކަމަކަށް ބޭނުންކުރަންވީ ޕްލެޓްފޯމެވެ.

'މިއުސް' ގެ ފުރަތަމަ ފުލޯ ގައި ހަދާފައިވާ އާޓް ސްޕޭސް. އަދަދު ފޮޓޯ/އަހުމަދު ޝާބިން


"ކޮންމެހެން ކުރިއަރާފައި ތިބި ކުރެހުންތެރިންނަށް އެކަންޏެއް ވެސް ނޫން. ޝައުގުވެރިވާ ކޮންމެ މީހަކު ވެސް މިތަނަށް އައިސް މި މާހައުލުގައި އިނދެ ކުރަހަންވީ. ކޮފީ ބޯންވީ. ކޮންމެހެން އެތަން ބޭނުންކުރުމަށް އަގެއް ނުވަތަ ފިހާރައިން ވިޔަފާރި ކުރާކަށް ވެސް ނުޖެހޭ،" ބާޗީ ބުންޏެވެ.

އޭނާ ބުނީ ވަރަށް އަވަހަށް އެތަނުގައި ކުދި އާޓް ވޮކްޝޮޕް ތައް ވެސް ހިންގަން ފަށާނެ ކަމަށެވެ. އެ އާޓް ވޯކްޝޮޕް ތައް ހިންގާނީ ރާއްޖޭގެ މަޝްހޫރު ކުރެހުންތެރިން ލައްވައި ކުޑަ އަގެއް ދައްކާފައި ބައިވެރިވެވޭ ގޮތަށް ކަމަށް ވެސް ބުންޏެވެ.

"އާޓިސްޓަކު ބޭނުންވާ ޕްރޮޑަކްޓެއް މިތަނުގަ ނެތްނަމަ އެ ޕްރޮޑަކްޓް ބޭރުން އޯޑަރުކޮށްގެން ގެނައުމުގެ ހިދުމަތް ވެސް ދޭނަން. އެހެންވީމަ މި މަސައްކަތް ކުރަނީ ޗޭންޖެއް ގެނެވޭތޯ." ބާޗީ ބުންޏެވެ.